
ތުޅާދޫ ފުޓްބޯޅަ ދަނޑަކީ، އެންމެ ފުރަތަމަ، ތުޅާދޫ ކުޅިވަރު ކުލަބު (ތކކ) އިން ބޭނުންކުރަން ފެށި ދަނޑެކެވެ. އެއީ 1960ގެ އަހަރުތަކުގެ އެންމެ ކުރީކޮޅުގައި ވުޖޫދުވި ތުޅާދޫގެ ހުރިހައި ރައްޔިތުންހެން ހިއްސާވާ ގޮތެއްގައި އޭރުގެ ރަށުގެ ރައްޔިތުން ކުލަބެކެވެ. އެއީ އަތޮޅުތެރޭގައި ރަޖިސްޓްރީކުރި ފުރަތަމަ ކުލަބެވެ. ރާއްޖޭގެ ނިސްބަތުން ވެސް އެންމެ ދޮށީ އެއް ކުލަބެވެ. މި ކުލަބު އުފަންވެގެން އައީ ވެސް ރަށުގައި ފުޓްބޯޅައިގެ ފޯރި ގަދަވުމާ ވެސް ގުޅިގެންނެވެ. އެ ކުލަބުގެ ނަން ތުޅާދޫ ކުޅިވަރު ކުލަބުގެ ނަމުގައި އުފައްދަން ޖެހުނު މައިގަނޑު ސަބަބަކީ ވެސް އެއީއެވެ. އެ ކުޅިވަރު ދިރުވައި އާލާކުރުމަށް އެ ކުލަބު އިސްވެ އޮވެ ތަރައްގީ ކުރި ތުޅާދޫ ފުޓްބޯޅަ ދަނޑަކީ ތުޅާދޫ ދަރިވަރުން މިހާރު ކިޔަވަމުން އަންނަ ސްކޫލުގެ އިމާރާތް އަޅާފައި ހުރި ބިމެވެ.
ތުޅާދޫގައި އެ ދުވަސްވަރު ފުޓްބޯޅަ ކުޅުއްވައި އުޅުއްވި މީހުން ގަބޫލުކުރައްވާ ގޮތުގައި ތުޅާދޫގެ ފުޓްބޯޅައިގެ ފޯރި ގަދަވި އެއް ސަބަބަކީ ތުޅާދޫގެ ވެރިން، އެ ކުޅިވަރަށް އޮތް ލޯތްބާއި އެ ކަމަށް ދެއްވި ސަމާލުކަމުގެ އިތުރުން އަމަލީގޮތުން އެ ވެރިން ވެސް ފުޓްބޯޅަ ކުޅުއްވައި އުޅުއްވުމެވެ.

ތުޅާދޫ ދަނޑުގައި ކުރިއަށް ދިޔަ މެޗެއް ރަށުގެ ވެރީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުން ބައްލަވާލައްވަނީ
"އަހަރެން ދުށިން ތުޅާދޫގެ ވެރީން ވެސް އެ ފުޓްބޯޅަ ދަނޑުގައި ކުޅުއްވަނިކޮށް. ކަތީބު ޔޫސުފް މޫސާ ކުޅުއްވި. ޢުމަރު ކަތީބު ކުޅުއްވި. ޢަފީފު ކަތީބު ވެސް ކުޅުއްވި. ޢަބްދުއްރަހީމް ކަތީބާއި ބޮޑު އަހުމަދު ވެސް ކުޅުއްވި. އަދި އޭރު ހުރިހާ ވެރިންގެ އިތުރުން މަތީފަޑީގައި ތިއްބެވި ގިނަ މީހުންނަކީ ފުޓްބޯޅަ ކުޅުނު މީހުން. އެއީ ފުޓްބޯޅައަށް ވަރަށް ލޯބި ކުރި ބައެއް. އެ ޝައުގުވެރިކަމުގެ ތެރެއިން ތުޅާދޫ ކުޅިވަރު ކުލަބުން، ތުޅާދޫގެ ފުޓްބޯޅަދަނޑު ތަރައްޤީކުރުމުގެ ކަންކަން ވެސް އަސްލު ކުރިއަށް އެ ގެންދެވުނީ. އޭރު ކުޅިވަރު ކުލަބުގެ މަސްއޫލުވެރިއަކަށް ހުންނެވީ ކަތީބު ޔޫސުފް މޫސާ" ތުޅާދޫ ހިމެރި، އަލީ އިބްރާހީމް ހިއްސާކުރެއްވީ އޭނާ އެކަން ގަބޫލުކުރައްވާ ގޮތެވެ.
ޢަލީ އިބްރާހީމް ވިދާޅުވިގޮތުގައި އަލީމެން ކުޅިވަރުގެ ތެރެއަށް ހޭލައިގަތް ދުވަސް ވަރުގެ ކުރިން ވެސް ތުޅާދޫ ފުޓްބޯޅަ ދަނޑުން ފާހަގަކުރެވުނު މޮޅެތި ކުޅުންތެރީން ތުޅާދޫގައި ތިބިކަމަށެވެ. ސާދާގޭ ޢަބްދުލްގާދިރު މުޙައްމަދާއި ތަނޑިރަތްމާގޭ ރަޝާދު އަބޫބަކުރާއި ރިޔާޒު، ޢަބްދުއްރަހީމް އަބޫބަކުރާއި ސާމަރާގޭ ޔަޙުޔާ އިދުރީހާއި ޕިޔާނާގޭ ޢަބްދުއްރަޙްމާން މޫސާއާއި ކަންމަތީގޭ އަޙުމަދު އަބޫބަކުރު ފަދަ ކުޅުންތެރިންގެ ނަން އޭނާ ފާހަގަކުރެއްވިއެވެ. މި ދެންނެވި ކުޅުންތެރީންގެ ތެރެއިން މިއަދު ދުނިޔޭގައި ހުންނެވި ހަމައެކަނި ކުޅުންތެރިއަކީ ކަންމަތީގޭ އަޙުމަދު އަބޫބަކުރެވެ.
"އަހަރެމެން އެންމެ ޒުވާން ދުވަސްވަރު ވެސް އެ ކުޅިވަރު ކުޅެ އުޅުނިން. ކައިރީގައި އޮތް ހިތާދޫ މީހުންނާއި އެހެން ރަށްރަށުގެ މީހުންނާ އެކު ތުޅާދޫ ދަނޑުގައި މެޗުތައް ކުޅެއުޅުނީން. އެ ރަށްރަށަށް ގޮސް ވެސް ފުޓްބޯޅަ މެޗު ކުޅުނީން. އޭދަފުށްޓަށް ގޮސް ވެސް ކުޅުނީން. މާލެއަށް ގޮސްވެސް ކުޅުނީން. ތުޅާދޫގެ އެ ދަނޑަކީ ތުޅާދޫ ފުޓްބޯޅައިގެ ކާމިޔާބީތަކާ ގުޅިފައިވާ ދަނޑެއް އަބަދުވެސް" ތުޅާދޫ ފުޓްބޯޅަ ދަނޑުން ވިދާލި ޢަލީ އިބްރާހީމް (ކުންނާރު އައްޔަ) ވިދާޅުވިއެވެ.
ތުޅާދޫ ފުޓްބޯޅަ ދަނޑުން އޭރު މަޝްހޫރުވި ގިނަ ކުޅުންތެރިންނަކީ އަތޮޅުގެ އެހެން ޓީމުތަކަށް ހިފަހައްޓާލަން އުނދަގޫ ކުޅުންތެރިންނެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ ކުރީގެ ކަތީބު، އަޙުމަދު މުޙައްމަދު (ބޮޑު އަހުމަދު) އެވެ. ތުޅާދޫ ހިރިޔާ، އަޙުމަދު މުޙައްމަދަކީ އޭރުގެ އެންމެ މަޝްހޫރު ފޯވާޑެވެ. ފަހަތުގައި ދިފާއީ ކުޅުންތެރިންގެ ގޮތުގައި ކުޅުއްވި ހިމެރި، ޢަލީ އިބްރާހީމް (ކުންނާރު އައްޔަ) އާއި، ތަރިވިދާގޭ ދާއޫދު މުޙައްމަދު (ކުޑަބެ ދާއޫދު)ގެ އިތުރުން ކުރިއަށް ކުޅުއްވި ޢަބްދުއްރަޙީމް އިދުރީސް (ކޫދުބެ) ފަދަ އެތައް ކުޅުންތެރީންނެއް ތުޅާދޫ ދަނޑުން ފާހަގަކުރެވުނެވެ.
1970ގެ އަހަރުތަކަށް އެޅުނު އިރު ފުޓްބޯޅައިގެ ފޯރި ތުޅާދޫގައި ގަދަވެ ރަށު ފެންވަރުގައާއި އަތޮޅުފެންވަރުގެ ވާދަވެރި މެޗްތައް ކުޅެވި ފުޓްބޯޅައިގެ ފޯރި އިތުރުވުމާ އެކު ގައުމީ ފެންވަރުގައި ވާދަކުރުމަށް ތުޅާދޫގެ ޓީމެއް ވެރިރަށް މާލެއަށް ވެސް ދިޔައެވެ. އެއީ 1978ވަނަ އަހަރެވެ. އެއީ ފުޓްބޯޅަދަނޑުގައި ވިކްޓަރީ ސްޕޯޓްސް ކުލަބުން ރަސްކަންކުރަމުން ދިޔަ ދުވަސްވަރެވެ. އެ ދުވަސްވަރު މުޅި ރާއްޖޭގައި ވެސް އެންމެ މޮޅު ޓީމަކީ ގަލޮޅަށް ނިސްބަތްވާ ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ފުޓްބޯޅަ ޓީމެވެ. ތުޅާދޫ މަސްވެރީންގެ ޖަމިއްޔާ "ޖަމިއްޔަތުލް މުވާސާތު"ގެ ނަމުގައި ބައިވެރިވި ތުޅާދޫގެ ފުޓްބޯޅަޓީމު ގައުމީ ފުޓްބޯޅަ މުބާރާތުގައި ވާދަކޮށް، އެ އަހަރު ގަލޮޅު ދަނޑުގައި ތުޅާދޫ ޓީމަށް ކުޅެން ޖެހުނީ ވެސް ވިކްޓްރީ ސްޕޯޓްސް ކްލަބާއެވެ. މެޗް ނިމެން 5 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށް ވީ ނުވީއެއް ނޭނގޭ ކަހަލަ ގޮތަށް ބައިކޮޅަށް ވަން ހަމަ އެންމެ ގޯލާ އެކު ވިކްޓްރީ މޮޅުވެގެން ނިމުނު އެ މެޗުގައި ވެސް ތުޅާދޫ ފުޓްބޯޅަޓީމު ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
ތުޅާދޫއަކީ އޭގެ މާކުރިން ވެސް ވާދަވެރި ފުޓްބޯޅަކުޅެމުންދާ ރަށަކަށް ވާތީވެ ގަލޮޅު ދަނޑުގައި ތުޅާދޫ ޓީމު ހިފަހައްޓުލުންވީ، އޭރުގެ ރާއްޖޭގެ ޗެމްޕިއަނުންނަށް ވެސް ވަރަށް ދަތި ކަމަކަށެވެ. އެ ޓީމު ދަނޑަށް އެރީ ރަތް ޖާޒީއާ އެކު ބޫޓުގައެވެ. ތުޅާދޫ ޓީމު ކުޅުނީ ހުސްފަޔާއެވެ. އެ ތާރީޚީ މެޗުގައި ތުޅާދޫ ޓީމު 1-0 ން ބަލިވި ނަމަވެސް ތުޅާދޫގެ ފެންވަރު އެ މުބާރާތުން ޔަގީންވިއެވެ.
1978 ވަނަ އަހަރު ގައުމީ މުބާރާތުގައި ބައިވެރިވެ މާލޭގައި ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗުން ތުޅާދޫ ފުޓްބޯޅަ ޓީމު ބަލިވިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ވިކްޓަރީގެ ޓީމުގެ ބައެއް ކުޅުންތެރީން ތުޅާދޫއަށް ޒިޔާރަތްކޮށް އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ތުޅާދޫގައި ވެސް ކުޅެފައިވެއެވެ. މަސްވެރި ރަށެއްގެ ގޮތުގައި އޭރު މަޝްހޫރު ތުޅާދޫގެ ގިނަ ކުޅުންތެރިން އެ ދުވަހު ރަށުގައި ނެތުމުން މަޝްހޫރު އެތައް ކުޅުންތެރިއަކު ނުލައި ކުޅުނު އެ މެޗުން މޮޅުވީ ވެސް ތުޅާދޫއެވެ.
"އެ ދުވަހު ކުޅުނީ ތުޅާދޫއަށް އައި ވިކްޓަރީ ޓީމަކާއި ތުޅާދޫން ހޮވާލެވުނު ކުޅުންތެރިންގެ ޓީމެއް. އެ ދުވަހު އެ މީހުން އައީ ކުރިން އެއްވެސް އެންގުމެއް ނެތި. އެހެންވެ ބައެއް ކުޅުންތެރީން ރަށަކު ވެސް ނެތް. ނަމަވެސް އެ މެޗުން މޮޅުވީ ތުޅާދޫ ޓީމު. މޮޅުވީ 1-0ގެ ނަތީޖާއަކުން" އެ ދުވަހު ތުޅާދޫ ޓީމަށް ކުޅުއްވި މުރަކަ، ހުސައިން ޢަބްދުﷲ، އެ މެޗުގެ ހަނދާންތައް އާކޮށްދެއްވިއެވެ.
އެ ދުވަސްވަރު ފުޓްބޯޅައިގައި ފިޔަޖަހަމުން ދިޔަ އިތުރު ތަރިންގެ ތެރޭގައި ބަދިފަޅު، އަބޫބަކުރު މުޙައްމަދު (ނާރު ބަކުރު)އާއި މިރިހި ގަސްދޮށުގޭ ޢަބްދުއްރަޙްމާން ޔޫސުފާއި އަލިވާގޭ، ޙާމިދު އަބޫބަކުރާއި ޙުސައިން އިބްރާހީމް (ކުޑައައްތަ ހުސައިން) އާއި ނަޢީމް އިބްރާހީމް (ނަޢީމް ދޮންބެ)އާއި ވިލުދޮޅި، ޢަބްދުއްސައްތާރު އުސްމާނާއި އުއްސަކުރުގެ، ޢަބްދުއްރަޝީދު އަބޫބަކުރާއި މުޙައްމަދު އިސްމާޢީލް (ކާޑުބެ)އާއި އެވަރގްރީން، މުޙައްމަދު ޔޫސުފާއި ހުދުފަޅު، އިބްރާހީމް އަބޫބަކުރާއި ޗާންދަނީގޭ އިބްރާހީމް ރަޝީދާއި ކަފަމާގެ ހުސައިން ޢުމަރު (ޢީދު ހުސައިން) އާއި ރޯޝަނީގޭ މުޙައްމަދު ޒާހިރާއި ޗާންދަނީގެ ޙުސައިން ރަޝީދު ޔޫސުފު ފަދަ ކުޅުންތެރިން ފާހަގަކުރެވެއެވެ.

ތުޅާދޫ ދަނޑުގައި ކުޅުނު ތުޅާދޫ ޓީމެއް މެޗު ފެށުމުގެ ކުރިން ފޮޓޯއަކަށް ހުއްޓިގެން
ތުޅާދޫގައި މުޅިން އާ ރޫޙަކާ އެކު، ފުޓްބޯޅައިގެ ފޯރި އިތުރުވެ މުޅިން އާ ޖޯޝަކާ އެކު ކުޅެވެމުން ދިޔައީ 80ގެ އަހަރުތައް ފެށުނު ހިސާބުންނެވެ. އެއީ އެންމެ ފުރަތަމަ ރަށުގައި އުފެދުނު ތުޅާދޫ ކުޅިވަރު ކުލަބު އުވި ދިއުމަށް ފަހު، ތުޅާދޫ ސިލްވަރ ޝައިން ކްލަބު އުފެދި އޭގެ ފަހުން ތުޅާދޫ ސްޕޯޓްސް ކްލަބު ވެސް އުފެދި މި ދެ ކުލަބުގެ ވާދަވެރިކަން ފުޓްބޯޅައިގައި ފެށިގެން ދިޔަ ދުވަސްވަރެވެ. އެ ވާދަވެރި ދުވަސްވަރު، ކުޑަކުޑަ ތުޅާދޫގައި އޮތީ އެންމެ ދަނޑެއްކަމުން އެ ދަނޑުގައި ދެ ޓީމާއި ތުޅާދޫ މަދަރުސާގެ ކުދިން ޕްރެކްޓިސް ކުރުން ވީ ކުރިމަތިވި ވަރަށް ބޮޑު ދައްޗަކަށެވެ. އެހެނަސް ތުޅާދޫގެ ވެރިން ފުޓްބޯޅަ ކުރިއެރުވުމަށް ދެއްވާ ސަމާލުކަމެއްގެ ބޮޑުކަމުން ކޮންމެ ބަޔަކަށް ވެސް ދުވަސްތަކެއް ހަމަޖައްސަވައި ފަރިތަކުރެވޭނެ އިންތިޒާމުތައް ވެރިކަމުގެ ފަރާތުން ހަމަޖެއްސެވިއެވެ. އެއާއެކު ދެ ކުލަބުން ފުޓްބޯޅައަށް އިތުރު ހިތްވަރެއްލައި ޒަމާނީ ފުޓްބޯޅަ ދަސްކުރުމުގެ މަސައްކަތް ފެށިއެވެ. ގަވާއިދުން ދެ ކުލަބުގެ ފަރިތަކުރުންތައް ތުޅާދޫ ދަނޑުގައި ބާއްވައި ފުޓްބޯޅައިގެ ކާމިޔާބީތަކަކަށް އުންމީދު ކުރަންފެށިއެވެ.
"އަހަރެމެން ހަމައެކަނި ފުޓްބޯޅަ ކުޅުނީއެއް ނޫން. އަހަރެމެން ވީ ފުޓްބޯޅައަށް ވަރަށް ބޮޑު ގުރުބާނީއެއް. ދެ ކުލަބުގެ ކުޅުންތެރީން ވެސް އެ ކަމަށް ގުރުބާނީތަކެއްވި. އޭރު ކުޅުނީ މަސައްކަތްތަކެއް ކޮށްގެން. ބޮޑުމަގާ ވީ ފަޅިން ދީފުރަމުގެއާއި ގުލްޝަނީގެއާ ދިމާގައި ބޮޑު ދާގަނޑެއް ދަމަން. މިސްކިތާ ދިމާގައި ވެސް ބޮޑު ދާގަނޑެއް ދަމަން. ކޮންމެ ދުވަހަކު އެ ދާގަނޑު ދަމާފައި ކުޅެ ނިންމާފައި އެ ނަގަން. އެ ދާގަނޑު އަހަރެމެން ތައްޔާރުކުރީ ކަންވާރުން. އެ ދާގަނޑުގެ އުސްމިނުގައި 30 ހަކަށް ފޫޓް ހުންނާނެ. ހުޅަނގުކޮޅު ކުލަބުން ވެސް ކުޅެންވުމުން އެފަދަ ދާގަނޑެއް ކޮންމެ ދުވަހަކު ދަމާފައި ނަގާނެ. ކޮންމެ ބަޔަކު ކުޅުނަސް ކުޅުމުގެ ކުރިން އެތައް ކަމެއް އޭރު ކުރަންޖެހޭ." ތުޅާދޫ ކުޅުންތެރީންގެ ތެރެއިން މަޝްހޫރުވި އެއް ކުޅުންތެރިޔާ މުޙައްމަދު ޢުޘްމާން ހިއްސާކުރެއްވީ ތުޅާދޫ ފުޓްބޯޅަދަނޑުގައި އޭރު ކުޅެމުން ދިޔަ ހާލެވެ.
1986ވަނަ އަހަރާއި 1988ވަނަ އަހަރަކީ ފުޓްބޯޅައިގެ ތާރީޚުގައި ތުޅާދޫއަށް ޚާއްޞަ ދެ އަހަރެވެ. ރާއްޖޭގައި ބޭއްވުނު ފުރަތަމަ އަތޮޅު މުބާރާތާއި ދެވަނަ އަތޮޅު މުބާރާތުގައި ތުޅާދޫގެ ދެ ޓީމު ބައިވެރިވިއެވެ. އަތޮޅުގެ ވެރިރަށް އޭދަފުށީގައި ކުރިއަށް ގެންދިޔަ އެ މުބާރާތުގައި ތުޅާދޫން ބައިވެރިވި އެއް ޓީމަކީ ތުޅާދޫގެ ސިލްވަރ ޝައިން ކުލަބުގެ ޓީމެކެވެ. އަނެއް ޓީމަކީ ތުޅާދޫ ސްޕޯޓްސް ކުލަބުގެ ޓީމެވެ. އެ މުބާރާތުގައި ދެ ޓީމެއް ބައިވެރިވުމަކީ ވެސް ފުޓްބޯޅައިގެ ފޯރިއާއި ވާދަވެރިކަން ތުޅާދޫގައި އޮތް މިންވަރު އަންގައިދޭ ކަމެކެވެ. މި ދެ އަހަރު ވެސް އަތޮޅު ޗެމްޕއަންކަން ތުޅާދޫ ސްޕޯޓްސް ކްލަބް ހޯދި އިރު އެ ދެ އަހަރު ވެސް މުބާރާތުގެ ތިންވަނަ ޓީމަކީ ތުޅާދޫ ސިލްވަރ ޝައިން ކްލަބެވެ. އެއް ރަށުން ދެ ޓީމު ބައިވެރިވެ އެ ދެ އަހަރުގެ ބ. އަތޮޅު މުބާރާތުގެ އެއްވަނަ ޓީމާއި ތިންވަނަ ޓީމުގެ ގޮތުގައި ތުޅާދޫގެ ދެ ޓީމު ހިމެނިގެން ދިޔަ ދިއުމަކީ ވެސް ފުޓްބޯޅައިގައި ތުޅާދޫ ތަފާތުކަން އަންގައިދިން ކަމެކެވެ.
ތުޅާދޫގެ ފުޓްބޯޅައިގެ ކުރިމަގަށް މުހިންމު މަސައްކަތްތަކެއް ކުރެވިގެން ދިޔަ އެއް ހަރަކާތަކީ މާލޭގައި ތުޅާދޫ ކުދިންގެ ފަރާތުން އިންތިޒާމުކޮށްގެން ތުޅާދޫގައި ބޭއްވި ފުޓްބޯޅަ މުބާރާތެވެ. އެ މުބަރާތުގެ ސަބަބުން ރަށުގެ އެކި ދިމަދިމާއިގައި ފުޓްބޯޅަ ޓީމުތަކެއް އުފެދި ފުޓްބޯޅައިގެ ފޯރި އިތުރަށް ގަދަވެގެން ދިޔައެވެ.
"1985 ވަނަ އަހަރުން ފެށިގެން ތިން އަހަރުވަންދެން ކޮންމެ އަހަރަކު ބޮޑު ޗުއްޓީގައި މުބާރާތް ބޭއްވިން. އެއީ ފުޓްބޯޅައިގެ ފޯރި ތުޅާދޫގައި އިތުރުވެގެން ދިޔަ ކަމެއް. އެ މުބާރަތްތައް އަޅުގަނޑުމެންނަށް އެހައި ކާމިޔާބުކަމާ އެކު ގެންދެވުނީ އޭރުގެ ތުޅާދޫގެ ވެރިންގެ އެއްބާރުލުމާ އެހީތެރިކަމާ އެކު. ވަކިން ޚާއްޞާކޮށް ކަތީބު ޔޫސުފު މޫސާއަކީ އަޅުގަނޑުމެންނަށް އެ ކަމުގައި ވަރަށް އެހީތެރިވި ފަރާތެއް" އެ މުބާރާތް އިންތިޒާމުކޮށް ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި، ތުޅާދޫ ގުލްބަހާރުގޭ އިބްރާހީމް އަފީފު ވިދާޅުވިއެވެ.
މާލޭގައި ތިބި ތުޅާދޫ ކުދިން، ތުޅާދޫގައި ބޭއްވި ފުޓްބޯޅަ މުބާރާތުގެ ތެރެއިން
މާލޭގައި ތިބޭ ތުޅާދޫ ކުދިންގެ ފަރާތުން 1988 ވަނަ އަހރު ބޭއްވި މުބަރާތަށް ފަހު ޖެހިގެން އައި 1989ވަނަ އަހަރު ގައުމީ ފުޓްބޯޅަ މުބާރާތުގައި ތުޅާދޫގެ ފުޓްބޯޅަ ޓީމެއް ބައިވެރިވިއެވެ. އެއީ 1988 ވަނަ އަހަރު ބޭއްވި އަތޮޅު މުބާރާތް ވެސް ނިމުމާ އެކުއެކީގައެވެ. އެހެނަސް އެ އަހަރަށް ފަހު މެދު ކެނޑުމެއް އައެވެ. އެއީ ތުޅާދޫގެ ފުޓްބޯޅަ ދަނޑު އުވާލުމާ އެކު ފުޓްބޯޅައިގެ ރޫޙު މަޑުމަޑުން ނެތެމުން ދާން ވެސް ފެށުމާ ގުޅިގެންނެވެ. ތުޅާދޫގެ ތާރީޚީ ފުޓްބޯޅަ ދަނޑު ވުޖޫދުން ފުހެވިގެން ދިޔަ ނަމަވެސް ތުޅާދޫ ޒުވާނުންގެ ހިތްތަކުން ފުޓްބޯޅައަށް އޮތް ލޯބި ފިލައެއް ނުދެއެވެ. ތުޅާދޫ ޒުވާނުންގެ ގުޅުމުގެ ނަމުގައި އަނެއްކާ ވެސް ތުޅާދޫ ޓީމެއް ގައުމީ މުބާރާތުގައި ބައިވެރިވިއެވެ. ތުޅާދޫ ޒުވާނުންގެ ގުޅުމުގެ ނަމުގައި ބައިވެރިވި އެ ޓީމުވަނީ 1993 ވަނަ އަހަރު ތިންވަނަ ޑިވިޝަނުގެ ޗެމްޕއަންކަން ހޯދާފައެވެ. ތިންވަނަ ޑިވިޝަނުގައި ތުޅާދޫގެ ޓީމެއް ކުޅެމުން ދިޔައިރު ވެސް އަދި އޭގެ ފަހުން ވެސް ތުޅާދޫގެ ކުޅުންތެރިން ދިޔައީ ފުރަތަމަ ޑިވިޝަނުގައި ވެސް ފުޓްބޯޅަ ކުޅެމުންނެވެ. ހަނދުމަވަރުމަތީގޭ ޙުސައިން ޔޫސުފު، ސާމަރާގޭ އިބްރާހީމް ރަޝީދު، ވައިޖެހޭ އިބްރާހީމް އާމިރު، ޖަވާހިރުވާދީ އަޙުމަދު ހަމީދު، މީނާޒް އަލީ ފަރުހާދު ފަދަ ކުޅުންތެރިންނަކީ ރާއްޖޭގެ ފަސްޓް ޑިވިޝަނުން އޭރު ވެސް ފާހަގަކުރެވުނު ހުނަރުވެރި މޮޅު ކުޅުންތެއރިންނެވެ.
އޭގެ ފަހުން ވެސް ތުޅާދޫގެ ދަރިން ފަސްޓް ޑިވިޝަނުގައި ކުޅެމުން ދިޔައެވެ. ކާނިމާގޭ މުޙައްމަދު ތަސްނީމަކީ ފަސްޓް ޑިވިޝަނުގައި ގިނަދުވަސްތަކެއް ވަންދެން ކުޅުނު ތަޖުރިބާކާރު ކުޅުންތެރިއެއްގެ އިތުރުން ގައުމީ ޓީމުގައި ވެސް ހިމެނުނު ކުޅުންތެރިއެކެވެ. ޗާންދަނީގޭ ހައްމާދު ރަޝީދަކީ 23 އަހަރުން ދަށުގެ ގައުމީޓީމާ ހަމައަށް ހުރިހައި އުމުރުފުރާއެއްގެ ދިވެހި ގައުމީ ޓީމު ތަމްސީލުކުރި ކުޅުންތެރިއެއްގެ އިތުރުން ފަސްޓް ޑިވިޝަނުގައި ވެސް މޮޅު ކުޅުމެއް ކުޅުނު ކުޅުންތެރިއެކެވެ. އަދި ހަމަ އެ ދުވަސްވަރު ކާނިމާގޭ އަހުމަދު ތަސްނީމު ވެސް ފަސްޓް ޑިވިޝަނުން ފެނުނު އިރު ރަނައުރާގޭ ޢާދިލް ޢަބުދުއްރަޙުމާނަކީ ގިނަ ދުވަސްތަކެއް ވަންދެން އެއް ފެންވަރެއްގައި ފަސްޓް ޑިވިޝަނުގައި ކުޅުނު ހުނަރުވެރި ކުޅުންތެރިއެކެވެ. އަދި މަންޒިލް އަންޞާރު އިބްރާހީމް ވެސް ފާހަގަކުރެވިފައިވަނީ، އެކި އުމުރުފުރާތަކުގެ ގައުމީ ޓީމު ތަމްސީލް ކުރި ކުޅުންތެރިއެއްގެ އިތުރުން ސީނިއަރ ގައުމީޓީމަށް ވެސް ކުޅެފައިފައިވާ ކުޅުންތެރިއެއްގެ ގޮތުގައެވެ. އަދި ވަރަށް ފަހަކުން ލިބުނު ބޮޑު އަނިޔާއެއްގައި ކުޅުމާ ދުރަށް ދާންޖެހެންދެން އޭނާއަކީ ފަސްޓްޑިވިޒަނުގައި ކުޅުމުގެ އިތުރުން އެ އިރަކު އޭނާ ކުޅެމުންދާ ޓީމު ލީޑުކުރުމުގައި ވެސް ފަސްޓް ޑިވިޝަނުން ފާހަގަކުރެވުނު ލީޑަރެކެވެ.
ބިންކުޑަ ތުޅާދޫގައި ފުޓްބޯޅަ ކުޅެވޭނެ ބިންކޮޅެއް ނެތި އެތައް ދުވަހެއް ހޭދަވުމާ ގުޅިގެން ކުރިއަރަމުން ދިޔަ ފުޓްބޯޅައަށް ކުރިމަތިވި ހިތްދަތި ދުވަސްތަކަކަށްފަހު ސަރުކާރުން ތުޅާދޫގެ ބިން ހިއްކުމާ ގުޅިގެން ބިމުގެ ޖާގަ އިތުރުވުމާއެކު ރަށުގެ އެކި އެކި ދިމަދިމާއިން ޒުވާނުން އިސްނަގައިގެން ދަނޑުތަކެއް އަޅައި ކޮންމެ ވެސް ވަރަކަށް ވެލި ދަނޑުތަކުގައި ފުޓްބޯޅަ ކުޅެވެމުން ދިޔައެވެ. ރަށު ފެންވަރުގައި އެކި ވަރުވަރުގެ މުބާރާތްތަތައް ބޭއްވެމުގެ އިތުރުން ތުޅާދޫ ސްކޫލުގެ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތްތައް ބާއްވަމުން ދިޔަ އިރު ހުނަރުވެރި އެތައް ކުޅުންތެރިންނެއް އޭރު ވެސް ވަނީ އުފެދިފައެވެ.
ތުޅާދޫގައި އެންމެ ފަހުން ބޭއްވި ބޮޑު ފުޓްބޯޅަ މުބާރާތުން ފާހަގަކޮށްލެވުނު ޒުވާން ކުޅުންތެރީން
ތުޅާދުއަކީ އަބަދުވެސް ގިނަ ބަޔަކު މާލެއަށް ހިޖުރަކުރަމުންދާ ރަށެކެވެ. އަތޮޅުގެ ނިސްބަތުން މާލޭގެ އެކިއެކި ވަޒީފާތަކުގައާއި މާލޭގެ ސްކޫލްތަކުގައި ކިޔަވާ ކުދީންގެ ގޮތުގައި ތުޅާދޫގެ ޒުވާން ޖީލުގެ ބޮޑު އާބާދީއެއް މާލޭގައި އުޅޭ އިރު އަބަދުވެސް ތުޅާދޫ ޒުވާނުން ފުޓްބޯޅަ ކުޅެ އުޅެއެވެ. މާލޭގައި ބާއްވަމުން ދިޔަ ތަފާތު މުބާރާތްތަކުގައި ބައިވެރިވެ މާލޭގައި ވެސް ތުޅާދޫ ޒުވާނުން އައީ ތަފާތު ދައްކަމުންނެވެ. މި ދުވަސްތަކުގައި ފުޓަބޯޅައިގައި ތުޅާދޫ ތަމްސީލްކުރަމުން ދިޔަ އިރު، ޓީމުތަކުގެ ފަހަތުގައިވަނީ، ތުޅާދޫއަށް ނިސްބަތްވާ، ފުޓްބޯޅައަށް ލޯބިކުރި ވަކިވަކި ފަރުދުންނާއި އެ ފަރާތްތަކާ އެކުވެ އުޅުނު ތުޅާދުއަށް ނިސްބަތްވާ އެކުވެރި ކުދިކުދި ގްރޫޕްތަކާއި އަދި އެ ގްރޫޕްތަކުގެ ތެރެއިން އުފެދުނު ތުޅާދޫގެ ޒުވާނުންނަށް ނިސްބަތްވާ ކްލަބް ޖަމިއްޔާ ޖަމާއަތްތަކެވެ. މިގޮތުން 2010 ވަނަ އަހަރު އަޑިޕާކުގައި ބޭއްވުނު ފުޓްސަލް މުބާރާތަކީ އޭގެ ފެށުމެކެވެ.
"2010 ވަނަ އަހަރު އަޑިޕާކުގައި ބޭއްވި ފުޓްސަލް މުބާރާތުގައި އަޅުގަނޑު އިސްވެ ހުރެ ތުޅާދޫ ތަމްސީލްކުރިން. އެއީ 2010ގެ ވާރލްޑްކަޕް ކުރިއަށް ދިޔަ ދުވަސްކޮޅު. އެ މުބާރާތް ކުރިއަށް ގެންދިޔައީ ވާރލްޑްކަޕް ޝެޑިއުލާ އެއްގޮތަށް. ބައިވެރިވި 32 ތީމުގެ ތެރެއިން ކޮންމެ ޓީމަކަށް ދިނީ އެ އަހަރު ވާރލްޑް ކަޕުގައި ބައިވެރި ކޮންމެވެސް ޓީމެއްގެ ނަން. ތުޅާދޫ ޓީމަކީ ނައިޖީރިޔާ" ތުޅާދޫ ސީވީޑް މުޙައްމަދު ރިޔާލް ވިދާޅުވިއެވެ.
އޭގެ ފަހުން ވެސް ގިނަ ބަޔަކަށް ހުޅުވާލައިގެން މާލޭގައި ބޭއްވުނު ފުޓްސަލް މުބާރާތްތަކުގައި ތުޅާދޫ ވަނީ ތަމްސީލް ކޮށްފައެވެ.
"އަޅުގަނޑު އިސްވެހުރެ އެންމެ ފުރަތަމަ ތުޅާދޫ ނަމުގައި ބައިވެރިވި ފުޓްސަލް މުބާރާތަކީ 2014 ވަނަ އަހަރު ބޭއްވި އައިލޭންޑަރސް ކަޕްގެ ނަމުގައި ބޭއްވި މުބާރާތެއް. އަދި 2015 ވަނަ އަހަރު ވެސް އައިލޭންޑަރސް ކަޕް ގައި ބައިވެރިވިން. އެ ދެ މުބާރާތުން މާ އެދެވޭ ކާމިޔާބީއެއް ނުލިބޭ. އެހެނަސް 2015ވަނަ އަހަރު ބޭއްވި އިތުރު މުބާރާތެއްގައި ހަމަ އަޅުގަނޑު އިސްވެ ހުރެ ޓީމެއް ބައިވެރި ކުރިން. އެއީ ހއ.ކެލާގެ އައިޑިއާސްގެ ފަރާތުން މުޅި ރާއްޖެއަށް ހުޅުވާލައިގެން މާލޭގައި ބޭއްވި ފުޓްސަލް މުބާރާތެއް. ގްރޫޕް ސްޓޭޖުން މޮޅުވެ ކްއާޓަރ އިން ވެސް މޮޅުވެގެން ސެމީއަށް ދިޔަ. ސެމީގައި ޖެހުނީ އެ ދުވަސްވަރު ފުޓްސަލްގައި ރަސްކަންކުރަމުން ދިޔަ އެލައިޑް ޓީމާ. އެ ޓީމުގައި އޭރު ތިބީ މިހާރު ވެސް ފުޓްސަލްގައި އެންމެ މަޝްހޫރު ކުޅުންތެރިން. އޮންލީ، މުއްކި، ކީޕަރު ޒައިދާން، އަޔާޒް ފަދަ އެންމެ މޮޅެތި ކުޅުންތެރިން. ކޯޗަކަށް ހުރީ މިހާރު ވެސް ފުޓްސަލް ގައުމީ ޓީމުގެ ކޯޗް ނިޔާ. ސެމީގައި އެ މީހުންނާ ކުޅެ ތުޅާދޫ ޓީމު ބަލިވީ މެޗް ނިމެން 10 ވަރަކަށް ސިކުންތަށް ވެފައި ވަނިކޮށް އޮންލީ ޖެހި ހަމަ އެކަނި ގޯލަކުން. އެއީ އަޅުގަނޑުގެ ބެލުމުގެ ދަށުން ފުޓްސަލް ޓީމެއް ބައިވެރި ކުރި ތިންވަނަ ފަހަރު" އެދުވަސްވަރު ފުޓްސަލް މުބާރާތްތަކުގައި ތުޅާދޫ ތަމްސީލްކުރުމުގައި އިސްވެ ހުރި އަދި އޭރުގެ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ބޯޑު މެންބަރު، ބ.ތުޅާދޫ ހޭޒްލީން ޢަބްދުﷲ އަޒްމީން ވިދާޅުވިއެވެ.
ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސާ ހަވާލާދެއްވައި ސީވީޑް، މުޙައްމަދު ރިޔާލް ވިދާޅުވިގޮތުގައި ދިވެހިރާއްޖޭގައި ބާއްވަމުންދާ ފުޓްސަލް އެންމެ ބޮޑު މުބާރާތްކަމުގައިވާ ގޯލްޑަން ފުޓްސަލް ޗެލެންޖް ބާއްވަން ފެށީއްސުރެ މިއަދާ ޖެހެންދެން ހުރިހާ މުބާރާތެއްގައި ވެސް ތުޅާދޫ ޓީމެއްވަނީ ބައިވެރިވެފައެވެ.
2017ވަނަ އަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މުޅި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ ތުޅާދޫ އާފިގު ރަޝީދު.
"ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ނަމުގައި އެ މުބާރާތް ފެށުނީ 2015ގައި. އެ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް އަޅުގަނޑުގެ ބެލުމުގެ ދަށުން މި ހަތަރު އަހަރު ވެސް ތުޅާދޫގެ ނަމުގައި ޓީމެއް ބައިވެރިކުރުވިން. މި މުއްދަތުގެ ތެރޭގައި އެކަށީގެންވާ ކާމިޔާބީތަކެއް ވެސް ހޯދުނު. 2017 ވަނަ އަހަރު ބ. އަތޮޅުގެ ޗެމްޕިއަން ލިބުމުގެ އިތުރުން ޒޯން ޗެމްޕިއަންކަން ވެސް ލިބުނު. އަދި އެ އަހަރު ތުޅާދޫ ޓީމު ކެޓީ، ސެމީ ފައިނަލްގައި ސ. ހިތަދޫ ޓީމާ ކުޅެ ޕެނަލްޓީ ޖަހައިގެން. އަދި އެ އަހަރު މުޅި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ ތުޅާދޫ ޓީމުގެ އާފިގު ރަޝީދު. އަދި މުޅި މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންގެ ތެރޭގައި ވެސް އާފިގު ރަޝީދު ހިމެނުނު. އެ އަހަރު މުބާރާތުގެ ބެސްޓް ސަޕޯޓިންގ ޓީމަކީ ވެސް ތުޅާދޫ ފުޓްބޯޅަ ޓީމް" ތުޅާދޫ ސްކޫލުގެ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތްތަކުން ފާހަގަކުރެވުނު ހުނަރުވެރި ކުޅުންތެރިޔާ މުޙައްމަދު ރިޔާލް ވިދާޅުވިއެވެ.
ގޯލްޑެން ފުޓްސެލް ޗެލެންޖުގައި 2019ވަނަ އަހަރު ބައިވެރިވި ތުޅާދޫ ޓީމު
އަދި އޭގެ ފަހުން ވެސް ތުޅާދުއަށް ނިސްބަތްވާ އެކިއެކި ކްލަބް ޖަމިއްޔާ ޖަމާއަތްތަކުން ވެސް އައީ ފުޓްސަލް މުބާރާތްތަކުގައި ބައިވެރިވެ ތުޅާދޫ ތަމްސީލް ކުރަމުން ކަމަށް އަހުމަދު ނިޒާމު (ސީޑީ)ވިދާޅުވިއެވެ.
"2019 އަހަރު ޓާގެޓް ކޮމިއުނިޓީ ނަމުގައި އަޅުގަނޑުމެން ވެސް ބައިވެރިވިން. އެކަމުގައި ރިޔާލުމެންގެ ވަރަށް އިސްދައުރެއް އަދާކުރި" ޓާގެޓް ކޮމިއުނިޓީގެ ސެކްރެޓަރީ އަލީ މޫނިސް ވިދާޅުވިއެވެ.
ކޮވިޑާ ގުޅިގެން 2020، 2021 މުބާރާތް ނުބޭއްވި ދިއުމަށް ފަހު 2022ވަނަ އަހަރުއެ މުބާރާތުގައި ވެސް މުހައްމަދު ރިޔާލުގެ ބެލުމުގެ ދަށުން ޓީމެއް ވަނީ ބައިވެރިކޮށްފައެވެ.
"2023ވަނަ އަހަރާއި 2024 ވަނަ އަހަރު ބައިވެރިވީ ތުޅާދޫ ޔޫތު މޫވްމަންޓުގެ ނަމުގައި. އަދި 2025 ވަނަ އަހަރު ތުޅާދޫ ތަމްސީލްކުރީ ކްލަބް ޒެފާސް ނަމުގައި" އެ ތިން މުބާރާތް ކުރިއަށް ގެންދިއުމުގައި ވެސް އަޅުގަނޑު ހަރަކާތްތެރިވެ އުޅުނިން" ކްލަބް ޒެފާސް ގެ ރައީސް ޢަބްދުﷲ ޝައިބާން ވިދާޅުވިއެވެ.
ރާއްޖޭގައި ބާއްވާ ފުޓްސަލް މުބާރާތްތަކުގައި ތުޅާދޫ ބައިވެރިވަމުން ދިޔަ އިރު ބޮޑު ފުޓްބޯޅަ ކުރިއެރުވުމަށް ޓަކައި ވެސް މާލޭގައި ތިބި ތުޅާދޫގެ ކުޅުންތެރިން ދިޔައީ މަސައްކަތްތަކެއް ކުރަމުންނެވެ.
"ފުޓްސަލް މުބާރާތްތަކެކޭ އެއްފަދައިން ހަމަ އެ ދުވަސްވަރު އެވެންޗަރސް ސްޕޯޓްސް ކްލަބުން އަޅުގަޑުމެން ދިޔައީ ބޮޑު ފުޓްބޯޅައިގައި ވެސް ބައިވެރިވަމުން. ތިންވަނަ ޑިވިޝަނުގައި ޖެހިޖެހިގެން 6 އަހަރު އަޅުގަނޑުމެން ކުޅުނިން. އެއިން ކޮންމެ މުބާރާތެއްގައި ވެސް އަޅުގަނޑުމެން ވެސް ތަމްސީލްކުރީ ހަމަ ތުޅާދޫ. އެ ކަން ތުޅާދޫ ކައުންސިލަށް ވެސް އެނގޭނެ. 2024 ވަނަ އަހަރު މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި ގޯލްޑް ކަޕްގައި ވެސް އެވެންޗަރސް ބައިވެރިވީ ތުޅާދޫގެ ނަމުގައި" ފުޓްސަލް އެކޭ ގޮތަށް ބޮޑު ފުޓްބޯޅަ ކުރިއަށް ގެންދިއުމަށް ޓަކައި ވެސް ތުޅާދޫގެ ކުޅުންތެރިން މަސައްކަތް ކުރެއްވި ގޮތް އަޙުމަދު ނިޒާމް ވިދާޅުވެދެއްވިއެވެ.
ބޮޑު ފުޓްބޯޅާއިގައި އެވެންޗަރސް ސްޕޯޓްސް ކްލަބުގެ ފަރާތުން ތުޅާދޫ ތަމްސީލު ކޮށްދެނީ
ބޮޑު ފުޓްބޯޅަ ވެސް ތުޅާދޫއިން އުވި ނުދާކަމާއި ހުނަރުވެރި މޮޅު އެތައް ކުޅުންތެރިންނެއް މިހާރު ވެސް ތިބިކަން 2025 ވަނަ އަހަރު (މި އަހަރު) ކުރީކޮޅު ތުޅާދޫ ކައުންސިލުން އިންތިޒާމުކޮށްގެން "ތުޅާދޫ ފުޓްބޯޅާ މުބާރާތް" މި ނަމުގައި ބޭއްވި ބޮޑު ފުޓްބޯޅަ މުބާރާތުން ވެސް ވަނީ ކަށަވަރުވެފައެވެ. ރާއްޖޭގެ ނަން މަޝްހޫރު އެތައް ކުޅުންތެރިންނެއް ކުޅުނު އެ މުބާރާތުން އެންމެ ބޮޑަށް ފާހަގަވި ކަމަކީ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރޭގައި ވެސް ހުނަރުވެރި ގިނަ ކުޅުންތެރިން ތިބިކަމެވެ.
ތުޅާދޫ ތަމްސީލު ކުރި ޓީމެއް މެޗަށް އެރުމުގެ ކުރިން
ތުޅާދޫ ފުޓްބޯޅައިގެ ކާމީޔާބީގެ އެތައް ހަނދާންތަކަކާ ގުޅިފައިވި ތުޅާދޫ ފުޓްބޯޅަދަނޑު ނެތިދިއުމާ އެކު ފުޓްބޯޅައަށް ކުރިމަތިވި ހީނަރުކަމުގައި ދިގު މާޒީއެއް ވޭތުވުމަށް ފަހު އަނެއްކާ ވެސް މިހާރު މި ވަނީ ފުޓްބޯޅައިގެ އުއްމީދު އާލާވާން ފަށާފައެވެ. 2025ވަނަ އަހަރު ނިމިދިޔަ ބެޓަރ އިންބާ ފުޓްބޯޅަ މުބާރާތުގެ ސެމީގައި ރާއްޖޭގެ ފުޓްސަލް ޗެމްޕިއަން އޭދަފުށްޓާ ބައްދަލުކޮށް ކުޅުމުގެ ވަގުތު ހަމަވި އިރު ބައިކޮޅަށް ލަނޑެއް ނުވަނުމުގެ އިތުރުން މުޅި މެޗުގައި ވެސް ދެއްކި މޮޅު ކުޅުމުން، މާޒީގައި ތުޅާދޫ ފުޓްބޯޅައިން ހޯދައިދީފައިވާ ކަމީޔާބީ މިހާރު ވެސް ހޯދޭނެކަމާއި ފުޓްބޯޅައިގައި ތުޅާދޫ މިހާރު ވެސް ތަފާތުކަން މިވަނީ ދައްކައިދީފައެވެ.
"އެންމެ ފަހުން ނިމިދިޔަ ބެޓަރ އިން ބާ ފުޓްސަލް މުބާރާތުގައި ތުޅާދޫން ބައިވެރިވި ޓީމަކީ މިހާތަނަށް ފެނުނު އެންމެ ރަނގަޅު ޓީމު. އަހަރެންގެ ހަޔާތުގައި ވެސް ވަރަށް ގިނަ މެޗްތަކާ މުބާރާތްތައް ކުޅެވިއްޖެ. އެކަމަކު ބެޓަރ އިން ބާ ފުޓްސަލް ގެ ސެމީގައި އޭދަފުށްޓާ ކުޅެ ޕެނަލްޓީ ޖަހައިގެން ބަލިވި ދުވަސް އެއީ ފުޓްބޯޅައިގައި އަހަރެން މިހާތަނަށް އެންމެ ދެރަވި ދުވަސް. އެއީ އަހަރެމެންގެ ހަޔާތުގައި މިހާތަނަށް ތުޅާދޫ ޓީމަކުން ދެއްކި އެންމެ ރަނގަޅު ޕާފޯރމަންސް. އެދުވަހު ވަރަށް ދެރަވި. ތަފާތު މޮޅު ކުޅުމެއް ކުޅުނު ޓީމެއް އެއީ" ފުޓްބޯޅައަށް ވަރަށް ލޯބިކުރާ އަދި ފުޓްބޯޅަ ދިރުވުމުގައި ގިނަ މަސައްކަތެއް ކުރަމުންދާ ކުޅުންތެރިންގެ ތެރޭގައި މިހާރުވެސް ހިމެނޭ ހިމެނޭ އަހުމަދު ނިޒާމް ވިދާޅުވިއެވެ.
މި މުބާރާތުގައި ތުޅާދޫ ޓީމުގެ ދެއްކި މޮޅުކުޅުން، ވަރަށް ގިނަ ބަޔަކަށް ވަނީ ފާހަގަކުރެވިފައެވެ.
"ސެމީގައި އޭދަފުށްޓާ ކުޅެ ޕެނަލްޓީ ޖަހައިގެން ކެޓިޔަސް އެ މުބާރަތުގައި އެންމެ ރަނގަޅަށް ކުޅުނު އެއް ޓީމަކަށް ތުޅާދޫ ޓީމު ވާނެ. އެހެން ޓީމުތަކުން އެކަން ފާހަގަ ވެސް ކުރި" ތުޅާދޫ ޓީމުގެ މެނޭޖަރ އަދި ކައުންސިލް މެންބަރު އަޙުމަދު ޢާދިލްވިދަޅުވިއެވެ.
"ބެޓަރ އިން ބާ ފުޓްސަލަ މުބާރާތުގައި ތަފާތު މޮޅު ޓީމެއް ފެނިގެން ދިއުމުގައި މިފަހަރުގެ ތަފާތަކީ ތުޅާދޫގައި މިވަގުތު ތިބި ޒުވާނުންގެ ތެރެއިން ވެސް ވަރަށް ޒުވާން ހުނަރުވެރި އެންމެ ރަނގަޅު ކުދިން ބައިވެރިކޮށްގެން ޓީމު އެކުލަވައިލުން. ނިމިދިޔަ އަހަރުތަކާ ޚިލާފަށް މި ފަހަރު ޓީމުގެ ކުޅުންތެރިންގެ ހުނަރާއި އެ ކުދިން މޮޅު ކުޅުމުގެ އިތުރުން އެއިން ކޮންމެ ކުޅުންތެރިއެއްގެ ފަރާތުން ރަށު ލޯތްބެއް ފެނިގެން ދިޔަ. ކާމިޔާބު ހޯދައިދިނުމުގެ ރޫޙެއް މުޅި ޓީމުގެ ތެރެއިން ވެސް މި ފަހަރު ފެނުނު. އެއީ މި ފަހަރުގެ ޓީމުގެ ފަރާތުން ފެނުނު އެންމެ ބޮޑު ތަފާތަކީ" ޓީމުގެ ކުޅުމާ މެދު ފަޚުރުވެރިވަމުން ކައުންސިލްގެ ރައީސް އިބްރާހީމް ޢާދިލް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވިގޮތުގައި ކުރީ އަހަރާ ޚިލާފަށް މި ފަހަރު ޓީމު އެކުލަވައިލުމަށް ކުރެވުނު މަސައްކަތް ވެސް މާ ބޮޑަށް ވެސް ރަނގަޅުކަމަށާއި އެގޮތުން ރަނގަޅު ކޯޗެއް ވެސް މި ފަހަރު ހޯދުނުކަމަށެވެ.
"ކޯޗުގެ ހުރުމާއި ކެއުމުގެ އިތުރުން -/30000 ރުފިޔާ ކައުންސިލުން ހަމަޖެއްސިން. ކައުންސިލުން ބޭނުންވީ ޚަރަދުކޮށްގެން ވެސް ރަނގަޅު ކާމިޔާބީއެއް ހޯދޭތޯ ބެލުން. އެގޮތުން ފައިނަލްގައި ނުކުޅެވުނަސް އިރާދާކުރެއްވީތީ ޓީމު މި ފަހަރު ވަރަށް މޮޅު ކުޅުމެއް ދައްކައިދީފި. ކުރީ އަހަރު ވެސް ހުރި ކެޕްޓަން މިފަހަރު ވެސް ޓީމުގެ ކެޕްޓަނަކަށް ހުރީ. މިފަހަރު ޓީމު އެކުލަވައިލަން އުޅުނު އިރު ކެޕްޓަން ރަފާހުގެ އެޑްވައިސް އަކަށްވީ ކޯޗެއްގެ މުހިންމުކަން. ކުރީ ފަހަރު ފުރަތަމަ ބުރުގައި 6 މެޗް ކުޅުނު އިރުގައި 5 މެޗުން ބަލިވެގެން ދަނޑުން ފައިބައިގެން ދިޔަ އިރު ރަފާހުއާ ވާހަކަ ދައްކަލީމާ އޭރު ވެސް ރަފާހު ބުނީ މިއަދު ޓީމަށް އިހުސާސްވާނޭ ކޯޗެއްގެ މުހިންމުކަން. އެހެންވުމާ އެކު މި ފަހަރު ކައުންސިލުން އެންމެ ބޮޑު އިސްކަމެއް ދިނީ ރަނގަޅު ކޯޗެއް ހޯދަން. އެކަމުގެ ނަތީޖާ ވެސް ފެނުނު. އަޅުގަނޑުމެންނަށް މިފަހަރު މި ލިބުނީ ކާމިޔާބީއެއް ކަން އިހުސާސް ވެއްޖެ ސެމީގައި ޕެނަލްޓީން ބަލިވެގެން ދިޔައިމާ ވެސް ރަށު ރައްޔިތުން ނުކުމެ ބަދަރުމަތިން އެކީ ހޫނު މަރުހަބާއިން. ހަމަ ހަގީގަތުގައި ވެސް ހިއެއްނުކުރަން އެވަރުވާނެ ކަމަކަށް. އެހައި ބައިވަރު މީހުން ބަނދަރަށް ނުކުމެ ޓީމަށް މަރުހަބާކި." މިފަހަރުގެ މުބާރާތުން ރައީސަށް ކުރެއްވުނު އުފާވެރި އިހުސާސް އޭނާ ހިއްސާކުރެއްވިއެވެ.
މިހާރަނގަޅަށް މި މުބާރަތުގައި ޕާފޯމްކުރި ނަމަވެސް 2026ގައި ފެށުމަށް ހަމަޖެހިފައިވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ތުޅާދޫގެ ފުޓްބޯޅަ ޓީމެއް ބައިވެރިނުވުމަކީ ފުޓްބޯޅަށް ލޯބިކުރާ ތުޅާދޫގެ ކޮންމެ ރައްޔިތަކު ވެސް ކަންބޮޑުވާނެ ކަމަކަށް ވާނެއެވެ.
"އެންމެ ފަހުން ނިމިދިޔަ ބެޓަރ އިން ބާގެ ޓީމުގެ ޚަރަދުތަކަށް ބަލާއިރު އެއްލައްކަ ރުފިޔާ އަށްވުރެ މަތީގަ އުޅެނީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރަށުގެ ހުރިހާ ޖަމިއްޔާ ޖަމާއަތްތަކާއި ވިޔަފާރިވެރިންނާ ފޯރުންތެރިންނާ މި އެންމެންގެ އެހީތެރިކަމާ ހިއްޞާއާ އެކު މާލޭގައި އޮންނަ ގޯލްޑަން ފުޓްސަލްގެ މުބާރާތުގައި ވެސް ބައިވެރިވެ ކާމިޔާބު ހޯދުމަކީ އުނދަގޫ ކަމަކަށް ނުވާނެ. 2026ގައި ފެށޭ ގޯލްޑަން ފުޓްސަލް އަކު ރަށު ޓީމު ބައިވެރިއެއް ނުވޭ، އެކަން ވަރަށް ބޮޑަށް ގޯސްވެފައި އޮތީ. އެ މުބާރާތުގައި އެއް އިރަކު ވެސް ކައުންސިލަކުން ނޫން ބައިވެރިވަނީކީ. މިހާތަނަށް ވެސް އެ މުބާރާތުގައި ބައިވެރިވަނީ ކޮންމެވެސް ކްލަބަކުން ނޫނީ ޖަމިއްޔާ އަކުން" ނިމިދިޔަ ބެޓަރ އިން ބާ ގައި ތުޅާދޫ ތަމްސީލްކުރި ޓީމުގެ މެނޭޖަރ ވިދާޅުވިއެވެ.
ތުޅާދޫގެ ފުޓްބޯޅަ ކުރިއަރަމުން އަންނަތަން ފެނި އެކަމާ އުފާވާ ވަރަށް ގިނަ ބަޔަކު އެބަ ތިއްބެއެވެ. މާލޭގައި ބޭއްވި ދިޔަ ގިނަ މުބާރާތްތަކެއްގައި ތުޅާދޫ ނަމުގައި އެކި ފަހަރު މަތިން ތުޅާދޫގެ ޓީމުތައް ބައިވެރިކުރުވުމުގައި އިސްކޮށް އުޅުއްވި އަބުދުﷲ އަޒުމީނާއި މުހައްމަދު ރިޔާލާއި އަހުމަދު ހަމީދު ވެސް އިއްތިފާގުވާ ގޮތުގައި ތުޅާދޫ ފުޓްބޯޅައިގެ މުސްތަގުބަލް އެބަ އޮތެވެ. ތުޅާދޫއަށް މަދުވަނީ ތަށްޓެކެވެ. އެ ފަރާތްތަކުގެ ވާހަކައަށް ބަލާއިރު ތަށި ހޯދުމަށް ޓަކައި ވަކި ކަންތައްތަކެއް ވަކި ގޮތަކަށް ރޭވި އިންތިޒާމުވާން އެބަ ޖެހެއެވެ.
"ކާމިޔާބު ހޯދޭނީ ފުޓްބޯޅަ ކުޅެން ބޭނުންވާ ކުޅުންތެރިން ކުޅެގެން. ކުޅުންތެރިއެއް ވެއްޖިއްޔާ ފުޓްބޯޅައަށް ލޯބި ހުންނަންވާނެ، އެ ކުޅުންތެރިޔަކު އަމިއްލައަށް ފުޓްބޯޅަ ކުޅެން ބޭނުންވާންވާނެ. ދެވަނަ ކަމަކީ ފުޓްބޯޅާއިގެ ތަޖުރިބާ ހުރި ފުޓްބޯޅައިގެ ހުނަރުހުރި، ފުޓްބޯޅައިގެ ޑިސިޕްލިންގ ހިފަހައްޓައިގެން ކުޅުންތެރިން ބައްޓަންކުރަން އެނގޭ ކަހަލަ ކޯޗިންގސްޓާފުންގެ ޓީމެއް، ޓީމާއެކުގައި ތިބެންވާނެ. ހިތްނުތަނަވަސްވާ ވަގުތުތަކުގައި ވެސް ހަމައިން ނައްޓައިގެން ނުދާ ކަހަލަ ޓީމެއް ބެންޗުގައި ތިބެންވާނެ. ތިނަވަން ކަމަކީ އެއްވެސް ޕްރެޝަރެއްނެތި ކުޅުންތެރިން ތިބެންވާނެ. އަދި ކާމިޔާބު ހޯދުމަށް ޓަކައި ކުޅުންތެރިން ބޭނުންވާ ކަންކަން ހަމަޖެހިފައި ހުންނަންވާނެ" ތުޅާދޫ ފުޓްބޯޅައިގެ ޚިދުމަތްތެރިއެއްގެ ގޮތުގައި ފާހަގަކުރެވޭ އަޙުމަދު ހަމީދު ވިދާޅުވިއެވެ.
އަޙުމަދު ޙަމީދު އެ ވިދާޅުވި ވާހަކައަށް ބާރުލިބިދޭހެން އަބްދުﷲ އަޒްމީން ވެސް އެކަން ތަކުރާރު ކުރެއްވިއެވެ. އަދި އެ ވާހައިގެ އިތުރަށް ވެސް ބައެއް ވާހަކަތައް އަޒްމީން ހިއްސާ ކުރެއްވިއެވެ.
"ތަށްޓެއް ހޯދުމަށް އެދިގެން މަސައްކަތް ކުރާ ނަމަ ކުޅުންތެރިން ވެސް އިތުރަށް ޑިސިޕްލިންވާން އެބަ ޖެހޭ. އަދި ހެޑްކޯޗަށް ފަންނީލަފާދީ އެހީތެރިވެވޭނެ ފަދަ ރަނގަޅު ލީޑަރޝިޕެއް ޓީމުގޮވައިގެން އުޅެން އެބަ ޖެހޭ. އެވަރުގެ މެނޭޖްމަންޓެއް ޓީމުގެ ބެންޗުން ފެންނަން އެބަ ޖެހޭ. މުހައްމަދު ތަސްނީމު، ރަނައުރާ ޢަދީލްމެން ފަދަ ކުޅުންތެރިން، ހެޑްކޯޗަށް އެހީތެރިވެދޭން ތުޅާދޫޓީމުގެ ބެންޗުގައި ތިބުމަކީ މުހިންމު ކަމެއް" ތުޅާދޫ ނަމުގައި ގިނަ މުބާރަތްތަކެއްގައި ޓީމު ބައިވެރިވި އިރު އިސް ދައުރެއް އަދާކުރެއްވި އަޒްމީން ވިދާޅުވިއެވެ.
ގޯލްޑެން ފުޓްސެލް ޗެލެންޖުގެ ތަށްޓާއެކު
ފުޓްބޯޅައާ ގުޅޭ ތާރީޚީ މި ރިޕޯޓް ހެދުމުގައި ތުޅާދޫ ޓައިމްސްގެ ފަރާތުން ބައްދަލުކުރި ގިނަ ކުޅުންތެރިންނާ ފުޓްބޯޅައިގެ ހުނަރުވެރިންނާ މި އެންމެން ވެސް އެއްބަސްވާ އެއް ކަމެއް ފާހަގަވިއެވެ.
އެ ފަރާތްތަކުން ފާހަގަކުރައްވާ ގޮތުގައި ކައުންސިލުން ވާންވީ، މުބާރާތްތަކުގައި ބައިވެރިވެވޭނެ ގޮތްތައް ރާވައި އިންތިޒާމު ކޮށްދޭނެ ފަރާތަކަށެވެ. އެ ކަންކަން ޢަމަލީގޮތުން ކުރިއަށް ގެންދިއުމުގެ ހުރިހާ ކަމެއް ހަވާލުކުރަންވީ ރަށުގައި ތިބި ރަށަށް ނިސްބަތްވާ އެ ދާއިރާގެ މީހުންނާއެވެ. އޭރުން ކައުންސިލް އިސްވެ އޮވެ އެންމެން ހިއްސާވާހެން އެ ކަންކަން މާ ރަނގަޅަށް ކުރިއަށް ގެންގޮސް އެންމެ ފުރިހަމަ ކާމިޔާބީ ވެސް ހޯދަން މާ ބޮޑަށް ވެސް ފަސޭހަވެގެން ދަނޭކަމަށް އެ ފަރާތްތަކުން ގަބޫކުރައްވައެވެ. އެ ފަރާތްތަކުގެ ވިސްނުމާ، ތުޅާދޫ ޓައިމްސްގެ ފަރާތުން ވާހަކަ ދައްކާލެވުނު ކައުންސިލުގެ މެންބަރުންގެ ވިސްނުމާ ވެސް ވަރަށް އެއްގޮތެވެ.
ބެޓަރ އިން ބާ ގައި ވާދަކުރި ތުޅާދޫ ޓީމު
"އަޅުގަނޑުމެންގެ ވިސްނުމަކީ ކުރިއަށް އޮތް ހުރިހައި މުބާރާތްތަކެއްގައި ވެސް ކައުންސިލުން އިސްނަގައިގެން މުޅިރަށް ހިއްސާވާހެން ބައިވެރިވުން. އެ ގޮތުން ކުރީބައިގައި ދުރާލާ ބައިވެރިވާން ނިންމާ އެ ކަމަށް ތައްޔާރުވުން. އެ ގޮތުން ސްޕޮންސަރ ވެސް ހޯދުމަށް ތައްޔާރުކުރަންޖެހޭ ޕްރޮޕޯސަލް ތައްޔާރުކަށް އެކި ފަރާތްތަކަށް ހުށަހެޅުމައި އިދާރީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ވެސް ދުރާލައި ކޮށް ނިންމުން. މި ވިސްނުމުގައި އަންނަ އަހަރު ކަންކަން ކުރުމުގެ ބޭނުމުގައި ފެހެންދޫ ކައުންސިލަށް ގުޅާލައި މައުލޫމާތު ހޯދާލީ ވެސް. އެގޮތުން މައުލޫމަތު ހޯދާލި އިރު ނިމދިޔަ އަހަރު އެ މީހުންގެ ޚަރަދުތަކަށް ވެސް ހިނގާފައި ހުރިކަމަށްވޭ އަށްލައްކަ ރުފިޔާ ވަރު. އެއީ ކުޅުންތެރިން ހޯދުމާ ކުޅުންތެރިން މާލޭކޮޅުގައި ބޭތިއްބުމާ ސަޕޯޓަރުން ރަށުން މާލެ ގެންދިއުމާ މި ހުރިހާ ކަމަކަށް އަށްލައްކަ ރުފިޔާ ވަރު ޚަރަދުކޮށްފައި ހުރިކަމަށް އެބަވޭ. އެހެން ވެއްޖިއްޔާ އަޅުގަނޑުމެން އެބަ ޖެހޭތާ އެ މުބާރާތަށް ވަރަށް ކުރިން ތައްޔާރުވަން. އަދި މި އަހަރު އަޅުގަނޑުމެންގެ ދައުރު ނިމި އެހެން ބަޔަކު ހޮވުނު ނަމަވެސް އެ ފަރާތަކަށް އަޅުގަނޑުމެންނަށް ވެވުނު ވަރަކުން އެހީތެރިވާނަން. ރަށުގެ މިފަދަ ކޮންމެ ކަމެއްގައި އަޅުގަނޑުމެންގެ އެއްބާރުލުން ދޭނަން" ކައުންސިލްގެ ރައީސް އިބްރާހީމް އާދިލް ވިދާޅުވިއެވެ.
ތެދެކެވެ. މާޒީގައި ތުޅާދޫ ފުޓްބޯޅައިގައި ހޯދާފައިވާ ކާމިޔާބީ ތަކުރާކޮށް، ފުޓްބޯޅައިގައި ތުޅާދޫއަކީ އަބަދުވެސް ތަފާތު ރަށެއްކަން ދެއްކޭނީ އެންމެން އެކުވެގެން މަސައްކަތް ކޮށްގެންނެވެ. ސިޔާސީގޮތުން ޚިޔާލުތަފާތުވިޔަސް ރަށް ތަމްސީލްކޮށް ރަށުގެ ކުޅިވަރު ކުރިއެރުވުމަށް ޓަކައި ކުރިއަށްގެންދެވޭ އިޖުތިމާއީ މިފަދަ ހަރަކާތްތައް ހިންގޭނީ ޚިޔާލުތަފާތުވުން ނައްތާލައިގެންނެވެ. އެއީ ކޮންމެ މީހަކު ވެސް ބޭނުންވާ ގޮތެވެ. ތުޅާދޫ ކޮންމެ ރައްޔިތަކު ވެސް އަމަލުން ދައްކައިދިން ގޮތެވެ. ނިމިދިޔަ ބެޓާރ އިން ބާ ފުޓްސަލްމުބާތުން ވެސް އެކަން އެ ވަނީ ސާބިތުކޮށްދީފައެވެ. އަދި މި ފަދަ ޙަރަކާތްތަކުގައި އެންމެން ބައިވެރިކުރެވޭނީ ކައުންސިލުން އިސްނަގައިގެންކަން ނިމިދިޔަ ބެޓަރ އިން ބާ ފުޓްސަލް މުބާރާތުގެ ތަޖުރިބާއިން އެ ވަނީ ޔަގީންވެފައެވެ. އެ ޔަގީންކަމުން ބުނެދެނީ ފުޓްބޯޅައިގައި ތުޅާދޫ ތަފާތުކަން، މާޒީގައި ދެއްކިފަދައިން މާދަމާ ނުދެއްކެންވީ އެއްވެސް ސަބަބެއް ނެތްކަމެވެ.