
ތުޅާދޫގެ ކުރިމަގު، މި ފަހަރު ގުޅިފައިވަނީ ތުޅާދޫ ކައުންސިލްގެ ރައީސްކަމުގެ މަގާމާ މިއަދު ހަވާލުވެވަޑައިގެންނެވި ބ.ތުޅާދޫ އާރު، އަޙްމަދު އަފްރާޙްގެ އުންމީދާއެވެ. އޭނާގެ މި ދަތުރުގެ މިސްރާބާއެވެ. އަފްރާޙަކީ މުޅި ބ. އަތޮޅު ދަންނަ ނަމެކެވެ. އަތޮޅުގެ ފެންވަރުގެ ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ޚިދުމަތްތެރިއެކެވެ. އޮފީސް މެނޭޖްމަންޓް ދާއިރާއިން އެޑްވާންސް ލެވެލް ހާސިލުކުރައްވާފައިވާ އަފްރާޙް ވަނީ 2017ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން 2021ވަނަ އަހަރުގެ މޭ މަހުގެ 16ވަނަ ދުވަހުގެ ނިޔަލަށް ބ.އަތޮޅު ކައުންސިލްގެ ނައިބު ރައީސްކަން ވެސް ކުރައްވާފައެވެ. އަދި ޖެހިގެން އައި ދައުރު، 2021ވަނަ އަހަރުގެ މެއި މަހުގެ 17އިން ފެށިގެން 2026ވަނަ އަހަރުގެ މެއި މަހުގެ 16ގެ ނިޔަލަށް ބ.އަތޮޅު ކައުންސިލްގެ ރައީސްކަން ވެސް ކުރައްވާފައެވެ. އަފްރާޙްގެ ކާމިޔާބީ ގުޅިފައިވަނީ އެ ދެ ދައުރުގެ މަސައްކަތްތަކާއެވެ. ޚާއްޞަކޮށް ބ. އަތޮޅުގެ ކައުންސިލްގެ ރައީސްކަމުގެ މަގާމުގައި ހުންނަވައި އަތޮޅު ކައުންސިލް މެންބަރުންނާ އެކު އަފްރާޙް ކުރެއްވި ގިނަ ޚިދުމަތްތަކަކީ ތުޅާދޫ ކައުންސިލްގެ ރައީސްކަމުގެ ގޮނޑިއަށް އަފްރާޙް އިޚުތިޔާރުކުރަން ގިނަ ބަޔަކަށް މަޖުބޫރުވި ސަބަބެކެވެ.
ތުޅާދޫ ކައުންސިލް މެންބަރުކަމުގެ ހުވާ ކުރެއްވުމަށް ފަހު އަފްރާޙް އިގުރާރުގައި ސޮއިކުރައްވަނީ
އަފްރާހުގެ ހިންގުންތެރިކަމާއި ރޭވުންތެރިކަން އޭނާގެ ތަޖުރިބާއިން އެ ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ރަނގަޅު ޓީމެއް އޮވެއްޖެ ނަމަ ނަތީޖާ ނެރެދެއްވާނެކަން އެ ވަނީ ސާބިތުކޮށްދެއްވާފައެވެ. ބ. އަތޮޅުގައި މީހުން އުޅޭ 13 ރަށުގެ ތެރެއިން ކޮންމެ ރަށެއްގައި އަތޮޅު ކައުންސިލްގެ އެހީތެރިކަމާ އެކު ދެ ރޫމުގެ އެޕާޓްމަންޓެއް އެ ވަނީ އަޅުއްވާފައެވެ. ބ. އަތޮޅުގެ ކޮންމެ ރަށެއްގެ ކައުންސިލް އިދާރާއަށް 15 ކިލޯވޮޓްގެ ސޯލާގެ ޚިދުމަތް އެ ވަނީ ފޯރުކޮށްދެއްވާފައެވެ. އަތޮޅުގައި މީހުން އުޅޭ ކޮންމެ ރަށެއްގެ ކުނިމެނޭޖްކުރުމަށް ކޮންމެ ރަށަކަށް 7 ލައްކަ ރުފިޔާގެ ގްރާންޓެއް އެ ވަނީ ހަވާލުކުރައްވާފައެވެ. އަތޮޅު ހޮސްޕިޓަލުގެ ދަތުގެ ފަރުވާ ހުއްޓިފައިވާތީ އެކަން ކުރުމަށް ޓަކައި 7 ލައްކަ ރުފިޔާގެ ޑެންޓަލް ކެއަރ ސެޓަޕެއް ވަނީ ހަދިޔާކުރައްވާފައެވެ. މުޅި އަތޮޅުގައި މެރިން ބައޮލޮޖިސްޓުން ތައްޔާރުކުރުމަށް ޓަކައި ކޮންމެ އަހަރަކު ހުރިހާ ސްކޫލުތަކަކަށް އަމާޒުކޮށްގެން އެޑްވާންސްޑް ލެވެލްގެ ކޯސްތަކެއް ލަނޑާގިރާވަރުގައި ކުރިއަށް ގެންދެއްވިއެވެ. އަތޮޅުގެ ރަށްރަށުގެ އިދާރީ ހިންގުން އެއްހަމަކޮށް މޮނީޓަރކުރުމަށް ޓަކައި އަތޮޅު އެކި ރަށްރަށުގެ ކައުންސިލްތަކާއި މުއައްސަސާތަކާއި ޖަމިއްޔާތަކަށް އަމާޒުކޮށްގެން 22 ޓްރެނިންގ ޕްރޮގުރާމް ނިމިދިޔަ ދައުރު ހިންގެވިއެވެ. ތެދެކެވެ. މިއީ ހަމައެކަނި އަފްރާޙްކުރެއްވި ކަމެއް ނޫނެވެ. ނަމަވެސް މިއިން ކޮންމެ ކަމެއްގައި ވެސް ވަނީ، އަފްރާޙްގެ އިސްނެންގެވުމާއި ރޭވުންތެރިކަމާއި ބެލެހެއްޓުންތެރިކަމެވެ. މި ވާހަކަތަކާ އެންމެ ބޮޑަށް އެއްބަސްވެވަޑައިގަންނަވަނީ އެ ޚިދުމަތްތައް އެންމެ ގާތުން ތަޖުރިބާ ކުރެއްވި ބ.އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު އިކްރާމެވެ.
އިކްރާމް ވިދާޅުވީ އަފްރާޙަކީ ލީޑަރެއްގެ ގޮތުގައި އެފަދަ ދެވަނައެއް ނެތް ރޭވުންތެރިއެއް ކަމަށެވެ.
އަތޮޅު ރައްޔިތުންނަށް އާމްދަނީ ލިބޭނެ ގޮތްތައް ފަހިކޮށްދެއްވުމަށް ކުރެވުނު މަސައްކަތެއްގެ ތެރެއިން
"އަޅުގަނޑުގެ ތަޖުރިބާގައި އަފްރާހު މަސައްކަތް ކުރެއްވީ ޕްލޭނެއް އޮވެގެން އެ ޕްލޭން ތަންފީޒުކުރެއްވުމަށް. އަފްރާޙް މަސައްކަތް ކުރައްވާ އިރު އިސްނަންގަވައިގެން އެ ކަމުގައި އެންމެ އިސްކޮށް ހުންނަވައިގެން ބައިވެރިވެވަޑައިގަންނަވާނެކަމުގެ ޔަގީންކަން އަޅުގަނޑުމެންނަށް އޮވޭ. އެއީ ރައްޔިތުންގެ މީހެއް. ކޮންމެ އުމުރެއްގެ ކޮންމެ ފަންތިއެއްގެ ކޮންމެ ގިންތިއެއްގެ މީހަކާ ވެސް އޭނާ ގުޅޭނެ. އަމިއްލަ ރަށް ދޫކުރައްވައި އަތޮޅު ކައުންސިލްގައި ކުރެއްވި ބޮޑެތި މަސައްކަތްތަކުން އެކަން ކަށަވަރު ކުރެވޭ" އިކްރާމް ވިދާޅުވިއެވެ.
އިކްރާމް ވިދާޅުވީ ބ.އަތޮޅުގެ ކައުންސިލުން ފާއިތުވި ދައުރު ހޯދި ކާމިޔާބީގައި އަފްރާހްގެ ދައުރު ވަރަށް ބޮޑުކަމަށެވެ.
"އަތޮޅު ކައުންސިލުން ހާސިލުކުރި ހުރިހާ ބޮޑެތި ޕްރޮޖެކްޓްތަކެއްގެ މޭސްތިރިޔަކީ ހަމަ ހަގީގަތުގައި ވެސް އަފްރާހް. މި ވާހަކަ އަޅުގަނޑު މި ދަންނަވަނީ ހަމަ ކެރިގެން. މުޅި ރާއްޖެއަށް އަޑުއިވިފައި މިވާ ބޮޑެތި ޕްރޮޖެކްޓްތަކަކީ އަފްރާގެ ލީޑަރޝިޕްގެ ދަށުން އޭނާގެ އިސްނެންގެވުން. އެ ހޯދަންޖެހޭ ކޮންސަލްޓެންސީއާއި ފަންނުވެރި ފަރާތްތަކާ މަޝްވަރާކުރުމާއި އެކަން ކުރިއަށް ގެންދާނެ ޕްލޭން ރޭވުމުގައި ވެސް އެންމެ ބޮޑަށް އިސްނަންގަވައި އަޅުގަނޑަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވި ބޭފުޅަކީ އަފްރާހް. ތުޅާދޫ ކައުންސިލްގެ ރައީސްކަމަށް އަފްރާހް ހޮއްވެވުމަކީ ތުޅާދޫގެ މުސްތަގުބަލް ވަރަށް އުޖާލާވާނެ ކަމެއްކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. އެ މަންޒަރު އަޅުގަނޑަށް ފެނޭ" އޭދަފުށްޓަށް އުފަން އިކްރާމް ވިދާޅުވިއެވެ.
"ހަގީގަތުގައި މި ކަންކަން އަޅުގަނޑުމެންނަށް ކުރެވުނީ ކައުންސިލްގެ މެންބަރުންނާއި އިދާރީ ފަރާތްތަކުން އެހީތެރިކަމާ އެކު ޓީމެއްގެ ގޮތުގައި ވިސްނުންތެރިކަމާއެކު ކުރެވުނު މަސައްކަތްތަކުން. ހަގީގަތުގައި ވެސް ވަރަށް ގިނަ ކަންކަން ކުރެވުނު" ހޮޓެލް މެނޭޖްމަންޓްގެ ދާއިރާއިން ވެސް ތަޢުލީމީ ހަރުފަތްތައް ގިރާކުރައްވާފައިވާ އަފްރާޙް ވިދާޅުވިއެވެ.
އަތޮޅުގައި މެރިން ބައޮލޮޖިސްޓުން ތައްޔާރުކުރުމަށް ޓަކައި ހިންގުނު ހަރަކާތުގެ ތެރެއިން
ބ.އަތޮޅު ކައުންސިލްގެ ރައީސްކަމުގެ މަގާމުގައި ހުންނަވައި އަފްރާޙް ކުރެއްވި ޚިދުމަތުގެ ކާމިޔާބީގެ ސަފުހާތައް ތާރީޚްގެ ތެރެއަށް ވެސް ވަނީ ވަދެފައެވެ. އެގޮތުން ލޯކަލް ކައުންސިލަކުން އެންމެ ފުރަތަމަ ގިނިސް ވޯލްޑް ރެކޯޑެއް ހާސިލުކުރީ އަފްރާޙްގެ ރައީސްކަމުގައި ބ.އަތޮޅު ކައުންސިލުންނެވެ. އެއީ އެއް ފަހަރާ ދެ ތަނެއްގައި އެންމެ ގިނަ މީހުން ފީނައިގެންނެވެ.
"އެއީ އަތޮޅު އިޝްތިހާރުކޮށް އަތޮޅަށް އާމްދަނީ ވަންނާނެ ގޮތް ހޯދައި މީހުންގެ ސަމާލުކަން އަތޮޅަށް ހޯދުމަށް "ބެޓަރ އިން ބާ" ގެ ދަށުން ހިންގުނު ހަރަކާތެއް. އެ ހަރަކާތުގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ އެތައް ޑައިވަރުންނެއް ބައިވެރިވި. އަދި ވަރަށް ގިނަ ބަޔެއްގެ ތަރުހީބު އެ ހަރަކާތަށް ލިބުނު" އަފްރާޙް ވިދާޅުވިއެވެ.
ގީނިސް ވޯލްޑް ރެކޯޑް ގާއިމުކުރިކަމުގެ ލިޔުމާ އަފްރާޙް ހަވާލުވެވަޑައިގަންނަވަނީ
މީގެ އިތުރުން އޭޝިއަން ކައުންސިލަރސް ފޯރަމް (އޭސީއެސް) ގައި ވެސް ދިވެހިރާއްޖޭގެ ބ.އަތޮޅު ކައުންސިލަކީ ޚާއްސަ ނަމެކެވެ. ފިލިޕީންސް، ކޮރެއާ، ޖަޕާން، ވިއެޓްނާމް، ޓައިވާން ފަދަ ގައުމުތަކުން ބައިވެރިވާ އެ ފޯރަމްގައި މި ރާއްޖޭން ބައިވެރިވާ ހަމައެކަނި ކައުންސިލަކީ ވެސް ބ.އަތޮޅު ކައުންސިލަށް ވާތީއެވެ. އޭގެ އިތުރުން ބައިނަލް އަގުވާމީ ފެންވަރުގައި ކުރިއަށް ދިޔަ 8ވަނަ އޭސީއެސް ކޮންފަރެންސް ބޭއްވީ ވެސް ބ.އަތޮޅު އޭދަފުށީގައެވެ. މިފަދަ ކޮންމެ ކަމަކީ އަފްރާޙްގެ ކާމިޔާބީގެ ޗޭނާ ގުޅިފައިވާ ބޮޅެކެވެ. މިކަން ބ.އަތޮޅު ކައުންސިލްގެ ނައިބު ރައީސް އިބްރާހީމް ޢަބްދުއްރަޙުމާން ވެސް ގަބޫލުކުރައްވައެވެ.
"އެއީ ހުރިހާ މެންބަރުންނާ މަޝްވަރާކުރައްވާ ވަރަށް ރޭވުންތެރިކަމާއެކު ކަންކަން ނިންމެވި ރައީސެއް. ލާމަރުކަޒީ ގާނޫނަށް ވަރަށް އަހުލުވެރި، އެ ކުރައްވާ ކޮންމެ ކަމެއްގައި ވަރަށް ގަޔާވެގެން އުޅުއްވި ވެރިއެއް. ހަގީގަތުގައި އަޅުގަނޑުމެން މެންބަރުން ބޭނުންވާ މިންވަރަށް ވުރެ މާ ފުރިހަމައަށް އެ ކަންކަން ކުރިއަށް ގެންދެވުމަށް ރައީސް ބޭނުންފުޅުވި. އޭގެ އެއް މިސާލަކީ ގީނިސް ވޯލްޑްރެކޯޑް ހަރަކާތް. އެއީ ސީދާ ރައީސްގެ ވިސްނުންފުޅެއް. ހަގީގަތުގައި އަތޮޅު ކައުންސިލްގެ ކާމިޔާބީގެ އެންމެ ބޮޑު ހިއްސާދަރަކީ ރައީސް އަފްރާޙް. ތުޅާދޫ ކައުންސިލްގެ ރައީސްކަމަށް އަފްރާޙް އިޚުތިޔާރު ކުރެއްވުމަކީ ތުޅާދޫ ރައްޔިތުން ނިންމެވި ވަރަށް ރަނގަޅު ނިންމެވުމެއް. އެއީ ތުޅާދޫގެ ދުވެލި ތިން ހަތަރު ގިއަރު ކުރިއަށް ޖެއްސުމަށް ލިބުނު ފުރުޞަތެއް" އިބްރާހީމް ވިދާޅުވިއެވެ.
އަތޮޅު ކައުންސިލްގެ ރައީސާއި ބައެއް މެންބަރުން މިނިސްޓްރީގެ ވެރިންނާ ބައްދަލުކުރައްވަނީ.
އަފްރާޙް ގަބޫލުކުރައްވާ ގޮތުގައި ތުޅާދޫ ކައުންސިލް ނިސްބަތްވާ ތުޅާދޫއަކީ ލިބިފައިވާ ގުދުރަތީ މުއްސަނދިކަމުގެ ބޭނުންކޮށް، ބޭނުންވާ މިސްރާބަށް ކުރިއަށް ދެވޭނެ ރަށެކެވެ. އެ މަގު އޭނާއަށް ފެނިވަޑައިގަނެއެވެ. ކުރައްވަންވީ ކޮން ކަމެއްކަމާއި ވަޑައިގަންނަވަންވީ މިސްރާބަކީ ކޮބައިކަން ވެސް އަފްރާޙަށް އެނގިވަޑައިގަންނަވައެވެ.
"ތުޅާދޫއަކީ ގުދުރަތީ މުއްސަނދިކަން ލިބިފައިވާ ރަށެއް. މަސައްކަތްތެރި ރަށެއް. ތުޅާދޫގެ އިޚްތިޞާސްގައި ހުރި މުއްސަނދިކަން އެންމެ ފުރިހަމައަށް ބޭނުންކުރެވިފައި ނެތުން އެއީ އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް ކަންތައް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކޮންމެ ކައުންސިލެއް ވެސް އިގުތިޞާދީގޮތުން ފުދުންތެރިވާންޖެހޭ. އެއީ އެންމެ ފުރަތަމަ ކަންތައް. ރައްޔިތުންނަށް ފުރިހަމަ ޚިދުމަތްތަކެއް ދިނުމަށް ޓަކައި އެއީ ޝަރުޠެއް" އަފުރާޙް ވިސްނުން އަމާޒުކުރެއްވީ ތުޅާދޫގެ އިގުތިޞާދަށެވެ.
"އާމްދަނީ ހޯދޭނެ ވަރަށް ގިނަ ގޮތްތައް، ވަރަށް ގިނަ ވަސީލަތްތައް ތުޅާދޫގައި އެބަ ހުރި. އެކަން ދެނެ ނުގަނެވި އޮތް އޮތުން އެއީ ނިމުމަކަށް ގެންނަން ޖެހޭކަމެއް. މި ކައުންސިލުން ވަރަށް ބޮޑަށް ބަލާނަން އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ބަލައި އެ އާމްދަނީ އެންމެ އެކަށީގެންވާ ގޮތަކަށް ރައްޔިތުން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް. އިރާދަކުރެއްވިއްޔާ އެ ކަމަށް ރަނގަޅު ޕްލޭނެއް އަޅުގަނޑުމެން ހަދާނަން" އަފްރާޙް ވިދާޅުވިއެވެ.
"ކޮންމެ ކަމެއް ވެސް ގޮސް ޖެހޭނީ ފައިސާގައި. އާމްދަނީގައި. ތުޅާދޫއަކީ މި އަތޮޅުގައި އާބާދީގެ ގޮތުން ދެވަނަ. މަސްވެރިކަމަށް ބަލާނަމަ އެއްވަނަ. މި ރަށުގައި ފަންނުވެރި މަސައްކަތްތައް އެބަ ހުރި. ނަމަވެސް ރައްޔިތުން ބޭނުންވާ ތަރައްގީއާއި އެ މީހުންގެ އުންމީދުތައް ހާސިލުކޮށްދިނުމުގައި ހުރަސްތަކެއް އެބަ ހުރި. މިފަދަ ކޮންމެ ކަމެއް ވެސް ގުޅިފައި މިވަނީ އާމްދަނީއާ. އާމްދަނީ ހޯދޭނެ ގޮތްތަކާ" އަފްރާހުގެ ކަންބޮޑުވުންތައް އޭނާ ވިދާޅުވިއެވެ. އެ ކަންބޮޑުވުމަށް ހެކި ވެސް އޭނާ ދެއްކެވިއެވެ.
އަތޮޅުގައި ބާއްވާ އެންމެ ފޯރިގަދަ ޤުރުއާން މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން
"ތުޅާދޫ ކައުންސިލަށް މި އަހަރު ދައުލަތުގެ ބްލޮކް ގްރާންޓުން ކަނޑައަޅާފައިވަނީ 13.2 މިލިއަން ރުފިޔާ. އާމްދަނީގެ ގޮތުގައި ކައުންސިލަށް އަހަރަކަށް ވަންނަމުން މިދަނީ މިލިއަނެއް ވަރު. ތުޅާދޫ ކަހަލަ ރަށަކުން އެއީ ފުދޭވަރެއްކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. އަޅުގަނޑުގެ އަމާޒަކީ ފުރަތަމަ ދެ އަހަރުތެރޭގައި 6 މިލިއަން ވެއްދުން. އެ ވަރުގެ ރިސޯސެއް އަޅުގަނޑުމެންގެ އިހުތިސޯސްތެރޭގައި އެބަ އޮތް" އަފްރާޙް ފާޅުކުރެއްވީ އޭނާގެ އުންމީދެވެ. އެ އުންމީދު ހާސިލުކުރެއްވުމަށް އޭނާ ކުރައްވާނީ ކޮން ކަމެއް ހެއްޔެވެ؟ އެއީ ވެދާނެ ކަމެއް ހެއްޔެވެ؟ އެ ކަމުގައި އޭނާއަށް އެއްބާރުލުން ލިބޭނެ ހެއްޔެވެ؟ ކައުންސިލްގެ އިދާރީ މުއައްޒަފުންގެ އެހީތެރިކަމާ އެއްބާރުލުނ ްލިބޭނީ ކިހާވަރަކަށް ހެއްޔެވެ؟ މި ހުރީ ހައްތާ ވެސް ސުވާލުތަކެވެ. މި ސުވާލުތަކުގެ ޖަވާބުގައި ބައެއް ކަންކަން އޭނާ ހިއްސާކުރެއްވިއެވެ.
"އެންމެ ބޮޑަށް ސަމާލުކަން ދޭނީ ހާމަކަން ބޮޑު ގޮތަކަށް ކައުންސިލް ހިންގުމަށް. އެއީ ކެންޕޭނު ތެރޭގައި ވެސް އަޅުގަނޑު ދެއްކި ވާހަކައެއް. އެކަން އަޅުގަނޑުމެން ކުރާނަން. ފުރަތަމަ ކަމަކަށް ހުވާކުރާ ދަރުބާރުން ފެށިގެން ކައުންސިލް ޖަލްސާތައް ހަމަ ރައްޔިތުންނަށް ދުރަށް ފެންނާނެ ގޮތަކަށް އާންމުންކޮށް ހާމަކުރާނަން. ލައިވްކުރާނަން. މާލޭގައި ތިއްބަސް ރާއްޖޭން ބޭރުގައި ތިއްބަސް ތުޅާދޫއަށް ނިސްބަތްވާ ނަމަ ކައުންސިލުން ނިންމަނީ ކޮން ނިންމުންތަކެއްތޯ ދައްކަނީ ކޮން ވާހަކަތަކެއްތޯ އެނގެން ޖެހޭ" އަފްރާޙް ވިދާޅުވިއެވެ.
"ދެވަނަ ކަމަކަށް މުޅި ރަށް ޝާމިލުކޮށްގެން 5 އަހަރު ދުވަހުގެ މަސައްކަތް ކުރާނެ ގޮތުގެ ޕްލޭނެއް ތައްޔާރުކުރާނަން. އަޅުގަނޑުގެ ވިސްނުމަކީ 30 އަހަރުގެ ދުރު ރާސްތާ ވިޝަނަރީ ޕްލޭނެއް ހެދުން. އެ ޕްލޭނުން އަޅުގަނޑުމެން ނަގާނީ 5އަހަރުން އަޅުގަނޑުމެންނަށް ހާސިލުކުރެވޭ މިންވަރު. އެ ޕްލޭން ހަދާފައި ރައްޔިތުންގެ ތެރެއިން އެކަށީގެންވާ ކޮމެޓީތަކެއް އެކުލަވާލާނަން. އެ ޕްލޭން ތަންފީޒުކުރުމަށް ޓަކައި އެ ކޮމެޓީތަކުގެ މަޝްވަރާ އަޅުގަނޑުމެން ހޯދާނަން. އަޅުގަނޑުމެން ކުރާ ކަންކަން ކުރާނީ މަޝްވަރާގެ މަތިން" އެމްޑީޕީގެ ޓިކެޓްގައި ރައީސްކަމަށް ހޮވިވަޑައިގެންނެވި އަފްރާޙް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އަމާޒު މި ހިފަނީ ދިވެހިރާއްޖޭގެ ހަމަ ރަނގަޅު ޕްލޭނަރުންގެ އެހީއާ އެކު ތުޅާދޫ ރައްޔިތުން ޝާމިލުވާނެހެން ޕްލޭނެއް ހަދަން. އެ ޕްލޭނުން ތުޅާދޫ ފަޅުގެ ބޭނުން ހިފާނެ ގޮތްތަކާއި ބިމުގެ ބޭނުން ހިފާނެ ގޮތްތަކާއި ފެހިކުރުމަށް ކުރާނެ ކަންކަމާއި ބަނދަރުމަތީގެ ބޭނުން ހިފާނެ ގޮތް ފަދަ އެތައްކަމަކަށް މަގުކޮށޭނެ. އެކި ދާއިރާރަތަކުން ހުރި ގޮންޖެހުންތަކާއި އެކަންކަން ހައްލުކުރާނެ ގޮތްތަކާ މެދު ވެސް މަޝްވަރާކުރާނަން" އަފްރާޙް ވިދާޅުވިއެވެ.
ބ. އަތޮޅު ހޮސްޕިޓަލަށް ޑެންޓަލް ކެއަރ ސެޓަޕްގެ އެހީތެރިކަން ފޯރުކޮށްދެއްވުމުގެ ތެރެއިން
އަފްރާޙު ވެސް ގަބޫލުކުރައްވާ ގޮތުގައި މި ފަހަރުގެ ކައުންސިލް ތަފާތެވެ. އެންމެ ބޮޑު އެއް ތަފާތަކީ އެމްޑީޕީއަށް ކައުންސިލްގެ ފުލް މެޖޯރިޓީ ލިބިފައި ނެތުމެވެ. ފާއިތުވީ 4 ދައުރުގައި ތުޅާދޫ ކައުންސިލްގެ މެޖޯރިޓީ ދީފައިވަނީ އެމްޑީޕީއަށެވެ. 2011ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ތުޅާދޫ ކައުންސިލްގެ 4 ގޮނޑި އެމްޑީޕީއަށް ދީފައިވާ އިރު ޑީއާރްޕީއަށް ދީފައިވަނީ 1 ގޮނޑިއެވެ. 2014ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ތުޅާދޫ ކައުންސިލްގެ 5 ގޮނޑި ވެސް ކާމިޔާބުކުރީ އެމްޑީޕީ ކެންޑިޑޭޓުންނެވެ. 2017ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުން ތުޅާދޫ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ވެސް ކާމިޔާބުކުރީ އެމްޑީޕީއެވެ. 2020ވަނަ އަހަރު ބޭއްވި ކައުންސިލް އިންތިޚާބުން ތުޅާދޫ ކައުންސިލްގެ ރައީސްގެ ގޮނޑި، އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓަކަށް ދީފައިވާ އިރު، އަންހެނުންނަށް ޚާއްޞަ ކުރި ގޮނޑިތަކުން ގޮނޑިއެއް ވެސް އަމިއްލަ ކެންޑިޑޭޓަކު ހޯދިއެވެ. ނަމަވެސް އަނެއް 5 ގޮނޑި އެމްޑީޕީ ކެންޑިޑޭޓުން ހޮވުމުން އެ ފަހަރު ވެސް ކައުންސިލްގެ މެޖޯރިޓީ ހޯދީ އެމްޑީޕީއެވެ. ފާއިތުވީ 15 އަހަރުގެ ތެރޭގައި ތުޅާދޫ ކައުންސިލްގެ މެޖޯރިޓީ ހޯދަމުން އައީ އެމްޑީޕީއެވެ. ނަމަވެސް 2026ވަނަ އަހަރު ބޭއްވި ކައުންސިލް އިންތިޚާބުގައި އެކަން މިވަނީ ބަދަލުވެފައެވެ.
ކައުންސިލް މެންބަރުން
ތުޅާދޫ ކައުންސިލްގައި މި ދައުރު އެމްޑީޕީގެ ތިބީ ދެ މެންބަރުންނެވެ. އެއީ 602 ވޯޓުން ކައުންސިލްގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވި އަޙްމަދު އަފްރާޙާއި 688 ވޯޓުން ކައުންސިލް މެންބަރުކަމަށް ހޮވިވަޑައިގެންނެވި މޫރިތި، ޝިހާބް ޢަލީއެވެ. ކައުންސިލްގެ މި ދައުރުގައި ދެން ތިއްބެވީ 705 ވޯޓް ލިބިވަޑައިގެން އަމިއްލަ ގޮތުން ހޮވިވަޑައިގެންނެވި ތަރަހަ، ޝިފްނާ ރަޝާދާއި 569 ވޯޓު ލިބިވަޑައިގެން އަމިއްލަ ގޮތުން ހޮވިވަޑައިގެންނެވި މާހަލު، ސާޖިދާ ޢަބްދުއްރަހްމާނާއި 512 ވޯޓް ލިބިވަޑައިގެން ޕީޕަލް ނެޝަނަލް ކޮންގްރެސްގެ ޓިކެޓްގައި ކައުންސިލަށް ހޮވިވަޑައިގެންނެވި ދެރަހަ، ޔާސިރު މުޙައްމަދެވެ. އެހެންކަމުން މިއީ އެމްޑީޕީ މެޖޯރިޓީ ނެތި ތުޅާދޫ ކައުންސިލް ހިންގާ ފުރަތަމަ ދައުރެވެ. އަދި މި ދައުރުގައި ސަރުކާރު ހިންގާ ޕާޓީގެ ހިއްސާއާއި އަމިއްލަ މެންބަރުންގެ ހިއްސާ ބޮޑުވުމަކީ ވެސް ފާހަގަކުރެވޭ ކަމެކެވެ. މި ތަފާތުކަމުގެ ތެރެއިން ވެސް ކުރިއަށް ވަޑައިގެންނެވޭނެކަމަށް އަފްރާހު ގަބޫލުކުރައްވައެވެ.
" ކޮންމެ މެންބަރުން ވެސް މި ހޮވުނީ ރައްޔިތުންގެ ވޯޓުން. އެހެންވީމާ ކައުންސިލްގައި ވެސް ކުރައްވާނީ ރައްޔިތުންގެ މަސައްކަތް. ޚިދުމަތްކުރާނީ ވެސް ރައްޔިތުންނަށް. ކައުންސިލްގައި ކުރާނީ ވެސް އެ މަސައްކަތް. ހުރިހާ މެންބަރުންގެ ފުރިހަމަ އެއްބާރުލުން އަޅުގަނޑަށް ލިބޭނެކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ" އަފްރާޙް ވިދާޅުވިއެވެ.
މެރިން ބައިލޮޖިސްޓުން ތަމްރީނުކުރުމުގެ ޕްރޮގުރާމްގެ ތެރެއިން އެހީތެރީންގެ އަގުވަޒަންކުރަނީ
"އިރާދަކުރެއްވިއްޔާ މި ޓީމާއެކު އަޅުގަނޑުމެން ބޭނުންވާ ބަދަލުތައް ގެނެސް، ތުޅާދޫ އިތުރު ހަރުފަތަކަށް އުފުލައިލައިދޭނަން. އަޅުގަނޑުމެން ބޭނުންވަނީ ރައްޔިތުންގެ މަޝްވަރާއާއި އެހީތެރިކަން. އަޅުގަނޑު މިކަމަށް މި ނުކުތީ ހެޔޮ ހިންގުމެއް ހިންގައިދޭން. ރައްޔިތުން ބޭނުންވާ ބަދަލުތައް ގެނެސްދޭނަން. އިރާދަކުރެއްވިއްޔާ ކައުންސިލް މެންބަރުންގެ އެހީތެރިކަމާއި އެއްބާރުލުމާ އެކު އެކަށީގެންވާ ރަނގަޅު ޚިދުމަތްތަކެއް ތުޅާދޫ ރައްޔިތުންނަށް ފޯރުކޮށްދޭނަން" އަފްރާޙް ވިދާޅުވިއެވެ.
ތެދެކެވެ. ރައްޔިތުންގެ އުންމީދަކީ އެކަށީގެންވާ ރަނގަޅު ޚިދުމަތްތަކެއް ތުޅާދޫއަށް ލިބިމެވެ. އެކަށީގެންވާ ހެޔޮ ބަދަލުތަކެއް ތުޅާދޫއަށް އައުމެވެ. ހުރިހާ ރޮނގަކުން އިތުރު ކުރިއެރުންތައް ލިބުމެވެ. އެކަންކަން ކޮށްދެއްވުމުގައި އެންމެ އިސްދައުރެއް މިއަދު ވެސް އަދާކުރެއްވެން އޮތީ ކައުންސިލަށެވެ. ޚާއްޞަކޮށް ކައުންސިލްގެ ރައީސް އަފްރާހަށެވެ. ރައްޔިތުންގެ އެ ތިބީ ތުޅާދޫގެ ކުރިމަގުގެ އުންމީދުގައެވެ. ގެންދަވާ މިސްރާބެއް ބައްލަވާށެވެ.