
1947 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 01 ވަނަ ދުވަހު އުފަންވެ ވަޑައިގެންނެވި ރަޝާދުބެގެ ބައްޕައަކީ ބ. ތުޅާދޫ ހަޒާރުމާގޭ ޢަބަދުއްރަޙުމާނު ޢަލީ (ދޮންބެ އައްޔަ ރަޙުމާނު) އެވެ. ރަޝާދުބެއަކީ، ދޮންބެ އައްޔަ ރަޙުމާނުގެ ދޮށީ ފިރިހެން ދަރިފުޅެވެ. ރަޝާދުބެ ނިސްބަތްވާ ތުޅާދޫ ދޮންބެ އައްޔަ ޢާއިލާއަކީ ވެސް ތުޅާދޫގެ ނިސްބަތުން ކުޑަ ޢާއިލާއެއްނޫނެވެ. ރަޝާދުބެގެ ކާފަ، ދޮންބެއައްޔަގެ ބޭފުޅުންނަކީ، މޫސާ ޢަލީ (ދޮންބެއައްޔަ މޫސަ)އާއި ފާޠިމަތު ޢަލީ (ދޮންބެއްޔަ ފާޠުމަ)އާއި މުޙައްމަދު ޢަލީ (ދޮންބެއައްޔަ މުޙައްމަދު)އާއި ޢަބްދުއްރަޙުމާނު ޢަލީ (ދޮންބެއައްޔަ ރަޙުމާނު)އާއި ޢާއިޝަތު ޢަލީ (ދޮންބެއައްޔަ ޢައިސަ)އާއި ޞަފިއްޔާ ޢަލީ (ދޮންބެ އައްޔަ ސަންފަ)އާއި ޙުސައިން ޢަލީ (ދޮންބެ އައްޔަ ޙުސައިން)އެވެ.
ރަޝާދުބެގެ މަންމަ ފަރާތުގެ އާއިލާގެ ބައެއް މެންބަރުން. ފަހަތު ސަފުގެ ކަނާތްފަރާތުގައި ރަޝާދުބެ
ރަޝާދުބެގެ މަންމައަކީ ބ. ތުޅާދޫ ފިޔަޖަހާގޭ ފާޠިމަތު އަލީ (ތުޅާދޫ ބޮޑުގޭ އައްޔަބެގެ ކުދީންގެ ތެރެއިން ދިރިއުޅުމެއް ފަށްޓަވައި ކުދިން ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން އެންމެ ދޮށީ ދަރިފުޅު)އެވެ. ރަޝާދުބެއަކީ ފާޠިމަތު ޢަލީގެ ދެވަނަ ދަރިފުޅެވެ. ފުރަތަމަ ދަރިފުޅަކީ، ތުޅާދޫ މުރަނގަމާގޭ ޙައްވާ އިދުރީހެވެ. ރަޝާދުބެގެ އެއްބަނޑުގައި ހުރީ ހަމަ އެކަނި ޙައްވާ އިދުރީސް ނުވަތަ އަލީ އައްތައެވެ. ރަޝާދުބެ ނިސްބަތްވާ ބޮޑުގޭ ޢާއިލާ ނުވަތަ ފިޔަޖަހާގޭ ޢަލީ މޫސާއާއި ޢާއިޝަތު ޢަލީގެ ބޭފުޅުންނަކީ ރަޝާދުބެގެ މަންމަ، ފާޠިމަތު ޢަލީގެ އިތުރުން ދުންފިނިގޭ ޞަފިއްޔާ ޢަލީއާއި ފިޔަޖަހާގޭ ޔޫސުފު ޢަލީއާއި ގުލްބަހާރުގޭ ޙުސައިން ޢަފީފާއި ގުލްޝަނީގޭ ޢުމަރު ޢަލީއާއި ގުލިސްތާނުގޭ އުޘްމާނު ޢަލީއެވެ.
ރަޝާދުބެ ވަރަށް ތުއްތު އިރު، ރަޝާދުބެގެ މަންމަ، ފާޠިމަތު ޢަލީ ވަނީ ނިޔާވެފައެވެ.
ރަޝާދުބެގެ އެއްބަނޑުގައި ހުރި ހަމަ އެކަނި ޙައްވާ އިދުރީސް (އަލީ އައްތަ) އާއެކު
"އަޅުގަނޑު ވެސް އޭރު ވަރަށް ކުޑަ ވާނެ. އެކަމަކު ދައްތަ ނިޔާވި ހަނދާން އަޅުގަނޑު ވެސް ވޭ. ދައްތަ ނިޔާވި އިރު، ރަޝާދު ވަރަށް ކުޑަވާނެ. އެ ހަނދާން ރަނގަޅަށް ހުރޭ. ރަޝާދުގެ ވަރަށް ޅަފަތުގައި ދައްތަ ނިޔާވެއްޖެ" ރަޝާދުގެ މަންމަގެ އެއްބަނޑު އެއްބަފާ ބޮޑުބޭބެ، ތުޅާދޫގެ ކުރީގެ ބޮޑު ކަތީބު، ގާޒީ އުސްމާނު ޢަލީ ވިދާޅުވިއެވެ.
ރަޝާދުގެ އެހައި ޅަފަތުގައި މަންމަ ނިޔާވުމާ އެކު، އޭނާގެ ކިރުމަޔަކަށްވީ ބައްޕަ ފަރާތުގެ ބޮޑު ދައިތައެކެވެ. ފާޠިމަތު ޢަލީ (ދޮންބެއައްޔަ ފާޠުމަ)އެވެ. އެއީ ތުޅާދޫ ފިނިހިޔާގޭ ޢީސާ މޫސާގެ އަނބިކަނބަލުންނެވެ.
"ރަޝާދަށް ވުރެ ތިން އަހަރެއްވަރު އަޅުގަނޑު ދޮށިވާނެ. އެހެންވެ ފުރަތަމަ މަންމަ ގާތަށް ރަޝާދު ގެނައި ހަނދާނެއް އަޅުގަނޑު ނުހުންނާނެތާ. އެކަމަކު ހަނދާންވާން ފެށި އިރު ވަރަށް ގިނަ ވަގުތު ރަޝާދު އުޅޭނީ އަޅުގަނޑުގެ މަންމަ ގާތުގައި. އަޅުގަނޑުގެ މަންމައަށް ރަޝާދު ވެސް ކިޔާނީ މަންމަ. އަޅުގަނޑުމެންގެ މަންމަ ބުނެދިން ގޮތުގައި ރަޝާދު ވަރަށް ކުޑަ އިރު ރަޝާދުގެ މަންމަ ނިޔާވެއްޖެ. ދެން ރަޝާދު ބެލެހެއްޓީ އަޅުގަނޑުމެންގެ މަންމަ. ރަޝާދު ބަލަހައްޓަމުން ދިޔައީ އަޅުގަނޑުގެ މަންމައާއި މަންމަ އެއްބަނޑު އެއްބަފާ ޞަފިއްޔާ ޢަލީ (ސަންޕައްތަ)އާ ދެމީހުން. ކިރުތުނބުން ވީއްލި ފަހުން ރަޝާދު ނިންދަވަނީ ހަޒާރުމާގޭގެ އުތުރުން ހަޒާރުމާގޭގެ ގޯތި ތެރޭގައި ހުންނަ، ސަންޕަދައިތަ (ދޮންބެ އައްޔަ ސަންޕަ) ނިދަމުންދާ ބުލްބުލާގޭގައި ސަންޕަދައިތަ ގާތުގައި" ރަޝާދުގެ ބައްޕަ، ދޮންބެއައްޔަ ރަޙުމާނުގެ އެއްބަނޑު އެއްބަފާ ފާޠިމަތު ޢަލީގެ ދޮށީ ދަރިކަނބަލުން ޞަފިއްޔާ ޢީސާ ވިދާޅުވިއެވެ.
އެ ދުވަސްވަރު ރަށުގެ އެ އުމުރު ހުރިހައި ކުދީންނެކޭ އެއްފަދައިން ރަޝާދުބެގެ ވެސް ތަޢުލީމީ ޙަޔާތް ހޭދަކުރެއްވީ ތުޅާދޫ ސްކޫލުގައެވެ. ތުޅާދުއަކީ އެދުވަސްވަރު މަސްވެރިކަމުގެ ވަރަށް ޚާއްޞަ ރަށަކަށްވުމާ އެކު، ރަށުގެ ގިނަ ޒުވާނުންނެކޭ އެއްފަދައިން ރަޝާދު އެންމެ ފުރަތަމަ ކުރައްވަން ފެށްޓެވި މަސައްކަތަކީ މަސްވެރިކަމެވެ.
"އަޅުގަނޑުމެން މަހަށްދާން ފެށި އިރު ވެސް ރަޝާދު މަހަށްދޭ. އޭރު ރަޝާދަކީ މަހަށް ގޮސް އުޅުނު މަސްވެރިއެއް. އަދި އަޅުގަނޑުމެން އިސްވެ ރަޝާދުގެ ބައްޕަމެންގެ ދޯނިފަހަރު ދުއްވި އިރު ވެސް އަޅުގަނޑުމެންނާ އެކު ރަޝާދު މަހަށްދިޔަ" ރަޝާދުބެގެ އެއްބަފާ ފާޠިމަތު ޢަބުދުއްރަޙުމާނުގެ ފިރިކަލުން، ބ. ތުޅާދޫ/ އަލިގާ، ޢަބްދުއްރަޙީމް ދާއޫދު ވިދާޅުވިއެވެ.
ރަޝާދުބެ
ރަޝާދުބެ ފާހަގަކުރެވިފައިވަނީ ހަމައެކަނި މަސްވެރިއެއްގެ ގޮތުގައެއްނޫނެވެ. 1970ގެ އަހަރުތަކުގެ ތެރޭގައި ރާއްޖެއިން ބޭރުގައި ބޯޓުދަތުރުކުރެއްވި މީހެއްގެ ގޮތުގައި ވެސް ރަޝާދުބެ ވަނީ ފާހަގަކުރެވިފައެވެ.
"ދަތުރުކުރީ ކިހައި ދުވަހެއްގައި ކޮން ހިސާބެއްގައި ކަމެއް އަޅުގަނޑަކަށް ނޭނގެ. އަޅުގަނޑުމެން ކައިވެނި ކުރީ ރަޝާދު ރާއްޖެއިން ބޭރުން އައި ފަހުން" ރަޝާދުގެ އަނބިކަނބަލުން ޚަދީޖާ ޢަބޫބަކުރު ވިދާޅުވިއެވެ.
ރަޝާދުބެ ބޯޓް ދަތުރުކުރެއްވިކަމަށް އޭނާގެ ޢާއިލާގެ ބައެއް އެހެން މެންބަރުން ވެސް ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑުގެ ބައްޕައަކީ ކުރީގައި ސިލޯނަށް ދަތުރުކޮށް އުޅުނު މީހެއް. ބައްޕަގެ ފަރާތުން އަޅުގަނޑަށް މައުލޫމާތު ލިބުނުގޮތުގައި ރަޝާދުބެ ގޮވައިގެން ބައްޕަ ލަންކާ އަށް ދިޔަކަމަށް ވަނީ. ރަޝާދުބެ ބޯޓަށް އެރުވިކަމަށް ވަނީ ލަންކާ ބަދަރުން" ރަޝާދުބެގެ އެއްބަފާ ކޮއްކޮ، ޢަބުދުއްރަޙީމް ޢަބުދުއްރަޙުމާނު ވިދާޅުވިއެވެ.
ރަޝާދުބެއަކީ އެއް އިރަކުވެސް މަސައްކަތެއް ނުކުރައްވާ ހުންނަވާ ބޭފުޅެއް ނޫނެވެ. އަބަދުވެސް ކޮންމެ ވެސް މަސައްކަތެއްގައި ޝާމިލްވެ އުޅުއްވައެވެ. މަސްވެރިކަމާ ބޯޓް ދަތުރުކުރެއްވުމުގެ އިތުރުން އެކަށީގެންވާ މުއްދަތެއްގައި މާލޭގައި އުޅުއްވާފައިވެއެވެ.
"1970ގެ އަހަރުތަކުގެ ކުރީކޮޅު އަޅުގަނޑުމެން ވެސް އުޅުނީ މާލޭގައި. އޭރު ރަޝާދުބެ ވެސް އުޅުނީ ކަސްޓަމުގެ ވަޒީފާގައި. ކަސްޓަމުގައި ވެސް އެކަށީގެންވާ މުއްދަތެއް ވަންދެން ރަޝާދުބެ އުޅުނު" ބ.ތުޅާދޫ ވައިމަތީގޭ އަޙުމަދު އަބޫބަކުރު ވިދާޅުވިއެވެ.
"ކަސްޓަމުގައި ވަރަށް ގިނަ ދުވަހު ރަޝާދު އުޅުނު. އޭރު ބަރާބަރަށް ގެއަށް ބޭނުންވާ ހުރިހައި އެއްޗެއް ހަމަކޮށް އަބަދު ވެސް ފޮނުވާނެ. ކުދީންނަށް ބޭނުންވާ އެއްޗެހި ވެސް ބަރާބަރަށް ފޮނުވާނެ. ރަޝާދަކީ އަބަދުވެސް މަސައްކަތްކޮށްގެން ދިރިއުޅުނު މީހެއް" ރަޝާދުބެ ކަސްޓަމުގެ ވަޒީފާގައި މާލޭގައި އުޅުއްވި ދުވަސްތަކުގެ ހަނދާންތައް އާކުރައްވަމުން އަނބިކަނބަލުން ޚަދީޖާ އަބޫބަކުރު ވިދާޅުވިއެވެ.
ރަޝާދުބެ އަނބިކަނބަލުންގެ 65ވަނަ އުފަންދުވަސް ފާހަގަކުރުމުގެ ތެރެއިން
ރަޝާދުބެއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ވެސް މަސައްކަތްކުރެއްވި ފަރާތެކެވެ. ސޮނެވާފުށްޓާއި ކޮކާޕާމުގައި ވެސް ރަޝާދުބެ ވަނީ މަސައްކަތް ކުރައްވާފައެވެ.
"ސޮނެވާފުށީގައި ބައްޕަ މަސައްކަތް ކުރި ހަނދާންވޭ. އެ ރިސޯޓުގައި އުޅެފައި ޗުއްޓީގައި ބައްޕަ ރަށަށް އަންނަ ހަދާން ވަރަށް ބޮޑަށް ހުރޭ. އަދި އޭގެ ފަހުން ކޮކާޕާމް ރިސޯޓްގައި ވެސް ބައްޕަ މަސައްކަތް ކުރި. އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެ ރިސޯޓް ގައި ވެސް ބައްޕަ މަސައްކަތް ކުރީ ސްޓާފް ކެންޓީނުގެ ބަދިގޭބައިގައި" ބ.އަތޮޅު ފިނޮޅު ރިސޯޓުގެ ހައުސްކީޕިންގ ސްޕަވައިޒަރެއްގެ ގޮތުގައި މަސައްކައްކުރައްވަމުން ގެންދަވާ ރަޝާދުބެގެ ފިރިހެން ދަރިފުޅު، މުޙައްމަދު ރަޝާދު ވިދާޅުވިއެވެ.
ރިސޯޓުގައި މަސައްކަތް ކުރެއްވުން ނިންމާލައްވައި ރަށަށް ބަދަލުވެލެއްވުމާ އެކު މަސްވެރިކަމުގައި ޝާމިލްވެ އެ މަސައްކަތުގައި ވެސް ދެމި ހުންނެވިއެވެ.
"ބައްޕަގެ ރިސޯޓް ވަޒީފާ ދޫކޮށްލުމަށް ފަހު ރަށަށް ބަދަލުވެ މަސްވެރިކަން ކުރަން ފެށި. އޭރު ހުދުފަޅު އިބްރާހީމްބެމެން ހާމިދުބެމެންނާ އެކު މަސްވެރިކަމަށް ގޮސް އުޅުނީ. އެ ގޭ ދޯނި މަހަށް ދިއުން ހުއްޓާލަންދެން ބައްޕަ މަސްވެރިކަން ކޮށް އުޅުނު" ރަޝާދުބެގެ ދަރިފުޅު މުޙައްމަދު ރަޝާދު ވިދާޅުވިއެވެ.
މަސްވެރިކަމުން ދިރިއުޅުއްވުމަށް މަސައްކަތް ފެއްޓެވި ރަޝާދުބެ، ބޯޓް ދަތުރުކުރެއްވުމަށް ފަހު މާލޭގައި އެތައް ދުވަހަކު، ކަސްޓަމުގެ ވަޒީފާގައި އުޅުއްވައި ސޮނެވާފުށްޓާއި ކޮކާޕާމު ރިސޯޓްގައި މަސައްކަތް ކުރައްވައި ދިރިއުޅުއްވުން މުޅީން ރަށަށް ބަދަލުކުރެއްވި ހިސާބުން ރަޝާދުބެ ވަނީ، މުޅިން ތަފާތު މަސައްކަތެއް ފަށްޓަވާފައެވެ. ރާއްޖެއިން ބޭރާއި މާލެއާއި ރިސޯތްތަކުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވައި ތަފާތު އެތައް ތަޖުރިބާތަކެއް ކުރައްވާފައިވާ ރަޝާދުބެ ފެއްޓެވީ، ރަށަށް ޒިޔާރަތްކުރައްވާ ފަތުރުވެރިންނަށް އަމާޒުކޮށްގެން ކުޑަ ފިހާރައެއް ހިންގުމުގެ މަސައްކަތެވެ. އެންމެ އިހު ދިވެހީން ދިރިއުޅުމަށް ގެދޮރު އިމާރާތްކުރާގޮތަށް ދަނޑިފަނުން އުފެއްދި ކުޑަ ގެސްޓް ޝޮޕަކީ، ރަޝާދުބެގެ ދުރު ވިސްނުމުން ރަޝާދުބެގެ އަމިއްލަ ޚިޔާލަށް ފެށްޓެވި މަސައްކަތެއްކަމަށް ވެއެވެ.
"ދަނޑިފަނުން ހެދި ކުޑަކުޑަ ގެ ނުވަތަ ގެސްޓް ފިހާރައަކީ ބައްޕަގެ ދުރުވިސްނުމުން ފެށި ކަމެއް. އެ ކުޑަކުޑަ ގެސްޓް ފިހާރަ ޑިޒައިން ކޮށްފައިވަނީ އެންމެ އިހުދިވެހީން ދިރިއުޅުމަށް އަޅައި އުޅުނު ގެއެއް ގޮތަށް. ބޮޑުއަށްޓާއި ކުޑަ އަށްޓާ ދިމާ އެނދު ލައިގެން. އެންމެ ކުރީގެ މީހުން ދިރުއުޅުމުގައި އަތުހިފާ ގެންގުޅޭ ވަރަށް ގިނަ ސާމަނު އެ ފަންގޭގެ ތެރެއިން ފެންނަ ގޮތަށް. ހުނިގާނާ ހުނިގޮނޑި، ތަގަރި ހަނޑޫ ދޮންނަ ހުފޭ. ފުނޑާ ދައި، ހަވާދުތަޅާ ވަން ކަހަލަ ތަކެތި އެ ގޭތެރެއިން ފެންނަން ހުންނާނެ. އިހުދިވެހީންގެ ދިރިއުޅުން ހުރި ނެތްގޮތް، ބައްޕަގެ އެ ކުޑަކުޑަ ގެސްޓް ފިހާރައިން ސިފަކުރެވޭނެ. މީދޫ ފަދަ ރަށްރަށުން ކުދި ދޯނިފަހަރު ހަދައިގެން ގެނެސް އެ ފިހާރައިގާ ވިއްކަން ބަހައްޓާފައި ހުންނާނެ. ރަށުން ވެސް ބައެއް ކަހަލަ ތަކެތި ހަދައިގެން ވިއްކަން ބެހެއްޓި. އެކަމުން އެކަށީގެންވާ އާމްދަނީއެއް ބައްޕަ ހޯދި. 2009 ވަނަ އަހަރު ފެށި އެ ފިހާރައިގެ މަސައްކަތް ހުއްޓުނީ ކޮވިޑްގެ ތަދުމަޑުކަމާ ގުޅިގެން" ރަޝާދުބެގެ ދަރިފުޅު ޝިފްނާ ރަޝާދު ވިދާޅުވިއެވެ.
ދަނޑިފަނުން ރަޝާދުބެގެ އުފެއްދެވި ގެސްޓްޝޮޕްގެ އެތެރެ
ކޮވިޑްގެ ތަދުމަޑުކަމަށް ފަހު، އާމްދަނީ ހޯދުމަށް މާ ބޮޑު މަސައްކަތެއް ނުކުރައްވައެވެ. ރަޝާދުބެގެ އުފާވެރި ދުވަސްތަކަށް މަޑުޖެހުމެއް އައި ނަމަވެސް ރަޝާދުބެގެ ދިރިއުޅުއްވުމަށް މާބޮޑު ދައްޗެއް ކުރިމަތިވި ކަމަކަށް ނުވެއެވެ. ރަޝާދުބެގެ އުފާވެރި ހަޔާތަށް ކުރިމަތިވި ކަޅު ދުވަސްތައް ފެށިގެން ދިޔައީ ސްޓްރޯކެއް ޖެހުނު ހިސާބުން ކަމަށް ވެއެވެ.
"ކޮވިޑްގެ ފަހުން އާމްދާނީ ހޯދުމަށް މާ ބޮޑު މަސައްކަތެއް ބައްޕަ ނުކުރޭ. އެ ހިސާބުން ބައްޕަގެ ގިނަ ކުދިން ވެސް ބޮޑެތިވެ ވަޒީފާ އަދާކުރަން ފެށުމާއެކު ބައްޕަ ރަށުގައި މަޑުކުރީ. އޭރުވެސް ބައްޕަ ދިރިއުޅުމުގެ ކަންކަން ރަނގަޅު. ބައްޕަގެ ޙަޔާތަށް ކުރިމަތިވި އެންމެ ހިތްދަތިކަމަކަށްވީ ބައްޕައަށް ސްޓްރޯކެއް ޖެހި ބަލި ތަންމަތީގައި އޮންނަ ޖެހުން. ފުރަތަމަ ސްޓްރޯކް ޖެހުނީ 2022-07-12 ގައި. ދިރިއުޅުމުގެ ހިތްދަތި ދުވަސްތަކާ ކުރިމަތި ލާންޖެހުނީ އެ ހިސާބުން. އޭގެ ފަހުން ބައްޕަގެ ދިރިއުޅުމުގެ ހާލަތު އެއްދުވަހުން އަނެއްދުވަހަށް ދިޔައީ ދަށްވަމުން. ދެވަނަ ސްޓްރޯކް ޖެހުނީ 2026-01-31ގައި. " ރަޝާދުބެގެ އުފާވެރި ދިރިއުޅުން ބަދަލުވެގެން ދިޔަގޮތް ސިފަކޮށްދެއްވަމުން ރަޝާދުބެގެ ފިރިހެން ދަރިފުޅު މުހައްމަދު ވިދާޅުވިއެވެ.
ކޮންމެ މީހަކީ ވެސް އެ މީހަކު އަދާކުރައްވާ ވަޒީފާގެ ބާވަތުން ނުވަތަ ކުރައްވާ މަސައްކަތެއްގެ ގޮތުން އެ މީހެއްގެ ގައުމަށް، އަތޮޅަށް، ރަށަށް ކޮންމެވެސް ޚިދުމަތެއް އެ މީހެއްގެ ފުށުން ފޯރުކޮށްދީފައިވާނޭ މީހެކެވެ. ރަޝާދުބެ ވެސް ފާހަގަކުރެވެނީ ޢުމުރު ބޮޑު ބައެއްގައި ހިލޭ ސާބަހަށް މުހިއްމު ޚިދުމަތްތަކެއް ފޯރުކޮށްދީފައިވާ ފަރާތެއްގެ ގޮތުގައެވެ. 79 އަހަރު ދުނިޔޭގައި އުޅުއްވުމަށްފަހު ދުނިޔެ ދޫކުރެއްވި ރަޝާދުބެ ފާހަގަކުރެވިފައިވަނީ، އެންމެ ޒުވާން އިރުން ފެށިގެން ބަލި ތަންމަތީ އޮންނަން ޖެހުމާ ހަމައަށް ވަރަށް ގިނަ ބަޔަކަށް ބޯކޮށުމުގެ ޚިދުމަތް ފޯރުކޮށްދެވި ފަރާތެއްގެ ގޮތުގައެވެ. ބޯކޮށުމުގެ ޚިދުމަތަކީ ވަކި މީހަކަށް ވަކި ޢުމުރަކަށް ބެލުމެއްނެތި ރަޝާދުބެ ފޯރުކޮށްދެއްވި ޚިދުމަތެއްގެ ގޮތުގައި ގިނަބަޔަކު ވަނީ ފާހަގަކޮށްފައެވެ.
"ރަޝާދުބެއަކީ ވަރަށް ރީތިކޮށް ބޯކޮށާ މީހެއް. އެއީ ވަރަށް، ގަޔާވެގެން ކުރި ކަމެއް. ރަޝާދުބެ އެކަން ކުރީ ހިލޭސާބަހަށް. ރަޝާދުބެގާތަށް ދާ މީހަކު ބޯކޮށާނުދީ ދުލެއްނުކުރާނެ. ކޮންމެ ހުކުރުދުވަހެއްގެ ހުކުރު ކުރިއަކީ ރަޝާދުބެއަށް ޚާއްޞަވެފައިވާ ވަގުތެއް. ހެނދުނު ފަށާގޮތަށް ހުކުރަށް ދާންވަންދެން ރަޝާދުބެ ކަމަކީ އަންނަހާ މީހެއްގެ ބޯކޮށުން. ރަށުގައި އެންމެ ރީތިކޮށް ބޯކޮށާނީ ރަޝާދުބެ" ރަޝާދުބެގެ ކަންކަން ވަރަށް ގާތުން ދެނެވަޑައިގަންނަވާ ބ. ތުޅާދޫ، ކުދީނާގޭ މޫސާ ޢަބުދުﷲވިދާޅުވިއެވެ.
ރަޝާދުބެގެ އާއިލާ މެންބަރުންނާއެކު ދަތުރެއްގެ ތެރެއިން
"އަޅުގަނޑު ކިރިޔާ ހަނދާންވާ އިރު، ރަޝާދުބެ ފެންނަނީ ރަހުމާނުބެގެ ގޯތިން. އަޅުގަނޑު އެންމެ ކުޑައިރު ވެސް ރަޝާދުބެ ބޯކޮށައިދޭނެ. ރަޝާދުބެއަކީ ރަށުގެ ވަރަށް ގިނަ މީހުންގެ ބޯކޮށައިދިން މީހެއް. އަޅުގަނޑުމެންގެ ޢާއިލާގެ ވެސް އެންމެންގެ ވެސް ބޯކޮށާނީ ރަޝާދުބެ. އަޅުގަނޑުމެންގެ ދަރިންގެ ބޯވެސް ރަޝާދުބެ ކޮށި. ރަށުގައި ބޯކޮށާ ތަންތަން ހުޅުވައި، ވިޔަފާރީގެ އުޞޫލުން އެކަން ކުރަން ފެއްޓުމާ ހަމައަށް ރަޝާދުބެ ބޯކޮށައި އުޅުނު. އަޅުގަނޑުމެން އެންމެންނަށް ވެސް ރަޝާދުބެ އެކަން ކޮށްދިނީ ހަމަ ހިލޭސާބަހަށް" ބ. ތުޅާދޫ ކަރަންކާމާގޭ މުޙައްމަދު ޢަބުދުއްރަޙުމާނު ވިދާޅުވިއެވެ.
ރަޝާދުބެ ފާހަގަކުރެވިފައިވަނީ ތިމާގެ މީހުންނާއި ދުރުހިލޭ މީހުންނާއި ރައްޓެހިންނާ ބީރަށްޓެހިންނަށް ވެސް ވަރަށް ކަމޭހިއްތެވި އެހީތެރިއެއްގެ ގޮތުގައެވެ. އެންމެންނާ ވެސް ގުޅޭ ވަރަށް ހިތް ހެޔޮ މީހެއްގެ ގޮތުގައެވެ. މި ކަންކަން، ދުރުހިލޭ މީހުންނާއި ތިމާގެ މީހުންނާއި ޢާއިލާގެ އެންމެ ވެސް ފާހަގަކުރައްވައެވެ.
"ރަޝާދުބެއަކީ ދަންނަ މީހުންނާ ނުދަންނަ މީހުންނާ ވެސް ވަރަށް ގާތްކަން ބޭއްވި މީހެއް. އޭނާއަކީ ޞުލްޙައަށް ވަރަށް ލޯބިކުރި މީހެއް. މީހުންނާ ޒުވާބުކުރާ އަޑެއް ނީވޭނެ. މީހަކު ރުޅިއައިސްގެން އެއްޗެއް ބުންޏަސް ރައްދެއް ނުދޭނެ. މީހަކު ރުޅިއައިސްގެން އެއްޗެއް ބުނެފި ނަމަ ބަލާނީ އެތަނަކުން އަވަހަށް ދުރަށް ދެވޭތޯ. އެއީ ރަޝާދުބެގެ ފަރާތުން ވަރަށް ފާހަގަވާ ކަމެއް" ރަޝާދުބެއާ ވަރަށް ގާތުގައި ދިރިއުޅުއްވަމުން ގެންދެވި ބ. ތުޅާދޫ ވައިމަތީގޭ އަބޫބަކުރު އަޙުމަދު ވިދާޅުވިއެވެ.
"އެންމެ ކުޑައިރު ހަނދާންވަނީ ގެއަށް އައިސް އަޅުގަނޑުމެންގެ އަތުގައި ހިފައިގެން އުޅޭ ހަނދާން. އަޅުގަނޑު އެންމެ ކުޑައިރު، ބޮޑުގޭގެތެރޭގައި (ފިޔަޖަހާގެ ތެރޭގައި) އާއިލާގެ އެންމެން އެއްކޮށް ވަރަށް ގިނަ ވަގުތުހޭދަކުރެވުނު. އޭރުވެސް ބޮޑުގޭ ތެރޭގައި ވެސް ރަޝާދުބެ ވަރަށް ގިނައިން އުޅޭ ހަނދާންވޭ. އޭރު ވެސް ވަރަށް ހެޔޮވާނެ. ދުވަހަކުވެސް މީހަކު ދެކެ ރުޅި އައިސްގެން ހުއްޓައެއް ނުފެނޭ. އެންމެންނާ ވެސް ވަރަށް ގާތްކޮށް އުޅޭނީ. އެއީ ޢާއިލީ ގުޅުން ބަދަހި ކުރި މީހެއް. އެއީ މީހުންނަށް އެހީތެރިވެދީ އުޅުނު މީހެއް" ރަޝާދުބެއަށް ބޮޑުބެ ވިދާޅުވާ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޞާދިޤު ވިދާޅުވިއެވެ.
ރަޝާދުބެއަކީ އަމިއްލަ ޢާއިލާގެ މެންބަރުންނަށް ވެސް އާދަޔާ ޚިލާފަށް ހެޔޮކޮށް ހިއްތެވި ބޭފުޅެކެވެ.
ރަޝާދުބެއާއި އަންހެނުން ބައެއް ކުދިންނާ އެކު
އަޅުގަނޑުގެ މާމައަކީ ރަޝާދުބެގެ ދޮން މަންމަ. އެކަމަކު މާމަގެ އުފަންދަރިއެކޭ އެއްވެސް ތާފަތެއް ނުހުންނާނެ. މާމަ ބަލިވެ އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި އަޅުގަނޑުމެންގޭގައި އޮންނަތާ ވެސް މިހާރު ވަރަށް ދުވަސްވެއްޖެތާ. އެކަމަކު ގާވާޢިދުން މާމަ ގާތަށް ރަޝަދުބެ ޒިޔާރަތްކުރާނެ. މާމަގެ އުފަންދަރިއެކޭ އެއްވެސް ތަފާތެއް ނުވާނެ. ރަޝާދުބެ ބަލިވެ ގޮޑީގައި އިންނަން ޖެހުނު ފަހުން ވެސް މާމަގާތަށް ބަރާބަރަށް ޒިޔާރަތްކުރާނެ. މާމަގެ އުފަން ދަރީންނަށްވުރެ ވެސް މާމައަށް ރަޝާދުބެ މާ ރަނގަޅު" ރަޝާދުބެ އެއްބަފާ ފާޠިމަތު ޢަބުދުއްރަޙުމާނުގެ އަންހެން ދަރިފުޅު، ބ. ތުޅާދޫ އަލިގާ، ޒީނާ ޢަބުދުއްރަހީމް ވިދާޅުވިއެވެ.
ރަޝާދުބެގެ ހުރިހާ ކުދިން ވެސް ގަބޫލުކުރައްވާ ގޮތުގައި ރަޝާދުބެ ފަދަ ހިތްހެޔޮ ބައްޕައެއް އެހެން ބަޔަކަށް ނުލިބޭނެއެވެ. އެއްވެސް ކުއްޖެއް ތަފާތު ކުރުމެއް ނެތި ހުރިހާ ކުދީންނަށް ހަމަކޮށް ކަންކަން ކޮށްދެއްވުމުގައި އެކުދީންގެ ބައްޕައަކީ ނަމޫނާ ބައްޕައެއް ކަމުގައި އެ ކުދީން ގަބޫލުކުރައްވައެވެ. އެކަން އެ ކުދީންނެކޭ އެއް ފަދައިން އެ ކުދީންގެ މަންމަ ވެސް ޔަގީން ކުރައްވައެވެ.
"ބައްޕައަކީ ކުދީންނަށް ވަރަށް ރަނގަޅު މީހެއް. އެއީ އެއްވެސް ކުއްޖަކު ތަފާތުކުރުމެއް ނެތި ހުރިހާ ކުދީންނަށް ވެސް ކަންތައްތައް ކޮށްދިން ބައްޕައެއް. ބައްޕައަކީ އެންމެންނާ ވެސް ގުޅޭ ވަރަށް ހިތްހެޔޮ މީހެއް. އެއީ އާއިލީ ގުޅުން ދެމެހެއްޓި ނަމޫނާ ބައްޕައެއް. ބައްޕައަކީ ވަރަށް ހިތްތިރި ކެތްތެރި މީހެއް. ދުވަހަކު ވެސް އެއްވެސް މީހަކަށް ދީމާއަށް ހަޑިހުތުރު ބަހުން މުޚާޠަބު ކުރި އަޑެއް ދުވަހަކު ވެސް އަޅުގަނޑުމެން އަޑެއް ނާހަން" ބައްޕަ ސިފަކޮށްދެއްވަމުން ރަޝާދުބެގެ ދަރިފުޅު މުހައްމަދު ރަޝާދު ވިދާޅުވިއެވެ.
ރަޝާދުބެގެ އާއިލާގެ ބައެއް މެންބަރުން
"އެއީ ވަރަށް ތަފާތު ބައްޕައެއް. އެއްވެސް ކުއްޖަކު ތަފާތެއް ނުކުރާނެ. އަންނައުނު ހޯދާ އިރު ވެސް އެއްކުލައިން ހޯދާނީ. ކާއެއްޗެއް ހޯދިޔަސް ހުރިހާ ކުދީންނަށް ހަމަހަމަ ކުރާނެ. އަބަދުވެސް ކުދީންގެ ކަންކަން ފުރިހަމަ ކުރުމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭނެ. ބައްޕައަށް ލިބޭ އެއްޗަކުން ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް ވަރަށް އިސްކަންދިން. އެއީ އެންމެނާ ގުޅޭ އެންމެންނަށް ވެސް ވަރަށް ހެޔޮކޮށް ހިތި ވަރަށް ހިތްހެޔޮ ބައްޕައެއް" ރަޝާދުބެގެ ތިންވަނަ އަންހެން ދަރިފުޅު ޝިފްނާ ރަޝާދު ވިދާޅުވިއެވެ.
"ރަޝާދަކީ ހުރިހާ ކުދީންނަށާ އަޅުގަނޑަށް ވެސް ވަރަށް ހެޔޮކޮށް ހިތި މީހެއް. މަސައްކަތުގައި އުޅެފައި ގެއަށްވަނުމަށްފަހު ފުރަތަމަ ވެސް ބަލާނީ ކުދިން ކޮބާތޯ. ކާވަގުތު ޖެހުމުން ހުރިހާ ކުދިން ކައިފިތޯ ފުރަތަމަ ވެސް އަހާނީ. ކުދީން ނުކަނީހެއް އެއްފަހަރު ވެސް ނުކާނެ. ރަޝާދަކީ އަމިއްލަ މަސައްކަތުން ދިރިއުޅުން ކޮޅަށް ޖެހި މީހެއް. ދުވަހަކު ވެސް މީހުންގެ ގާތަށް އަތްދިއްކޮށް ސަލާންޖަހާކަށް ނުދާނެ. އަބަދުވެސް ލިބޭ އެއްޗަކުން ދިރިއުޅުން ހަމަޖައްސާނެ. އަޅުގަޑުމެން ދެ މީހުން ޙައްޖަށް ވެސް ދިޔައީ ރަޝާދު އަމިއްލަ މަސައްކަތުން ހޯދި ފައިސާއިން. އަދި ގެދޮރު އިމާރާތްކުރީ ވެސް ރަޝާދުގެ މަސައްކަތުން ހޯދި ފައިސާއިން. އެއީ ވަރަށް ހިތްހަމަޖެހޭ ކަމެއް. ރަޝާދަކީ ވަރަށް ކެތްތެރި މީހެއް. މީހުންނާ ވަރަށް ގާތްކަން ބާއްވައިގެން އުޅުނު މީހެއް. އެއީ އެންމެންނާ ވެސް ގުޅޭ ވަރަށް ހިތްހެޔޮ މީހެއް" ރަޝާދުބެގެ އަނބިކަނަބަލުން ޚަދީޖާ އަބޫބަކުރު ވިދާޅުވިއެވެ.

ރަޝާދުބެގެ ކެތްތެރިކަމާއި ހިތްތިރިކަމާއި ހިތްހެޔޮކަމުގެ ވާހަކަ ދައްކަވަނީ، ރަޝާދުބެގެ ބޭފުޅުންނާއި އަނބިކަނބަލުން އެކަންޏެއް ނޫނެވެ. ރަޝާދުބެގެ ޢާއިލާގެ މެންބަރުންނާއި ތިމާގެ މީހުން އެކަންޏެއް ވެސް ނޫނެވެ. ރަޝާދުބެއާ ބެހޭގޮތުން ސުވާލުކޮށްލެވުނު ކޮންމެ މީހެއްގެ ފަރާތުން ވެސް ލިބެނީ ހަމަ އެއް ޖަވާބެކެވެ. އިވުނީ އެއް އަޑުތަކެކެވެ. ރަޝާދުބެގެ ހިތްތިރިކަމުގެ ވާހަކައެވެ. ކެތްތެރިކަމުގެ ވާހަކައެވެ. ހިތްހެޔޮކަމުގެ ވާހަކައެވެ. އަމިއްލަ، ހަލާލު މަސައްކަތުން ދިރިއުޅުއްވަމުން ގެންދެވި ތާހިރު ދިރުއުޅުއްވުމުގެ ވާހަކައެވެ.