
ނައިބު ރައީސްގެ މަގާމަށް ޝިހާބު ޢަލީ ހޮވިވަޑައިގަތީ ތުޅާދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލުގައި މިއަދު ބޭއްވި ތުޅާދޫ ކައުންސިލްގެ 5ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައެވެ.
މިއަދުގެ ޖަލްސާގައި ތުޅާދޫ ކައުންސިލްގެ ނައިބު ރައީސްކަމުގެ މަގާމަށް ކުރިމަތިލައްވަން ރިޔާސަތުން ހުޅުވާލެއްވި ފުރުޞަތުގައި އެ މަގާމަށް ކުރިމަތި ލެއްވީ ހަމައެކަނި ޝިހާބު ޢަލީއެވެ. ނައިބުރައީސްކަމުގެ މަގާމަށް ކުރިމަތި ލައްވަން ހުޅުވާލި ފުރުޞަތުގައި ޝިހާބު ޢަލީގެ އިތުރުން އެހެން ބޭފުޅަކު ކުރިމަތިލައްވާފައިނުވާތީ އެލްޖީއޭގެ އުސޫލުތަކުގެ މަތިން އިންތިޚާބަކަށް ނުގޮސް ޝިހާބު ޢަލީ ހޮވިވަޑައިގެންފައިވާކަން ރިޔާސަތުގައި އިންނެވި ކައުންސިލްގެ ރައީސް އަޙްމަދު އަފްރާޙް އިޢުލާންކުރެއްވިއެވެ.
މިއަދު ބޭއްވި ފުރަތަމަ ޖަލްސާގައި ނިމިދިޔަ ދައުރު ހިނގައިދިޔަ ގޮތުގެ ރިޕޯޓް އިއްވެވިއެވެ. މި ރިޕޯޓްގެ ކުރު ޚުލާޞައެއް ކައުންސިލާ ހިއްސާކުރެއްވީ ސެކްރެޓަރީ ޖެނެރަލް ޢާއިޝަތު ރަޝީދާއެވެ. އޭގެ ފަހުން ކައުންސިލްގެ ރައީސްގެ ވިސްނުންފުޅު ވެސް ކައުންސިލާ ހިއްސާކުރެއްވިއެވެ.