ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ރިޕޯޓު

އުމަރު ޔޫސުފުގެ ތަރުތީބު ދިރިއުޅުން

އެއީ ކުރާ ކޮންމެކަމެއް ނިކަން ތަރުތީބުން ކޮށް އުޅުނު ފާޑުވެރިއެކެވެ. ކޮންކަމެއްކުރާ އިރު ވެސް ސާފުތާހިރުކަމަށް އިސްކަން ދިން މީހެކެވެ. އެއީ، އިހު ދިވެހީންގެ ދިރިއުޅުމަށް ލޯބި ކުރި ދިވެހިވަންތަ ދިވެއްސެކެވެ. ކޮންމެ ރޯދަމަހަކު ގެއާއި ގޯތިތެރެއަށް ދޮންވެލިލައި އުޅުނު މުރާލި މަސައްކަތްތެރިއެކެވެ. ދިރިއުޅުމަށް ޓަކައި މައިގަނޑު މަސައްކަތެއްގެ ގޮތުގައި މަސްވެރިކަން ކޮށް އުޅުނު މަޝްހޫރު އެންކެޔޮޅެކެވެ. ދީނީ ކަންތައްތަކަށް ސަމާލުކަންދީ އުޅުނު، ރިވެތި އަޚުލާޤެއްގެ ވެރިއެކެވެ. ރަށުގައި ހުރެއްޖެ ނަމަ ކުދީން ގޮވައިގެން ގަވައިދުން މިސްކިތަށް ގޮސް އުޅުނު ހެޔޮލަފާ ބައްޕައެކެވެ. އެއީ ބ.ތުޅާދޫ، ކާމިނީއާގޭ ޔޫސުފު ޢުމަރެވެ. ތުޅާދޫ މީހުންގެ ބަހުން ނަމަ ކަޅިއްޔަ އުމަރުގޭ ޔޫސުފު ނުވަތަ އުމަރު ޔޫސުފެވެ.

1945ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1ވަނަ ދުވަހު އުފަންވެ ވަޑައިގެންނެވި ޔޫސުފު ޢުމަރަކީ، ބ. ތުޅާދޫ ކާމިނީގޭ ޢުމަރު އިސްމާޢީލާއި އާމިނަތު ޢަލީއަށް ލިބިވަޑައިގެންނެވި ތިންވަނަ ދަރިފުޅެވެ.  

އުމަރު ޔޫސުފުގެ ތަޢުލީމީ ބިންގާ އެޅުނީ ގޭތެރެއިންނެވެ. މައިންބަފައިގެ ބެލުމުގެ ދަށުން ވޮށިފިލާ އަޅައި، ފިލާ ލިޔެ ޤުރްއާން ކިޔެވުމުގެ މަސައްކަތް ފެށިގެން ދިޔައީ ގޭތެރެއިންނެވެ. އޭގެ ފަހުން ކިޔެވުމުގެ ދުވަސްތައް ހޭދަކުރެއްވީ ތުޅާދޫ ސްކޫލުގައެވެ. ތުޅާދޫ ސްކޫލަކީ، އަތޮޅުތެރޭގައި ތައުލީމު އާންމުނުވާ އިރު ވެސް ރަނގަޅު ނިޒާމެއްގެ ދަށުން ވަރަށް ރަނގަޅަށް އިންތިޒާމު ކުރެވިގެން ހިންގަމުން ގެންދިޔަ ސްކޫލަކަށް ވާތީވެ ރަށުގެ އެހެން ކުދީންނެކޭ އެއްގޮތަށް އުމަރު ޔޫސުފުގެ ތަޢުލީމީ ޙަޔާތް ވެސް ހޭދަކުރެއްވީ ތުޅާދޫ ސްކޫލުގައެވެ.

ތުޅާދުއަކީ އެދުވަސްވަރު، މުޅި ރާއްޖެއިން ވެސް ފާހަގަކޮށްލެވޭ މަސްވެރިކަމުގެ ވަރަށް ޚާއްޞަ ރަށަކަށްވުމާ އެކު، ސްކޫލް ނިމޭގޮތަށް ރަށުގެ ގިނަ ފިރިހެނުން ކުރާ މަސައްކަތަކީ މަސްވެރިކަމެވެ. އޭރު ލިޔެލާޖެހުމުގެ މަސައްކަތްކުރާ މަދު އާއިލާއަކަށް ނިސްބަތްވާ ފިރިހެނަކު ފިޔަވައި އެހެން އެންމެން ވެސް ގުޅެނީ މަސްވެރިކަމާއެވެ. އެގޮތުން ޔޫސުފު ޢުމަރު ވެސް އާމްދަނީ ހޯއްދެވުމަށް ކުރައްވަން ފެއްޓެވި މަސައްކަތަކީ މަސްވެރިކަމެވެ.

your imageއުމަރު ޔޫސުފް ހިމަނައިގެން އޭއައިގެ އެހީގައި ހަދާފައިވާ ފޮޓޯއެއް.

"އެންމެ ފުރަތަމަ ޔޫސުއްބެ މަހަށް ދިޔައީ މުދިންކަލޭ ހަސަންގޭ ފިނިފެން ދޯނިން. އޭރު އެގޭ ދޯނިފަހަރުގެ ބޮޑު ކެޔޮޅަކީ މާކުރުބެ. އޭރު އަޅުގަނޑުމެންގެ އެންމެ ދޮށީ ބޭބެ މުޙައްދު އުމަރު (މުހުދުބެ)އާ އެކު، އަހަރެމެންގޭ އެންމެންވެސް އެންމެ ފުރަތަމަ މަހަށްދިޔައީ ފިނިފެން ދޯނިން، އޭރު މުހުދުބެއާ، ޔޫސުއްބެއާ ބަކުރުބެ ވެސް އެ ދޯނިން މަހަށް ދިޔަ" އުމަރު ޔޫސުފުގެ ކޮއްކޮ، ބ. ތުޅާދޫ ގާތުގިރި އިދުރީސް ޢުމަރު ވިދާޅުވިއެވެ.

އުމަރު ޔޫސުފުގެ މުޅި އުމުރު، ހޭދަކުރެއްވީ މަސްވެރިކަމުގައެވެ. މަސްވެރިކަމާ ގުޅޭ ތަފާތު މަސައްކަތްތައް ކުރެއްވި އިރު، އާމްދަނީ ހޯދުމަށް އެ ނޫން އެހެން އިތުރު މަސައްކަތެއް ނުކުރައްވައެވެ. ކަނޑުމަސްވެރިކަން ކުރެއްވުމުގައި ދިގު މުއްދަތެއް ހޭދަކުރެއްވި އުމަރު ޔޫސުފު ވަނީ ތުޅާދޫގެ ނަން މަޝްހޫރު ތިން ގެއެއްގައި ދުއްވި ދޯނިފަހަރުގައި މަސްވެރިކަމުގެ މަސައްކަތުގައި އުޅުއްވާފައެވެ

"އެންމެ ފުރަތަމަ މުދިންކަލޭ ހަސަނުގޯތި ދޯނި ފަހަރުން މަހަށް ދިޔައީ. އެ ގޯތި ދޯނިން އަޅުގަނޑުމެންގޭ އެންމެން ވެސް އެއްކޮށް މަހަށް ދިޔައީ. ދެން މަހަށް ދިޔައީ އައުބަކުރުގޭ ރަޝާދު ދުއްވި "އަލިހުރަސް" ނަމަކަށް ކިޔާ ދޯންޏަކުން. އެއީ ރަޝާދު ފެހެންދޫން ގަނެގެން ގެނައި ދޯންޏެއް. އެ ދޯނި ދުއްވީ އަޅުގަނޑުމެންގޭ މީހުން. އޭރު އެ ދޯނީގެ އެންކެޔޮޅަކީ ޔޫސުއްބެ" އުމަރު ޔޫސުފުގެ ކޮއްކޮ، ބ. ތުޅާދޫ ފާލަންދޮށުގޭ އަބޫބަކުރު އުމަރު (އުމަރުބަކުރު) ވިދާޅުވިއެވެ.

އުމަރު ޔޫސުފު، މަސްވެރިކަމުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރެއިން ތޫޅާދޫ ފިތުރޯނުގޭ (ހަމީދާގޭ) ދޯނި ފަހަރުގައި ވެސް އުމަރު ޔޫސުފު މަސްވެރިކަމުގެ މަސައްކަތުގައި އުޅުއްވި ކަމަށް، އޭނާއާ އެކު މަސްވެރިކަމުގައި އުޅުއްވި އެކި ބޭފުޅުން ވިދާޅުވިއެވެ. 

your imageއުމަރު ޔޫސުފާއި އޭނާގެ އަނބިކަނބަލުން

"އަލިހުރަސްދޯނީގައި ގިނަ ދުވަސްތަކަކު މަހަށް ދިއުމަށްފަހު ޔޫސުއްބެ ދެން މަހަށް ދާންފެށީ ހަމީދާގޭ ދޯނި ފަހަރުން. އާންމުކޮށް މަހަށް ދިޔައީ އެގޭ މަހުބޫބާ ދޯނިން. އޭރު ޔޫސުއްބެއާ އެކު އަހަރެން ވެސް މަހަށް ދަނީ މަހުބޫބާ ދޯނިން. ފަހުން ބަން، މަހުބޫބާ ދޯނި އެއީ ބޮޑު ކުރޮޅި. އެގޭ ބޮޑު ކުރޮޅިއާ ކުޑަ ކުރޮޅިން ވެސް މަހަށް ދިޔައިން.  އެ ދޯނީގެ އެންކެޔޮޅަކީ ވެސް ޔޫސުއްބެ" އުމަރު ޔޫސުފުގެ ކޮއްކޮ، އަބޫބަކުރު އުމަރު (އުމަރުބަކުރު) ވިދާޅުވިއެވެ.

"މަހުބޫބާ (ބޮޑުކުރޮޅި)ދޯނިން އަހަރެން މަހަށް ދިޔަ އިރު، އުމަރު ޔޫސުފު ވެސް އެ ދޯނިން މަހަށްދަނީ. އޭރު އެ ދޯނީގެ އެންކެޔޮޅަކީ އުމަރު ޔޫސުފު. އޭނާގެ ޚާއްޞަ ކަމަކީ ކަންކަން ކުރުމުގައި ތަރުތީބުކަން. ސާފުތާހިރުކަން. މަހަށް ދާން ދޯންޏަށް އެރުމަށްފަހު، އެއް އިރަކުވެސް ހުއްޓިގެނެއް ނުހުންނާނެ. އަބަދުވެސް ކޮންމެވެސް ކަމެއް ކޮށްލަކޮށްލަ ހުންނާނީ. އެންދަމާ ނިމިގެން ވެސް ވަރަށް ރީތިކޮށް ދޯނި ދޮންނާނެ. ދޯނި ހަޑިވާކަމެއް އެހެން މީހަކު ކުރިޔަސް ހިތްހަމައެއް ނުޖެހޭނެ، އެ ފަދަ ކަމެއް މީހަކު ކުރިޔަސް، އެ މީހަކާދިމާއަށް ތަންކޮޅެއް ބާރު އަޑުން ބުނާނެ. އެހައި ވެސް ސާފުތާހިރުކަމަށް ލޯބި ކުރާނެ. ދޯނި ތެރޭގައި ހުންނަ ތަކެތި ވެސް ބަހައްޓާނީ ވަރަށް ތަރުތީބުން" އުމަރުޔޫސުފާ އެކު އެއްދޯނީގައި މަސްވެރިކަމުގައި އުޅުއްވި، ބ. ތުޅާދޫ، މާއިރާ، އިދުރީސް ޢަބުދުއްރަޙުމާނު ވިދާޅުވިއެވެ.

މަސްވެރިކަމުގެ ތެރެއިން އުމަރު ޔޫސުފާ ގުޅޭގޮތުން ފާގަގަކުރެއްވޭ އިތުރު ކަންކަން ވެސް އޭނާ އާ އެކު އެ މަސައްކަތުގައި އުޅުއްވި ބޭފުޅުން އިތުރަށް ވިދާޅުވިއެވެ.

"އުމަރު ޔޫސުފަކީ ވަރަށް ފޯރީގައި މަހަށްދާ މީހެއް. މަހަށް ފުރުމަށް ފަހު ދޯނިތެރޭގައި ކުރާ މަސައްކަތްތައް ކުރާނީ ވަރަށް ޖޯޝާއެކީ.  ރަށުގައި އާއްމުކޮށް އުޅޭ އިރު ޔުސުފަކީ ވަރަށް ބަސްމަދު މީހެއް. އެކަމަކު މަހަށްދާން ދޯންޏަށް އެރުމަށް ފަހު ދޯނި ތެރޭގައި ވަރަށް ވާހަކަ ގިނަވާނެ. ކުރީގައި މަސްވެރިކަން ކޮށް އުޅުމުގެތެރޭގައި ހިނގާފައިވާ އެކި ހާދިސާތަކުގެ ވާހަކަ ކިޔައިދޭނެ. ރަށުގެ ތެރޭގައި ކުރީގައި ހިންގާފައި ހުންނަ ވާހަކަތައް ވެސް ކިޔައިދޭނެ. ދޯނީގައި ވަރަށް ނިދިމަދުވާނެ. ކަޑަށް ނުކުތުމަށް ފަހު ވަރަށް ރަނގަޅަށް ކަނޑު ބަލާނެ. ރަށުގައި ޔޫސުފު ފެންނާނީ ވަރަށް ނެގި މަޑު ވަރަށް ބަސްމަދު މީހެއްގެ ގޮތުގައި. އެކަމަކު ދޯނިތެރެއިން ފެންނާނީ މީހުންނާ ވަރަށް ގިނައިން ވާހަކަދައްކައި އުޅޭ ވަރަށް ހަރަކާތްތެރި މީހެއްގެ ގޮތުގައި" ޔޫސުފުގެ އެކުވެރިޔާ ތުޅާދޫ، މާއިރާ، އިދުރީސް އަބުދުއްރަޙުމާނު އިތުރަށް ވިދާޅުވިއެވެ.

ތުޅާދޫގެ މަސްވެރިން، އެންމެ ފޯރީގައި ކަނޑުމަސްވެރިކަން ކޮށް އުޅޭ ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ދުވަސްވަރެވެ. އިރުވައި މޫސުމުގެ ދުވަސްވަރަކީ ފަރުމަހުގެ ޚާއްޞަ ދުވަސް ވަރެއްކަމުން އުމަރު ޔޫސުފު ވެސް އިރުވައި މޫސުމުގައި އެންމެ ފޯރިގައި ކުރައްވާ މަސައްކަތަކީ ފަރުމަސްވެރިކަން ކަމަށް އުމަރު ޔޫސުފާއެކު އެ މަސައްކަތުގައި އުޅުއްވި ބޭފުޅުން ވެސް ވިދާޅުވެއެވެ.

"ހުޅަނގު މޫސުމް ނިމި މަސްވެރިކަން ދަށްވީމާ ކުޑަ ކުރޮޅީގައި ފަރުމަހަށް ދާނެ. ޔޫސުއްބެ ފަރުމަހަށް ދާނީ ވެސް ވަރަށް ފޯރީގައި. ދޯނިގެ އެހެން މީހުންނަށް ވުރެ ފަރުމަހަށް ދާން ވެސް ޔޫސުއްބެ މާ ފޯރި ހުންނާނެ. އަދި އޭގެ އިތުރުން އަހަރެމެން ގޯތީގައި އޭރު ހުންނާނެ ދަރަވަންދޫން ގެނައި 11ވަރަކަށް ރިޔަނު ވަދު ބައްތެއްޔެއް. އެ ބައްތެލީގައި ވެސް ޔޫސުއްބެ އިސްވެ ހުރެ ވަރަށް ގިނައިން ފަރުމަހަށް ދާނެ" އުމަރު ޔޫސުފުގެ ކޮއްކޮ އަބޫބަކުރު މުހައްމަދު ވިދާޅުވިއެވެ.

"އިރުވައި މޫސުމުގައި ކުޑަކުރޮޅިދޯނީގައި ގަވާއިދުން ފަރުމަހަށްދާނެ. އަހަރެންވެސް އެ ދޯނީގައި ފަރުމަހަށް ދަން. އެކަމަކު ކުޑަކުރޮޅީގައި ފަރުމަހަށް ދިއުމަކީ އުމަރު ޔޫސުފު ގަވާއިދުން ކުރާ ކަމެއް. އަހަރެމެން އޭރު މަހަށް ގޮސް އުޅުނު އެންމެންގެ ތެރެއިން ވެސް ފަރުމަހަށް ދިއުމަކީ އުމަރު ޔޫސުފަށް ވަރަށް ޚާއްޞަ މަސައްކަތެއް" ފަރުމަސްވެރިކަން ކުރުމަށް އުމަރު ޔޫސުފު ހުންނަ ފޯރީގެ ވާހަކަ އިދުރީސް އަބުދުއްރަޙުމާނު ވެސް އިތުރަށް ވިދާޅުވެ ދެއްވިއެވެ.

ހުޅަނގު މޫސުމުގެ މަސްވެރިކަމުގެ ފޯރި ނިމި އިރުވައި މޫސުން ފެށުމާ އެކު އުމަރު ޔޫސުފު ކުރައްވަމުން ގެންދަވާ މަސްވެރިކަމުގެ އިތުރުން އޭނާ ކުރައްވާ އެހެން ޚާއްޞަ ކަމެއް ވެސް ފާހަގަ ވެސް ފާހަގަކުރެވުނެވެ.

"އަހަރެމެން ވަރަށް ކުޑައިރު ކުރަނގި، ހިފަން ވަރަށް ގިނައިން ދަން. ޔޫސުއްބެ ވެސް ގަވާއިދުން ދާނެ. އޭރު އަހަރެމެން ތަންކޮޅެއް ކުދިވާނެ. އޭރު ބައްޕަ ދުނިޔޭގައި ބައްޕައާ އެއްކޮށްދާނީ. އޭރު ފުނަދު އުމަރުބެއާ ބުއްޔަބެ ވެސް ބައްޕައާ އެކުގައި ކުރަނގި ހިގަންދާނެ. އޭރު ނިބިލިގާ ބަލަހައްޓާނީ ބައްޕަ. އެންމެ ކުރީގައި ދަނީ ދޮންއާކުރު ކުޑަބެގޭ ބައްތެލީގައި. ބައްޕަގެ ގައިބާރުދެރަވެ، އެކަން ކުރުން ހުއްޓާލި ފަހުން ގަވާއިދުން ޔޫސުއްބެ އެކަން ކުރާނެ. ޔޫސުއްބެއާ އެއްކޮށް އަހަރެން ވެސް ވަރަށް ގިނައިން ދަން. ދަރަވަންދޫން އަހަރެމެން ގެއަށް ގެނެސްފައި އޮންނަ ވަދު ބައްތެލީގައި ގަވާއިދުން ކުރަނގި ހިފަން ޔޫސުއްބެ ދާނެ. ކުރަނގި، މާރަނގަ، ވައްލަ ކިރުދޫނި ހިފައިގެން ގެނެސް ވިއްކުމަކީ އެ ދުވަސް ވަރު ވަރަށް ފޯރީގައި ކުރި ކަމެއް" އުމަރު ޔޫސުފުގެ އެއްބަނޑު އެއްބަފާ އަބޫބަކުރު އުމަރު (އުމަރުބަކުރު) ވިދާޅުވިއެވެ. 

your imageނިބިލިގާ: ކުރިން ނިބިލިގާ ބެލެހެއްޓީ އުމަރު ޔޫސުފްގެ ބައްޕަ 

އުމަރު ޔޫސުފު ކުރެއްވި ކަނޑުމަސްވެރިކަމާއި ފަރުމަސްވެރިކަމުގެ އިތުރުން ކުރަނގި ވައްލަ ހިފުން ފަދަ އޭނާ ކުރެއްވި ކޮންމެ ކަމެއް ކުރެއްވުމުގެ ތެރެއިން ވެސް ފެނުނީ، އިހު ދިވެހީންގެ ދިރިއުޅުމުގެ ވައްޓަފާޅިއެވެ. އޭނާގެ މުޅި ޙަޔާތުގައި ވެސް ފެނުނީ އިހު ދިވެހީންގެ ދިރިއުޅުމަށް އޭނާ ކުރެއްވި ލޯތްބެވެ.

"އުމަރު ޔޫސުފަކީ ވަރަށް ރީތިކޮށް ވަރަށް ތަރުތީބުކޮށް އަދި އެހައިމެ ސާފުތާހިރުކޮށް ކަންކަން ކޮށް އުޅުނު މީހެއް. ވަރަށް ދިވެހިވަންތަ މީހެއް. ކެއުމުގައި ވެސް ދިވެހިކެއުމަށް ލޯބި ކުރާނެ. ދިރިއުޅުމުގެ ހުރިހައި ކަމެއްގެ ތެރެއިން ފެންނާނީ ވަރަށް ދިވެހިވަންތަ ދިރިއުޅުމެއް. ވަރަށް ފަހަކާ ޖެހެންދެން ވެސް ދިރިއުޅުނީ އޭނާގެ މައިންބަފައިންގެ ގޭގައި. އެ ގެ ހުންނާނީ ފަނުން ހިޔާކޮށްފައި. ފުރާޅުގައި ފަންޖަހާފައި ހުންނާނީ ވެސް ވަރަށް ރީތިކޮށް. ތަރުތީބުވެފައި މަސައްކަތް ވަރަށް ތާހިތުވާނެ. އެގޭތެރެއަށް ހުންނާނީ ދޮންވެލި ލާފައި. އަބަދުވެސް އޮންނާނީ ކުނިކަހައި ވެލިގަނޑު އޮމާންކޮށްފައި. އެގެއަށް ވަދެ ހަދާ މީހަކަށް ވިއްޔާ ޔޫސުފުގެ ތަރުތީބުކަމާ ސާފުތާހިރުކަމާއި އޭނާގެ ދިވެހިވަންތަ ދިރުއުޅުން ފާހަގަވާނެ" މަސްވެރިކަމުގެ މަސައްކަތުގައި ގިނަ ދުވަހު އުމަމަރު ޔޫސުފާ އެކު އުޅުއްވި، ތުޅާދޫ، މާއިރާ، އިދުރީސް އަބުދުއްރަޙުމާނު ވިދާޅުވިއެވެ.

your imageއުމަރު ޔޫސުފްގެ އަނބިކަނބަލުން ގޭތެރޭގައި

އުމަރު ޔޫސުފުގެ އަމިއްލަ އާއިލާގެ ތެރެއިން ވެސް ފެނުނީ ދިރިއުޅުމުގައި ވެސް ވަކި ހަމައެއް، އުޞޫލެއް ގެންގުޅުއްވިކަމެވެ. ކޮންމެ ކަމެއް ކުރުމުގައި ވެސް ސާފުތާހިރުކަމާއި ތަރުތީބުކަމެވެ. މިއީ ހަމައެކަނި އުމަރު ޔޫސުފުގެ ފަރާތުން ފާހަގަކުރެއްވުނު ކަންކަމެއް ނޫނެވެ. އަނބިކަނބަލުންނާއި އޭނާގެ ހުރިހައި ބޭފުޅުންގެ ފަރާތުން ވެސް ފާހަގަކުރެއްވޭ ކަންކަމެވެ.

"އުމަރު ޔޫސުފާ އޭނާގެ އަންހެނުންނާ ހުރިހައި ކުދީން ވެސް ވަރަށް ސާފުތާހިރުވާނެ. ވަރަށް ތަރުތީބުން ކަންކަން ކުރާނީ. ޔޫސުފާ އޭނާގެ އަންހެނުންނަކީ ވެސް އެއް އާއިލާއަކަށް ނިސްބަތްވާ ބައެއް. އެ ދެމަފިރިންނަކީ ވެސް އާއިލީ ގޮތުން ވަރަށް ގާތް ބައެއް. ޔޫސުފު ވެސް ޔޫސުފު އަންހެނުން ވެސް ހުރިހައި ކުދީން ވެސް ވަރަށް ސާފުތާހިރުވެފައި ތަރުތީބު ވާނެ" އުމަރު ޔޫސުފުގެ އަވަށްޓެރިއެއްކަމަށްވާ ބ.ތުޅާދޫ ފެންފިޔާޒުގޭ ޢަބުދުއްސައްތާރު މުޙައްމަދު ވިދާޅުވިއެވެ.

އުމަރު ޔޫސުފުގެ ފުރަތަމަ ކައިވެންޏަށް އެއްވެސް ބޭފުޅަކު ލިބި ވަޑައިނުގެންނެވި ނަމަވެސް ދެވަނަ ކައިވެންޏަށް 9 ބޭފުޅުން ލިބިވަޑައިގަތެވެ. މި ނުވަ ކުދީންގެ ވެސް މަންމައަކީ ބ.ތުޅާދޫ ހުވަނދުމާގޭ ޢައިޝަތު ޔޫސުފެވެ. އުމަރު ޔޫސުފުގެ އަނބިކަނބަލުންގެ ބައްޕަ، ތުޅާދޫ ހުވަނދުމާގޭ ޔޫސުފު އިސްމާޢީލާއި އުމަރު ޔޫސުފުގެ ބައްޕަ އުމަރު އިސްމާޢީލަކީ އެއްބަނޑު އެއްބަފާ ދެ ބޭފުޅުންނެވެ.

your imageއުމަރު ޔޫސުފާއި އަނބިކަނބަލުން ޢުމްރާގެ މަތިވެރި އަޅުކަމުގައި 

"ބައްޕައާ މަންމައަކީ ދެބެންގެ ދެ ދަރިން. މިހާރު ކުދިން ކިޔާގޮތަށް ނަމަ އެއީ ކަޒިން. ބައްޕައާ މަންމައަށް ލިބުނީ،  9 ކުދީން ލިބުނުކަން އެނގޭ. އެންމެ ދޮށީ ދެ ކުދީން މަރުވި. އެއީ ދެ އަންހެންކުދީން.  އެ ދެ ކުދީން ވެސް މަރުވި އިރު ހިނގާކަމަށް ވަނީ. އޭގެ ފަހުން ލިބުނު 7 ކުދީން ވެސް ދުނިޔޭގައި އެބަތިބި. އެއީ މުހައްމަދު ނިޔާޒް، އަހުމަދު ނިޔާޒު (ނިޔާމް)، ޢަބުދުﷲ ޙަމީދު، އިބްރާހީމް ރަމީޒު، މައުސޫމާ ޔޫސުފު، މައުސޫމު ޔޫސުފު އަދި އަހުސަމް ޔޫސުފު. އަހަރެން އެންމެ ކުޑަ އިރު ވެސް ހަނދާންވަނީ ބައްޕަ މަހަށްދާ ހަނދާން. ބައްޕަގެ ފަރާތުން އެންމެ ބޮޑަށް ފާހަގަވާ ކަމަކީ  ސާފުތާހިރުކަން" އުމަރު ޔޫސުފުގެ ދޮށީ ފިރިހެން ދަރިފުޅު މުޙައްމަދު ނިޔާޒު ވިދާޅުވިއެވެ.

your imageއުމަރު ޔޫސުފާއި އާއިލާގެ ބައެއް މެންބަރުން އަދި ހެޔޮއެދިވަޑައިގަންނަވާ ބައެއް ބޭފުޅުން

ތަރުތީބުކަމާއި ސާފުތާހިރުކަމުގައި ފާހަގަކުރެއްވުނު އުމަރު ޔޫސުފު، ދީނީ ކަންކަންކަމަށް ވެސް ސަމާލުކަން ދެއްވަމުން ގެންދެވި އުފާވެރި ދިރިއުޅުއްވުމަށް ހިޔަނި އެޅުނީ، މަސްވެރިކަމުގައި ކަނޑުމަތީގައި އުޅުއްވަނިކޮށް އޭނާއަށް ސްޓްރޯކެއްޖެހިވަޑައިގެންނެވި ހިސާބުންނެވެ.

"އަހަރެން ކިރިޔާ ހަނދާންވާ އިރު ވެސް ބައްޕަ މަހަށްދޭ. ބައްޕަގެ މުޅި ޙަޔާތުގައި ވެސް ދިރިއުޅުމަށް އާއްމުކޮށް ކުރި މަސައްކަތަކީ މަސްވެރިކަން. އާއްމުކޮށް މަހަށް ދިއުން ހުއްޓާލީ ސްޓްރޯކެއް ޖެހުނު ހިސާބުން. ބައްޕަ ފުރަތަމަ ސްޓްރޯކް ޖެހުނީ މަހަށް ގޮސް އުޅެނިކޮށް ކަނޑުމަތިން.  އެއީ 1994ވަނަ އަހަރު. އޭރު މަހަށް ދަނީ ފިތުރޯނުގޭ މަހުބޫބާ ދޯނިން. އޭގެ ފަހުން އާއްމުކޮށް މަހަކަށް ނުދޭ. އެކަމަކު ދޭތެރެ ދޭތެރެއިން ވަރަށް މަދުމަދުން މަހަށް ގޮސްލައި އުޅޭނެ. ބައްޕައަށް ދެވަނަ ސްޓރޯކް ޖެހުނީ 2010ގަ. އެފަހަރު ސްޓްރޯކް ޖެހުނީ ރަށުގައި ހުއްޓާ. ދެން އޭގެ ފަހުން، 2025 ޖޫން 27 ގައި ފިޓް ޖެހުނު. އެކަމަކު ސްކޭނުން ކޮށްފައި ޑޮކްޓަރުން ބުނީ ފިޓް ޖެހިފައި ހަމަ އެއާ އެކު ސްޓްރޯކް ވެސް ޖެހުނު ކަމަށް. ދެން އެ ހިސާބުން ބައްޕަގެ ހާލު ވަރަށް ދެރަވި. ވަރަސް ގިނަ ދުވަހު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ގެންގުޅެވުނު. ދެން އެ ހިސާބުން ބައްޕަގެ ހާލު ދަށްވަމުން ދަށްވަމުން ގޮސް ބައްޕަ ނިމިދިޔައީ" އުމަރު ޔޫސުފުގެ ދަރިފުޅު އިބްރާހީމް ރަމީޒު ވިދާޅުވިއެވެ.

your imageކުރީގެ އަތޮޅުވެރިޔާގެ އަތްޕުޅުން އުމަރު ޔޫސުފް އިނާމަކާ ހަވާލުވެވަޑައިގަންނަވަނީ 

އުމަރު ޔޫސުފުގެ ރަށްޓެހިންނާއި އަވަށްޓެރިންނާއި އަދި ޢާއިލާގެ ބޭފުޅުން ވެސް ފާހަގަކުރައްވާ ގޮތުގައި ޔޫސުފަކީ ވަރަށް ތަރުތީބު ވަރަށް ސާފު ތާހިރު ބޭފުޅެކެވެ. އިހު ދިވެހީންގެ ދިރިއުޅުއްވުމަށް ވަރަށް ބޮޑަށް ލޯބިފުޅުކުރެއްވި އިރު ފަސްވަގުތު ނަމާދުކުރެއްވުމަށް ވަރަށް ބޮޑަށް ފަރުވާބެހެއްޓެވިއެވެ.

"ދީނީ ކަންތައްތަކަށް ވެސް ވަރަށް ބޮޑަށް ސަމާލުކަން ދޭނެ. ނަމާދުތަކަށް ވަރަށް ފަރުވާ ބަހައްޓާނެ. އަހަރެމެން ކުޑައިރު ގޮވައިގެން ވަރަށް ގިނަ އިން މިސްކިތަށް ދާނެ" ބައްޕައާ ބެހޭގޮތުން އޭނާގެ ދޮށީ ފިރިހެން ދަރިފުޅު މުޙައްމަދު ނިޔާޒު ވިދާޅުވިއެވެ.

"ބައްޕައަކީ ކުރާ ކޮންމެ ކަމެއް ވަރަށް ތަރުތީބުން ކުރާ މީހެއް. ކޮންމެ ރޯދަމަހަކު ކާމިނިގެއަށް ވެސް ވެލިލާނެ. އެކަމަކު ކުރިން ވެލި ގެނެސް ބަހައްޓާފައި ހުންނާނީ. ވެލި ފަތުރާނީ ހަމަ ސީދާ މުލަ ރޯދަ ދުވަހު. ގެއަށް ދޮންވެލިލާފައި އޮންނަ އިރު، ފިޔަވަޅެއް ވެސް ފެނިއްޖެ ނަމަ އަބަދު ވެސް ހުންނާނީ ފައިކާއްތާލަ ކައްތާލައި ވެލި ގަނޑު އޮމާންކޮށްކޮށް. އެހައިވެސް ތަރުތީބުވާނެ. ވަރަށް ސާފުތާހިރުވާނެ. ދީނީ ކަނތައްތަކަށް ލޯބިކުރާނެ. މިސްކިތަށް ބަރާބަރަށް ދާނެ. އަހަރެމެން ކުޑަ އިރު ގޮވައިގެން މިސްކިތަށް ދާނީ" އުމަރު ޔޫސުފުގެ އެންމެ ގާތުގައި އެންމެ ގިނަ ވަގުތު ހޭދަކުރެއްވި އޭނާގެ ދަރިފުޅު އިބްރާހީމް ރަމީޒް ވިދާޅުވިއެވެ.

އުމަރު ޔޫސުފު ފާހަގަކުރެވިފައިވަނީ އެކުވެރިންނާއި ރަށުން ބޭރު ރަށްރަށުގައި އުޅުއްވާ އޭނާގެ ރަށްޓެހިންނާ ވެސް ވަރަށް  ގާތްކަން ބާއްވަވާ ފަރާތެއްގެ ގޮތުގައެވެ.

"ރަށުގައި ހުރި ބައްޕަގެ އެންމެ ގާތް މީހަކަށް ވަނީ، ރަށު ސްކޫލްގެ ކުރީގެ މުއްދަރިސް ބ. ތުޅާދޫ، ތުޅާދޫގޭ ޙުސައިންފުޅުބެ. އަހަރެމެން އެންމެ ކުޑަ އިރު ހުކުރަށް ދާނީ ސަހަރާކައިރީގައި ހުންނަ ހުކުރު މިސްކިތަށް. ކޮންމެ ހުކުރު ދުވަހަކު ވެސް ބައްޕަ ހުކުރަށް ގޮސް ގެއަށް އަންނާނީ އެ ގެއަށް ވަދެފައި. އަޅުގަނޑުމެން ކުޑައިރު ގޮވައިގެން ހުކުރަށް ދާއިރު ވެސް ހުކުރުން ފައިބައިގެން ގެއަށް އަންނާނީ އެ ގެއަށް ވަދެފައި. އަދި ހަމަ އެގޮތަށް ރަށުން ބޭރު ރަށްޓެހިންނާ ވެސް ަރަށް ގާތްކަން ބާއްވާނެ. ކޮންމެ އަހަރަކު ސްކޫލް ބަންދުގައި އަހަރެމެން ގޮވައިގެން ރަށްޓެހިންގެ ރަށްރަށް ދާނެ. އެންމެ ގިނައިން ދާނީ ދަރަވަންދުއާ މާޅޮހަށް. ކިނޮޅޮހާ މީދުއަށް ވެސް ދާނެ ރަށްޓެހިންނާ ބައްދަލުކުރަން" އުމަރު ޔޫސުފުގެ ރަށްޓެހިންނާ ގާތްކަން ބާއްވާ މިންވަރު ހާމަކޮށްދެއްވަމުން އޭނާގެ ދަރިފުޅު އިބްރާހީމް ރަމީޒް ވިދާޅުވިއެވެ.

your imageއުމަރު ޔޫސުފް، ކުރީގެ ރައީސް ނަޝީދާ ސަލާމްކުރައްވަނީ 

އުމަރު ޔޫސުފުގެ އެހީތެރިކަމާއި ހެޔޮކަން، ރަށްޓެހިންނާ މެދުގައި ބާއްވަވާ ގާތްކަން، ރަށުން ބޭރުގައި އުޅުއްވާ އުމަރު ޔޫސުފުގެ ރަށްޓެހިން ވެސް ފާހަގަކުރައްވައެވެ.

"ޔޫސުއްބެއަކީ އަހަރެމެންގެ ވަރަށް ގާތް ރައްޓެއްސެއް. ރަށްޓެއްސަކަށް ވުރެ ބޮޑަށް ބެލެވެނީ ތިމާގެ މީހެއްގެ ގޮތުގައި. އަހަރެން ވަރަށް ކުރީގައި ޞިއްޙި ދާއިރާގައި ރަށުން ބޭރުގައި މަސައްކަތް ކުރި އިރު ވެސް ހާލު އަހުވާލު ބަލައި ހަދާނެ. ހަދިޔާ ބަދިޔާ ބަދަލުކުރާނެ. އަދި ދަތުރުހަދައިގެން އަހަރެމެންނާ ބައްދަލުކުރަން ދަރުވަންދުއަށް ވަރަށް ގިނައިން އަންނާނެ. ގުޅާ ކޮންމެ ފަހަރަކު ވެސް ބައްދަލުވާ ކޮންމެ ފަހަރަކު ވެސް ވަރަށް ނަޞޭޙަތް ދޭނެ. ޞިއްޙީ ދާއިރާގައި މަސައްކަތް ކުރި ދުވަސްވަރު ވެސް މީހުންނަށް ހެޔޮކޮށް ހިތުމަށް ނަސޭހަތް ދޭނެ. ޔޫސުއްބެއަކީ ވަރަށް ހިތްހެޔޮ ހެޔޮލަފާ މީހެއް. ޔޫސުއްބެގެ ދެމަފިރިން ވެސް އެހައި ރަނގަޅުވާނެ" އުމަރު ޔޫސުފާ ގުޅޭގޮތުން، ބ. ދަރަވަންދޫ އައިވަރީ ރޯސް، އަލްއުސްތާޛު އަޙުމަދު ނަޝީދު ޙުސައިން ވިދާޅުވިއެވެ. 

your imageޔޫސުފް ޢުމަރުގެ ހަގު ދަރިފުޅު އަޙްސަމް ޔޫސުފްގެ ކައިވެނީގެ ހަފްލާގާ ޢާއިލާގެ މެމްބަރުން

އުމަރު ޔޫސުފުގެ ބޭފުޅުން ވިދާޅުވާ ގޮތުގައި އޭނާއަކީ، ދުރުހިލޭ މީހުންނަށާއި ގާތްތިމާގެ މީހުންނާއި ޢާއިލާގެ އެންމެންނަށް ވެސް ވަރަށް ހެޔޮކޮށް ހިއްތަވައި އެންމެންނާ ވެސް ވަރަށް ހިތްހެޔޮކަމާއެކު ވާހަކަ ދައްކަވައި އުޅުއްވާ ބޭފުޅެކެވެ.

"އަހަރެމެން ހުރިހާ ކުދިންނަށް ވެސް ބައްޕަ ވަރަށް ހެޔޮވާނެ. މަންމައަށް ވެސް ވަރަށް ހެޔޮވާނެ. އަހަރެމެންގެ ޢާއިލާގެ އެންމެންނަށް ވެސް ބައްޕަ ވަރަށް ރަނގަޅުވާނެ" ދޮށީ ފިރިހެން ދަރިފުޅު މުޙައްމަދު ނިޔާޒު ވިދާޅުވިއެވެ.

"އަހަރެމެން ހުރިހައި ކުދީންނަށް ވެސް ވަރަށް ރަނގަޅުވާނެ. މަންމައަށް ވެސް ވަރަށް ރަނގަޅުވާނެ. މީހަކަށް ބައްޕަ ފެންނައިރު އަބަދު ވެސް ހުންނާނީ ހިނިތުންވެލާފައި. ބައްޕައަކީ ވަރަށް ބަސްމަދު މީހެއް. މީހުންނާ ޒުވާބު ކޮށެއް ނޫޅޭނެ. އަހަރެމެންނަށް ބައްޕަ ފާހަގަކުރެވެނީ ވަރަށް ހެޔޮލަފާ މީހެއްގެ ގޮތުގައި. ބައްޕަގެ ފަރާތުން އެފަދަ ވަރަށް ގިނަ ކަންކަން އަހަރެމެންނަށް ދަސްވި" އިބްރާހީމް ރަމީޒު، އޭނާގެ ބައްޕަގެ މިޒާޖާއި ޠަބީޢަތާގުޅޭގޮތުން ވިދާޅުވިއެވެ.

your imageކާފަ ދަރިފުޅެއްގެ ކާވެނި ހަފުލާގެ ތެރެއިން 

"އަހަރެންގެ ބައްޕައަކީ ކުދީންނަށް ވަރަށް ރަނގަޅު ބައްޕައެއް. އަދި މަންމައާއި މުޅި ޢާއިލާގެ އެންމެންނަށް ވެސް  ބައްޕަ ވަރަށް ރަނގަޅުވާނެ. ވަރަށް ގިނަ ކަންކަން ބައްޕަގެ ފަރާތުން ދަސްވި. ތަރުތީބުން ކަންކަން ކުރަން ދަސްވި. ކުރާ ކޮންމެ ކަމެއް ވަރަށް ސާފުތާހިރުކޮށް ކުރަން ދަސްވި. މިއީ ބައްޕަގެ ދިރިއުޅުމުގެ ތެރެއިން އަހަރެމެންނަށް ފެނިގެން ދަސްވި ކަންކަން" އުމަރު ޔޫސުފުގެ އަންހެން ދަރިފުޅު މަޢުޞޫމާ ޔޫސުފު ވިދާޅުވިއެވެ.

އުމަރު ޔޫސުފުގެ ހުރިހައި ކުދީންނެކޭ އެއްފަދައިން އޭނާގެ އަނބިކަނބަލުން ވެސް ވަނީ އޭނާގެ އެހީތެރިކަމާއި އޭނާގެ ހެޔޮކޮށް ފާހަގަކުރައްވާފައެވެ.

"ހުރިހައި ކަމެއްގައި ވެސް ޔޫސުފަކީ އަޅުގަނޑަށް ވަރަށް ބޮޑަށް އެހީތެރިވި މީހެއް. ވަކިން ޚާއްޞަކޮށް ކުދިން ތަރުބިއްޔަތުކުރުމުގައްޔާއި ގޭތެރޭގައި ކުރާ ހުރިހައި ކަންކަމެއްގައި ވެސް އަބަދުވެސް އަހަރެންނަށް ވަރަށް އެހީތެރިވާނެ. އެއީ ވަރަށް ހެޔޮލަފާ ފިރިއެއް" އުމަރު ޔޫސުފުގެ އަނބިކަނބަލުން ޢާއިޝަތު ޔޫސުފު ވިދާޅުވިއެވެ.

އުމަރު ޔޫސުފުގެ ޙަޔާތުން ވަރަށް ޚާއްޞަ އެހެންކަމެއް ވެސް ފާހަގަކުރެވުނެވެ. އުމަރު ޔޫސުފަކީ، ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫގެ ޔަތީމު ދެ ކުއްޖަކު ރަށަށް ގެނެސް އަމިއްލަ އުފަންދަރިންނާ އެކު އާއިލާގެ މެންބަރުންހެން ގެންގުޅުއްވި ފަރާތެކެވެ.

"އަޅުގަނޑުމެންނަކީ ތިލަދުންމަތީ ދެކުނުބުރީ ކުމުންދުއަށް އުފަން ކުމުންދޫ ބައެއް. އަޅުގަނޑުމެން ވަރަށް ކުޑަ އިރު، މަންމަ ނިޔާވެއްޖެ. ދެން އަޅުގަނޑާ އަޅުގަނޑުގެ ކޮއްކޮ، ސަކީނާއާ ދެކުދީން ގެނެސްގެން ޔޫސުއްބެ ބެލީ. އަޅުގަނޑުމެން ގެނައި އިރު އަޅުގަޑުގެ އުމުރުން ހަ އަހަރު. ސަކީނާ ކޮށްކޮއަށް ވާނީ ހަތަރު ފަސްވަރަކަށް އަހަރު. އެހައި ކުޑައިރު ގެނައި ގޮތަށް ޔުސުއްބެ ބެލީ. ޔޫސުއްބެގެ ދަމަފިރިން ވެސް އަޅުގަނޑުމެންނަށް ވަރަށް ރަނގަޅުވާނެ" ކުމުންދުއަށް އުފަންވި ނަމަވެސް މިހާރު ތުޅާދޫގެ ރައްޔިތަކަށްވެ ތުޅާދޫގައި ދިރިއުޅުއްވަމުން ގެންދަވާ ބ. ތުޅާދޫ، އުދަރެސް، އިބްރާހީމް ރަޝީދު ޢަލީ (ކުމުންދޫ އިބްރާހީމް) ވިދާޅުވިއެވެ.

your image

އުމަރު ޔޫސުފު، ނުވަތަ ބ. ތުޅާދޫ ކާމިނީއާގޭ ޔޫސުފު ޢުމަރުގެ ފާރާތުން ފާހަގަކުރެވޭ ހެޔޮލަފާ ރީތި ސިފަތަކަކީ ދުރުތިބީންނާއި ގާތްތިމާގެ މީހުން ވެސް ފާހަގަކުރާ ސިފަތަކެކެވެ. އުމަރު ޔޫސުފުގެ ރީތި އުޅުމާއި އަޚުލާގެވެ. ދަރިން ތަރުބިއްޔަތު ކުރެއްވުމުގައި ޢަމަލީގޮތުން ދެއްކެވި ރީތި ނަމޫނާއެވެ. ދީނީ ކަންކަމަށް ދެއްވި އިސްކަމެވެ. ދިރިއުޅުއްވުމަށް ކުރެއްވި ކޮންމެ ކަމެއްގައި ގެންގުޅުއްވި ސާފުތާހިރުކަމެވެ. ދުރުތީބީންނާއި ގާތްތިމާގެ މީހުންނާ މެދު ބެހެއްޓެވި ގާތްކަމެވެ. ޢާއިލާގެ އެންމެނާއެކު ވެސް ބޭއްވެވި ޢާއިލީ ގުޅުމެވެ. އެއީ ދިވެހިވަންތަ ދިރިއުޅުމަށް ލޯބިކުރެއްވުމާ އެކު، ކުރައްވާ ކޮންމެ ކަމެއް ވެސް ތަރުތީބުން ކުރެއްވެވި ފާޑުވެރިއެކެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
100%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ތުޅާދޫ ސްކޫލުގެ ޕީޓީއޭއިން މަސައްކަތު ދުވަހެއް ފާހަގަކުރަނީ
1 day ago 0 Comments
ލޯގޯ ފަރުމާކުރުމުގެ މުބާރާތުން 1ވަނަ މަތީނަށް
4 days ago 0 Comments
ވާދަމައިގެން މޮޅުވި ޓީމުތަކަށް ލިބުނު 21 ހާސް ރުފިޔާ އިޖުތިމާޢީ ޚިދުމަތަށް
5 days ago 0 Comments
ސިލްސިލާ ފުޓްބޯޅަ މެޗު ތުޅާދޫއަށް
5 days ago 0 Comments