
ބ. ތުޅާދޫ ފެހެނޑަމާގޭ ޙަސަން އިބްރާހީމާއި ފާޠިމަތު ޙަސަނަށް 11 ކުދިން ލިބިވަޑައިގެންފައިވާ އިރު ދުނިޔޭގައި ތިއްބެވި 9 ކުދިންގެ ތެރެއިން ޢަލީ ޙަސަނަކީ އެ ދެމަފިރިންގެ 3 ވަނަ ދަރިފުޅެވެ. ފިރިހެން ކުދިންގެ ދެވަނަ ދަރިފުޅެވެ. މަދަރުސީ ޙަޔާތުގެ ދުވަސްތައް ތުޅާދޫ ސްކޫލް (އޭރު މަކްތަބުލް ހިދާޔާ)ގައި ހޭދަކުރެއްވުމަށް ފަހު ސިފައިންގެ ޚިދުމަތާ ޢަލީ ޙަސަން ގުޅިވަޑައިގަތީ އޭނާގެ އުމުރުފުޅުން އެންމެ 23 އަހަރުގައި 1979ވަނަ އަހަރުގެ ޖުލައި މަހުގެ 5ވަނަ ދުވަހު ޕްރައިވެޓެއްގެ ގޮތުގައެވެ.
ނޮވެންބަރ 3 ގެ އެ ބިރުވެރި ހާދިސާގައި ދުޝްމަނުން އަތުލައިގަންނަން ބޭނުންވި އެންމެ މުހިންމު ބޭފުޅަކީ ރާއްޖޭގެ އޭރުގެ ރައީސުލްޖުމްހޫރިއްޔާއެވެ. އެ ނުރައްކާތެރި ދަނޑިވަޅު އެމަނިކުފާނު ދިރިއުޅުއްވާ ތީމުގެއިން ނުކުމެވަޑައިގެން އެ ރޭގެ ފަތިހުގެ 4:50 ހާ އިރު ވަޑައިގަތީ ހުދުއަސުރުމާ ގެއަށެވެ. އޭރު ދުޝްމަނުން ދިޔައީ ތީމުގޭ ދެކުނު ފަރާތުން މައިގޭޓަށް ހަމަލާދެމުންނެވެ. އެ ގެއާ ހަމައަށް ރައީސުލްޖުމްހޫރިއްޔާގެ ޢާއިލާ ވަޑައިގެންނެވުނު އިރު އެ ގެ ހުރީ ތަޅުލާފައެވެ. ދެން ވަޑައިގަތީ އެ ގެއާ އިންވެގެން ހުރި ގުލިސްތާނުގެއަށެވެ. އެ ގޭގައި ރައީސުލްޖުމްހޫރިއްޔާގެ ހަށިފާރަވެރިއެއްގެ ގޮތުގައި އެ ދުވަހު ޚިދުމަތް ކުރެއްވި އެއް ބޭފުޅަކީ ސިފައިންގެ ތެރޭގައި ބޭނުންކޮށް އުޅޭ ނަމުން ނަމަ "ތުޅާދޫ" އެވެ. ތުޅާދޫ ޢަލީ ޙަސަންއެވެ.
1988ވަނަ އަހަރުގެ ނޮވެންބަރު މަސް ފެށިގެން އައި އިރު ސިފައިން ދިޔައީ އެ އަހަރު ނޮވެންބަރ 11ގައި އޮންނަ ހުވާކުކުރުމުގެ ރަސްމިއްޔާތަށާއި އެ ދުވަހު މަގުމަތީ އޮންނަ ރޫޓްމާޗަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. އެއީ ސިފައިން ވަރަށް ބުރަކޮށް މަސައްކަތްކުރަމުން ދިޔަ ދުވަސް ކޮޅެއް ކަމަށް ޢަލީ ޙަސަން ވިދާޅުވިއެވެ.
"އެއީ ވަރަށް ބިޒީކޮށް މަސައްކަތްކުރަމުން ދިޔަ ދުވަސް ވަރެއް. އެހެން ހުއްޓާ ނޮވެންބަރ 3ގެ ހާދިސާ ކުރިމަތިވީ. ތިންވަނަ ރެޔަކީ އަޅުގަނޑުގެ ގޭ ރޭ. އޭރު ސިފައިންގޭގައި މީހުންގެ އަދަދު މަދުކަމުން ބައެއް ފަހަރު ގޭ ރޭ ވެސް ޑިއުޓީ ޖެހެމުން ދިޔަ. ނޮވެންބަރު 3ގެ އެ ހާދީސާގައި ޝަހީދުވެގެން ދިޔަ މުޙައްމަދު އިބްރާހީމް މެކާނޯއަކީ ވެސް ގޭ ރޭގެ ގޮތުގައި ގޭގައި ހުރެފައި ޑިއުޓީއަށް ނުކުންނަން ޖެހިގެން އެރޭ ޑިއުޓީއަށް ދިޔަ މީހެއް." އެރޭގެ އެ ހާދިސާ ކުރިމަތިވުމާ ހަމައަށް ސިފައިންގެ ކަންކަން ހުރިނެތް ގޮތް ބަޔާންކޮށްދެއްވުމުގެ ގޮތުން އަލީ ޙަސަން ވިދާޅުވިއެވެ.
ޢަލީ ޙަސަން އެކި ދުވަސްވަރު އެކި ޔުނީފޯމުގައި
ނޮވެންބަރު 3ގެ ހާދިސާގައި ބާޣީން މާލެ އެރި ރެޔަކީ ޢަލީ ޙަސަނު ގޭގައި ހުންނެވި ރެއެކެވެ. ޢަލީ ޙަސަނުގެ އޭރުގެ އަނބިކަނބަލުން ޝަހީމާ މުޙައްމަދު ވިދާޅުވީ އެރޭ ވަރަށް ދަންވަންދެން ހޭލައި އުޅުމަށް ފަހު ނިދަންއޮތީ 3 ޖަހަން ކައިރިވެފައި ވަނިކޮށް ކަމަށެވެ.
"އަޅުގަނޑަށް ހޭލެވުނީ ވަރަށް ބާރު އަޑުފަށްގަޑެއް އިވެން ފެށީމާ. އޭރު ޢަލީއާއި ހުރިހައި ކުދިންނާއި ގޭގެ އެންމެން ވެސް ތިބީ ނިދާފަ. އެ ވަގުތު އަޅުގަނޑު ވަރަށް ބިރުން ހުރެ ޢަލީއަށް ގޮވަން ފެށީ" އެ ރޭގެ އެ ހާދީސާ ފެށުނު ވަގުތު އެ ގޭތެރޭގެ ކަންކަން ހުރިނެތް ގޮތް ޝަހީމާ މުޙައްމަދު ކިޔައިދެއްވިއެވެ.
"ބާޣީން މާލެ އެރި ވަގުތު އަޅުގަނޑު ވެސް އޮތީ ގޭގައި ނިދާފަ. ނިދާފައި އޮއްވާ އޭރުގެ އަންހެނުން ޝަހީމާ މުހައްމަދު އަޅުގަނޑަށް ގޮވާފައި ބުނެފި ކޮން އަޑެއްހޭ އެ އިވެނީ؟ އެ އަޑު އިވިފައި އަޅުގަނޑު ބުނީ އެއީ ގުދުރަތީ ކަމެކޭ. އަޅުގަނޑުމެން އޭރު ދިރިއުޅެނީ ގަލޮޅުގައި ހުންނަ ސިފައިންގެ ބައެއް ޢާއިލާތައް ދިރިއުޅޭ ބަނޑޭރި ކޮށީގައި. އެ ދިމާ މަތިން އެ އަޑު އަންނަން ގޮތަށް ފުރަތަމަ އެ އަޑު އަޅުގަނޑަށް އިވުނީ. އެއީ ވަރަށް ބިރުވެރި ވަރަށް ނުރައްކާތެރި އަޑެއް. އެ ވަގުތު ހޭލައިގެން އެ އަޑާދޭތެރޭގައި ވިސްނާލަން އޮތީ. ހަމަ ހުއްޓިފައި އޮވެވުނީ. އޭރު ވެސް ގަބޫލުކުރެވުނީ ހަމަ ގުދުރަތީ ކަމެއް ކަމަށް. އަޅުގަނޑަށް އެ އަޑު ފުރަތަމަ އިވުނު އިރު ހީވަނީ ފަތިސް ނަމާދު ބަންގި ގޮވާފާނެހެން. އެކަމަކު ޔަގީނެއް ނޫން" އެއީ އެ ރޭގެ އެ ބިރުވެރި އެ ބާރު އަޑު އިވެމުން ދިޔަ ވަގުތު ޢަލީއަށް ކުރެވެމުން ދިޔަ އިހުސާސެވެ.
ޢަލީ ޙަސަން އޭނާގެ ކުދިންގެ މަންމައާ އެކު
ދުވަހަކު ވެސް އިވިފައިނުވާ އެ ބާރު އަޑާ މެދު ކުޑަ އިރުކޮޅަކު ވިސްނާލަން އޮންނެވުމަށް ފަހު ޢަލީ ނުކުންނެވީ ބޭރަށެވެ. އޭރު ސިފައިން ލައި އުޅޭ ކަޅުފަށް އެޅީ ހުދު ގަމީސް ނޫން ގަމީހެއް ލައިގެން ބޭރަށް ނުކުތުމަކީ މަނާ ކަމަށްވަތީ އަލީ ޙަސަން ބޭރަށް ވަޑައިގަތީ ފަށްއެޅި ހުދު ގަމީހާއި ފަޓްލޫނު ތުރުކުރައްވައިގެންނެވެ. ބޭރަށް ވަޑައިގެން އިރު ވެސް އެ ހިސާބުން މީހަކު ފެންނާކަށެއް ނެތެވެ. އޭރު ބަނޑޭރި ކޮށިތެރޭގައި ވަރަށް މަދު ބަޔަކު ހޭލައި އުޅޭތަން ފެނެއެވެ. އެ ހިސާބުން އަލީ ޙަސަން އަވަސްވެގަތީ ވެގެން އުޅޭގޮތެއް ބެއްލެވުމަށް ޓަކައި ފޯނުކޮށްލެވޭނެ ގޮތެއް ހޯއްދަވާށެވެ. އެ ދުވަސްވަރަކީ މާ ގިނަ ގޭގޭގައި ފޯނުލައިން ހުންނަ ދުވަސްވަރެއް ނޫނެވެ. ޢަލީ ވަޑައިގަތީ ބަނޑޭރި ކޮށްޓާއި މާދުރު ނޫން ހިސާބެއްގައި ހުންނަ ގެއަކަށެވެ.
"އަޅުގަނޑު ވަނީ، ބިލަބޮންގ ސްކޫލްގެ އަނެއް ކަންމަތީގައި ހުންނަ ހުސައިން މަނިކު ދޮންމަނިކުގެއާ ޖެހިގެން ހުރި ގެއަށް. އެ ގެއަށް ވަނީ ފޯނުކޯލެއް ލިބޭތޯ. އަޅުގަނޑު ހަނދާންވަނީ އެ ގެއަށް ކިޔަނީ "ހިޔަމަ" އޭ. ފޯނެއް ވެސް އޭރު ހުންނާނީ ވަރަށް މަދު ގެއެއްގައި. ދެން އެ ގެއަށް ވަދެ ފޯންކޯލެއް ލިބިދާނެތޯ އެހީމާ އެ ގޭ މީހުން ބުނީ ނުކެރޭނޭ ފޯނުކޯލެއް ދޭކަށް. އޭރު އެ މީހުން ވެސް ތިބީ ވަރަށް ބިރުން. ދެން ވަރަށް އާދޭސްކުރީމާ ފޯނުކޯލެއް ދިފި" ވެގެން އުޅޭ ގޮތެއް ބެއްލެވުމަށް އަލީ ކުރެއްވި މަސައްކަތުގެ ތަފުސީލު އޭނާ ދެއްވިއެވެ.
"އޭރު އަޅުގަނޑަށް އެނގެނީ ސިފައިންގެއިން ދެ ނަންބަރު. އޭރު މާ ގިނަ ނަންބަރުތަކެއް ނުވެސް ހުންނާނެ. ދެ ނަންބަރު އެނގެނީ. ބަނޑޭރި ގޭޓުގައި ޑިއުޓީ ސަރުދާރު އިންނަވާ ތަނުގައި ހުންނަ ފޯނާ ގުޅީ. ގުޅި އިރު އޭރު ޑިއުޓީގައި އިނީ ދިއްދޫ ރިޒާ. އެ ނަންބަރާ ގުޅީ އެންމެ ފަސޭހައިން އެނގޭ ނަންބަރަކަށް ވާތީ. ދެން އޭނަޔާ ގުޅާލުމުން އެއީ ކޮންކަހަލަ ހަމާލާއެއްކަން އެނގުނު. ދެން އިހުސާކުރެވުނީ ކީއްވެގެންބާވައޭ އެ ޙާލަތުގައި ރިޒާ ފޯނު ނެގީ. ވަރަށް ރިސްކު ބޮޑުކޮށް ހުރެ އެ ނެގީ. އެ ހާލަތުގައި ނުވެސް ނަގާނެ މީހަކު ފޯނެއް. އޭނަ އެ އިންނަނީ ސިފައިންގެ މައި ގޭޓުގެ އެތެރޭގައި ލަކުޑި ފިލާގަނޑަކުން ހަނދާފައި ހުރި މޭޒެއްގެ ކައިރީގައި. އެ ތަނުގައި ހުރި ފޯނަކަށް އަޅުގަނޑު މި ގުޅީ. ބޭރުން އަރައިގެން އުޅޭ އެންމެން އޭރު ބަނޑިޖަހަމުން އެ ދަނީ އެ ގޭޓަށް. ފޯނު ނެގުމާއެކު ރިޒާ ބުނީ "ބޭރު ބައެއްގެ ހަމަލާއެއް" އެހެން ބުނުމާއެކު ފޯނު ބޭއްވި. އެ ހިސާބުންތާ އަޅުގަނޑަށް މި އެނގުނީ ބޭރު ބައެއްގެ ހަމަލާއެއް ކަން" ޢަލީ އެ ހިއްސާކުރެއްވީ އެ ވަގުތު ސިފައިންގެ އާ ގުޅުމުން އެ ވަގުތު ލިބުނު މަޢުލޫމާތެވެ.
ޢަލީ ޙަސަންއަކީ އޭރު ސިފައިންގޭގައި މާ ސީނިއަރ ބޭކަލެއް ނޫނަސް މަސައްކަތްތައް ކުރައްވަމުން ދިޔަގޮތުން ހަތިޔާރާ ގުޅޭ ކަމެއް ހިނގާ ނަމަ އޭނާއަށް ވެސް އެފަދަ ކަންކަން އެނގިވަޑައިގަންނަވާނެވެ. އެހެންވެ ފުރަތަމަ އިވުނު އަޑާ އެކު ވެސް އެއީ ސިފައިންގެ ކަމެއް ކަމަށް ގަބޫލުނުކުރެވުނީއެވެ. ސިފައިންގެއަށް ފުރަތަމަ ކުރެއްވި ކޯލަށް ދިއްދޫ ރީޒާ ޖަވާބު ދެއްވާފައި ފޯނު ބޭއްވީމާ އެވަރުން ހިތްހަމަ ޖެހިވަޑައި ނުގަތް ދެވަނަކޯލެއް ކުރަން ބޭނުންފުޅުވީ ވެސް އެކަން އިތުރަށް ކަށަވަރު ކުރުމުގެ ގޮތުންނެވެ.
"ފުރަތަމަ ކޯލަކުން އަދި ހިތްހަމައެއް ނުޖެހުނު. އިތުރު ކޯލެއް ކުރަން ބޭނުއްވެއްޖެ. އެހެންވެ ދެން އޮތް ނަންބަރާގުޅަން ބޭނުންވެއްޖެ. ދެން އަނެއްކާ ވެސް ވަރަށް އާދޭސް ކޮށްގެން ދެން އޮތް ނަންބަރާ ގުޅާލެވުނީ. އެގޭ މީހުން ވެސް ތިބީ ވަރަށް ބިރުން. ދެވަނަ ނަންބަރާ ގުޅާލި ވަގުތު ނެގީ ހުޅުލޭ މޫސަ. "އައްޔާ ބޭރު ބައެއްގެ ހަމަލާއެއް. ސިފައިންގެއިން ވެހިކަލްގައި މީހުން ނުކުމެ އުޅޭތަން ނުފެންނަނީސް މަޖީދީ މަގުން މި ފަރާތަށް ނާންނައްޗޭ." އެހެންބުނުމާއެކު ފޯނު ބާއްވައިފި. ވީމާ އަޅުގަނޑު އުޅެންވީ ގޮތުގެ އިރުޝާދެއް މި ލިބުނީތާ ކިތަންމެ ކުޑަކޮށް ނަމަވެސް. ދެން މި އެނގުނީ މަޖީދީ މަގުގެ އެފަރާތަށް ގޮސްގެން ނުވާނެކަން. ސިފައިންގެ ވެރިއެއްގެ އިރުޝާދުތާ މި ލިބުނީ. އޭރު އަޅުގަނޑަކީ އެއްފަށުގެ މީހެއް. ލާންސްކޯޕްރަލެއް." އޭރު ސިފައިންގެ ތެރެއިން ލިބުނު ޚަބަރުތައް އިތުރަށް ތަފްޞީލްކޮށްދެއްވަމުން ޢަލީ ޙަސަން ވިދާޅުވިއެވެ.
އެ ހިސާބުން ދެން ޢަލީ ޙަސަން ވަޑައިގަތީ ގެއަށެވެ. ގެއަށް ވަޑައިގަތުމަށް ފަހު ގޯތިތެރެއަށް ވައްދާފައި ހުރި ސައިކަލް ނެރުއްވިއެވެ. އެ ވަގުތު ބަނޑޭރި ކޮށިތެރެއިން ދިމާވި ޕްރައިވެޓް އިސްމާޢީލް މުސްޠަފާޔާ ދެ ބޭކަލުން ސައިކަލުގައި އެތައް މަގެއްގައި ދުއްވެވިއެވެ.
"އޭރު މަޖީދީ މަގުގެ އިރުމަތިން ފުދޭވަރަކަށް މީހުން ފެނުނު. އޭރު އަދި މުޅިން ބިންމައްޗަށް އައްޔެއް ނުވޭ. ކޮންމެވެސް ވަރަކަށް އަނދިރި. އެ ހިސާބުން ފެނުނު ވަކިން އުޅޭ ދެ މީހަކު. އޭރު އަނދިރިއެއް ކަމަކު އެނގޭ ހަތިޔާރު ގެންގުޅޭ ބައެއްކަން އެ މީހުންގެ ހަރަކާތްތައް ހުރިގޮތުން. ހީވަނީ އެ މީހުން ބަޑި ދިއްކޮށްލީމައޭ ދިވެހިންތައް އެ ދުއްވައިގަންނަނީހެން. ފުރަތަމަ އަޅުގަނޑަށް ހީކުރެވުނީ އެ ދެމީހުން އެ އުޅެނީ ލަގުޒަރީ ހިސާބުގައޭ. އެކަމަކު ފަހުން އެނގުނު ގޮތުގައި ކިނބިގަސްދޮށުގެއަށް ދިޔަ މީހުން އެ ގޭދޮށަށް ގޮއްސާ އެ މީހުން އެ ނުކުތީ އެ ގޯޅީން މަޖީދީ މަގަށް. އެގޮތަށް ބޮޑަށް ހީވަނީ. އެހެންވީމާ ލަގުޒަރީއަށް ވުރެ ތަންކޮޅެއް އިރުމަތި އެއީ. ދެން އެތަން ބަލައިލާފައި އަވަހަށް އައީ ގެއަށް. ދެން ދާނީ ވަކި ކޮންތާކަށް. މަޖީދީ މަގުގެ އެ ފަރާތަށް ދެވޭކަށް ނެތް. ސިފައިންގެއިން މި އޮތީ އެ ގޮތަށް އަންގާފަތާ." އެ ވަގުތު ޢަލީ ޙަސަނަށް މާލެތެރެއިން ފެނުނު ބައެއް މަންޒަރުތައް ސިފަކޮށްދެއްވިއެވެ.
މާލެ ތެރެއިން ފެނުނު މަންޒަރާ އެކު ޢަލީ ޙަސަން ގެއަށް ވަޑައިގެން ސިފައިންގެ ޔުނީފޯމުގެ ބަދަލުގައި ތުރުކުރެއްވީ ގަމީހެކެވެ. އޭރު އިރު ނޭރިއެއް ކަމަކު ބިންމައްޗަށް ވަނީ އަލިވެފައެވެ. ވަރަށް ގިނަ މީހުން އޭރު ބަނޑޭރި ކޮށިތެރޭގައި ވެސް ހޭލައި އުޅެއެވެ. އެ މީހުންގެ ތެރެއިން ގިނައިން ފެންނަނީ އަންހެނުންނެވެ. އެ ހިސާބުން ސައިކަލް އެތެރެއަށް ވެއްދެވުމަށް ފަހު އެތަނުން ކޮންމެވެސް ސިފައިންގެ ކުއްޖެއްގެ ބައިސްކަލެއް ނަގައިގެން އަންހެނުންނާ ދެ ކުދީން ގޮވައިގެން ޢަލީ ޙަސަން ވަޑައިގަތީ އޭނާ ކުރިން މާލޭގައި ދިރިއުޅުއްވި މއ. މާވަރަށެވެ.
ޢަލީ ޙަސަން ސިފައިންގެ ބައިސްކަލާއެކު
"އަންހެނުންނާ ދެ ކުދިން މާވަރަށް ލުމަށް ފަހު އަނެއްކާ ދިޔައީ ސިދުގީ (އަހަރެންގެ ތިމާގެ) އަންހެނުން ބަލާ ގެއަށް. ސިދުގީ އަންހެނުން ވެސް އޭރު އުޅެނީ އަޅުގަނޑުމެންގެ ގޭގަ. ސިދުގީ އަންހެނުން ގޮވައިގެން ދިޔައީ ރުގިއްޔަތަ ގެއަށް. މާފަންނު ސަންރީފަށް." އޭރު ހީވާގޮތުން ހެނދުނު 8 ވެސް ޖަހާފާނެކަމަށް ޢަލީ ޙަސަން ވިދާޅުވިއެވެ.
ސަންރީފުން ބޭރަށް ނުކުތްތަނުން މާވެޔޮ މިސްކިތާ ކައިރިން ޢަލީ ޙަސަނަށް ފެނިވަޑައިގަތީ މުއިވެޔޮ މަގުން ވަރަށް ބާރަށް ދުއްވާފައި ދިޔަ ކާރެކެވެ. އެއީ އޭރު ސިފައިން ގެންގުޅޭ ހުދުކުލައިގެ ކުދިކުދި ކާރުތަކުގެ ތެރެއިން ކާރެއްކަން ޢަލީއަށް އެނގިވަޑައިގަތެވެ. އެހެންވެ ވަރަށް ބާރަށް ބައިސްކަލު ދުއްވާފައި އެ ކާރުގެ ފަހަތުން ދިޔައީއެވެ. ތަންކޮޅަކަށް ދިޔަތަނާ އެ ކާރު ގެއްލިއްޖެއެވެ. އެ ވަގުތު އެ ހިސާބުން ދިމާވި މީހަކު ބުނި ބުނުމަށް ޢަލީ ޙަސަނު ވަނީ ބަފާ ވަލީދުގެއަށް ކަމަށް އަލީޙަސަން ވިދާޅުވިއެވެ.
"އެހިސާބުން ދިމާވި މީހަކު ބުނަނީ އެ ގެއަށް އެބަ ގެނެޔޭ އިލްޔާސް. ދެން އިލްޔާސް އާދޭތޯ އެ ގޭ ދޮށުގައި އަޅުގަނޑު ހުރެފިން ބައިގަޑިއެއްހާ އިރު. އެއްވެސް ޚަބަރެއް ނުވި. ދެން ހިތަށް އެރީ މި ތާނގައި ހުރެގެން ނުވާނެޔޭ. އެހެން ހިތާ އެ ގެއިން ނުކުމެގެން ދިޔައީ އަނެއްކާ ބަނޑޭރި ކޮށްޓަށް. ބަނޑޭރި ކޮށްޓަށް ދިޔަ އިރު އަސްތާ ބަނޑޭރި ކޮށީގެ މަސްލަހަތު އޮތީ ވަރަށް ގޯސްވެފައި. ބައެއް މީހުން މި ކިޔަނީ ބަނޑޭރި ކޮށްޓަށް ހަމަލާދީފާނެތީ ޢަލީ މި އުޅެނީ ޢަލީގެ ސަލާމަތްކަން ހޯދަން އަންހެނުންނާ ކުދިން އެހެން ގެއަކަށް ލައިގެންނޭ." އެ ވަގުތު ބަނޑޭރިކޮށީގެ ހާލަތު ހުރި ގޮތް ސާފުކޮށްދެއްވަމުން ޢަލީ ވިދާޅުވިއެވެ.
ޢަލީ ޙަސަނުގެ ޢާއިލާ ބަނޑޭރި ކޮށިން އެހެން ތަނަކަށް ބަދަލުކުރީ އެ ތަނަށް ހާމަލާދީފާނެކަމުގެ ބިރުވެރިކަމެއް އޮވެގެންނެއް ނޫނެވެ. ބަނޑޭރިކޮށީގައި އެ ވަގުތު ދިރިއުޅެމުން ދިޔަ ޢަލީ ޙަސަނުގެ އަވަށްޓެރިންނާއި އަދި ޚުދު ޢަލީ ޙަސަނުގެ އާއިލާގެ ބައެއް މެންބަރުންނަށް ވެސް އެހެން ހީކުރެވުނު ނަމަވެސް ޢަލީ ޙަސަނުގެ މަގުސަދު އެއަށް ވުރެ މާ މާތެވެ. ޢަލީގެ ޢާއިލާ އެހެން ގެއަކަށް ބަދަލުކުރެއްވީ އޭރު މާލެތެރޭގެ ހާލަތު އޮތްގޮގުން ގޭގައި މަޑުކޮށްގެން ހުންނަން ބޭނުން ނުވާތީއެވެ. ކޮންމެ ހާލެއްގައި ވިޔަސް ގައުމު ދިފާއުކުރުމަށް ކުރެވެން އޮތް މަސައްކަތެއް ކުރުމަށް ރަށުތެރެއަށް ނުކުންނަން ބޭނުންވާތީއެވެ. އެ ކަމުގައި ކިތަންމެ ގިނަ ދުވަހަކު ވެސް އުޅެން ޖެހިދާނެކަމަށް ވެސް ވިސްނޭތީއެވެ. މިގޮތަށް އުޅެވޭނީ އަނބިދަރީންގެ ކަންކަން ބަލަން އުޅެން ނުޖެހޭވަރުގެ ތަނަކަށް އެ މީހުން ބަދަލުކޮށްގެން ކަމަށް ޢަލީއަށް ގަބޫލުކުރެއްވުނެވެ.
ޢަލީ ޙަސަން އޭނާގެ ދަރިފުޅަކާ އެކު
"އަޅުގަނޑު ބަނޑޭރިކޮށްޓަށް ދިޔައިރު ކަންތައް އޮތީ ވަރަށް ގޯސްވެފައި. އެހެންވެ އެ މީހުންނަށް ވަރަށް ރަނގަޅަށް ކިޔާދިނިން އެ ކަހަލަ ކަމެއް ވެގެނެއް ނޫނޭ. ބަނޑޭރި ކޮށްޓާ ދިމާއަށް ބަޔަކު އަންނަ ކަހަލަ ވާހަކައެއް އަދި ނުދައްކައޭ އެއްވެސް ބަޔަކު. އެ ކަހަލަ އަޑެއް ވެސް ނީވެޔޭ. އެ ކަހަލަ ކަމެއް ވެގެނެއް ނޫނޭ މިއުޅޭނީކީ. މި ކުރި ކަމަކީ އަލީއަށް ރަށުތެރޭގައި އުޅެވޭނެ ގޮތް ހެދިއްޔޭ. އަލީގެ އަނބިދަރިންނައިގެން އުޅެން ނުޖެހޭގޮތް ހެދިއްޔޭ. ކަލޭމެން މި ތަނުގައި ތިބޭށޭ މަޑުމަޑުން. މއ. މާވަރަށް އެ މީހުން ލީ، އަޅުގަނޑުގެ އަންހެނުންނާ ދަރިންގެ ކަންތަކާ އަޅުގަނޑު އުޅެން ނުޖެހޭ ވަރުގެ، އަދި އެމީހުން ވެސް ދަންނަ އެ މީހުންނަށް ރައްކާތެރި ތަނަކަށް ލާންވެގެންނޭ މާވަރަށް މިގެންދިޔައީ." އެކަމުގެ ޙަޤީޤަތް އޮޅުން ފިލުއްވައިދެއްވުމުގެ ގޮތުން ޢަލީ ޙަސަން ވިދާޅުވިއެވެ.
އޭރު ބަނޑޭރި ކޮށިތެރޭގައި އުޅޭ ސިފައިންގެ އާއިލާތަކުގެ ގިނަ މީހުންނަށް ވެސް މިވެގެން އުޅޭގޮތް ކޮންމެވެސް ވަރަކަށް ވަނީ ސާފުވެފައެވެ. އެކަމަކު ވެސް ބިރުގަނެފައި ތިބި ވަރުން، އެވެނި ތަނަކަށް މިވެނި ތަނަކަށް ގެންގޮސްދޭށޭ ކިޔައި ވަރަށް ގިނަ މީހުން އޭރު ވެސް އާދޭސް ކުރަމުން ދިޔައެވެ. އެހެނަސް އެ ކަމުގައި ވާގުތު ހޭދަކުރަން އުޅޭވަރަށް ވުރެ މާލެތެރޭގެ ކަންކަން ގޯސްކަން އެނގިވަޑައިގަންނަވާތީ ޢަލީ ބޭނުންފުޅުވީ ވީ އެންމެ އަވަހަކަށް މާލެތެރެއަށް ނުކުންނަވާށެވެ. އެހެނަސް އެ ބިރުވެރި ވަގުތުގައި ވެސް ޑިއުޓީގައި ހުރި ޢަލީ ޙަސަނުގެ އެންމެ ގާތް ރަޙުމަތްތެރިޔާގެ އަންހެނުންނާ ދެކުދީން ގޮވައިގެން ދިޔައީ މާފަންނުގައި ހުރި ގެއަކަށެވެ. އެއީ އެ މީހުން ކުރި އާދޭހަށާއި އަދި އެއީ ޢަލީ ޙަސަނުގެ ވެސް އެންމެ ގާތް ރަހުމަތްތެރިޔާގެ އަންހެނުންކަމަށްވާތީވެ އެކަން ނުކޮށްދީ ކެތްނުވެވިގެން ކުރެއްވި ކަމެއްކަމަށް ވެސް ޢަލީ ހަސަން ވިދާޅުވިއެވެ.
"އޭރު އަޅުގަނޑާ ވަރަށް އެއްކޮށް އުޅޭ މީހެއް އެއީ، މި ޒަމާނުގައި މިކިޔާ ބެސްޓް ބަޑީއެއްގެ ގޮތަށް އުޅޭ މީހެއް މުޙައްމަދު އިބްރާހީމް މެކާނޯއަކީ. މެކާނޯ އޭރު ތިބޭނެ ދެ ކުދިން. އޭނާގެ އަންހެނުން އާދޭސްކުރަން ފެށީމާ އެ މީހުން ގެންގޮސް ލީ މާފަންނުކޮޅުގައި ހުރި ގެއަކަށް. އަޅުގަނޑު ހަނދާންވަނީ މާއޮޅު ކިޔާ ގެއެކޭ. އެ މީހުން ގޮވައިގެން ދިޔައީ ހަމަ ހިނގާފަ. އޭރު މުހައްމަދު އިބްރާހީމް މެކާނޯ ހުރީ ޑިއުޓީގަ ސިފައިންގޭގަ. މުހައްމަދު އިބްރާހީމް މެކާނޯ އަކީ ނޮވެންބަރ 3 ގެ އެދުވަހުގެ އެ ހާދިސާގައި ޝަހީދުވި މީހެއް." ޢަލީ ޙަސަނު އެ ވާހަކަ ވިދާޅުވީ ވަރަށް އަސަރާއެކުގައެވެ.
އެހައި ހިސާބުން އަނެއްކާ ވެސް ޢަލީ ޙަސަން ވަޑައިގަތީ މާލެތެރޭގެ ކަންކަން ހުރިނެތް ގޮތް ބައްލަވާލެއްވުމަށެވެ. މަޖީދީ މަގުގެ އުތުރަށް ނުދިއުމަށް ސިފައިންގެއިން ލިބުނު އިރުޝާދުގެ މަތިން ރަށުތެރޭގެ ކަންކަން ހުރިނެތް ގޮތް ބެއްލެވުމުގައި ޢަލީ ޙަސަން އުޅުއްވަމުން ދިޔައީ މަޖީދީ މަގުގެ ދެކުނުގައެވެ. އެގޮތުން ދިވެހިރާއްޖޭގެ އަޑާ ހަމައިން އިރުމައްޗަށް ހިންގަވަނިކޮށް ލިބިވަޑައިގެންނެވި ޚަބަރަކީ ދިވެހިރާއްޖޭގެ އަޑު ހުޅުވަން ވެގެން ބަދުރު ހޯދަންވެގެން ބާޣީން އުޅޭވާހަކައެވެ.
"އެ ހިސާބުން އަޑު އިވުނީ ދިވެހިރާއްޖޭގެ އަޑު ހުޅުވަން ވެގެން ބަދުރު ހޯދަން އެ މީހުން އުޅޭ ވާހަކަ. އޭރު ބަދުރު އުޅޭނީ މައްޗަންގޯޅީ ތިބުރޯޒުގޭގައި. ބަދުރަކީ އަޅުގަނޑުގެ ވަރަށް ގާތް ރައްޓެއްސެއް. ރައްޓެއްސަކަށް މި ވީ 1980 ވަނަ އަހަރު ކޮނޑޭ އަލިބެއާ ބަދުރާ އެ ބޭފުޅުން ވަޑައިގަންނަވަނީ އަޅުގަނޑުމެންނާ އެކު ސަރުކާރު ދަތުރެއްގައި ހއ. ބާރަށަށް. އަޅުގަނޑު ހަނދާންވާ ގޮތުން މިހާރު ވެސް ދިވެހިރާއްޖޭގެ އަޑު ފަތިހު ފަށާއިރު އެ އިވޭ ކާޅާ ކުކުޅާ ގޮވާ އަޑު އެއީ އެ ދަތުރުގައި ބާރަށުން ރެކޯޑް ކުރި އަޑުތަކެއް. އެ ހިސާބުން އަޅުގަނޑު ވަދެއްޖިން ބަދުރު ގެއަށް. ވަން އިރު ދެ ކުދިން ކައިރިއަށް ލައިގެން އުނދޯލީގައި އިންނެވި. ދެން ދަންނަވައިފިން ތިހެން އިނދެވޭކަށް ނެތޭ. ރަށުތެރެއިން އެބަ އަޑު އިވެޔޭ ބަދުރު ހޯދަން އެ މީހުން އުޅޭ ވާހަކަ. ދެން އެހިސާބުން ބަދުރު ވަރަށް ބޮޑަށް ސަމާލުވެއްޖެ އެ ކަމަށް. ވިދާޅުވެއްޖެ، އާނ އެހެންވީމާ މި އުޅެނީ ތިކަމާއޭ" ބަދުރާ ބައްދަލުކޮށް އެ ދުވަހު ދެއްކެވި ވާހަކަތައް ޢަލީ ހިއްސާކުރެއްވިއެވެ.
އެ ޚަބަރު ބަދުރަށް ދެއްވުމަށް ފަހު ޢަލީ ވަޑައިގަތީ މައްޗަންގޯޅި ސަހަރާ ދެކުނުމަގުން އިރަށެވެ.
"އޭރު ޕީޓްރަލް ކައިރީގައި އޮތް ވަރަށް ބައިވަރު މީހުން. އެއީ ދިވެހީންތަކެއް. އޭރު އެ މީހުން މަޝްވަރާކުރަނީ ލަޓިބުރި ހިފައިގެން ނުކުންނަން. ގާ އެއްކޮށްގެން ގާއުކަން ނުކުންނަން. ދެން އެމީހަކު އެތަނަށް އައިސާ ބުނަނީ ހުރިހާ ބޭފުޅުން މަޑުވާށޭ. ރައީސް ވިދާޅުވިއޭ އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ދާނީ ރަނގަޅަށޭ. ދިވެހި ރައްޔިތުން މަޑުން ތިބޭށޭ. ދެން އެ ވަގުތު އަޅުގަނޑު ހިތަށް އެރި އެއީ އޭނާ ކޮންތާކުން ގެނައި ޚަބަރެއް ބާވައޭ. އެކަމަކު އަޅުގަނޑަކަށް ނޭހޭނެތާ. އަޅުގަނޑަކަށް ނޭނގޭ އެއީ ކާކު ކަމެއް، ކޮން ފެންވަރެއްގެ މީހެއް ކަމެއް. މައުމޫނު ހުންނެވިތަނެއް ވެސް އޭރު އަދި އަޅުގަނޑަކަށް އެނގެނީކީ ނޫން." ޢަލީ ވިދާޅުވެ ދެއްވީ މާލެތެރެ ބައްލަވާ ލެއްވުމަށް އުޅުއްވުމުގެ ތެރެއިން އަލީހަސަނަށް އިވުނު އަޑުތަކާއި ދުށްތަނުގެ ވާހަކައެވެ.
ޢަލީ ޙަސަންއާއި އޭނާގެ ކުދިން
ބިރުވެރި އެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުގެ ހެނދުނު 9 ޖަހައިގެން ދިޔަފަހުން ވެސް އޭނާގެ އެކުވެރި ޢަލީ ރިޟުވާނާއެކު ޢަލީ ޙަސަނު އުޅުއްވަމުން ގެންދެވީ މާލެތެރޭގެ ކަންކަން ބެއްލެވުމުގައެވެ. އެ ހިސާބުން މިސްރާބު ޖެއްސެވީ ހެންވޭރާ ދިމާއަށެވެ. ހެންވޭރު ސަހަރާއާ ހަމައިން ފެނިވަޑައިގެންނެވީ ރޭޑިޔޯއެއް ކޮނޑަށްލައިގެން ހިނގަމުން ދިޔަ މީހެއްކަމަށް ޢަލީ ޙަސަން ވިދާޅުވިއެވެ.
"އޭރު ދަތުރުކުރަން ގޮއްސަ އަންނަ މީހުން ގެންގުޅޭނެ ބޮޑެތި ކެސެޓް ރޭޑިޔޯ. އޭގެ ކެސެޓް ރޭޑިޔޯއެއް ކޮނޑަށް ލައިގެން މީހަކު ހިނގާފައިދަނިކޮށް ފެންނަނީ. އެއީ ހެންވޭރު ސަރާއާ ހިސާބު. އޭނާ ހިނގަމުން ކިޔަމުންދަނީ، މިކިޔާ ޚަބަރެއް ތަރުޖަމާ ކޮށްލަދީބަލާށޭ. އޭރު ދެން އިނގިރޭސި ދަންނަ މާ ގިނަ ބަޔަކު ވެސް ނޫޅޭނެ." އެއީ ވެސް އެދުވަހު މާލެތެރެއިން ފެނުނު މަންޒަރެއް ކަމަށް ޢަލީ ޙަސަން ވިދާޅުވިއެވެ.
މާލެތެރޭގެ ކަންކަން ހުރި ނެތްގޮތް ބެއްލުވުމަށް ކުރައްވަމުން ދިޔަ މަސައްކަތުގެ ތެރެއިން ހެންވޭރު ކޮޅާ ހަމައިން ވެންނެވީ އެ ތަނުގައި ހުންނަ ސީސައިއިޑް ގެއަށެވެ. އެއީ ޢަލީ ޙަސަނުގެ އެކުވެރި ޢަލީ ރިޟުވާނުގެ ގާތް ބަޔަކު ދިރިއުޅޭ ގެއެކެވެ. އެ ގޭގައި ކުޑަ އިރުކޮޅަކު މަޑުކޮށްލެއްވުމަށް ފަހު ހިންގަވާފައި ވަޑައިގަތީ ގަލޮޅަށެވެ. ގަލޮޅުން ވެންނެވީ ޢަލީ ޙަސަނުގެ އެކުވެރި ތުޅާދޫ މޫސާ ފުއާދު ދިރިއުޅުއްވާ ގ. ވޭވަށަށެވެ. އެ ގެއަށް ވެންނެވީ ޢަލީ ޙަސަން އެކަންޏެވެ. އެހިސާބުން ޢަލީ ރިޟުވާނު އެހެން ދިމާއަކަށް ވަޑައިގެންނެވި ކަމަށް ޢަލީ ޙަސަނު ވިދާޅުވިއެވެ.
"ދެން އަޅުގަނޑުވަނީ ފުއާދުމެން ގެއަށް. ދެން އެގޭ ތެރޭގައި މީހުންނާ ވާހަކަދައްކާލަން ކުޑަވަގުތުކޮޅަކު އިނުމަށް ފަހު ނުކުންނަން ފެށީމާ ފުއާދު ބުނުއްވައިފި އަދި މަޑުކުރާށޭ، ތި ދާގޮތެއް އަދި ކަމަކު ނުދޭ. ތިޔަ ހެދުމެއް އެއްގޮތަކަށް ވެސް ކަމަކު ނުދޭ. މިއަދުގެ ހާލަތަކާ ނުގުޅެޔޭ. އޭރު އަހަރެން ހުރީ ވަރަށް ރީތި ގަމީހަކާ ފަޓްލޫނެއް ލައިގެން. އެހެން ބުނުމާ އެކު އެ ވާހަކަ ގަބޫލުކުރެވިއްޖެ. އެ ހިސާބުން ފުއާދުގެ މުންޑެއް އަނދެގެން ފުއާދުގެ ޓީޝާޓެއް ލައިގެން ބޭރަށް ނުކުތީ. މިހާރު ވެސް އެ ޓީޝާޓުގެ މަތިން ހަނދާން އެބަ ހުރި. އެއީ މަޑު ނޫކުލައިގެ އާދައިގެ ޓީޝާޓެއް" ޢަލީ ޙަސަން އެކުވެރި ފުއާދު ދެއްވި ދުވަހާ ގުޅޭ ހެޔޮލަފާ ނަސޭހަތުގެ ވާހަކަ އޭނާ ވިދާޅުވެދެއްވިއެވެ.
ބިރުވެރި އެ ނޮވެންބަރު 3 ވަނަ ދުވަހު ކުރިމަތިވެފައިވާ ހިތާމަވެރި ޙަލަތާ ގުޅިގެން ގައުމާ ދޭތެރޭގައި ވިސްނަމުން ދިޔައީ ހަމައެކަނި ސަލާމަތީ ބާރުތަކުން އެކަންޏެއް ނޫނެވެ. ހަމަ އެކަނި ދިފާއީ ބާރުގައި މަސައްކަތްކުރަމުން ދިޔަ ސިފައިން އެކަންޏެއް ވެސް ނޫނެވެ. އެ މީހުންގެ ޢާއިލާތަކާއި އެ މީހުންގެ އެކުވެރިންނާއި އާއްމު ރައްޔިތުން ވެސް ގައުމާ ދޭތެރޭ ވިސްނަމުން ދިޔަކަން، ބ. ތުޅާދޫ ގުލްބަހާރުގޭ މުސާ ފުއާދު، ޢަލީ ޙަސަނަށް ދެއްވި ހެޔޮލަފާ އެ ނަސޭހަތާއި ޢަލީ ޙަސަނު ތުރުކުރައްވަން އެ ވަގުތު ދެއްވި މުންޑާއި ޓީޝާޓުން އެކަނިވެސް އެކަން ޔަގީންވިއެވެ.
ޢަލީ ޙަސަނަށް ލިބިވަޑައިގެން އިރުޝާދާ އެއްގޮތަށް ހެނދުން ބަދަލު ކޮށްލެއްވުމަށް ފަހު އެންމެ އާދައިގެ މުންޑަކާއި ޓީޝާޓެއް ތުރުކުރައްވައިގެން ވޭވަށުން ބޭރަށް ނުކުންނެވިތަނުން ސިފައިންގެ މީހަކާ ބައްދަލުވިއެވެ.
" އެވަގުތު މީހަކު ދީފި ފޯނު ނަންބަރެއް މި ނަންބަރާ އަވަހަށް ގުޅާށޭ ކިޔާފަ. ދެން އަޅުގަނޑުވަނީ އެ ތަނުން ކައިރި ހުރި ގެއަކަށް. އަޅުގަނޑަށް ހީވަނީ ގުއްދޫސް ގެހެން. އެ މީހުން ވަރަށް ފަސޭހައިން ފޯނު ދީފި. ދެން އަޅުގަނޑު އެ ނަންބަރާ ގުޅައިފިން. ގުޅާލި އިރު އާދަމް ޒާހިރު. އާދަމް ޒާހިރު ބުނީ އެ ވަގުތު ސިފައިންގެއިން ބޭރުގައި ތިބި އެންމެން މި އެއްތަން ކުރަނީއޭ، އެހެން ބުނެފައި ބުނީ މާފަންނު ކޮޅުގައި އެ ހުރި ވެހިކަލް ގަރާޖުހެން ހީވަނީ. އެ ތަނަށް ދާށޭ. ސިފައިންގެ މީހަކާ ދިމާވެއްޖިއްޔާ ގޮވައިގެންދާށޭ" ޢަލީ ވިދާޅުވިއެވެ.
"ދެން ދިމާވީ އެއްބަނޑު އެއްބަފާ ބޭބެއާ. ގަނީންބެއާ. ގަނީންބެ މާލެ އައިސް އުޅޭ ވަގުތަކާ އެ ވަގުތާ ދިމާވި. ދެން ބޭބެ ގާތުބުނެފިން ކީއްހޭ ތިކުރަނީ މަގުމަތީގައި. ބުނީ އައްޔަ ހޯދާށޭ މި ހިނގަނީ. އަޅުގަނޑު ބުނެފިން އައްޔަ ހޯދަން ނޫޅޭށޭ މިއަދު. ބޭބެ ދާށޭ ގެއަށް. އެކަމަކު ގެ ތަޅުލާފައޭ މިއުޅެވެނީ. އެކަމަކު އެކަމެއް ވެސް އޭރު އަޅުގަނޑުގެ ހަނދާނުގައި ނެތީމާ ބޭބެގާތުގައި ވެސް އެހެން ބުނެވުނީ." އެ ދުވަހުގެ އެ ބިރުވެރި ހާދިސާގައި ކުރިމަތިވެފައިވާ ހާސްކަމާ ކަންބޮޑުވުމުގެތެރެއިން ކުޑަ މިންވަރެއް ޢަލީ ހިއްސާކުރެއްވިއެވެ.
އެ ހިސާބުން ޢަލީ ޙަސަނު ހިންގަވަން ފެއްޓެވީ އާދަމް ޒާހިރު ދެއްވި އިރުޝާދާ އެއްގޮތަށް އެ ދިމާއަށެވެ. މާފަންނުކޮޅުގައި ހުންނަ ވެހިކަލް ގަރާޖާ ދިމާއަށް ބުރުޒުން ހިންގަވާފައި ވަޑައިގެންނެވި މަގުމަތީގައި މއ.މާވަރާ އަރާ ހަމަވުމުން ދެން އިތުރަށް ކުރިއަށް ވަޑައިގެންނެވީ އަތުގައި އަޅުއްވާފައި އޮތް އަތުކުރި ވެސް އަންހެނުން އަތަށް ދެއްވާފައެވެ.
މިހާރު ޢަލީ އެ ވަޑައިގެންނަވަނީ އެންމެ އާދައިގެ ރައްޔިތަޔަކު ވެސް މަގުމައްޗަށް ނުކުމެ އުޅޭ އިރު ނާޅުއްވާ ވަރުގެ ވަރަށް އާދައިގެ މުންޑަކާއި ޓީޝާޓެއް ތުރުކުރައްވައިގެން އާދައިގެ މީހެއްގެ ގޮތުގައެވެ. ވެހިކަލް ގަރާޖާ ހަމައަށް ވަޑައިނުގެންނެވެނީސް ބުރުޒުމަގުން ޢަލީ ޙަސަނާ ބައްދަލުވީ ޒަކަރިއްޔާ މަންސޫރާއެވެ.
"މާވަރުން ނުކުމެގެން ބުރުޒުމަގުން އެ ހިސާބަށް ނުދެވި އުޅެނިކޮށް ދިމާވެއްޖެ ޒަކަރިއްޔާ މަންސޫރު ބައިސްކަލެއްގައި އަންނަނިކޮށް. ޒަކަރިއްޔާ މަންސޫރު ހުރީ ފަޓްލޫނަކާ ޑަބަލްބުލޫ އާދައިގެ ޓީޝާޓެއްލާފަ. އެހެންވެ އަސްލު ކާކުކަން ދެނެގަންނަން އަޅުގަނޑަށް އުދަނގޫވެސް ވި. އަދި އަރައިގެން އިނީ އަންހެން ބައިސްކަލަކަށް. އެ ވަގުތު ޒަކަރިއްޔާ މަންސޫރު ބުނެފި ތުޅާދޫއޭ، ތުޅާދޫ މި ފޮނުވަނީ ތުޅާދޫއަކީ ކާކުކަން ތިމަންނަމެންނަށް އެނގޭތީއޭ، މީގެ ކުރިން ދޮން އެނބޫ ޅަހުއްތު ފޮނުވައިފީމޭ އަދި އެހެން މީހަކު ވެސް ފޮނުވައިފީމޭ. އެކަމަކު އެ މީހާ ހިއެއް ނުވެޔޭ އެ މަގުން އެ ތަނަށް ދިޔަ ހެނެއް. ތުޅާދޫ އަވަހަށް ދާށޭ ހުދު އަސުރުމާގެއަށް. ރައީސް އެބަހުންނެވީ އެ ގޭގައި. އަވަހަށް އެތަނަށް ދާށޭ. ދެން އަޅުގަނޑު މި ދިޔައީ އެއްވެސް ޚިޔާލެއް ނެތި ހަމަ ހިނގާލާފައި" ޢަލީ ވިދާޅުވިއެވެ.
ޒަކަރިއްޔާ މަންސޫރު ވިދާޅުވި ގޮތަށް ޢަލީ ކުރިއަށް ވަޑައިގެންނަވަނިކޮށް އިރުކޮޅެއް ފަހުން އަނެއްކާ ވެސް ޒަކަރިއްޔާ މަންސޫރު ބައިސްކަލުގައި ވަޑައިގެން އިތުރު އިރުޝާދެއް ދެއްވިއެވެ.
"އެހާ ބާރަށް ނުދާށޭ. އަދި އޯކިޑް މަގުންވެސް ނުދާށޭ، ފަރިދީ މަގުންދާށޭ، ފަރީދީ މަގުން ގޮސް އެ ތަނުގައި ހުރި މިސްކިތް ތެރެއިން ހުރަސްކުރާށޭ. ދެން މި ދިޔައީ އެ މަގުން. ތަންކޮޅަކަށް ދިޔަތަނާ ފެނިއްޖެ ވަރަށް ބައިވަރު ދިވެހީން. އޭގެ އިރުމަތީގައި އޭރުގެ ނޮވެލްޓީކައިރި (މިހާރުގެ ޔުނިވަރސަލް ގޯޅީ ކަންމަތީގައި) އެބަ ތިބެ އޭގެ ދޭއް ނުވަތަ ތިން މީހުންވަރު. އޭގެ ހުޅަނގުގައި މި ތިބެނީ ވަރަށް ބައިވަރު ދިވެހީންތައް. އެ ތަނަށް މީހުން ގިނަވާން ފެށީމާ އެ މީހުން ބަޑި އެބަ ޖަހާ. ހީވަނީ އޭރު އެ މީހުން ބަޑި ޖަހަނީ މައްޗަށްހެން. އެކަމަކު އަޅުގަނޑު އެކަމާ ނުވިސްނަން. އަޅުގަނޑު ދާންވާ ދިމާއަށް އަޅުގަނޑު މި ދަނީ." އަލީ ޙަސަން ވިދާޅުވެދެއްވީ އެ ބިރުވެރި ނޮވެންބަރ 3 ވަނަ ދުވަހު އޭނާ އަދާކުރެއްވި ފުރިހަމަ ޒިންމާއާއި ގައުމީވާޖިބު އަދާކުރެއްވުމުގައި ދެމިހުންނެވި މަންޒިލަށް ވަޑައިގަތުމަށް ދަތުރުކުރެއްވި ގޮތެވެ.
ޒަކަރިއްޔާ މަންސޫރު ވިދާޅުވި ގޮތަށް އާދައިގެ ވަރެއްގެ ހިނގުމެއްގައި މިސްކިތްތެރެއަށް ވަންނަވައި އެ ވަޑައިގެންނެވި ގޮތަށް ޢަލީ ޙަސަނު ވަޑައިގަތީ ހުދުއަސުރުމާގެ އަށެވެ. އެހެނަސް އެ ވަގުތު އެ ގެ ހުރީ ތަޅުލާފައެވެ. އެ ހިސާބުން ވެސް ޢަލީ ހަސަން ފަހަތަކަށް ޖެހިވަޑައިނުގަންނަވައި އެ ގޭގެ ދޮރުހުޅުވުމުގެ މަސައްކަތް ފެށްޓެވިއެވެ.
"އަޅުގަނޑު ހުދުއަސުރުމާގޭ ދޮށަށް ގޮސް ތަޅުގައި ހިފިއިރު، އެ ގޭ ހުރީ ތަޅުލާފައި. ދެން ދޮރުގައި ޖަހާލީމާ ކުޑަކޮށް ދޮރު ހުޅުވާލައިފި. ހުޅުވާލި އިރު މި ހުރީ އަޅުގަނޑު ދަންނަ މީހެއް. އެއަރޕޯޓްގައި އުޅުނު ވަރަށް ޑީސެންޓްކޮށް އޭރުވެސް ހުންނަ މީހެއް. އެއީ ނައިބުގޭ ޑޮކްޓަރ ޝިހާމު. އޭނާ ދޮރު ހުޅުވާލާފަ ބަލާލާފައި ބުނެފި އާނ މީ ރަނގަޅު މީހެކޭ. މީ އަހަރެންނަށް އެނގޭ މީހެކޭ. ދެން އަހަރެން އެތެރެއަށް ވައްދައިފި. އޭރު އެ ދުވަހުގެ ހެނދުނު 10 އަކަށް ވުރެ ފަސްވެދާނެހެން ވަރަށް ބޮޑަށް ހީވޭ. އެ ހިސާބުން ގޭތެރެއަށް ވައްދާފައި ބުނީ އެ ފަރާތަށް ދާށޭ، އެ ގޭގައޭ ރައީސް ހުންނެވީ. އެއީ ގުލިސްތާނުގެ. ދެން ހުދުއަސުރުމާގޭ ފުރާޅުމަތިން ގުލިސްތާނުގޭ ގޯތިތެރެއަށް ފައިބައިފިން. އެ ދެ ގެއަކީ މެދު ފުޅަފަށް އިންވެގެން ހުންނަ ދެ ގެ. އޭރު އެ ގޭގައި ރައީސްގެ އާއިލާއިން ތިއްބެވީ ރައީސާއި އަނބިކަނބަލުން ނަސްރީނާއާއި ހަގުދަރިފުޅު ގައްސާނު." ނޮވެންބަރު 3ވަނަ ދުވަހުގެ އެ ވަގުތު ރައީސުލްޖުމްހޫރިއްޔާ ހުންނެވި ގެއަށް ވަޑައިގެންނެވުނު ގޮތް ޢަލީ ހަސަން ވިދާޅުވެދެއްވިއެވެ.
ގައުމަށް ކުރިމަތިވެފައިވި ބިރުވެރި ހާދިސާ ހިނގަމުން ދިޔަ އެންމެ ނުރައްކާތެރި ވަގުތު ވެސް މައިންބަފައިންނާ އަނބި ދަރީންނާއި ޢާއިލާ ދޫކުރައްވާ ކުރައްވަމުން އެ ގެންދެވީ ވަރަށް ވެސް ޖެހިލުން ކުޑަ އާދަޔާ ޚިލާފު ހިތްވަރެކެވެ. ދިވެހި ސިފައިންނަކީ ގައުމަށް ކުރިމަތިވާ އެފަދަ ކޮންމެ ކަމެއްގައި ފަހަތަށް ޖެހިވަޑައިނުގެން ގައުމު ސަލާމަތްކުރެއްވުމުގައި ގައުމު އިސްކުރައްވާނެ ބައެއްކަން އެ ހިތްވަރުގަދަ ބަޠަލު ޢަލީ ޙަސަނުގެ ޢަމަލުން އެ ދުވަހު ދިޔައީ ސާބިތު ކޮށްދެއްވަމުންނެވެ. އެކަން ކަށަވަރުކޮށްދެއްވަމުން އޭރު އެންމެ 8 އަހަރުގެ ތުއްޕުޅު ކުއްޖެއްގެ ގޮތުގައި ހުންނެވި ޣައްސާން މައުމޫން ވިދާޅުވެފައިވަނީ، އެ ދުވަހު ސިފައިންގެ ބޭކަލުން ނަމޫނާ ދެއްކެވި ކަމަށާއި އެކަން ތަޖުރިބާ ކުރެއްވުނު ކަމަށެވެ. އެ ދުވަހު ޢަލީ ހަސަންގެ ޚިދުމަތް ފެނިވަޑައިގެންނެވި ގޮތް ޣައްސާން ވެސް ވަނީ، އަވަސް ނޫހަށް ހިއްސާކުރައްވާފައެވެ.
"ބަދިގެ ފަރާތުގައި ހަދިއްތަގެ މަންމަ ހުއްޓާ ފުރާޅު މަތީން މީހަކު ފުންމާލި. އެހިސާބުން މިއޮއްވަނިއްޔޭ، މިއޮއްވަނިއްޔޭ ގޮވަލައިފި. އެ އަޑުތައް އިވިފައި ބިރުން ހުރެފައި ބަލައިލައިފިން. ބޯދިއްކޮށް ބަލައިލި އިރު އަޅުގަނޑު ދަންނަ މީހެއް. ފުންމާލީ މުންޑެއް އަނދެގެން ޓީޝާޓެއް ލައިގެން ބޮޑު ގޯންޏެއް ކޮނޑުގައި އަޅައިގެން ހުރި މީހެއް. އިރުކޮޅެއް ނުވެ ދެވަނަ މީހަކު ވެސް ފުންމާލައިފި. ދެ މީހުން ވެސް ތިބީ އެއްގޮތަކަށް ހެދުން އަޅާފައި. ދެމީހުންގެ ކޮނޑުގައި އޮތް ކާށި ގޯންޏެއް. ކާށި ގޯނި ހާވާލާފައި އެކަކު (ދޮން އެނބޫ ޅަހުއްތު، ކޯޕްރަލް އަޙުމަދު ވާފިރު) ނަގައިފި އެސްއެލް އާރެއް. އަނެކަކު ނަގައިފި އެސްއެމްޖީއެއް. ދެން ހުންނެވީ އަލީ ހަސަން (ސނ:526) ބ. އަތޮޅު ތުޅާދޫ ބޭފުޅެއް" ޣައްސާން ވިދާޅުވީ ސިފައިންގެ ދެ ބޭކަލުން ފުރަތަމަ ފެނިވަޑައިގެން ގޮތެވެ.
"މި ދެބޭފުޅުން ހަތިޔާރުތައް ނަގައި ތައްޔާރުވެލާފައި އެތެރެއަށް ވަޑައިގެން ބައްޕައާ ސަލާންކޮށްލެއްވުމަށް ފަހު ވިދާޅުވި އަޑު އަޅުގަނޑު އެހިން. އެއްވެސް ގޮތަކަށް ރައީސް ހާސްވާނެކަމެއް ނެތޭ. މިގޭ ދޮރުން ވަދެގެން ރައީސްއާ ހަމައަށް މީހަކަށް އާދެވޭނީ ތިމަންނަމެން ދެ މީހުން ހަމަ މަރާލާފައޭ. އެ އަސަރު މިހާރު ވެސް ކުރޭ. އެހާ ވެސް ހިތްވަރު ގަދަ އެ ދެ މީހުން" ޣައްސާންވަނީ އެ ދެ ބޭކަލުންނަށް ތަޢުރީފު ކުރައްވާފައެވެ.
"މި ދެންނެވި ޢަލީ ޙަސަން ގޮނޑިއެއް ހިއްޕަވައިގެން ވަޑައިގަތީ ކުރިން އަޅުގަނޑު ދެންނެވި ގޯޅިގަނޑުތެރެއަށް. އެ ގޯޅިގަނޑު ތެރޭގައި ބެހެއްޓެވި ގޮނޑިއެއްގައި އިށީނދެވަޑައިގަތީ. ފާރުގައި ލެނގިލައިގެން ބަޑިދިއްކޮށްގެން އިންނެވީ މުޅި ދުވަހު، އަދި އެކަން ނިމެންދެއްވެސް އިންނެވި. އެ ދެ ބޭފުޅުން ވެސް ތިއްބެވީ ވަރަށް ޖޯޝުގައި. ދިވެހި ސިފައިންނަކީ ގައުމަށް ޓަކައި ކޮންމެ ކަމެއްވެސް ކުރާނެ ބައެއްކަން ލޮލުންފެނި އެ ދުވަހު އަޅުގަނޑަށް ގަބޫލުކުރެވުނު. ކާން ވެސް ބޯން ވެސް މަގާމަކުން ދުރަކަށް ނުދޭ. އަޅުގަނދު ދުށިން އަޅުގަނޑުގެ ހަދިއްތަ އަތުން މޮޑެފައި ޢަލީ ޙަސަންއަށް ކާންދިންތައް. އޭނާ ބުނީ ކާކަށް ބޯކަށް އެ ތަނަކުން ނުތެދުވާނަމޭ. ތިމަންނަމެން މި ތިބީ ތިމަންނަމެންގެ ވާޖިބު އަދާކުރުމުގައޭ" ޣައްސާން ވިދާޅުވިއެވެ.
އެ މަތިވެރި ޚިދުމަތުގައި ހުންނަވައި ޢަލީ ދެއްކެވި އިތުރު ވާހަކަފުޅެއް ވެސް ޣައްސާން ފާހަގަކުރެއްވިއެވެ.
"ދޮން އެނބޫ ކައިރީގައި ތުޅާދޫ (އަލީ ހަސަން) ބުނި އަޑު އަޅުގަނޑުމެންނަށް އިވުނު ތިމަންނަ މަރުވެގެން ވެއްޓުނީމާ ނޫނީ ދޮން އެނބޫ ބަޑި ނުޖަހައްޗޭ. މާނައަކީ އެ މީހުން އެ ތިބީ ފުރާނަ ގުރުބާންކުރަން ހަމަ ތައްޔާރުވެގެނޭ. އެއްވެސް ޖެހިލުމެއް ނެތި ދީނާ ގައުމާއި އެމީހުންގެ ރައީސުލް ޖުމްހޫރިއްޔާ ހިމާޔަތްކުރުމުގައި. އެހެންވީމާ ދިވެހި ސިފައިންނަކީ އެއްވެސް ބައެއް ނޫނޭ ކިޔައިގެން މީހުން މި ދައްކާ ވާހަކަތަކުން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް އަސަރުކުރާނެ. އެއީ އެ ކަހަލަ ބައެއް ނޫންކަން އެނގޭތީ. ކައިރިން ދެކެފަ މި ދަންނަވަނީ" މިހާރު ޑިފެންސް މިނިސްޓަރަކަށް ހުންނެވި ޣާއްސާން މައުމޫން ވިދާޅުވިއެވެ.
ނޮވެންބަރު 3ވަނަ ދުވަހު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތާ ރައްކާތެރިކަމުގައި އެމަނިކުފާނުގެ ހަށިފާރަވެރިއެއްގެ ގޮތުގައި ހުންނެވި ޢަލީ ޙަސަން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ހުންނެވި ހިސާބަށް ވަޑައިގެންނެވުމާ އެކު ލިބެވަޑައިގެންނެވީ އިތުރު ހިތްވަރެއް ކަމަށެވެ. އެ ދުވަހުގެ ހެނދުނު 10 ޖަހައި ދިޔައ އިރު ވެސް ވާނުވާއެއް ނޭނގި ހާސްކަމެއްގައި އުޅެން ޖެހުނު ނަމަވެސް އެ ހިސާބުން އުއްމީދުތައް އާވެގެން ދިޔައެވެ. ވަރަށް ގާތުގައި ހުންނަވައިގެން ގައުމު ރައީސް ގެންދެވީ އެންމެ ފަހުގެ މަޢުލޫމާތުތައް ހިއްސާ ކުރައްވަމުން ކަމަށް ވެސް ޢަލީ ޙަސަން ވިދާޅުވިއެވެ.
"ގުލިސްތާނުގެއަށް ވަދެވުނު ހިސާބުން މައުމޫނު ގެންދެވީ ވަރަށް ރަނގަޅަށް އަޅުގަނޑުމެންނަށް މައުލޫމާތު ދެއްވަމުން. އެވެނި މިވެނި ގައުމަކާ އެވެނި މިވެނި ބަޔަކާ ގުޅިއްޖެއޭ. އެވެނި ގައުމަކުން ބުންޏޭ ތަންކޮޅެއް ދުރެއް ނޫންހޭ، އެވެނި ތަނަކުން އެހީދޭން އެބަ ވިދާޅުވެޔޭ. އިންޑިޔާ އިން ވެސް އެހީދޭން އެއްބަސް ވެއްޖެއޭ. މިގޮތަށް މަޢުލޫމާތު ދެމުންދިޔައީ ސީދާ އަޅުގަނޑުމެންނާ މުޚާޠަބުކޮށް. އޭރު އެތެރޭގައި ތިބީ ސިފައިންގެ ދެމީހުން. އެއީ އަޅުގަނޑާ ދޮން އެނބޫ ޅަހުއްތާ ދެމީހުން. ދެން ފަހުން ގޭތެރޭގައި ހުރީ ދޮން އެނބޫ ޅަހުއްތު. އަޅުގަނޑު ހުރީ ގެއިން ބޭރުގައި ބޭރު މަގުމަތިން ފެންނަހެން ގޯތި ތެރޭގައި." އެވަގުތު މައުމޫނު އަރިހުގައި ގުލިސްތާނުގޭގައި ހުންނެވި ސިފައިންގެ ދެ ބޭކަލުންގެ ތެރެއިން ޢަލީ ޙަސަން އެ ހިއްސާކޮށްދެއްވީ އެ ދުވަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އެ ބޭފުޅުންނަށް ދެއްވަމުންގެންދެވި މައުލޫމާތުގެ ވާހަކައެވެ.
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ދެއްވަމުން ގެންދެވި އުއްމީދީ ވާހަކަފުޅުތަކުން ހިތްވަރުލިބިވަޑައިގެން އެ މަނިކުފާނުގެ ހިމާޔަތުގައި ޢަލީ ޙަސަން ހުންނެވީ ވަރަށް ސާބިތުކަމާއެކުގައެވެ. ކެއުމެއް ބުއިމެއް ނެތެވެ. ބަނޑުހައި ހޫނުކަމުގެ ކުޑަ ވެސް އިހުސާސްވުމެއް ނެތިއެވެ. އަނބިދަރިންގެ މަތިން ހަނދުމަފުޅެއް ނެތެވެ. އެގޮތުގައި އިންޑިޔާ ސިފައިން މާލެ އައިކަން ރައީސްގެ ވާހަކަފުޅުން ޢަލީ ޙަސަނަށް އެނގިވަޑައިގަތެވެ. އިންޑިޔާ ސިފައިން މިހާރު ބޭރުގައި ތިބޭނެކަމަށާއި އެ މީހުންފެނޭތޯ ބޭރު ބައްލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަލީ ޙަސަނަށް ދެންނެވިއެވެ.
"އެ ދުވަހުގެ ރޭ (ހުކުރުވިލޭރޭ) އިންޑިޔާ ސިފައިން އައި ހިސާބުން މައުމޫނު ވިދާޅުވެއްޖެ އަޅުގަނޑު ގާތު، ބޭރު ބަލާބަލާށޭ އިލްޔާސް ވިދާޅުވިއޭ އިންޑިޔާ ސިފައިން ތިބޭނެޔޭ މިހާރު ގޭކައިރީގައި. އަޅުގަނޑަށް ހީވަނީ އޭރު ގަޑިން ރޭގަނޑު 9ގަޑިބައި 10 އެއް ޖަހާ އެހާކަށް ހާއިރުހެން އެއީ. ޔަގީނެއް ނޫން. ދެން ބޭރު ބަލާލައިފިން. ދެކޮޅުން ކުރެ އެއްކޮޅަކުން ވެސް މީހަކު ފެންނާކަށެއް ނެތް. އެއީ ބޭރަށް ނުކުމެ އެހުރި ތަނުގައި ހުރެގެން ދެކޮޅު ބަލައިލީމާ އެއްކޮޅުން ފެންނާނީ ޖަސްޓިސް ބިލްޑިންގއާ ދިމާ. އަނެއްކޮޅުން ފެންނާނީ އަލިވާގެ. ދެން އެތެރެއަށް ވަދެފައި ރައީސަށް ދަންނަވައިފިން ނެތޭ އެއްވެސް މީހަކު ފެންނާކަށެއް. ދެން ވިދާޅުވެއްޖެ ކިހިނެއްހޭ ތިވީ. އިލްޔާސް ވިދާޅުވިއޭ ތިގޭ ދޮރުމަތީގައި ތިބޭނެޔޭ މިހާރު. އެ ހިސާބުން އަޅުގަނޑަށް ވެސް މި ހީވަނީ އިލްޔާސަށް ވެސް އެނގިވަޑައެއް ނުގަންނަވައޭ ރައީސް ސީދާ ހުންނެވި ތަނެއް. ދެން ރައީސް ވިދާޅުވެއްޖެ ދެ ކޮޅުން ކުރެ ކޮޅަކުން ގޯޅިތެރެއަށް ގޮސް ރަނގަޅަށް ބަލާލަބަލާށެ ތިބިތޯ. އިލްޔާސް އެބަ ވިދާޅުވެޔޭ މިހާރު ތިބޭނެޔޭ. އޭގެ ތަންކޮޅެއް ކުރިން އެއީ އިންޑިޔާ ސިފައިން އެތަނަށް އައުމުގެ ކުރިން މައުމޫނު ވިދާޅުވި، ތިމަންނަ އިންޑީޔާ ސިފައިންނަށް އަންގާފައޭ އޮންނާނީ މިހާރު އެއްވެސް ދިވެއްސަކު ހަތިޔާރާއެކު ނޫޅޭނެޔޭ ރަށުތެރެއަކު، އެގޮތުން އަޅުގަނޑު ގާތު ބޭރު ބަލައިލަން އެންމެ ފުރަތަމަ ވިދާޅުވިއިރު ވެސް ވިދާޅުވީ ބަޑި އެތެރޭގައި ބާއްވާފައި ބޭރަށް ދައްޗޭ" ޢަލީ ވިދާޅުވިއެވެ.
ރައީސް މައުމޫނުގެ އެންގެވުމަށް ޢަލީ ވަޑައިގަތީ ޖަސްޓިސް ބިލްޑިން ހުރި މަގުން ކުރިއަށެވެ. އެކޮޅުން ގޮސް އޯކިޑުމަގު ބަލައިލި އިރު މަގުފުރެންދެން އޮތީ އިންޑިޔާ ސިފައިންނެވެ. އަނދިރިކަމުން ފެންނަނީ ގާތްގަނޑަކަށް ކުއްޅަވައްގެޔާ ހަމައަށެވެ. މުޅި މަގު އޮތީ ހަމަ ފުރިފައެވެ.
"އަޅުގަނޑަކަށް އެމީހުންގެ ބަހެއް ނޭނގޭ. ދެން އެގޮތް މިގޮތަށް ބުނެފިން ރައީސް އެބަ ވިދާޅުވެޔޭ އެ ހުންނެވި ތަނަށް ވަޑައިގަތުމަށް. އެކަމަކު އެވަރުން އެ މީހުން ތިބިތަނުން ގުޑައެއް ނުލި ހަމަ އެކަކު ވެސް. ދެން އެނބުރި ގުލިސްތާނުގެއަށް ގޮސް ރައީސް އަރިހުގައި ދަންނަވައިފިން، އެބަތިއްބޭ ވަރަށް ބައިވަރު މީހުން. އެކަމަކު އެއިން އެކަކުވެސް ނައޭ. ދެން ވިދާޅުވެއްޖެ، އެ ތަނުގައި ތިމަންނަމެންގެ ބޮޑު މީހަކު ހުންނާނެޔޭ، އަދި ދާށޭ. ދެން އަނެއްކާ ދިޔައީ. ދިޔައިރު ހުދު އަސުރުމާގޭ ފާރުމައްޗަށް އަރައިގެން އެގެއަށް މިއޮށް ގޮވަނީ ޅޮހީގޭ އަޙުމަދު ޒާހިރު. އޭރު އަހުމަދު ޒާހިރު ގާތު އެހީތެރިޔަކަށް ހުރި ސީޓްމާގޭ ޕައިލެޓް ޝާމް. އެއީ އޭރު ސިފައިންގެ މީހެއް. ދެން މި ދެ ބޭފުޅުންނަށް ދަންނަވއިފިން، ރައީސް ވިދާޅުވިއޭ ދުރުވާށޭ މިކޮޅަށް. އެހެން ބުނީމާ އަހުމަދު ޒާހިރު ވިދާޅުވެއްޖެ، ރައީސޭ، ކޮބާ ރައީސް. ދެން އަޅުގަނޑު ދަންނަވައިފިން ރައީސް އެބަ ހުންނެވިއޭ ގުލިސްތާނުގޭގައި. ކުރިންވެސް އައިއްސައޭ މިދިޔައީ މީހަކު ނުފެނިގެން" ރައީސުލްޖުމްހޫރިއްޔާ ހުންނެވި ތަނަށް އިންޑިއާ ސިފައިން ގެންނެވުމަށް އެ މެސެޖު ދެއްވި ޢަލީ ޙަސަން ވިދާޅުވިއެވެ.
ޢަލީ ޙަސަންގެ ޚިދުމަތް ފާހަގަކުރައްވައި ހިތްވަރު ދެއްވުމުގެ މެޑަލް އަރުވަނީ
"އަހުމަދު ޒާހިރުމެން ބުނީމާ އިންޑިޔާ ސިފައިން ވެސް އެ މީހުންނާއެކު އަތުވެއްޖެ. އައި ގޮތަށް އައިސް ގޭތެރެ ފުރާލައިފި. އަނބުގަހަށާ ފުރާޅުމައްޗަށް ވެސް މީހުންތައް އަރައިފި. ގޭތެރެ ފުރިގެން ބައެއް މީހުން ތިބީ ބޭރުގަ. ދެން އެހިސާބުން އަހުމަދު ޒާހިރާ ރައީސާ ވާހަކަ ދައްކަވާލުމަށް ފަހު އަހުމަދު ޒާހިރާ ޕައިލެޓް ޝާމް ނުކުމެއްޖެ ބައެއް ސިފައިން ގޮވައިގެން ބޭރަށް. ދެން ރައީސް ވިދާޅުވެއްޖެ، އެ މީހުން އެ ނުކުތީ މި ހިސާބުގެ މަގުތައް ޗެކް ކޮށްލާށޭ." އެރޭ ރައީސުލްޖުމްހުރީޔާ ހުންވި ގެއަށް އިންޑިޔާ ސިފައިން އައުމަށް ފަހު ކަންތައް ވީ ގޮތް ޢަލީ ވިދާޅުވެދެއްވިއެވެ.
ޢަލީ ޙަސަން ވިދާޅުވީ އެ މީހުން ބަލަން ބޭނުންވާ ވަރަށް އެ ސަރަހައްދު ވަރަށް ރަނގަޅަށް ބެއްލިވިއެވެ. ރައީސުލްޖުމްހޫރިއްޔާ ހުންނެވި ގުލިސްތާނުގެއަށް އައި އިންޑިޔާ ސިފައިންގެ ތެރޭގައި ކާނަލް ޖޯޝީ ވެސް ހިމެނިވަޑައިގަތެވެ. އޭނަޔާ އަލީހަސަނާ ބައްދަލުވި އިރު އޭނާ ހުންނެވީ ރަތް ކުލައިގެ ބެރޭއެއް އަޅުއްވައިގެންނެވެ. އެގެއަށް އެ ވަގުތު އައި މީހުންގެ ތެރެއިން ރަތް ބެރޭއެއް އަޅުއްވައިގެން ހުންނެވީ ވެސް ހަމައެކަނި ކާނަލް ޖޯޝީއެވެ. ޢަލީ ޙަސަން އިތުރަށް ވިދާޅުވިގޮތުގައި އިންޑިޔާ ސިފައިން ގުލިސްތާނުގެއަށް އައި ހިސާބުން ދެން ކަންކަން ކުރިއަށް ދިޔައީ އިންޑިޔާ ސިފައިން ބޭނުންވާ ގޮތަށް އެ މީހުންގެ ބެލުމުގެ ދަށުން އިންޑިޔާ ސިފައިންނާ ހަވާލުވެގެން ތިއްބެވި ދިވެހި ސިފައިންގެ އޮފިސަރުންގެ އެހީތެރިކަމާއެކުގައެވެ. ގެއާއި ގޯތިތެރެއާއި މުޅި އެ ސަރުހައްދު ވަށައިގެން ހުރިހައި މަގުތަކެއް ވެސް އެމީހުން ދިޔައީ ޗެކްކުރަމުންނެވެ. އެ މީހުން ބަލަން ބޭނުންވާ ވަރަކަށް ބެލުމަށް ފަހު އެންދެރިމާގޭގައި އޮތް ކާރެއް ގުލިސްތާނުގޭ ދޮށަށް ގެނައެވެ. އެހިސާބުން އެ ކާރުގައި ދެން މައުމޫނު ވަޑައިގަތީ ސިފައިންގެއަށް ކަމަށް ޢަލީ ޙަސަން ވިދާޅުވިއެވެ.
"މައުމޫނު ވަޑައިގަންނަވަމުން ވިދާޅުވީ އަޅުގަނޑާ އެއްކޮށް ދޮން އެނބޫ ދާނީއޭ. ތުޅާދޫ މިތަނުގައި މަޑުކުރާށޭ ސިފައިންގެއިން ވަކި އެއްޗެއް އަންގަންދެން. ދެން އެ ގޭގައި އެ ހުރި ގޮތަށް އަޅުގަނޑު ހަމަ ހުރީ. ގުލިސްތާނުގޭގައި މައުމޫނު ހޭދަކުރެއްވި އެންމެ ފަހުވަގުތުކޮޅު ކަންކަން ހިނގައި ދިޔަ ގޮތް ޢަލީ ޙަސަނު ވިދާޅުވެ ދެއްވިއެވެ.
ރައީސް މައުމޫނު ސިފައިންގެއަށް ވަޑައި ގަންނަވަމުން ވިދާޅުވިގޮތަށް ޢަލީ ޙަސަން ހުންނެވީ ގުލިސްތާނގޭގައެވެ. އެ ހުރި ގޮތަށް އެ ގޭގައި ހުންނެވުމަށް ފަހު ސިފައިންގެއަށް ވަޑައިގަތީ، ނޮވެންބަރ 4 ވީ ހުކުރު ދުވަހުގެ މެންދުރު ފަހު 1:30 ވީ ފަހުންނެވެ. އެއީ ސިފައިންގެއަށް އައުމަށް އެންގުމުންނެވެ. 1988 ވަނަ ނޮވެންބަރު 3 ވަނަ ދުވަހު 10 އެއް ޖެހިފަހުން ގުލިސްތާނުއަށް ވަޑައިގެން ގޮތަށް ނޮވެންބަރު 4ވަނަ ދުވަހު މެންދުރު ފަސްވެ ދާންދެން ގުލިސްތާނުގޭގައި ހުންނެވި އިރު ފަރިއްކުޅުއްވީ އެންމެ ފަހަރަކުއެވެ. އެއީ އެ ގޭތެރެއިން މޮޑެފައި ދިން ރިހާކުރު ބަތްކޮޅެކެވެ.
ޢަލީ ޙަސަން ނޮވެންބަރު މަހުގެ 4ވަނަ ދުވަހު ސިފައިންގޭގައި ފޯރި މެރުމުގައި
"ގުލިސްތާނުގޭގައި 24 ގަޑިއިރަށް ވުރެ މާ ގިނަ އިރު އަޅުގަނޑު ހުރިން. އެ ހުރި ހުރުމުގައި އެއްވެސް ވަރަކަށް ނިންޖެއް ނާދޭ. ބަނޑުހައިވާ ކަމުގެ އިހުސާސެއް ނުވޭ. ޢާއިލާގެ މީހަކު މަތިން، އުފަން ދަރިޔަކު މަތިން ވިސްނާނެ ހިނދުކޮޅެއް ވެސް ނުލިބޭ. އެ ހުރިހައި ވަގުތަކު ހުރި އިރު އެއް ފަހަރު ގުލިސްތާނުގެއިން ކެއިން. އެގޭ ޚަދީޖާ އެއްފަހަރު ގެނެސްދިން ރިހާކުރާ ބަތާ މޮޑެގެން. އެ ބަތްކޮޅުވެސް ކެއީ އަޅުގަނޑު ހުރިތަނަށް މޮޑެގެން ގެނެސްދިނީމާ." ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތުގައި ގުލިސްތާނުގޭގައި ހުންނެވި ޢަލީ ޙަސަނު އެ ވިދާޅުވެ ދެއްވީ ވެރިމީހާގެ ދިފާޢުގައި ސާބިތުކަމާ އެކު އޭނާ ކުރެއްވި ހިތްވަރު ގަދަ މަސައްކަތާއި އޭނާގެ ހުރި ނުގުޑާ ފަދަ އެ ވަރުގަދަ ޢަޒުމުގެ ވާހަކައެވެ.
ނޮންބަރު 3 އާ ގުޅިގެން ޢަލީ ޙަސަނަށް ވަނީ މެޑަލް ފޯރ ބްރައިވަރީ އާއި ނޮވެންބަރު 03 ގެ މެޑަލްގެ އިތުރުން އަޚުލާގީ ކުލަ ވެސް ލިބިވަޑައިގެންފައެވެ. 2014 ވަނަ އަހަރު ޖުލައި 5 ވަނަ ދުވަހު، ސިފައިންގެ ޚިދުމަތުން ވަކިވެ ވަޑައިގެންނެވި ރިޓަޔަރޑް ފަސްޓް ސާރޖަންޓް ޢަލީ ޙަސަނަށް ވަނީ ޝަރަފުގެ 7 ކުލައާއި ޝަރަފުގެ 6 މެޑަލް ލިބިވަޑައިގެންފައެވެ. ޝަރަފުގެ މެޑަލްގެ ތެރޭގައި ހުރަވީ ރިހި މެޑަލް، ސިފައިންގެ ޚިދުމަތުގެ މެޑަލް، އަޚުލާގީ މެޑަލް، 03 ނޮވެންބަރުގެ މެޑަލް، ސައްތައިގެ މެޑަލް އަދި 17 ވަނަ ސާކް ސަމިޓް މެޓަލް ހިމެނެއެވެ.
ރައީސް މައުމޫނު ޢަލީ ޙަސަނާ ސަލާމްކުރައްވަނީ
ތެދެކެވެ. ތުޅާދޫ ޢަލީ ޙަސަން "ތުލާދޫ" އަކީ ނޮވެންބަރު 3ގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތުގައި ހުންނެވި ހަށިފާރަވެރިންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ހިތްވަރު ގަދަ ބަތަލެކެވެ. ދިވެހިރާއްޖެ ދުށް އެ ބިރުވެރި ދުވަހު ބިރުކަނޑާލެއްވުމަށް ފަހު މާލެތެރެއަށް ނުކުމެވަޑައިގެން އާންމު ރައްޔިތުންގެ ހާލަތު ބެއްލެވި ސިފައިންގެ ބޭކަލެކެވެ. ޖާނާއި ފުރާނައިން ގުރުބާންވެވަޑައިގަތުމަށް ލިބިވަޑައިގެންނެވި ރަނުގެ ފުރުސަތުގެ ބޭނުން ހިއްޕަވައި ސިފައިންގެ އިސްވެރިންގެ އަމުރަށް ފުރިހަމައަށް ކިޔަމަންވެވަޑައިގެންނެވި ޚިދުމަތެރިއެކެވެ. އެ ހިތްޕުޅުގައި އޭރު ވެސް ވަނީ ގައުމީ ލޯތްބެވެ. މިއަދު ވެސް ވަނީ އެ ކުލުނާއި ހަމަ އެ ލޯތްބެވެ.