ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ރިޕޯޓު

ނޮވެންބަރު3ގައި ފާހަގަކުރެވުނު ކުޑަ ޝަފީޤުގެ ބޮޑު ޚިދުމަތް

އޭނާ ފުލުސް އޮފީހާ ގުޅުނު އިރު ފުލުސް އޮފީހުގެ އިރުމަތީގޭޓް ހުންނަނީ ކޮނޑާހަމައަށް އަރާ ފާރުބުރިއެއް ރާނައި އެތެރޭގައި ބިއްލޫރި ދޮރެއް ލާފައެވެ. އެ ތަނުގައި އެ ބިއްލޫރި ދޮރު ހުންނާތީ އެއީ އެހައި ރައްކާތެރިކަމެއް ނޫންކަން އެ އޮފީހާ އަލަށް ގުޅުނު އެ ޒުވާނާއަށް ވިސްނުނެވެ. އެ ވިސްނުމުގައި އެ ބިއްލޫރި ދޮރު ބަދަލުކުރުމުގެ ވާހަކަ އޭރުގެ މޭޖަރެއްގެ މަގާމުގައި ހުންނެވި ކޮމިޝަނަރ އޮފް ޕޮލިސް އާދަމް ޒާހިރަށް އެ ވާހަކަ ދެންނެވުމަށްޓަކައި އެ މަނިކުފާނުގެ އަރިހަށް 4 ޒުވާނަކު ވަޑައިގެންނެވިއެވެ. އޭގެ ނަތީޖާއަކީ އެ ބިއްލޫރި ދޮރު ބަދަލުކޮށް ދަނގަޑުން ހަދާފައިވާ ދަމާ ގޭޓެއް އެ ތަނުގައި ހަރުކުރުމެވެ. އެ ބަދަލު ގެނައިތާ ކުޑަ ދުވަސްކޮޅެއް ވީތަނާހެން ނޮވެންބަރު 3ގެ ހަމާލާއާ ދިވެހިރާއްޖެ ކުރިމަތިލިއެވެ. ތަހުގީގުން އެނގުނު ގޮތުގައި ސިފައިންގެ ތެރެއަށް ދުޝްމަނުން ވަންނަން ރާވާފައި އޮތީ ކުރިން ހުރި ބިއްލޫރި ދޮރާ ދިމާގައި ހުރި ހަ ފޫޓެއްހައި އުސްމިނުގައި ރާނާފައި ހުރި ދޮރުން ވަދެގެންނެވެ. ޕްލޮޓް ޖަމާއަތުގެ މީހުންނަށް އޭރު ލިބުނު ޗާޓުގައިވާ ގޮތުން ވެސް އޮތީ ފުލުސް އޮފީހުގެ އިރުމަތީ ގޭޓުގެ ބިއްލޫރި ދޮރަކުން ވަދެގެން ދާގޮތަށްކަން ތަހުގީގުން ވަރަށް ރަނގަޅަށް އެނގުނެވެ. ނަމަވެސް ދުޝްމަނުން ރާއްޖެ އެރި އިރު އެ ކަންކަންވަނީ ބަދަލުވެފައެވެ. އެ ބަދަލު ގެނައުމުގެ ވާހަކަދައްކަވައި އެ ޚިޔާލު ދެއްވި އެއް ޒުވާނަކީ، އޭރު ލާންސް ކޯޕްރަލެއްގެ މަގާމުގައި ހުރި ބ. ތުޅާދޫ ގުލިސްތާނުގޭ އަޙުމަދު ޝަފީޤެވެ.

ބ. ތުޅާދޫ ގުލިސްތާނުގެ، އުސްމާނު ޢަލީއާއި ޙައްވާ އަބޫކުރަށް ލިބިވަޑައިގެންނެވި 11 ބޭފުޅުންގެ ތެރެއިން ދެވަނަ ބޭފުޅަކީ އަޙުމަދުޝަފީޤެވެ. ތުޅާދޫގެ ގަދަރުވެރި ޢާއިލާއެއްކަމުގައިވާ "ތުޅާދޫ ބޮޑުގޭ ޢާއިލާއަށް ނިސްބަތްވެ ވަޑައިގަންނަވާ އަޙުމަދު ޝަފީޤުގެ މަދުރަސީ ޙަޔާތުގެ އެންމެ ކުރީކޮޅުގެ ދުވަސްތައް ހޭދަކުރެއްވީ ތުޅާދޫ މަދަރުސާ (މަކްތަބުލް ހިދާޔާ) ގައެވެ. އޭގެ ފަހުން އީ.ޕީ.އެސްއާއި މަޖީދީ ސްކޫލްގައެވެ. 1984ވަނަ އަހަރު އޯލެވަލް އިމްތިހާނު ނިމުމާއެކު ރަށަށް ވަޑައިގެން ހުންނަވަނިކޮށް ޑިފެންސް މިނިސްޓްރީއަށް ހާޒިރުވުމަށް ލިބުނު މެސެޖާއެކު މާލެވަޑައިގެން ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގަތީ 28 ފެބްރުއަރީ 1985 ގައެވެ.

އަޙުމަދު ޝަފީޤަކީ، ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމު އަދާކުރެއްވި މޭޖަރ ޖެނެރަލް އަބްދުއްރަހީމާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓެޔަރޑް މުޙައްމަދު ޞާދިޤާއި ލެފްޓިނެންޓް އިސްމާޢީލް ރަޝީދާ އެކު ސްކޫލް ނިންމުމާ އެކު ވަޒީފާ ދެއްވި އެ ހަތަރު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑަގެންނެވި ބޭފުޅެކެވެ.

"އަހަރެންގެ އިންޑެކްސް ނަންބަރަކީ 902. ޞާދިގުގެ އިންޑެކްސް ނަންބަރަކީ 903. އިސްމާޢީލް ރަޝީދުގެ އިންޑެކްސް ނަންބަރަކީ 904 އަދި އަބްދުއްރަހީމުގެ އިންޑެކްސް ނަންބަރަކީ 905" ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވި އިރުގެ ހަނދާންތައް ޝަފީޤު އާކުރެއްވިއެވެ.

އަޙުމަދު ޝަފީޤަކީ ނޮވެންބަރ 3 ގެ ހާދިސާ ފެށުނު ވަގުތު ބަޑީގެ އަޑަށް ސަމާލުވެވަޑައިގެން އެންމެ ފުރަތަމަ ވާނުވާ ބެއްލެވި އެކަކެވެ. އެއީ ބޭރު ބައެއްކަން އެނގިވަޑައިގެންނެވި ހިސާބުން އަމިއްލަ ވިސްނުންފުޅުގައި ބަޑިޔާ ވަޒަން ހޯއްދަވައި ދުޝްމަނުންނަށް ހަމަލާ ދެއްވުމަށް އެންމެ އެކަށޭނަ ޕޮއިންޓުގައި އެންމެ ފުރަތަމަ ވަގުތުން ފެށިގެން، އިންޑިޔާ ސިފައިން މާލެ އައިސް ސިފައިންގެއާ ހަވާލުވަންދެން އެ ހުރި މާގާމުގައި ސާބިތުވެ ހުންނެވި ސިފައިންގެ ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ހިތްވަރުގަދަ ފަހުލަވާނެކެވެ. އެއީ ފުލުސް އޮފީހުގެ ގޭޓް ސަލާމަތްކުރެއްވުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭކަލެކެވެ. ނޮވެންބަރު 3ގެ އެ ބިރުވެރި ހާދީސާއާ ގުޅިގެން ކުރެވުނު ތަހުގީގުގައި ތަރުޖަމާނެއްގެ އިތުރުން އެ ތަހުގީގައި ބައިވެރިވެ އިދާރީ މަސައްކަތްތައް މެނޭޖްކުރުމުގައި އިސްދައުރެއް އަދާކުރެއްވި ޚިދުމަތްތެރިއެކެވެ. ނޮވެންބަރު 3ގެ އެ ބިރުވެރި ހާދިސާއާ ގުޅިގެން އެއަރޕޯޓުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ބެލެހެއްޓުމުގެ ގޮތުން ހަތިޔާރާއެކު 200 ސިފައިން ހުޅުލޭގައި ބަންކަރު ކުރި އިރު އެ މީހުންގެ ކަންކަން ބެލެހެއްޓުމަށް ޓަކައި ހުޅުލޭގައި މުހިންމު މަސައްކަތްތަކެއް ކުރެއްވި އަދި އޭރުގެ ސިފައިންގެ އިސްވެރިން އިތުބާރު ކުރެއްވި ސިފައިންގެ ޚިދުމަތުން ފާހަގަކުރެވިގެން ދިޔަ ތެދުވެރި ވަފާތެރިއެކެވެ.

your imageނޮވެންބަރު 3ގައި ލާންސްކޯޕްރަލް ކަމުން ކޯޕްރަލް މަގާމަށް ބަދަލުކުރެއްވި ބޭފުޅުންގެ ލިސްޓު

ނޮވެންބަރު 3ގެ ހާދިސާއާ ގުޅިގެން 23 ޑިސެންބަރު 1988 ގައި ޕްރޮމޯޝަން ދެއްވި އިރު ލާންސްކޯޕްރަލް ކަމުން ކޯޕްރަލް މަގާމަށް ބަދަލުކުރެއްވި ބޭފުޅުންގެ ލިސްޓުގެ އެންމެ ކުރިން ޖާގަ ދެއްވާފައިވަނީ ވެސް ޝަފީޤަށެވެ. އެ މަނިކުފާނުގެ ނަންފުޅު ލިސްޓުގެ އެންމެ ކުރީގައި އޮތީ އަލްފަބެޓިކަލް އޯޑަރުން ލިޔުނު ލިސްޓަކުން ކުރި ލިބޭތީއެއް ނޫނެވެ. އެ ލިސްޓުގެ އެންމެ މަތިން ޖާގަލިބިވަޑައިގަތީ އެ ދުވަހު ޝަފީޤު ކުރެއްވި ޤައުމީ ޚިދުމަތު މަތިވެރިކަމުންނެވެ. އެ ލިސްޓުގައި ދެން ހިމެނިވަޑައިގެންނެވި ކޮންމެ ބޭފުޅަކީ ވެސް  އެ ދުވަހު ޤައުމުގެ ދިފާޢުގައި މަސައްކަތްކުރެއްވި މުހިންމު ބޭފުޅަކަށް ވާ އިރު ނޮވެންބަރު 3 ގެ ވާހަކަ ދެކެވުނު އެއްވެސް ތަނެއްގައި މި ވީހާތަނަށް އަހުމަދު ޝަފީޤުގެ ނަން ފާހަގަކުރެވިފައިނުވުމަކީ އެ ދުވަހުގެ އެ ބިރުވެރި ހާދިސާއާ ގުޅިގެން ގައުމު ދިފާއުކުރެއްވުމުގައި އެ ކުޑަ ޝަފީޤު އަދާކުރެއްވި ބޮޑު ދައުރު ކުޑަވާނެ ކަމެއް ނޫނެވެ. މިކަން އެންމެ ބޮޑަށް ހާމަކޮށްދިން އެއް ހެއްކަކީ 2023 ވަނަ އަހަރު، ނޮވެންބަރު 3އާ ގުޅިގެން ދިފާޢީ ބާރުން ބޭއްވި ފޮޓޯ މައުރަޒުގައި ބަހައްޓަފައިވާ ފޮޓޯއެކެވެ. އެ ފޮޓޯގައިވަނީ ނޮވެންބަރު 3 ގައި ފުލުސް އޮފީހުގެ ގޭޓް ސަލާމްކުރެއްވި ބޭފުޅުން ހިމެނޭހެން ހުރި އެ ގޭޓުގެ ފޮޓޯއެވެ. އެ ފޮޓޯގައި ވެސް ހިމެނިފައިވާ އެންމެ މުހިންމު އެކަކަކީ އަޙުމަދު ޝަފީޤެވެ. އެ ފޮޓޯގެ ތިރީގައި ލިޔެފައިވާ އިބާރާތުގައިވަނީ "ފުލުސް އޮފީސް ސަރަހައްދު ދިފާޢުކުރުމަށް ޓަކައި ހަރަކާތްތެރިވި ސިފައިން، ފުލުސް އޮފީހުގެ ގޭޓް ކުރިމަތީގައި" މި ފަދައިންނެވެ. 

your imageފުލުސް އޮފީސް ސަރަހައްދު ދިފާޢުކުރުމަށް ޓަކައި ހަރަކާތްތެރިވި ސިފައިން، ފުލުސް އޮފީހުގެ ގޭޓް ކުރިމަތީގައި މަޑުކޮށްލައްވައިގެން

ނޮވެންބަރު 3 ގެ އެ ނުރައްކާތެރި ހާދިސާއާ ގުޅިގެން ވަރަށް ގިނަ ލިޔުންތަކާއި ފޮތްތައް ލިޔެ، އެކާމާގުޅޭ ތަފާތު ޕްރޮގްރާމްތައް ވެސް އުފައްދާފައިވާ އިރު އެ ދުވަހުގެ އެ ހާދިސާއާ ގުޅޭގޮތުން އެއްވެސް ފަރާތަކުން މިހާތަނަށް އެއްވެސް ސުވާލެއް ޝަފީޤާ ކުރައްވާފައެއް ނުވެއެވެ. އެއްވެސް ނޫހަކުން ޝަފީގުގެ ވާހަކަ ގެނެސްދީފައެއް ވެސް ނުވެއެވެ. ސުވާލަކީ ކީއްވެ ހެއްޔެވެ؟

"ނޮވެންބަރު 3 ގެ ހާދިސާ ނިމުނުތާ ގިނަ ދުވަސްތަކެއް ނުވަނީސް ރާއްޖެއިން ބޭރަށް ކޯހެއްގައި އަހަރެން ފުރަންޖެހުނު. އެއީ އެއަރވިންގ އިން ލިބުނު އިންޖިނޭރިން ކޯހެއްގައި.  އޭގެ ފަހުން ގިނަ ދުވަސްތަކެއް ނުވެ 1992 ވަނަ އަހަރުގެ ތެރޭހައި ސިފައިންގެ ޚިދުމަތުން އަހަރެން ވަކިވިން. އެކަން އެގޮތަށް ނިންމަން ޖެހުނީވެސް ކޮންމެ ކޮންމެ ގޮތެއް ކަމުނުދާތީ. އަދި ފަހުން ސިފައިންގެ ޚިދުމާތާ ގުޅުމަށް އެއްފަހަރަށްވުރެ ގިނަ ފަހަރު ވެރިންގެ ފަރާތުން އެދުނު ނަމަވެސް އެކަމާ ދުރުގައި ހުންނަން ޖެހުނީ އަހަރެންގެ އަމިއްލަ ޒާތީ ދިރިއުޅުމާ ގުޅުންހުރި، ބައެއް ކަންކަމުގައި އެކަށީގެންނުވާ ޒާތުގެ ނުފޫޒު، ބާރުވެރި ފަރާތްތަކުން ފޯރުވަމުން ގެންދަވާތީ. އެ ދާއިރާއިން ވަކިވީ އެއްގޮތަކަށް ވެސް ވަކިވާ ހިތަކުން  ނޫން. މަޖުބޫރުވެގެން. އޭރުވެސް މިހާރު ވެސް އެންމެ ބޮޑަށް ޚިދުމަތް ކުރާ ހިތްވަނީ ޤައުމީ ދިފާޢީ ބާރުގައި." ޝަފީޤު ވިދާޅުވިއެވެ.

ނޮވެންބަރު 3ގެ އެ ބިރުވެރި ހާދިސާ ހިނގި ރޭ އަވަހާރަފުޅު ލެއްޕެވީ ފުލުސް އޮފީހުގެ ތެރޭގައި ހުންނަ ބެރެކުގެ ތެރޭގައެވެ. އެ ބެރެކް ރޫމުގައި އޭރު އަވަހާރަފުޅުލައްޕަވަމުން ގެންދެވީ ފުލުސް އޮފީހުގެ ތަހުގީގުކުރާ ބައިގައި މައްސަލަތައް ތަހުގީގުކުރާ 18 އޮފިސަރުންނެވެ.

"އަޅުގަނޑުމެންގެ ބެރެކް ހުންނާނީ އޭރުގެ ހުރަވީ ބިލްޑިންގ އާ ދިމާވާގޮތަށް އެ ކަންމަތީގައި. ބެރަކަށް ވަދެވޭނީ އޮފީހުގެ ތެރެއިން ބޭރަށް ނުކުމެވެން ހުންނަ ދޮރަކުން. ކުއްލިއަކަށް އިވެން ފެށީ އޭ.ކޭ ފޯޓީ ސެވަންގެ ބަޑީގެ އަޑު. ލަފާކުރެވޭ ގޮތުގައި އޭރު މެންދަމުން އަލިވެ 4:15 އެހާކަށްހާ އިރު ވާނީ. އޭރު އެ ބެރެކުގައި ސީދާ 18 މީހުން ތިބިކަމެއް ނޭނގޭ. އަޅުގަނޑުމެން އޭރު ތިބި ތަނަކީ ހުރަވީ ބިލްޑިންގއާ ދިމާ، އެ ގޯޅީގެ ފަސްޓްފްލޯ. އެހެންވުމުން އެ ދިމާއިން މަގުމަތި ވަރަށް ރަނގަޅަށް ފެނޭ. އަދި ބަޑީގެ އަޑު ވެސް އެ ބެރެކުގެ ތެރެއަށް ވަރަށް ރަނގަޅަށް އިވޭ" ޝަފީޤު ވިދާޅުވިއެވެ.

ބުރާސްފަތި ދުވަހުގެ ފަތިސް ދަމުގައި 4:15 އާ 4:30 އާ އެ ދެމެދު ދެކޮޅަށްދެކޮޅަށް ބަނޑި ތަޅާއަޑު އިވެމުން ދިޔައެވެ. ޝަފީޤަށް ބޮޑަށް ހީފުޅުކުރެއްވުނީ ސިފައިންގެ ގޭޓުގައި ހުންނަ ގާޑާއި ފުލުސް އޮފީހުގެ ގޭޓުގައި ހުންނަ ގާޑާ ދެމެދުގައި ހިތްހަމަނުޖެހުމެއް ހިނގަނީކަމަށެވެ. އެގޮތަށް ބޮޑަށް ހީފުޅުވީ ބަޑީގެ އަޑު އަންނަ ގޮތުންނެވެ. އެ އަޑު އަންނަނީ އެކަކު ބަޑި ޖެހީމާ އަނެކަކު ބަޑިޖަހާގޮތަށެވެ. ދެ ފަރާތުން ޖަހާ ބަޑީގެ އަޑު އަންނަނީ އެހައި ވެސް ކައިރިންނެވެ. އެހެންވުމުން އެންމެ ފުރަތަމަ ހީފުޅުކުރެވުނީ އެއީ އެ ދެ ގާޑުންގެ ހިތްހަމަ ނުޖެހުމަކާ ގުޅިގެން އެ ދެ މީހުން ކުރާ ކަމެއް ކަމަށެވެ. އެގޮތަށް ބޮޑަށް ހީފުޅުވީ ވެސް ބޭރުގެ ބަޔަކު އައިސް އެ ފަދަ ކަމެއް ކޮށްފާނޭކަމުގެ ވިސްނުމެއް އޭރު، އެއްވެސް ވަރަކަށް ނެތުމުންނެވެ. އެހެންވުމާއެކު އެފަދަ ކަމެއް ވިޔަސް ވާނީ އެތެރެއިން ކަމަށް ބޮޑަށް ގަބޫލުކުރެވޭތީއެވެ.

your imageކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫނާ، ޝަފީޤު ސަލާމްކުރައްވަނީ 

ބަޑިޖަހާ އަޑަށް އެތަނުގައި ތިބި އެންމެންވެސް ހޭލައިފިއެވެ. ބަޑީގެ އަޑު ނުހުއްޓިގެން މި ވާނުވާ އެއް ބެލުމަށް ޓަކައި އޭރު އެ ހުރިގޮތަށް ނިދާ ހެދުމުގައި ބެރަކުން ނިކުމެވަޑައިގެން ފުލުސް އޮފީހުގެ ތެރެއަށް ފުރަތަމަ ވަދެވަޑައިގަތީ ޝަފީގާއި އިސްމާޢީލް ރަޝީދާ ދެ ބޭކަލުންނެވެ.

"އެ ހިސާބުން ސިޑިން ތިރިއަށް ހިނގައިގަތީ. ވާނުވާ ބެލުމަށް ޓަކައި ތިރިއަށް ދިޔައީ އަހަރެން އެކަނި. ސިޑީގެ މެދެއްހައި ހިސާބަށް ދިޔަތަނާ މަގުމައްޗާ ދިމާއިން ބޭރުން "އޯޕަން ދަ ގޭޓް، "އޯޕަން ދަ ގޭޓް، މި ގޮތަށް އެތައް ފަހަރަކު ވަރަށް ބާރަށް ގޮވި. ބޮޑަށް ގަބޫލުކުރެވެނީ އެ ގޮތަށް އެ ގޮވީ އަހަރެން ސިޑިން ތިރިއަށް ފައިބާތަން މަގުމަތީގައި ހުރި ބޭރު މީހާއަށް ފެނިގެންކަމަށް. އެ ހިސާބުން އެއީ ބޭރުގެ ބައެއް ކަން ޔަގީންވި ނަމަވެސް އެއީ ކޮންތަނަކުން އައި ކޮން ބައެއް ކަމެއް ނޭނގޭ" ޝަފީގު ވިދާޅުވިއެވެ.

އެ ހިސާބުން ޝަފީޤަށް ކުރިން ހީކުރެއްވުނު ހީކުރެއްވުން ތެދުނޫންކަން ޔަގީންކުރެއްވުމާއެކު ހަމަ އެވަގުތުމެ ދުވެފައި ވަޑައިގަތީ މައްޗަށެވެ. މައްޗަށް ވަޑައިގަތް ގޮތަށް އެ ވަގުތު ފެންނަ ހުރި ސިފައިންގެ ކާކީކުލައިގެ އެއްފަށް އެޅި ޔުނީފޯމާއި ފަޓްލޫނާއި ތުރުކުރައްވައިގެން ވަރަށް އަވަސްއަވަސްކޮށްލައްވާފައި ފައިވާނަށް އަރުއްވައިގެން ތިރިއަށް ވަޑައިގަތީ ބޫޓަށް އަރުއްވާނެ ވަގުތު ނެތުމުންނެވެ. އެ ހުރިގޮތަށް ވަރަށް ބާރަށް ދުވެވަޑައިގަތީ ވަގުތީ ހާލަތުގައި ހަތިޔާރު ބޭނުންކުރެވޭގޮތަށް ހަތިޔާރު ލިބެން ހުންނަ އާމަރީ ތެރެއަށެވެ. އޭރު އަބަދުވެސް ޑިއުޓީތައް ބަދަލުވާ އިރު ބަޑިތައް ބަހައްޓާފައި ހުންނާނީ އެ އާމަރީ ތެރޭގައެވެ. އެތަނުން ބަޑި ލިބެން ހުރެއެވެ. ބަޑި ލިބެން ހުއްޓަސް އެ ތަނުން ވެސް ބަޑި ލިބޭނީ ވަކި ވަރަކަށެވެ. އެ ވަގުތު އާމަރީތެރެއަށް ދިޔައީ ޝަފީޤާއި އިސްމާޢީލް ރަޝީދާ ދެ ބޭކަލުންނެވެ. އެ ވަޑައިގަތް ގޮތަށް ވަޑައިގަތް އޭ.ކޭ ފޯޓީ ސެވަންގެ ދެ ބަޑިއާއި ވަޒަން ފޮއްޓެއް ނަންގަވައިގެން ދެ ބޭކަލުން އެކުގައި ސިޑިން މައްޗަށް އަރުއްވައި ފުލުސް އޮފީހާއި ހުރަވީ ބިލްޑިންގއާ ދިމާ ކޯނަރގައި ފަސްޓް ފުލޯރގައި ތިއްބެވިއެވެ. ޝަފީޤު ހުންނެވީ ހުރަވީ ބިލްޑިންގއާ ދިމާވާ ގޮތަށެވެ. އަދި އިސްމާޢީލް ރަޝީދު ހުންނެވީ ގާޒީ ބިލްޑިންގއާ ދިމާވާ ގޮތަށެވެ.

"އަހަރެމެން ތިބި ޕޮއިންޓަކީ ފުލުސް އޮފީހުގެ އިރު އުތުރު ކަންމަތި. އެއީ ރައީސް އޮފީހުގެ ހުޅަނގު ދެކުނު ކަންމައްޗަށް ސީދާވާގޮތަށް. އަހަރެމެން ތިބި ތަނުން ހުރަވީ ބިލްޑިންގއާއި ރައީސް އޮފީހާއި ގާޒީ ބިލްޑިންގ ވަރަށް ރަނގަޅަށް ކަވަރ ކުރެވޭ. އެ ހުރިހައި ދިމާއަކުން ވަށައިގެން މަގުމަތީގެ ހަރަކާތްތައް ބަރާބަރަށް އަހަރެމެން ދިޔައީ ބަލަމުން" އެ ދުވަހުގެ ކަންކަން ކުރިއަށް ދިޔަ ގޮތް ޝަފީޤު ވިދާޅުވިއެވެ.

"އަހަރެމެން އެ ތަނަށް ދިޔަ އިރު ބަޑި ހިފައިގެން ފަސްޓުފުލޯގައި އަޙުމަދު ނަޢީމު ހުންނެވި. ހަނދާންވާގޮތުން އަޙުމަދު ނަޢީމަކީ އޭރު ކެޕްޓަނެއް. އޭރު އަހުމަދު ނަޢީމު ދިޔައީ ބޭރަށް މަގުމައްޗާ ދިމާއަށް ބަޑިޖައްސަވަމުން. އެ ހިސާބުން އަހަރެންނާއި އިސްމާޢީލް ރަޝީދާ ދެ މީހުން ވެސް ކޮންމެވެސް ވަރަކަށް ބަޑި ޖެހިން. އޭރުވެސް އަހަރެން ބޮޑަށް ވިސްނީ ހުހަށް ވަޒަނެއް ދޫކޮށްނުލާވޭތޯ. ދެތިން ދުވަހު ވެސް އެ ގޮތަށް ތިބެން ޖެހިދާނެކަމަށް އޭރުވެސް އަހަރެން ވިސްނިން. އަދި އޭރު ވެސް ބޭކާރުގޮތުގައި އެންމެ ވަޒަނެއް ވެސް ނުޖެހުމަށް އިސްމާޢީލް ރަޝީދު ގާތުގައި ވެސް އަހަރެން ދިޔައީ ބުނަމުން" ޝަފީޤު ވިދާޅުވިއެވެ.

ޝަފީޤުމެން އެތަނަށް ވަޑައިގެންނެވި އިރު ވެސް އަހުމަދު ނަޢީމު ގެންދެވީ އެ ދިމާލުން މަގުމަތީގައި ތިބި މީހުންނާ ދިމާއަށް ބަޑި ޖައްސަވަމުންނެވެ. ބާގީންގެ އެންމެ އިސްކޮށްތިބި ވަސަންތީއާއި އައްޕި އާއި ޖޫލީއާ މި 3 މީހުންގެ ތެރެއިން ވަސަންތީ މަރުވެފައި އޮތްކަމަށް ވަނީ ޕޮލިސް ހެޑްކުއާޓްގެ ގޭޓް ކައިރީގައެވެ. އޭރު ސިފައިންގެ މައި ގޭޓުން ބަޑިޖަހަމުން ދިޔައީ ހުސައިން އާދަމެވެ. ޖޫލީ މަރުވެފައި އޮތީ ޣާޒީ ބިލްޑިންގގެ ކަންމަތީ ފާރު ކައިރީގައެވެ. ވަރަށް ބޮޑަށް ގަބޫލުކުރެވޭ ގޮތުގައި ފުލުސް އޮފީހާ ދިމާއިން މަގުމަތީގައި މަރުވެފައި އޮތް މީހަކު މަރުވެފައި އެ ވަނީ އަހުމަދު ނައީމު ނުވަތަ ހުސައިން އާދަމް ޖެއްސެވި ބަޑިންކަމަށް ލަފާކުރެވެއެވެ. އެ ހިސާބުން އެ ވަގުތު އެ ދިމާ މަގުމަތީ ތިބި މީހުންތައް ދިޔައީ ރައީސް އޮފީހުގެ ފުރަގަހަށެވެ. އޭރު ވެސް ޝަފީޤުމެން ގެންދެވީ އެ ދިމާއިން މަގުމަތީގެ ހަރަކާތްތައް ވަރަށް ގާތުން ބައްލަވަމުންނެވެ.

your imageކާނަލް ޖޯޝާ ރާއްޖެ ވަޑައިގެންނެވި ފަހަރެއްގައި ޝަފީޤާ ބައްދަލުކުރެއްވި ބައްދަލުވުމެއްގެ ތެރެއިން

އޭގެ ކުޑަ އިރުކޮޅެއްގެ ފަހުން އިރުއަރައި ގާތްގަނޑަކަށް 7 ނުވަތަ 7 ގަޑިބައި އެހާކަށްހާ އިރު، ތަންކޮޅެއް ދުރުން އޯކިޑްމާގޭ ހިސާބުން ބާގީންގެ މީހަކު އާދަޔާ ޚިލާފަށް ހަރަކާތްތެރިވާތަން ޝަފީގަށް ފެނިވަޑައިގަތެވެ. އޯކިޑްމާގޭ ވަށާފާރު ކަންމަތި ވަށްކޮށް ހުންނަ އިރު، އޯކިޑްމާގޭ ގޭޓުގެ ތެރެއަށް ވަދެ ބިންމަތީގައި ބަނޑުޖަހައިގެން ކަހަލަގޮތަށް ބޯދިއްކޮށްގެން ބަލަން މީހަކު އޮއްވާ ފެނުނެވެ. އޭނާގެ ހަރަކާތްތަކުން އެއީ ބާގީންގެ މީހެއްކަން ޝަފީގަށް ރަނގަޅަށް ވެސް އެނގިވަޑައިގަތެވެ. އެއީ އެ ތަނުގައި އޮވެގެން ވެސް ކޮންމެވެސް ވަރަކަށް ބަޑި ޖަހަމުން ދާތީއާއި އޭނާގެ އަތުގައި އޮތް ބަޑީގެ އަމާޒު ހުރީ ސީދާ ސިފައިންގެއާ ދިމާއަށް ކަމަށްވާތީއެވެ.

"އޭރު އަހަރެމެން ތިބި ފުލުސް އޮފީހުގެ ފަސްޓް ފުލޯރއިން އޯކިޑްމާގޭ ގޭޓު ކައިރީގައި އޮތް މީހަކާ ހަމައަށް ވަޒަން ދުއްވާލެވޭ ވަރަށް އެ ހިސާބަށް އަމާޒު ނުވާނެކަން އަހަރެންނަށް އެނގޭ. އެކަން އެނގޭތީވެ، ކެންދޫ އިމާދާއި ތޯހާ ވަހީދާ ދެ މީހުންކުރެ މީހަކު އެ ތަނަށް ގެނެސްދިނުނަމަށް އެކި މީސްމީހުންނަށް އަނގަބަހުން އެ މެސެޖް ޕާސްކޮށްގެން މަސައްކަތް ކުރިން. އެ ގޮތުން ޠާހާ ވަހީދު އެ ތަނަށް ގެނެސް އޯކިޑްމާގޭ ގޭޓްކައިރީގައި އޮތް މީހާ ދައްކާފައި އެ ތަނަށް އަމާޒުކޮށް ވަޒަނެއް ފޮނުވާލަދިނުމަށް ބުނިން. އޭރު  މުޅި ސިފައިންގޭގައި ވެސް ތިބި އަމާޒަށް ބަޑިޖަހަން އެންމެ ކުޅަދާނަ މީހުންތެރޭގައި ކެންދޫ ޢިމާދާއި ޠާހާ ވަހީދު ހިމެނޭނެ. ހަމަ އެ ވަގުތު އެ މީހާއާ އަމާޒުކޮށް ޠާހާ ވަހީދު ބަޑިޖެހި. އޯކިޑްމާގޭ ދޮރާށި ހުންނަނީ ކަންމައްޗަށް ވާގޮތަށް. އެ ދޮރާށި ހުންނަނީ ދެތިން އިންޗިވަރުގެ ފަށަލައަކަށްވާ ގޮތަށް ބޭރަށް އެންބޯސްކޮށްފައި. އެހެންވެ އެ ހަމަލާގައި ސީދާ މީހާގަޔަށް ވަޒަން އަރާ ގޮތެއް ނުވި. ވަޒަން އެރީ އެ މީހާ ބޯދިއްކޮށްގެން ހުރިދިމާލުން އެންބޯސްކޮށްފައި ހުރި އެ ސިމެންތި ފަށަލައަށް" ޝަފީގު ވިދާޅުވިއެވެ.

ޝަފީޤު އިތުރަށް ވިދާޅުވިގޮތުގައި އޯކިޑްމާގޭ ދޮރާށިތެރޭގައި އޮތް މީހާ އޮތީ އެ ތަނުގައި މެޝިންގަންއެއް ބަހައްޓައިގެންނެވެ.

"އެ ވާހަކަ އިބްރާހީމް މަނިކު ބުނީ އޭނާ އަހަރެންނާ ބައްދަލުވެގެން ދެކެވުނު ވާހަކައިތެރޭގައި އޯކިޑްމާގޭ ގޭޓް ކައިރީގައި ހުރި މީހަކަށް އަމާޒުކޮށް އެތަނަށް ބަޑިޖަހާފައިވާނޭ ކަމަށް ބުނުމުން. އިބްރާހީމް މަނިކު ބުނި ގޮތުގައި އޭނާއާ އެ މީހާ ދިމާވިކަމަށާއި އެ ރެއަކީ އިބްރާހީމް މަނިކުގެ ގޭ ރޭ ކަމުން މަގުމައްޗަށް ނިކުމެ ހިނގާފައި އުޅުމުގެ ތެރެއިން އޯކިޑްމާގެ ގޭޓް ކައިރިން އެ މީހާ ފެނުނު ކަމަށް. އޭރު ބާގީ މީހާ އޮތީ މެޝިންގަންއެއް ބަހައްޓައިގެންނޭ ވެސް ބުނި. އޭގެ ފަހުން އޯކިޑްމާގޭ ގޭޓް ކައިރިއަށް ގޮސް އަހަރެން އެތަން ބެލިން. ސީދާ އެ ވަޒަން އަރާފައި ހުރީ އެ މީހާ ބޭރަށް ބޯދިއްކޮށްގެން ހުރި ދިމާއިން ބޭރަށް އެންބޯސްކޮށްފައިވާ ސިމެންތި ފަށަލައަށް. އެތަން ބަލައިލަން ދިޔައީ އިންޑިޔާ ސިފައިން މާލެ އައިފަހުން" ޝަފީޤު ވިދާޅުވިއެވެ.

އަޙުމަދު ޝަފީޤު އިތުރަށް ވިދާޅުވީ، އޯކިޑްމާގޭ ކަންމަތީގައި މެޝިން ގަން އެއް ބަހައްޓައިގެން އޮތް ބާގީ މީހާގެ މަންޒަރުތައް އެންމެ ގާތުން އެ ދުވަހު ދުށް އެއް ބޭކަލަކީ  އޭރުގެ ލާންސްކޯޕަރަލް، ލޭޑީ އިބްރާހީމްމަނިކު (ސނ:539)އެވެ.

"އެ ދުވަހުގެ ހެނދުނުވީ ހިސާބުން ގެއިން ނުކުމެގެން އަމީރު އަހުމަދު މަގުން ސިފައިންގެއާ ދިމާ ސައިކަލުގައި ދުއްވާފައި ގޮސް މިހާރުގެ ގުރުއާނާ ބެހޭ މަރުކަޒު (އޭރުގެ ރައްޔިތުން މަޖިލިސްކުރާ އިދާރާ) އާ ހަމައަށް އެރި ހިސާބުން އަޅުގަނޑަށް ފެންނަނީ އޯކިޑްމާގެ ކަންމަތީ ވަށްކޮށް ހަދާފައި ހުންނަ ދޮރޯށްޓާ ދިމާ ކަންމަތީގައި ސިފައިންގެއާ ދިމާއަށް ވާގޮތަށް ޖީޕީއެންޖީއެއް ބަހައްޓައިގެން އޭގެ ކައިރީގައި މީހަކު ބަނޑުޖަހާފައި އޮއްވާ. ސީދާ އަޅުގަނޑު ލޮލުން ދުށިން ސިފައިންގެއަށް އަމާޒުކޮށްފައި ހުރި އެ ބަޑީގައި އޮތް ވަޒަންފަތި. އެ ހިސާބުން އަޅުގަނޑުގެ ޒަމީރު ގަބޫލުކޮށްފި އިތުރަށް ކުރިއަށް ގޮސްގެން ނުވާނެކަން. ދެން އަނބުރާލީ ގެއާ ދިމާއަށް" ޗީފް ސްޕްރިންޑެންޓެންޓް އޮފް ޕޮލިސް ރިޓެޔަރޑް އިބްރާހީމް މަނިކު ވިދާޅުވިއެވެ.

ޝަފީޤު ވިދާޅުވީ އެ ދުވަހު ދިމާވި ކަންކަން ވަރަށް ރަނގަޅަށް ހަނދުމަފުޅުގައި ހުރިކަމަށެވެ. އެ ދުވަހުގެ ގިނަ ވަގުތު ޝަފީޤުއާއި އިސްމާޢީލް ރަޝީދާ ތިއްބެވީ ފުލުސް އޮފީހުގެ މަތީގައި ފަސްޓް ފުލޯގައެވެ. އެ ތަނުގައި ތިއްބެވި އިރު ދޭތެރެ ދޭތެރެއިން މުހައްމަދު ޒާހިރާއި މޫސާ އަލީ ޖަލީލާ ބައްދަލުވެވަޑައިގެންނެވިކަން ޝަފީޤުފާހަގަކުރެއްވިއެވެ. އެގޮތުން ދެއްކެވި ބައެއް ވާހަކަތައް ވެސް ޝަފީޤު ވިދާޅުވެދެއްވިއެވެ.

"އޭރު ސިފައިންގެ ތެރޭގައި ތިބި އަހަރެމެންގެ މީހުންގެ ގާތުގައި މި ތަނަށް (ޝަފީގުމެން ތިއްބެވި ތަނަށް) ބޭރަށް ދޮރުކައިރިއަށް އަންނަން ބުނީމާ ވެސް ބޭރުގެ ކުޑަދޮރުތައް ކައިރިއަށް އަންނަން އެ މީހުން ވަރަށް ބޮޑަށް ބިރުން ތިބީ. އޭގެ ތެރެއިން ބައެއް މީހުންގެ ގާތު އާދޭސްކޮށްގެން ކުޑަ ދޮރުތައް ކައިރިއަށް ގެނައިން. އެހެނަސް އެ މީހުން ހާސްވެ ބިރުގަނެފައި ތިބިވަރުން މީހުން އެތެރެއަށް ދަނީ. އަސްލުގައި ވެސް އެފަދަ ކަމެއް ދެކެފައި ނުވާ ބަޔަކު ހަމަ ބިރުގަންނާނެ. އެހައި ވެސް އެ ވަގުތުގެ ބިރުވެރިކަން ބޮޑު. އޭރު އަހަރެންގެ ރޭންކަކީ ލާންސް ކޯޕްރަލް. އޭރު އަހަރެން ހުންނަނީ އެންމެ ފަށެއް. އަހަރެންގެ ދަށުގައި ހުރި މީހެއް ނަމަ އެ ތަނަށް ބޭރަށް ގެނެވޭތޯ އެ މީހުންނާ ވަރަށް ބޮޑަށް ވާހަކަ ދެއްކުނު. އެކަމާ ވަރަށް ދެރަވެ ހުރެ މުހައްމަދު ޒާހިރާއި މޫސާ އަލީ ޖަލީލަށް ވެސް ދެންނެވުނު" ޝަފީގު ވިދާޅުވިއެވެ.

ނޮވެންބަރު މަހުގެ 3ވަނަ ދުވަހުގެ 10ގެ ފަހުން ސިފައިންގެ ތެރެއިން ބަޔަކު ބޭރަށް ނެރެން އިސް އޮފިސަރުން މަސައްކަތްކުރާކަމުގެ ޚަބަރު ޝަފީގަށް ވެސް ލިބިވަޑައިގަތެވެ. ޝަފީޤު ގަބޫލުކުރައްވާ ގޮތުގައި އެ ވިސްނުން ސިފައިންގެ ވެރިން ގެންގުޅުއްވީ އެ ދުވަހު ލިބެމުން ދިޔަ ޚަބަރުތަކުންނެވެ.

"އެ ދުވަހު ފުލުސް އޮފީހަށް އައި ފޯނު ކޯލްތައް ވަރަށް ގިނައިން އަހަރެމެންނަށް ނެގުނު. އާންމުންގެ ވަރަށް ގިނަ ކޯލްތައް ވެސް އަދި ސިފައިންގެ މީހުންގެ ކޯލްތައް ވެސް އައި. ކޯލްތަކުން މި އަންނަނީ "މިވެނި ތަނެއްގައި ބަޔަކު މަރާލާފައި އެބަ އޮތޭ ނުވަތަ މިވެނި ދިމާލެއްގައި އެވެނި ތޮށިގަނޑެއްގެ މަތީގައި މިތައް މީހުން މަރާލާފައި އެބަ އޮތޭ، އެވެނި މިވެނި ބަޔަކު މަރަމުން އެބަ ދެޔޭ" މި ކަހަލަ ޚަބަރުތައް ސިފައިންގެ ތެރެއަށް ލިބެންފެށީމާ އޮފިސަރުން ވަރަށް ބޮޑަށް ކަންބޮޑުވެގެން ބޭރަށް ނުކުންނެވުމުގެ ވިސްނުމެއް އޮފިސަރުންނަށް އައީ ކަމަށް ގަބޫލުކުރެވެނީ. އެކަމަކު އެ ލިބުނު ޚަބަރުތަކަކީ މުޅިން ރަނގަޅު ޚަބަރުތަކެއް ނޫން. އެންމެ މީހަކު ޒަޚަމުވެފައިވާތަން ފެނުނަސް މީހުން ހާސްވެ ކަންބޮޑުވެގެން ފޯނުކޮށް ފައި މި ބުނެވެނީ އެތައް ބަޔަކު މަރައިފީއޭ، ވަރަށް ގިނަ މީހުން މަރުވެއްޖޭ، މިގޮތަށް މާ ބޮޑަށް ނުބަލައި ހާސްވެގެން  ފޯނުކޯލްތައް ކުރަމުން ދިޔައީ. ދެން އެ ކަހަލަ ދަނޑިވަޅެއްގައި މި ކަހަލަ ޚަބަރުތައް ލިބެންފެށީމާ ބޭރަށް ނުކުމެގެން ވެސް މީހުން ސަލާމަތްކުރެވޭތޯ ބެލުމަކީ ސިފައިންގެ އޮފިސަރުންގެ ވެސް ޒިންމާއެއްތާ" ޝަފީޤު ވިދާޅުވިއެވެ.

"ސިފައިން ބޭރަށް ނުކުތުމަށް ނިންމި ނިންމުމަކީ މި ކަހަލަ ޚަބަރުތައް ލިބޭތީ އޮފިސަރުން ނެގި ޑިޒިޝަނެއް ކަމަށް ވަރަށް ބޮޑަށް އަހަންނަށް ޤަބޫލުކުރެވުނު. އެ ނިންމުން ނިންމި ދަނޑިވަޅުގައި އަހަރެމެން ތިބި ތަނަށް، ފުލުސް އޮފީސްތެރެއަށް މޫސާ އަލީ ޖަލީލު ވަޑައިގަތް. ސިފައިންގެ ތެރެއިން މީހުން ބޭރަށް ނެރެން އުޅޭ ޚަބަރެއް އަހަރެމެންނަށް ލިބުނު ވާހަކަ ޖަލީލު އަރިހުގައި އަހަރެން ދެންނެވީން. އަދި އެ ވަގުތު އެއްވެސް މީހަކު ސިފައިންގެއިން ބޭރަށް ނެރުން ބުއްދިވެރި ނޫން ކަމަށް ސީދާ ޖަލީލު އަރިހުގައި އަހަރެން ދެންނެވީން. އަހަރެންނަކީ އެއްފަށުގެ މީހެއް ކަމަކު އަހަރެން އެހެން ދެންނެވީ އެންމެ ފުރަތަމަ އިވުނު ބަޑީގެ އަޑާއެކު ފުލުސް އޮފީހުގެ ތެރެއިން ހުރަވީ ބިލްޑިންގާ ދިމާލުގައި ފަސްޓް ފުލޯގައި ތިބެގެން ވަށައިގެން ބޭރުން މަގުމަތީގެ ހަރަކާތްތައް ވަރަށް ރަނގަޅަށް ބަލަމުން ދިޔައީތީއާއި އޭރުގެ ޙާލަތަށް ބަލައި އެ ވަގުތު މަގުމައްޗަށް ނުނިކުމެ އެތެރޭގައި ތިބެގެން ސިފައިންގެ ރައްކާތެރިކުރުމުގައި ސާބިތުވެ ތިބެގެން ރައްދު ހަމަލާ ދިނުން މާ ބުއްދިވެރި ވާނޭކަމަށް ގަބޫލުކުރެވޭތީ" ޝަފީޤު ވިދާޅުވިއެވެ.

އެ ވަގުތު ޝަފީގަށް ފެނިވަޑައިގަތް ގޮތް ވިދާޅުވެފައި ވެސް ޖަލީލުމެން ބޭރަށް މީހަކު ނެރުއްވާ ނަމަ އެކަން ޝަފީގުމެންނަށް އަންގާލަދެއްވުމަށް ވެސް ޝަފީޤު އެދިވަޑައިގަތެވެ.

"އޭރުން ސިފައިންގެ ތެރެއިން ނުކުންނަ މީހުންގެ ބޯމަތިން އެ މީހުންނަށް ކަވަރިންގ ފަޔަރއެއް އަހަރެން ދެ މީހުން އެ ތަނުގައި ތިބެގެން ދެވޭނެކަމަށް ވެސް ދެންނެވިން. އެގޮތަށް އަޅުގަނޑު ދެންނެވީ އެކަން އެގޮތަށް ކޮށްފި ނަމަ އިދިކޮޅު މީހުންނަށް ބިރަކަށް ވާނޭކަމަށް ގަބޫލުކުރެވޭތީ" އެ ދުވަހުގެ ކަންކަން ހިނގަމުން ދިޔަ ގޮތް ޝަފީޤު ވިދާޅުވިއެވެ.

"ބޭރަށް ނުކުތް މީހުންގެ ތެރެއިން ދެތިން މީހުން މަރުވެގެން އެ ދިމާލަށް ވެއްޓުނު. އަހަރެމެން ތިބި ތަނާ ވަރަށް ކައިރީގައި ފުލުސް އޮފީހުގެ ކަންމައްޗަށް ވާހެން މަގުމަތީ ވެސް މީހަކު އޮއްވާ ފެނުނު. އޭނައަށް އަޑުއިވޭވަރަށް ހަރުއަޑުން އަހަރެމެން ޝަހާދަތް ވެސް ލައިދިނީން. އެހެނަސް އެ މީހާ މަރުނުވާކަން ފަހުން އެނގުނު. ބޮޑަށް ގަބޫލުކުރެވެނީ އެއީ ބުޝްރީކަމަށް. ތިމަންނަ މަރުވަނީއޭ މަރުވަނީއޭ ކިޔައި ވަރަށް ބާރަށް އޭނާ ގޮވަމުން ދިޔަ އަޑު އިވުނު. އޭގެ އިތުރުން ހުރަވީ ބިލްޑިންގ ކައިރީ މަރުވެފައި އޮތް މީހަކީ އެ ގަޑީގައި ސިފައިންގެ ތެރެއިން ނުކުތް މީހުންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެވުނު" ޝަފީޤު ވިދާޅުވިއެވެ.

ޝަފީގު ވިދާޅުވީ ނޮވެންބަރު މަހުގެ 3ވަނަ ދުވަހު އެކި ޚަބަރުތަކާއި އޯޑަރުތައް ލިބެމުން ދިޔަކަމަށެވެ. އެ ދުވަހުގެ ރޭގެ 12ގެ ފަހުން އޯޑަރު އަންނަމުން ދިޔައީ ބަޑީގެ ހަމަލާއެއް ނުދެނީސް ދިވެހި ސިފައިން އެއްވެސް ހަމަލާއެއް ނުދިނުމަށެވެ. އެ އޯޑަރު ލިބުމާ އެކު އެ ހިސާބުން އިންޑިޔާ ސިފައިން އަންނަނީކަން ޝަފީގުމެންނަށް ގަބޫލުކުރެއްވުނެވެ. ނަމަވެސް ޝަފީޤު ހުންނެވީ ކުރިއެކޭ އެއްފަދައިން ހިތްވަރާ އެކު ހަމަ އެ މަގާމުގައި ޑިއުޓީގައެވެ.

"އޮފީހުގެ ކުޑަދޮރުން ބޭރު ބަލަން ތިއްބާ އެ ރޭގެ މެންދަމު 2 ޖަހާ އެހާކަށްހާ އިރު ސިފައިންގެ ކުރިމަތިން އަތްދިގު ގަމީހެއް ލާފައި ހުރި މީހަކު ފެނުނު. ހަމަ އެންމެ މީހެއް. އޭނާ ހުންނަނީ ގަމީސް ތެރެއަށް އަތްޖަހައިގެން. ފިސްތޯލައެއް ނުވަތަ ބަޑިއެއް ކަހަލަ އެއްޗެއް ހިފައިގެން އަންނަ މީހެއް ކަހަލަ ގޮތަކަށް އޭނާ ހުރީ. އެ މީހަކީ އިންޑިޔާ ފޯސްގެ މީހެއްކަން އެނގުނު. އެ މީހާ ސިފައިންގެ ކައިރިއަށް އެ އައީ އެ ވަގުތު ތަނުގެ ހާލަތު ބެލުމަށް ކަމަށް ވެސް ފަހުން އެނގުނު" އެ ރޭގެ މެންދަމުގެ ވަގުތު އެ ހިސާބުގައި ކަންކަން ހިނގަމުން ދިޔަ ގޮތް ޝަފީގު ވިދާޅުވިއެވެ.

"އެ ވަގުތު އަހަރެމެންނަށް އަންގާފައި އޮތީ ބަޑި ނުޖަހަނީސް އެއްވެސް މީހަކު ބަޑި ނުޖެހުމަށް ކަމަށް ވާތީ އަހަރެން ތިބީ އެ އޯޑަރަށް ތަބާވެގެން. އޭރު ހީވާ ގޮތުން މެންދަމުން އަލިވެ 2 ނުވަތަ 2 ގަޑި ބައި އެހާކަށްހާ އިރުވެދާނެ. އެ މީހާ ހަމަ ހިނގާލާފައި އެ ދިޔަ ގޮތަށް އަމީރު އަހުމަދު މަގުން ކުރިއަށް ގޮސް އޭނާ ގެއްލުނު. ބަޑީގެ އެއްވެސް އަޑެއް ބަޑެއް ނީވޭތާ، އިތުރު އެއްވެސް މީހެއްގެ އިޝާރާތެއް ވެސް ނުވޭ. އެހިސާބުން ޓެމިލް ޓައިގަރުންގެ އެއްވެސް މީހަކު ނެތްކަމުގެ ސިގްނަލެއް ލިބުނު ކަހަލަ" ޝަފީޤު ވިދާޅުވިއެވެ.

ޝަފީޤު ވިދާޅުވީ އެރޭގެ ފަތިހު 6 ޖަހާކަށް އިރު، ހިނި ހޮރަކުން ހިނި ނުކުމެގެން އަންނަހެން މުޅި ސިފައިންގެ އެ ހިސާބު އެއްކޮށް އިންޑިޔާ ސިފައިން އައިސް ފުރައިލި ކަމަށެވެ. އެ މީހުން އައީ އެކި ދިމަދިމާއިންނެވެ. އެ ހިސާބުން އިންޑިޔާ ސިފައިން ސިފައިންގެއާ ހަވާލު ވެއްޖެއެވެ. އައި ގޮތެއް ވެސް އައި އަދަދެއް ވެސް އޭރަކު ނޭނގެއެވެ. އެ މީހުން އައީ ތަނެއް ހަމަ ފަތަހަކުރާ ގޮތަށެވެ. އެއީ ހުކުރު ދުވަހުގެ ހެނދުނު ގާތްގަނޑަކަށް 6 ޖަހާ އެހާކަށްހާ އިރެވެ. އެހައި ހިސާބުން ޝަފީޤުމެން ވެސް އެ ތިބި ތަން ދޫކުރައްވައި ސިފައިންގެ ތެރެއަށް ވެންނެވިއެވެ.

ޝަފީޤަކީ ނޮވެންބަރު 3ގެ މައްސަލަ ތަހުގީގު ކުރުމުގައި ވެސް މުހިންމު ދައުރެއް އަދާކުރެއްވި ބޭކަލެކެވެ. އެގޮތުން ޝަފީޤު ބޮޑަށް އުޅުއްވީ ތަރުޖަމާކުރުމުގެ ބައިގައެވެ. އޭރު އިންޑިޔާގެ ސިއްރު ފުލުހުންގެ ތަހުގީގުގެ ވަރަށް ބޮޑު ޓީމެއް އައެވެ. ތަހުގީގު ކުރިއަށް ގެންދިޔައީ އެ މީހުންނާއި ފުލުސް އޮފީހުގެ ތަހުގީގު ޓީމުންނެވެ. ތަހުގީގު ކުރަންޖެހޭ މީހުންގެ ތެރޭގައި ހިމެނެނީ ސިންހަޅަ މީހުންނާ ޓެމިލް މީހުންނެވެ.

"ބަހުގެ ދަތިތަކެއް  ހުރުމުން އަހަރެމެންނާ އެކު އެ މީހުން ވެސް ވަރަށް ބޮޑަށް ހަރާކަތްތެރިވި. އެ މީހުންގެ ތެރެއިން ސިންހަޅަ ބަހުންނާއި ޓެމިލް ބަހުން ބުނާ އެއްޗެއް އެ އިންޑިޔާގެ ފުލުހުން އިނގިރޭސިބަހަށް ތަރުޖަމާ ކޮށްދެނީ. ދެން އަހަރެމެން އިނގިރޭސިން ދިވެހި ބަހަށް ތަރުޖަމާކޮށްދެނީ. އޭގެ ފަހުން އެއިން ކޮންމެ މީހެއްގެ ތަހުގީގީ ބަޔާނެއް ދިވެހިބަހުން ލިޔެވެނު. މިގޮތުން މި ތަހުގީގުގައި އިނގިރޭސިން ދިވެހިބަހަށް ތަރުޖަމާ ކުރުމުގައި ވެސް މި ތަހުގީގައި އެންމެ އިސްކޮށް އުޅުނު މީހުންގެ ތެރޭގައި ފުލުސް އޮފީހުގެ އިސްބޭފުޅުންގެ ތެރޭގައި ހިމެނޭ ކެޕްޓަން އަޙުމަދު ނަޢީމާއި އިބްރާހީމް ލަޠީފާއި އިސްމާޢިލް ރަޝީދުގެ އިތުރުން އަހަރެމެން ރަށު (ތުޅާދޫ) މުޙައްމަދު ޞާދިޤު ވެސް ހިމެނޭ" ޝަފީޤު ވިދާޅުވިއެވެ. 

your imageޢަބްދުﷲ ލުޠުފީ ޝަރީޢަތަށް ގެންދިޔަ އިރު ޝަފީޤު (ބޮޅުއަޅާފައި) ހަތިޔާރާއެކު

ޝަފީޤު ވިދާޅުވީ އެ މީހުންގެ ތަހުގީގުތަކާ އަދި ތަހުގީގުތަކަށް ފަހު އެ މައްސަލަ ހައިކޯޓުގައި ބަލަމުން ދިޔަ އިރު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިސްތަކަށް ވެސް ޝަފީޤާއި ސޯދިގު ވަޑައިގެންނެވި ކަމަށެވެ.

"ފުލުސް އޮފީހުގެ ތަހުގީގު ކުރާ ބައިގައި 18 މީހުން އެ ތިބޭ ތަނަށް ވަދެ އެ 18 މީހުން ހިސޯރުކޮށް އެ މީހުން ނިވާފަތްގަނޑަކަށް ދައްކައިގެން ސިފައިންގެ ހިފައި، ސިފައިން އަމާންދޭ ގޮތަށް ރާވާފައި އޮތްކަން އެ ތަހުގީގުތެރެއިން ވަރަށް ބޮޑަށް އެނގުނު. އެ ތަނުގެ އެތެރޭގެ މަޢުލޫމާތު ފޯރުކޮށްދިނުމުގައި އެހީތެރިވި ދެ މީހުންނަކީ ސީދާ ސިފައިންގެ ދެ މީހުންކަމަށް އެ ތަހުގީގަށް ބައެއް މީހުން ކިޔައިދީފައިވޭ" ޝަފީޤު އާ ކުރެއްވީ މީގެ 37 އަހަރު ކުރީގެ ހަނދާންތަކެވެ. 

ތަހުގީގުގެ ބޮޑުބައެއް ނިމި ޝަރީޢަތްތައް ފެށުނު ފަހުން އެއް ދުވަހު އަންބަރީ އަބުދުއްސައްތާރު އަރިހަށް ޝަފީޤު ގެންދެވިއެވެ. އެއަށް ފަހު ބޮޑު ޒިންމާއެއް ސާޖަންޓް މަގާމުގައި ހުންނެވި ޒުބައިރު އަޙުމަދު މަނިކާއެކު ޝަފީޤާ ވެސް މަތިކުރެއްވިއެވެ. ނޮވެންބަރު 3ގެ ބަގާވާތުގެ ތެރޭގައި ސީދާ ސިފައިންގެ ބަޔަކު ވެސް ބައިވެރިވެފައި ވާއިރު 200 ސިފައިން ހަތިޔާރާއެކު ހުޅުލެއަށް އެ ދެ ބޭކަލުން އިސްކުރައްވައި ފޮނުވުމުން ދޭހަވަނީ ސިފައިންގެ އިސްވެރިން އެ ދެ ބޭކަލުންނަށް ކުރެއްވި އިތުބާރެވެ.

"އެހެންވިމާ 200 މީހުން، ހަތިޔާރާ އެކު  ޒުބައިރު ފޮނުވާ އިރު ޒުބައިރާ އެކު ހުޅުލޭގައި ދެން ހުނާނީ ޝަފީޤު. އެ 200 މީހުންނާ އެ ހަތިޔާރާ ހަވާލުވެގެން ތިބޭނީ ޒުބޭރާ ޝަފީޤާ ދެ މީހުން. އަދި އޭގެ އިތުރުން ކާނަލް ޖޯޝީ އެދިލައްވާ ކަންކަން ވެސް ކުރިއަށް ގެންދަވަންވާނެ" އެ ދުވަހު އަންބަރީ ވިދާޅުވި ވާހަކަތައް ޝަފީގު ތަކުރާރުކުރެއްވިއެވެ. އެ ހިސާބުން ދިވެހި ސިފައިންގެ 200  މީހުންނާއި ހަތިޔާރާ އެކު ޝަފީޤުމެން ބަންކަރު ކުރެއްވީ ހުޅުލޭގެ އެއަރޕޯޓް ރަންވޭ ވަށައިގެން 8 މީހުން 10 މީހުންގެ ގްރޫޕްވާ ގޮތަށެވެ. އެ ހިސާބުން ފެށިގެން ޝަފީޤު ހުންނެވީ ހުޅުލޭގައެވެ. އޭނާގެ ދައުރަކީ އެއަރޕޯޓް ރަންވޭގެ ވަށައިގެން ހަތިޔާރާ އެކު ބަންކަރު ކުރި ދިވެހި 200 ސިފައިން ބެލެހެއްޓުމަށް އެ މީހުންނާ ހަވާލުވެގެން ހުންނެވުމެވެ. އޭގެ އިތުރުން ކާނަލް ޖޯޝީ ވިދާޅުވާ ކަންކަން ކޮށްދެއްވުމެވެ.

ހުޅޭލޭގެ ޑިއުޓީގައި ޒުބައިރު ހުންނެވީ މެންދަމު 12ގެ ކުރިންނެވެ. ޝަފީޤު ހުންނެވީ މެންދަމު 12ގެ ފަހުންނެވެ. އެ ޑިއުޓީގައި ހުންނެވި އިރު ޖޯޝީގެ ފަރާތުން އިންޑިއާ ސިފައިން ވަޑައިގެން ދިވެހި ސިފައިން ތިބެނީ އެލާރޓްގައިތޯ ބައްލަވައި ހައްދަވައެވެ.

"ދެތިން ރެޔަކު ޖޯޝީ ވެސް ވަޑައިގެން އަހަރެންނާ ބައްދަލު ކޮށް ޑިއުޓީގައި ތިބޭ ސިފައިންގެ ބައެއް ކުދިންގެ ފަރާތުން ރަނގަޅުކުރަންޖެހޭ ކަންކަމުގެ ވާހަކަ އަހަރެންނާ ހިއްސާކޮށް ހެއްދެވި. އޭރު އެ ތަނުގައި ގިނައިން ތިބެނީ އަލަށް ވެއްދި ރެކްރޫޓް ކުރި ގްރޫޕުގެ ތެރެއިން ކޮންމެވެސް ވަރެއްގެ ތަމްރީނު ލިބިފައިވާ ކުދިން" ޝަފީޤު ވިދާޅުވިއެވެ. 

your imageއެއަރވިންގުގެ ހަރަކާތެއްގައި (ކަނާތްފަރާތުގައި) ޝަފީޤު

ކާނަލް ރިޓަޔަރޑް ޒުބައިރު އަޙުމަދު މަނިކު ވިދާޅުވީ ނޮވެންބަރ 3ގެ ހާދިސާއާ ގުޅިގެން 200 ސިފައިންގެ މީހުންނާ ހަތިޔާރާ އެކު ހުޅުލޭގައި ބަންކަރުކޮށްގެން ތިބި އިރު އޭނާއާ އެކު އެ މީހުންނާ ހަވާލުވެގެން ދެން ހުންނެވި ސިފައިންގެ ބޭކަލަކީ އަޙުމަދު ޝަފީޤުކަމަށެވެ.

"އަޙުމަދު ޝަފީޤަކީ ވަރަށް ހިތްވަރުގަދަ ކަންކަންކުރަން ފަސްނުޖެހޭ ބޭފުޅެއް. އެއީ ވަރަށް ތެދުވެރިކަމާ އެކު މަސައްކަތްކުރެއްވި ބޭފުޅެއް. އޭރު ޝަފީޤަކީ ސިފައިންގޭގައި އޭރު އުޅުއްވި ވަރަށް ޖެހިލުން ކުޑަ ޒުވާން ބޭފުޅެއް" އޭރު ސާޖަންޓް މަގާމުގައި ހުންނެވި ޒުބައިރު އަޙުމަދު މަނިކު (ސ.ނ 444) ވިދާޅުވިއެވެ.

 1988 ނޮވެންބަރ 3ގެ ހާދިސާއަށް ފަހު އިންޑިޔާއިން ލިބުނު އިންޖިނޭރިން ކޯހަކަށް ފުރުމުގެ ކުރިން 1989 ވަނަ އަހަރުގެ ޖުލައި މަހު އޮތް މިނިވަން ދުވަހުގެ ރަސްމިޔާތުގައި ވެސް ވަރަށް މުހިންމު ދައުރެއް ޝަފީޤު އަދާކުރެއްވިއެވެ. އޭރު ވެސް ނޮވެންބަރ 3ގެ އެ ހާދިސާއާ ގުޅިގެން ކަންކަން ދިޔައީ ވަރަށް ރަނގަޅަށް ބަލަމުންނެވެ. އޭރު އިންޑިޔާ ސިފައިން ވެސް ރާއްޖޭގައި އެ ތިބި ގޮތަށް ތިއްބެވެ.

"އޭރު އަހަރެން ހުޅުލޭގައި ހުއްޓާ އަންބަރީ އަންގަވައިގެން އަހަރެން އަންބަރީއާ ބައްދަލުކުރިން. އަންބަރީ އެ ދުވަހު ވިދާޅުވީ 1989 ޖުލައި 26 ގައި ދަނޑުގައި އޮންނަ ރަސްމިއްޔާތަށް ދާންޖެހޭނެކަމަށް. އެގޮތުން ރައީސުލް ޖުމްހޫރިޔާ މައުމޫނު އަބްދުލްގައްޔޫމު އިންނަވާ ރޮސްޓްރޮމުގެ 4 ކަނުގައި ސިފައިންގެ 4 އޮފިސަރަކު ބައިތިއްބާނެ ކަމަށް. އޭގެ ތެރޭގައި ޝަފީޤާއި ޞާދިޤު ވެސް  ހިމެނޭތީވެ މި ގެނައީ އެކަން އަނގާންކަމަށް ވިދާޅުވި. އަދި އެ ހިސާބު ކަރީގައި ސިފައިންގެ މީހަކު ހަރަކާތްތެރި ވިޔަސް އެ މީހަކަށް ވެސް ފާރަލައި ވަރަށް ސީރިއަސްކޮށް ބެލުމަށް ވެސް އަންބަރީ ވިދާޅުވި. އަދި އެ ރަސްމިއްޔާތުގައި ތިބޭނީ ރައީސްގެ ސެކިއުރިޓީންގެ ގޮތުގައި ކަމަށް ވެސް އަންބަރީ ވިދާޅުވި"  1989 ގެ ޖުލައި 26 ގައި އޮންނަ ރަސްމިއްޔާތުގައި ޝަފީޤު އަދާކުރައްވަންޖެހޭ މުހިންމު ދައުރާ ގުޅޭގޮތުން އަންބަރީ ޢަބުދުއްސައްތާރު ދެއްކެވި ވާހަކަފުޅަށް އިޝާރާތްކޮށް ޝަފީޤު ވިދާޅުވިއެވެ.

1989ވަނަ އަހަރު ބޭއްވުނު މިނިވަން ދުވަހުގެ ރަސްމިއްޔާތު ކުރިއަށް ދިޔަ އިރު ވެސް ޝަފީގު ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ ފާރަވެރިއެއްގެ ގޮތުގައެވެ.

"އެ މަގާމުގައި ވެސް އަހަރެންނަށް ހުންނަން ޖެހުނު. އެ ރަސްމިޔާތުގައި ރޮސްޓްރޮމުގެ 4 ކަނުގައި ތިބީ ކެންދޫ އިމާދާއި ތުޅާދޫ މުޙައްމަދު ޞާދިގާއި އަޅުގަނޑާއި ދެން ހަނދާންވަގޮތުން ޠާހާ ވަހީދު" ޝަފީޤު ވިދާޅުވިއެވެ.

ޝަފީޤު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގަތީ އެއްފަށާ އެކު ލާންސް ކޯޕްރަލްއެއްގެ ގޮތުގައެވެ. އެންމެ ފުރަތަމަ ޕްރޮމޯޝަނެއް ލިބިވަޑައިގަތީ ނޮވެންބަރ 3އާ ގުޅިގެންނެވެ. އެ ފަހަރު ދެވަނަ ފަށެއް ލިބިވަޑައިގަތް އިރު ލިބިވަޑައިގަތީ މެޑައްޔަކާ ވެސް އެކީގައެވެ. އެއީ ނޮވެންބަރު 3ވަނަ ދުވަހު ހިތްވަރު ކުރެއްވި ބޭކަލުންނަށް ދެއްވި  ޚާއްޞަ މެޑައްޔެވެ. އެއީ މެޑަލް ފޯރ ބްރައިވަރީއެވެ. އޭރު މެޑަލް ފޯރ ބްރައިވަރީ ލިބުނީ ސިފައިންގެ ތެރެއިން ވަރަށް މަދު ބޭކަލަކަށެވެ. އެ މެޑަލް ޝަފީޤަށް ލިބިވަޑައިގެންނެވި އިރު އޭނާ ހުންނެވީ ކޯހެއްގައި އިންޑިޔާގައެވެ. ކޯސް ނިންމަވާފައި އެނބުރި ރާއްޖެ ވަޑައިގަތުމުން އެ މެޑަލް ޝަފީޤާ ހަވާލުކުރެއްވީ އަންބަރީ އަބުދުއްސައްތާރެވެ. 

your imageއިންޑިއާ ސިފައިންގެ ބޭފުޅަކާއެކު ޝަފީގު 

ޝަފީޤު ވިދާޅުވީ 1988 ނޮވެންބަރ 3ގެ ހާދިސާއަށް ފަހު އޭނާ ކޯހުގައި ވަޑައިގަންނަވަންދެން ވެސް އުޅުއްވަމުން ގެންދެވީ ހަމަ އެލާރޓުގައި ކަމަށެވެ. އިންޑިޔާ ސިފައިން އޭރު ވެސް މާލޭގައި ހަރަކާތްތެރިވަމުން ދިޔައެވެ.

"އިންޑިޔާ ސިފައިން ރާއްޖޭގައި ތިއްބާ، އެއަރ ވިންގ އިން ކޯހެއް ލިބިގެން، އިނޖިނޭރިންގ ކޯހެއްގައި 1989 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައި އަހަރެން އިންޑިޔާއަށް ފުރީ. އަހަރެންގެ ފުރަތަމަ ދަރިފުޅު ލިބުނު އިރު އަހަރެން ހުރީ ކޯހުގައި އިންޑިޔާގައި. ދަރިފުޅު ލިބުނީ 1989ވަނަ އަހަރުގެ ނޮވެންބަރު މަހު ތެރޭގައި" ޝަފީޤު ވިދާޅުވިއެވެ.

ޝަފީޤު ވިދާޅުވީ އެ ދުވަހު ދުޝްމަނުންގެ އަތްދަށުނުވެ ދިވެހި ގައުމު ސަލާމަތްވެ ލިބުނު ކާމިޔާބީ ލިބުނީ ސިފައިން ކުރި ހިތްވަރުންނެވެ. ހުސައިން އާދަމުމެން ފަދަ ހިތްވަރުގަދަ ކެރޭ ދިވެހި ދަރީންގެ ސަބަބުންނެވެ.

"ސިފައިން ތިބީ ވަރަށް ކެރިގެން އެ ކަމުގައި ކުރިމަތިލައިގެން. އެ ލިބުނު ކާމިޔާބީގެ އެންމެ މުހިންމު ބަޔަކީ ހަމަ ދިވެހި ސިފައިން. އެ ވަގުތު ހަމަލާ ދެވެން ހުރި ހުރިހައި ދިމާއަކުން ސިފައިން ދިޔައީ ހަމަލާ ދެމުން. އެކަން ދިމާވުމުން ވަކި ވެރިއެއްގެ އޯޑަރެއް އަންނަދެން މަޑުކޮށްގެން ތިބުމުގެ ބަދަލުގައި އެ ހާލަތު ދިމާވުމާ އެކު އެ މީހެއް މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި މަސައްކަތްކުރި ހިތްވަރުގަދަ ސިފައިންތަކެއް އުޅުނު. އެކަމުގައި ގައުމު އިސްކުރި ބަޔަކު ސިފައިންގެ ތެރޭގައި ތިބިކަމީ އެ ކާމިޔާބީ ލިބުމުގެ މައިގަނޑު އެއް ސަބަބު. ހަމަ ގައިމު ވެސް އަޅުގަނޑުމެން ތެދުވެގެން ގޮސް އަޅުގަނޑުމެން ކުރި ކޮންމެ ކަމެއް ކުރީ ވަކި ވެރިޔަކު ވަކި އިރުޝާދެއް ދެއްވައިގެނެއް ނޫން. އެންމެ ފުރަތަމަ އެ ވެގެން އުޅޭގޮތެއް ބަލަން ފުލުސް އޮފީހުން ނުކުމެ ސިޑީން ތިރިއަށް އައިސް އެ ވާނުވާ ބެލީ ވެސް އަދި އެއީ ބޭރުގެ ބައެއްކަން އެނގުމުން ބަޑިޔާ ވަޒަނާ ހޯދައި އެ ކަމަށް ތައްޔާރުވެ އެންމެ ރަނގަޅު ޕޮއިންޓަށް ގޮސް ދިފާޢީ ހަމަލާދީ އެ ތަނުގައި 24 ގަޑިއިރަށް ވުރެ ގިނަ އިރު ފަހަތަށް ނުޖެހި ސާބިތުވެ ތިބީ ހަމަގައިމު ވެސް އަހަރެމެންނަށް ވަކި ވެރިޔަކު ވަކި އިރުޝާދެއް ދެއްވައިގެނެއް ނޫން. އެ ވަގުތު އަހަރެމެން ކުރި ކޮންމެ ކަމެއް ކުރީ އަހަރެމެންގެ އަމިއްލަ ވިސްނުމުގައި. އަހަރެން ގަބޫލުކުރާ ގޮތުގައި އެއީ ބަޑި ނަގަންޖެހޭ ވަގުތެއް" އެ ބިރުވެރި ހާދިސާއާ ގުޅިގެން ކަންކަން ކުރެއްވި ގޮތް ޝަފީޤު ވިދާޅުވިއެވެ.

އަޙުމަދު ޝަފީޤަކީ ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވި ފުރަތަމަ ދުވަހުން ފެށިގެން ވެސް ކަންކަމުގައި އިސްނެންގެވި ބޭކަލެކެވެ. ކަންކަމުގައި ޖެހިލުން ކުޑަ ހުޝިޔާރު ބޭފުޅެކެވެ. ޝަފީގަށް ވަނީ ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގަތްތާ، އެއް އަހަރުގެ ތެރޭގައި ޕެރޭޑް އިންސްޓްރަކްޓަރކަން ވެސް ލިބިވަޑައިގގެންފައެވެ. މާނައަކީ ޕެރޭޑްތަކުގައި ކޮމާންޑްކޮށް މީހުން ތަމުރީނުކޮށް އުޅުން ފަދަ ކަންކަން އެއް އަހަރުގެ ތެރޭގައި ޝަފީޤުވަނީ ކުރައްވަން ފައްޓަވާފައެވެ.

"އެންމެ ފުރަތަމަ ސިފައިންގެއަށް ވަންތަނާހެން ކަންކަމުގައި ވަރަށް ހަރަކާތްތެރިވެ އުޅެން ފަށައިފިން. އޭރުވެސް އަހަރެން އެހައި މަޑުމަޑުންނެއް ނުހުންނަން. އެންމެ ކުރީއްސުރެ ފެށިގެން ވެސް އަހަރެން އުޅެމުން އައީ ވަރަށް ހަރަކާތްތެރިކޮށް ބަސްބުނަންޖެހޭ ތަންތަނުގައި އަހަރެންނަކީ ބަސްބުނެ އުޅުނު މީހެއް. އެގޮތަށް އުޅެން އާދަވެފައި ހުރުމާ އެކު ނޮވެންބަރު3 ގެ ހާދިސާ ކުރިމަތިވި ދަނޑިވަޅު ވެސް ވަކި މީހަކު އޯޑަރު ދެންދެން ހުރުމުގެ ބަދަލުގައި އަމިއްލައަށް އިސްނަގައިގެން ހުރިހާ ކަމެއްގައި އުޅެވުނީ." ޝަފީޤު ވިދާޅުވިއެވެ.

އެ ދުވަހު އެ ބިރުވެރި ހާދިސާ ފެށި ނިމިގެން ދިއުމާ ހަމައަށް އެހެން ހުންނެވި އިރު އާއިލާގެ ފަރާތުން އެއްވެސް ފޯނުކޯލެއް ޝަފީޤާ ހަމައަކަށް ނާދެއެވެ. އަދި އެ ފަދަ ކަމަކަށް ޝަފީޤުގެ އެއްވެސް ވަރެއްގެ ވިސްނުމެއް ވެސް އޭރަކު ނެތެވެ. އޭރުގެ ހުރިހާ ވެސް ވިސްނުމަކީ ސިފައިންގެ ދިފާއުކުރެއްވުމުގެ ވިސްނުމެވެ. އެއީ ބޭރު ބައެއްކަން ފުރަތަމަ އެނގުނު ވަގުތުން ފެށިގެން ޝަފީޤު ހުންނެވީ ދެތިން ހަތަރު ދުވަހަށް ތައްޔާރުވެގެން އެގޮތަށް ހިތުނިޔަތް ގަނެގެންނެވެ. އެ ނޫން އެހެން އެއްވެސް ވިސްނުމެއް ޝަފީޤުގެ ހަމަ ނެތެވެ.

ޝަފީޤު ފުރަތަމަ ވަޒީފާއަށް ވެންނެވީއްސުރެ ވެސް  ތަނުގެ ސަލާމަތާއި ރައްކާތެރިކަމަށް އަބަދުވެސް ވިސްނެވިއެވެ.

"އެންމެ ފުރަތަމަ ވަޒީފާއަށް ޖޮއިންކުރި ހިސާބުން ވެސް އެފަދަ ކަންކަމާ މެދުގައި އަހަރެން ދިޔައީ ވިސްނުން ހިންގަމުންކަން އަރެންނާ އެކު އުޅުނު މީހުންނަށް އެނގޭނެ. ފުލުސް އޮފީހުގެ އިރުމަތީ ގޭޓުގައި ހަރުކުރި ދަގަނޑު ދަމާ ގޭޓަކީ ވެސް ސީދާ އަހަރެމެންގެ އިސްނެގުމުގެ މަތިން ހަރުކުރެވުނު ދޮރެއް. ޕްލޮޓް ޖަމާއަތުގެ މީހުންނަށް ސިފައިންގެ މީހާ ދިން ޗާޓުގައިވާ ގޮތުން ވެސް އޮތީ ފުލުސް އޮފީހުގެ އިރުމަތީ ގޭޓުގެ ބިއްލޫރި ދޮރަކުން ވަދެގެން ދާގޮތަށްކަން ތަހުގީގުން ވަރަށް ރަނގަޅަށް އެނގުނު." ޝަފީޤު ވިދާޅުވިއެވެ.

"ޝަފީޤަކީ ވަރަށް ވިސްނުންތޫނު ހީވާގި ބޭފުޅެއް. ނޮވެންބަރު 3ގެ ކުރިން ވެސް އަދި އޭގެ ފަހުން ވެސް ޝަފީޤަކީ ވަރަށް ހަރަކާތްތެރިވެ އުޅުއްވި ބޭފުޅެއް" ނޮވެންބަރު 3ގެ ހާދިސާގައި އެންމެ އިސް ސަފުގައި މަސައްކަތްކުރެއްވި ކެޕްޓަން އަޙުމަދު ނަޢީމު ޝަފީޤާ މެދު ވިދާޅުވިއެވެ.

ޝަފީޤާ އެކު އެއް ދުވަހެއްގައި ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވި މުޙައްމަދު ޞާދިޤު ވިދާޅުވީ، އަޙުމަދު ޝަފީޤަކީ ސިފައިންގެ ޚިދުމަތުން ފާހަގަކުރެވުނު އާދަޔާ ޚިލާފު ޖެހިލުން ކުޑަ ތޫނު ބޭކަލެއް ކަމަށެވެ.

your imageއިންޑިއާ ސިފައިންގެ އެންމެ އިސްކޮށް ހަރަކާތްތެރިވި ކާރނަލް ޖޯޝީއާ އެކު އެންމެ ކަނާތްފަރާތުގައި ޝަފީޤު

"ޝަފީޤަކީ ޖެހިލުން ކުޑަ، ތަހުގީގީ ދާއިރާގައި ފުންނާބު އުސް، އަދި ސިފައިންގެ ޚިދުމަތުގައި ވަރަށް ރަނގަޅަށް މަސައްކަތްކުރެއްވި ހީވާގި ބޭފުޅެއް. ނޮވެންބަރު 3ގައި ވެސް ވަރަށް ހަރަކާތްތެރިކޮށް ޝަފީޤު އުޅުއްވި. ނޮވެންބަރު 3ގައި ބާގީން މާލެ އެރި ވަގުތު ވެސް ޝަފީޤު ހުންނެވީ ޑިއުޓީގައި. ޝަފީޤަކީ ސީދާ ސިފައިންގެ ތެރޭގައި ހުންނަވާ ހަނގުރާމާގައި ބައިވެރިވި އެކަކު." އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް މުޙައްމަދު ޞާދިޤު ވިދާޅުވިއެވެ.

ޝަފީޤުގެ ދިފާޢީ ޚިދުމަތުގެ އެންމެ ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވަނީ ފުލުސް އޮފީހުގެ ތަހުޤީގުކުރުމުގެ މަސައްކަތުގެ ވަރަށް އިސް ސަފުގައެވެ. އެ މަސައްކަތުން ވެސް ޝަފީޤުގެ ތެދުވެރިކަމާއި ޖެހިލުން ކުޑަކަމާއި ހުޝިޔާރުކަން ވަނީ ފާހަގަކުރެވިފައެވެ.

"ޝަފީޤަކީ ފެށުނީއްސުރެ އަޅުގަނޑާ އެކު ފުލުސް އޮފީހުގެ އޭ ސެކްޝަނުގައި ތަހުގީގުކުރުމުގެ މަސައްކަތް ކުރެއްވި ބޭކަލެއް. އޭރު ވެސް ޝަފީޤު ފާހަގަކުރެވިފައިވަނީ ވަކި މީހަކަށް ބެލުމެއް ނެތި އޮންނަ އުސޫލުގެ ތެރެއިން ވަރަށް ތެދުވެރިކަމާ އެކު މަސައްކަތްކުރެއްވި ބޭކަލެއްގެ ގޮތުގައި. އަޅުގަނޑުމެން ދެ މީހުން މަސައްކަތް ކުރަމުން ދިޔައީ އޭ ސެކްޝަނުގައި. ތަހުގީގުކުރަނީ މަދަނީ މައްސަލަތައް. އޭގެ ތެރެއިން އެންމެ ގިނައިން ކުރެވިފައި ހުންނާނީ ފައިސާއާ ގުޅުން ހުރި މައްސަލަ. އެފަދަ ކޮންމެ މައްސަލަ އެއް ތަހުޤީޤުކުރެއްވުމުގައި ވެސް ޝަފީޤު ސާބިތުކޮށްދެއްވީ ތެދުވެރިކަމާ އަމާނާތްތެރިކަން. ހީވާގިކަމާއި މުރާލިކަން" ޗީފް ސްޕްރިންޑެންޓެންޓް އޮފް ޕޮލިސް ރިޓެޔަރޑް އިބްރާހީމް މަނިކު ވިދާޅުވިއެވެ.

ނޮވެންބަރު 3ގެ އެ ބިރުވެރި ހާދިސާއަށް 37 އަހަރު ފުރިފައިވާ އިރު އެ ދުވަހުގެ ހަނދާންތައް ދާދި ދެންމެވީ ކަމެއްހެން ބައެއް މީހުންގެ ހިތުގައި ރައްކާކުރެވިފައި އެބަ ހުއްޓެވެ. ބައެއް ތަސްވީރުތަކާއި ފޮޓޯތައް އެކި ނޫސްތަކުން ފެންނަން ވެސް އެބަ ހުއްޓެވެ. އަދި ތާރީޚީ ފަތްފުށްތަކުގެ އެކި ސަފުހާތަކުގައި އެ ވާހަކަތައް ލިޔެވިފައި ވެސް އެބަ ހުއްޓެވެ. ނަމަވެސް އެއްގޮތަކަށް ވެސް ނުލިޔެވޭ، އަދި އެ ވާހަކަތަކެއް ނުދެއްކި ހުރި ކިތަންމެ ވާހަކަތަކެއް ވެސް އެބަ ހުއްޓެވެ. އަދި އެ ވާހަކަތައް ދެކެވި ލިޔެވިފައިވާ ވާހަކަތަކުގެ ތެރެއިން އިތުރަށް ފުރިހަމަ ކުރަންޖެހިފައިވާ ކިތަންމެ ވާހަކަތަކަކާއި މުޅިން އަލަށް ދައްކަންޖެހޭ ކިތަންމެ ވާހަކައެއް ހުރިކަން ހަމަ އެކަނި ކުޑަ ޝަފީޤު އަދާކުރެއްވި ދިފާޢީ ބޮޑު ދައުރުން އެކަނި ވެސް އެބަ ހާމަކޮށްދެއެވެ. ޝަފީޤަކީ ނޮވެންބަރު 3ގެ އެ ހާދިސާ ފެށުނު ވަގުތު އެކަން ވާނުވާ ބެއްލެވި އެއް ބޭކަލެކެވެ. އަމިއްލަ އިސްނެންގެވުމާ އެކު ހަތިޔާރާއި ވަޒަން ހޯއްދަވައި ފުލުސް އޮފީސް ދިފާއުކުރެއްވުމަށް ޓަކައި އެންމެ އެކަށޭނަ މަގާމުގައި އެންމެ ފުރަތަމަ ވަގުތުން ފެށިގެން އިންޑިޔާ ސިފައިން، ސިފައިންގެ އާ ހަވާލުވަންދެން ވެސް ސާބިތުވެ ހުންނެވި ހިތްވަރުގަދަ ފަހުލަވާނެކެވެ. އެ ދުވަހު ތުޅާދޫ އެ ކުޑަޝަފީޤު ގައުމުގެ ދިފާއުގައި އަދާކުރައްވާފައި އެ ވަނީ ތާރީޚަށް ޓަކައި ވެސް ލިޔެވެންޖެހޭނެ ފަދަ ބޮޑު ޚިދުމަތެކެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
33.333333333333%
އުފާވި
0%
ދެރަވި
33.333333333333%
ރުޅިއައި
33.333333333333%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ނޮވެންބަރު3ގައި ފާހަގަކުރެވުނު ކުޑަ ޝަފީޤުގެ ބޮޑު ޚިދުމަތް
15 hours ago 0 Comments
ޢަލީ ޙަސަން - ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތުގައި ހުންނެވި ހަށިފާރަވެރިޔާ
1 week ago 0 Comments
ޝަހީދު ޙުސައިން މުޙައްމަދުގެ ފިދާވުން
1 week ago 1 Comments
ނޮވެންބަރު ތިނެއްގައި ތުޅާދޫ ދަރިންގެ ދައުރު
2 weeks ago 0 Comments