
1950ވަނަ އަހަރު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ކޯޕްރަލް ޙުސައިން މުޙައްމަދަކީ ތުޅާދޫ މަބުސްތާނުގޭ މުޙައްމަދު ޙުސައިންއާއި ޙައްވާ ޔޫސުފަށް ލިބިވަޑައގެންނެވި ހަތަރުބެއިންގެ ތެރެއިން އެންމެ ހަގު ބޭފުޅާއެވެ. ޙުސައިންގެ މުޙައްމަދާ އެއްބަނޑު އެއްބަފާ އަނެއް 3 ބެއިންނަކީ ބ. ތުޅާދޫ ރަންހަދާގޭ އަލްމަރުޙޫމް އަޙުމަދު މުޙައްމަދާއި ސާދާގޭ އަލްމަރުޙޫމް ޢަބްދުލްޤާދިރު މުޙައްމަދާއި ދަހަރާގޭ އަލްމަރުޙޫމް ޢަބްދުލްކަރީމް މުޙައްމަދެވެ. އިސްކޮޅުގައި 5 ފޫޓް 6 އިންޗި ހުންނަ ޙުސައިން މުޙައްމަދު، ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގަތީ ޢުމުރުފުޅުން އެންމެ 21 އަހަރުގައި 1971ވަނަ އަހަރުގެ ޖުލައި މަހުގެ 15ވަނަ ދުވަހުއެވެ. ދިވެހި ގައުމުގެ ދިފާޢީ ޚިދުމަތާ ގުޅިވަޑައިގަތް ތުޅާދޫގެ ފުރަތަމަ ދަރިއަކީ ހުސައިން މުޙައްމަދެވެ.
ބ. ތުޅާދޫއަށް އުފަންވެވަޑައިގެންނެވި ޝަހީދު ޙުސައިން މުޙައްމަދު
ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގަތުމަށް ފަހު ވެސް ހުސައިން މުޙައްމަދު ދޭތެރެދޭތެރެއިން ތުޅާދޫއަށް ވަޑައިގަންނަވައެވެ. އެ ދުވަސްތަކުގެ ހަނދާންތައް އާކުރައްވަމުން ތުޅާދޫ ފެހެނޑަމާގޭ ޢަލީ ޙަސަން ވިދާޅުވީ ޙުސައިން މުޙައްމަދު ރަށަށް ވަޑައިގެން އުޅުއްވާ ހަނދާންތައް އާވާ ކޮންމެ ފަހަރަކު ތުޅާދޫން އެންމެ ފުރަތަމަ ބައިސްކަލެއް ފެނުނު ހަނދާނާ ގުޅުވާލެއްވޭ ކަމަށެވެ.
"އަޅުގަނޑު ސިފައިންގެއަށް ވަނުމުގެ ކުރިން ވެސް ދޭތެރެދޭތެރެއިން ހުސައިން ރަށަށް ވަޑައިގެން އުލުއްވާ ހަނދާންވޭ. އެއް ފަހަރަކު ބައިސްކަލެއް ރަށަށް ގެންނަވައި ދުއްވެވި ހަނދާން ވެސް އެބަ ހުރި. ހީވާ ގޮތުން އެއީ ސިފައިންގެ ބައިސްކަލެއް. ރަށު ތެރޭގައި ބައެއް މީހުން ކިޔާ އަޑު އިވުނު، ދެ އަތް ދޫކޮށްލައްވައިގެން ހުސައިން ބައިސްކަލު ދުއްވައޭ. އެހެން ބުނާ އަޑު އިވިގެން ބޮޑު މަގަށް ނުކުމެ އެ މަންޒަރު ބަލަން ދިޔަ ހަނދާންވޭ." އަލީ ހަސަން އާކުރެއްވީ އެތައް އަހަރެއްކުރީގެ ހަނދާންތަކެކެވެ.
ސްޓާފް ސާޖަންޓް ރިޓަޔަރޑް ޢަލީ ޙަސަން ވިދާޅުވީ ޝަހީދު ޙުސައިން މުޙައްމަދަކީ ޚިދުމަތުގައި ނަމޫނާ ބޭކަލެއް ކަމަށާއި ވަރަށް ޖެހިލުން ކުޑަ ބޭކަލެއް ކަމަށެވެ.
"އެއީ ވަރަށް ސާފުތާހީރު ބޭކަލެއް. ގަޑިއަށް ފަރުވާތެރި އަދި އެންމެންގެ ކުރިމަތީ އިސްއުފުލައިގެން އުޅެވޭ ފެންވަރުގެ ބޭކަލެއް. ބައެއް މީހުންނަކީ އުޅެވޭ ގޮތުން އިސްއުފުލައިގެން އުޅެން އުނދަގޫ މީހުން. އެ ޒަމާނަކީ ހަރުކަށި އުސޫލުތަކެއް އޮތް ޒަމާނެއް. ގަޑިޖެހިއްޖެއްޔާ ލާރި ކަނޑާނެ. މާ ގިނައިން ގަޑިޖެހެއްޖިއްޔާ ބަންދު ވެސް ކުރާނެ. ޕެރޭޑަކަށް ނުދެވިއްޖެ ނަމަ 24 ގަޑިއިރު އެތެރޭގައި ބަންދުވާނެ. އެކަހަލަ އެއްވެސް ކަމެއްގައި ނުބެދި ސަލާމަތްވެ ހުންނެވި ބޭކަލެއް ހުސައިންއަކީ" ނޮވެންބަރު 3ގެ މެޑަލް ލިބިވަޑައިގެން ހުންނެވި ރިޓަޔަރޑް ޢަލީ ޙަސަން ވިދާޅުވިއެވެ.
ޝަހީދު ޙުސައިން މުޙައްމަދު، ސިފައިންގެ ޚިދުމަތުގައި އެންމެ ފުރަތަމަ ވެސް މަސައްކަތް ކުރެއްވީ ޑިއުޓީ ސެކްޝަނުގައެވެ. އެ ޝެކްޝަނުގައި 8 އަހަރު މަސައްކަތް ކުރެއްވިއެވެ. އެ ދުވަސްތަކުގައި ވެސް ހުސައިން މުޙައްމަދު ފާހަގަކުރެވުނީ ޚިދުމަތަށް ފަރުވާތެރި ނަމޫނާބޭފުޅެއްގެ ގޮތުގައެވެ. ޙުސައިން މުޙައްމަދުގެ އެ ޚިދުމަތާ މެދު އެ ދުވަސްވަރު އެ ސެކްޝަނުގައި މަސައްކަތްކުރެއްވި ތުޅާދޫ މުރަނގަމާގޭ މުޙައްމަދު ޞާދިޤު ވިދާޅުވީ ޙުސައިން މުޙައްމަދުގެ ކިބައިން ދެ ކަމެއް ފާހަގަކުރެއްވުނު ކަމަށެވެ.
"ޝަހީދު ޙުސައިން މުޙައްމަދު، (އަޅުގަނޑު ކިޔާގޮތުން ނަމަ) ހުސޭންބެއަކީ ވަރަށް ގިނަގިނައިން ބައްދަލުވެ އުޅެން ޖެހުނު ބޭކަލެއް. އޭރު އަޅުގަނޑު މަސައްކަތް ކުރަމުން ދިޔައީ ޑިއުޓީ ސެކްޝަނުގައި. އެ ތަނުގައި ޑިއުޓީއަށް މީހުން ފޮނުވުމާއި އެކަމާ ގުޅުން ހުރި ކަންކަމުގައި އުޅުންޖެހުނު. އެހެންވެ އެކި ފަހަރު މަތިން ހުސޭންބެއާ ދިމާވި. އަދި އަޅުގަނޑަކީ އީސަބެގެ ކުއްޖެއްކަން އެނގިވަޑައިގަންނަވާތީ ޚާއްޞަ ގާތްކަމެއް އޮވެގެން ވާހަކަދައްކަވާ ހައްދަވާ. ހުސޭންބެގެ ކިބައިން އެންމެ ބޮޑަށް ފާހަގަކުރެވުނީ ފަރުވާތެރިކަން. ބަރާބަރަށް ގަޑިއަށް ޑިއުޓީއަށް ވަޑައިގަންނަވާކަން. އަދި ޑިއުޓީއަށް ވަޑައިގަންނަވާންޖެހޭ ތަނެއްގެ ގޮތުން ނުވަތަ ގިނަ ވަގުތު ޑިއުޓީގައި ހުންނަވަން ޖެހިވަޑައިގަތުމުގެ ސަބަބުން ހިތްޕުޅުހަމަ ޖެހިވަޑައިނުގަތް ޝަކުވާކުރެއްވުން ފަދަ ކަމެއް ހުސޭންބެގެ ކިބައިން ދުވަހަކު ވެސް ފާހަގަކުރެވިފައެއް ނުވޭ" ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޞާދިޤު ވިދާޅުވިއެވެ.
ސިފައިންގެ ޑްރިލް މުބާރާތެއްގެ ބައިވެރިވެވަޑައިގަތުމަށް ފަހު ބައެއް ބޭކަލުން ފޮޓޯއަކަށް ހުއްޓިވަޑައިގެން. ޝަހީދު ހުސައިން މުޙައްމަދު އެ ހުންނެވީ ދެވަނަ ސަފުގެ މެދުގައި
"އަބަދުވެސް ހުންނަވާނީ ވަރަށް ޑީސެންޓްކޮށް. ހެދުން ތުރުކުރައްވާ އިރު ވެސް ވަރަށް ނަލަކޮށް ހުންނަވަނީ. އަބަދުވެސް ހުންނަވާނީ ދަށަށް ޖައްސަވައިގެން. މީހުންނާ މުއާމަލާތުކުރައްވާ އިރު ވެސް ވަރަށް އަދަބުވެރިކޮށް އެކަން ކުރައްވަނީ" މިހާރުވެސް ޕޮލިސް ބޯޑުގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ޞާދިޤު ވިދާޅުވިއެވެ.
ޝަހީދު ޙުސައިން މުޙައްމަދަކީ 1980ވަނަ އަހަރު އެންމެ ފުރަތަމަ ހަތިޔާރާއެކު ޑިއުޓީ މެރުމަށް އުފެއްދި ސިފައިންގެ "ޓާސްފޯސް" ގައި ހިމެނިވަޑައިގެންނެވި ބޭކަލެކެވެ.
"ސިފައިންގެއިން ބޭނުންފުޅުވީ ޓާސްފޯސް ޑިއުޓީއަށް ސިފައިންގެ ތެރެއިން ބޭކަލުންތަކެއް ނަންގަވަން. އެކަމަށް ނެންގެވީ އެ ވަގުތު އެކަމަށް އެންމެ އެކަށީގެންވާ އެފަދަ ކަމަކަށް އެންމެ ކުޅަދާނަހެން ހީވާ ބޭކަލުން. ދެ ޝިފްޓަށް ބޭކަލުން ނެންގެވި. އެންމެ ފުރަތަމަ ނެންގެވި ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭކަލެއް މަސްތަކާ ޙުސައިން މުޙައްމަދަކީ" ޙުސައިން މުޙައްމަދާ އެއް ދުވަސްވަރެއްގައި ސިފައިންގެ ޚިދުމަތުގައި މަސައްކަތްކުރެއްވި ވޮރަންޓް އޮފިސަރ3 ރިޓަޔަރޑް ޖަޢުފަރު ޢަބްދުއްރަޙުމާން ވިދާޅުވިއެވެ.
ޖަޢުފަރު ވިދާޅުވީ ޙުސައިން މުޙައްމަދާ އެކުގައި މަސައްކަތް ކުރެއްވުނު ކަމަށާއި އެއީ ސިފައިންގެ ތެރޭގައި އެ ދުވަސްވަރު މަޝްހޫރު ބޭކަލެއް ކަމަށެވެ.
"ޙުސައިން މުޙައްމަދު (މަސްތަކާ)އާ އެކު އެ ދުވަސްވަރު ބޮޑު ގުރޫޕެއް އޮވޭ. ތިނަދޫ ނަސީމް، ދޮންތުއްތު ސަމަރޭ، އަބްދުލްޤައްޔޫމް، ޝާކިރު، ޙަސަން ޙުސައިން(ޗެރީ)، ފޭވަރިޓް އިބްރާހީމްފުޅު ފަދަ ބޭކަލުން ތިއްބެވި. އެ ބޭކަލުންނަކީ ސިފައިންގެ ފުރަގަހުގައި އަމިއްލަފުޅަށް ބޮޑީބިލްޑް ކުރައްވަންވެގެން ކޮންކްރީޓުން ތަކެތި އުފައްދަވައިގެން އެކަން ކުރެއްވި ބޭކަލުން. އެ ބޭފުޅުންގެ ހަށިގަނޑު ހުންނާނީ ވަރަށް ނަލަކޮށް. ޓާސްފޯސް ތެރޭން ވެސް ކަމަކަށް ބަޔަކު ނަގާ ނަމަ ނުވަތަ ކުއްލިއަކަށް ކަމަކަށް ގޮވާލާ ނަމަ ގޮވާލައްވާ ފެންވަރުގެ ބޭކަލެއް މަސްތަކާއަކީ" ސިފައިންގެ ތާރީޚް ކޮމެޓީގައި ވެސް މަސައްކަތްކުރެއްވި ޖަޢުފަރު ވިދާޅުވިއެވެ.
ޝަހީދު ހުސައިން މުޙައްމަދަކީ ސިފައިންގެ ޕެރޭޑްގެ އޭ ގުރޫޕްގެ ޕެރޭޑްގައި ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ.
"އޭރު ސިފައިންގެ އޮންނަނީ ދެ ނަންބަރަށް. އެއީ އެއް ނަންބަރާއި ދެ ނަންބަރު. ކޮންމެ ނަންބަރެއްގައި ވެސް ރީއްޗަށް ޕެރޭޑްކުރާ ބޭކަލުން މި ތިބެނީ އޭ ގުރޫޕްގައި. އޭ ގުރޫޕްގެ ޕެރޭޑްގައި ތިއްބަވާނީ ސިފައިންގޭގައި ތިއްބަވާ އެންމެ ސްމާޓް ބޭކަލުން. ރައީސުލްޖުމްހޫރިއްޔާ ތަންތަނަށް ވަޑައިގަންވާ އިރު އަދި ބޭރުގެ ބޭފުޅުން ވަޑައިގަންނަވާ އިރު ގާޑް އޮފް އޮނަރ އެރުވުމުގައި ވެސް އުޅުއްވާނީ ވެސް އެ ބޭފުޅުން. ރީއްޗަށް ޕެރޭޑްކުރައްވާ މޫވްމަންޓްތައް ވެސް ރީތިކޮށް ގެންގުޅުއްވާ ބޭފުޅުން. އަދި ޑްރިލް މުބާރާތްތަކަށް އެރޭނީ ވެސް އޭ ގުރޫޕްގައި ތިއްބަވާ ބޭކަލުންނަށް. އޭގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ ބޭކަލެއް މަސްތަކާއަކީ" ޙުސައިން މުޙައްމަދާ ގުޅޭ އިތުރު ތަފުސީލު ދެއްވަމުން ޖަޢުފަރު ދެއްވިއެވެ.
ބަނގުލަދެޝްގެ ބޮޑުވަޒީރު އިރުޝާދު ރާއްޖެ ވަޑައިގެންނެވި އިރު ގާޑް އޮފް އޮނަރ އެރުވުމުގައި ޙުސައިން މުޙައްމަދު (ދެވަނަ ސަފުގެ ކަނާތްފަރާތުގައި) ހަރަކާތްތެރިވެ ވަޑައިގަންނަވަނީ
ޙުސައިން މުޙައްމަދަކީ ބަނޑޭރި ކޮށިން ސިފައިންނަށް ގޯތި ދެއްވި އިރު އެންމެ ފުރަތަމަ ގޯތި ދެއްވި 16 ބޭކަލުންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. ޙުސައިން މުޙައްމަދު ގިނަ ވަގުތުތައް ހޭދަކުރެއްވީ ސިފައިންގޭގައެވެ.
"މަސްތަކާ ގިނައިން އުޅުއްވީ ސިފައިންގޭގައި. ގެއަށް ވަޑައިގަންނަވާނީ ގޭދުވަސް ލިބިވަޑައިގަތުމުން ހަމައެކަނި އަވަހާރަފުޅުލައްޕަވާލެއްވުމަށް. އެނޫން ވަގުތުތަކުގައި އުޅުއްވަނީ ސިފައިންގޭގައި. ޒޯން ޑިއުޓީއަށް ނަންގަވާފައި ތިއްބެވި ބޭފުޅުންގެ ތެރޭގައި ވެސް ހުންނަވާ ދުވަސްވީ ޕްރައިވެޓެއް. އޭރު ކުރިއެރުން ހޯދުމަކީ ފަސޭހަކަމެއް ނޫން. ރޭންކެއް ލިބޭނީ ވަރަށް ދުވަހު މަސައްކަތްކޮށްގެން. އޭރު އެއީ ވަރަށް އުނދަގޫކަމެއް. ނަމަވެސް މަސްތަކާއާއި ނަންރީތި ޢަބްދުއްލަޠީފްއާއި ފަލްކަންއާއި ޚާލިދުމެން ފަދަ ބޭބޭފުޅުންނަކީ އޭރު ޕްރޮމޯޝަން ލިބޭނެކަމަށް އިނގިލި ދިއްކޮށްކޮށް ތިބި ބޭކަލުން. ހަމަ ވަރަށް އާދަޔާޚިލާފު ބޭކަލެއް އެއީ" ޖަޢުފަރު ވިދާޅުވިއެވެ.
ނޮވެންބަރު 3ގެ ބިރުވެރި ހާދިސާ ހިނގީ ޙުސައިން މުޙައްމަދު، ސިފައިންގެ ޚިދުމަތުގައި އުޅުއްވާތާ 17 އަހަރު ފަހުން، 1988ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3ވަނަ ދުވަހުއެވެ. އެއީ މި ދުނިޔޭގައި ޙުސައިން މުޙައްމަދު ހޭދަކުރެއްވި އެންމެ ފަހު ދުވަހެވެ.
އެ ދުވަހުގެ ފަތިސްދަމަށް އެޅުނު އިރު ޙުސައިން މުޙައްމަދު ހުންނެވީ ޒޯން ޑިއުޓީގައެވެ. ޒޯން ޑިއުޓީއަކީ ރޭގަނޑު 1ން ފަތިހު 5އާ ދެމެދު މާލެ ހަތަރު ބަޔަކަށް ބަހާލައިގެން މާލެތެރެ ބެލެހެއްޓުމަށް ފަށްގަމީހުގައި ސިފައިން އަދާކުރި ޑިއުޓީއެކެވެ. ޙުސައިން މުޙައްމަދު ހުންނެވީ 2 ނަންބަރު ޒޯން (މަޖީދީ މަގުން ދެކުނާއި ޗާނދަނީ މަގު އިރު ހިމެނޭ ޒޯން) ޑިއުޓީގައެވެ. ނިދިކުރެއްވުމެއް ނެތި ހޭލައި އުޅުއްވަމުން ގެންދެވި ޙުސައިން މުޙައްމަދަށް އަޑުފަށްގަޑެއް އިވިވަޑައިގަތުމާއެކު އެއީ ބަޑީގެ އަޑުކަން ޔަގީންކުރެއްވުނެވެ.
އޭރު އޭނާގެ އަތްޕުޅުގައި އޮތް ސެޓުން، ބަޑިޖަހަމުންދާ ދުޝްމަނުންގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް މީހަކު ގޮވަމުން ދިޔައަޑު އިވެމުން ދިޔައެވެ. އެކަން ޔަގީންކޮށްދެއްވީ އެ ދުވަހުގެ ގައުމީ ދިފާޢުގައި ޖީޕީއެމްޖީގައި އިންނެވި ޕްރައިވެޓް މުޙައްމަދު ނާޒިމް (ފަހުން ކޯޕްރަލް)އެވެ. އަސްލު ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ނާޒިމް ވިދާޅުވީ އިސްލާމީ މަރުކަޒާ ދިމާއިން ހަމަލާދޭ މީހުން ދެނެގަތުމަށް ޓަކައި އެ ފަޅިން ހަރަކާތްތެރިވެ ވަޑައިގަތުމަށް ޙުސައިން މުޙައްމަދުގެ އަރިހުގައި އާދަމް ޒާހިރު އެދިވަޑައިގަތް ކަމަށެވެ.
"އޭރު ކޯސްޓްގާޑު ޑިއުޓީކުރާ ކުޑަ މޭޒުކައިރީ ހުންނާނެ ސެޓެއް. އެ މޭޒުކައިރީ އާދަމް ޒާހިރު އިންނެވި. ގޮވަމުން ދިޔައީ ބޭރުގައި ޑިއުޓީގައި ތިބި މީހުންނަށް. އޭނާ ގޮވަމުން ދިޔައީ އިސްލާމީ މަރުކަޒާ ދިމާއިން ކޭބަލްވައިލެސްއާ ދިމާ ކައިރިއަށް އައިސް ބަލާފައި މަޢުލޫމާތު ދީބަލާށޭ މި ކޮޅަށް ހަމަލާދޭ މީހުންނާ ބެހޭ ގޮތުން. އެގޮތަށް ގޮވީމާ އައި މީހެއް ކުޑައާދަމް ކުޑަމަނިކަކީ. މުންނާރު ކައިރިން އައިސް އެކަން ބެލީ މަސްތަކާ (ޙުސައިން މުޙައްމަދު). އޭނާއަށް ގޮވާލާފައި ބުނީ އެ ފަޅިން ހަމަލާދޭ މީހުން ބަލައިލާށޭ. ބުނީމާ އެ މީހުން އައީ. އެ އައި މަގުމަތީގައި މަސްތަކާވެސް ޝަޙިދުވެގެން ވެއްޓުނީ" އަސްލު ޓީވީއަށް ދެއްވި ބަސްދީގަތުމުގައި ނާޒިމް ވިދާޅުވިއެވެ.
"ބަޑީގެ އަޑުފަށްގަނޑު އިވެމުން ދިޔަ ވަގުތު މަސްތަކާ ގެންދެވީ ޓޯކީ ބޭނުންކުރައްވައި ޓާސްފޯސް ކައުންޓަރާ ވާހަކަދައްކަވަމުންކަން ސިފައިންގެ އެކި ބޭކަލުންގެ ވާހަކަތަކުން އެނގޭ. މަސްތަކާ ސިފައިންގެއާ ދިމާއަށް ވަޑައިގަތީ މެދުޒިޔާރަތް މަގަށް. އެ ދުވަހު ޓާސްފޯސް ކައުންޓަރު ޑިއުޓީއަށް ހުންނެވީ ފުއްކަފަ ދޮންތުއްތު. ސިފައިންގެއާ ކައިރި ސަރަހައްދުތަކުގައި ތިބި ދުޝްމަނުންގެ މަޢުލޫމާތު ދެއްވުމަށް އޭނާގެ އަތްޕުޅުގައި އޮތް ސެޓުން ވާހަކަދެއްކެވިކަން ޔަގީންކުރެވޭ. އެއީ ހިތްވަރު ގަދަ މަސައްކަތެއް" އެ ދުވަހުގެ ފަހު ނޭވާއާ ހަމައަށް އޭނާ ކުރެއްވި މަސައްކަތް ޖަޢުފަރު ފާހަގަކުރެއްވިއެވެ.
އެ ދުވަހު ސިފައިންގެއިން ހުސައިން މުޙައްމަދާ ހަވާލުކުރެއްވި ޒިންމާ (އިސްލާމީ މަރުކަޒާ ދިމާއިން ސިފައިންގެއަށް ހަމަލާދޭ މީހުންގެ މަޢުލޫމާތު ހޯދުން) އާ އޭނާ ކުރިމަތި ލެއްވިއެވެ. ދެ ނަންބަރު ޒޯން ހިމެނޭ ސަރަހައްދުން ސިފައިންގެއަށް އައުމަށް ޓަކައި ޙުސައިން މުޙައްމަދު ދަތުރުކުރެއްވީ ބައިސްކަލުގައެވެ. އޭނާ މިސްރާބު ޖެއްސެވީ މުލީއާގޭ ހުޅަނގުން އޮންނަ އަލިމަސް ގޯޅިން މެދު ޒިޔާރަތް މަގަށެވެ. ވީހާ ވެސް އަވަހަކަށް ސިފައިންގެއަށް ވަޑައިގަތުމަށެވެ. ނަމަވެސް އެ ދަތުރަކީ އޭނާގެ ފަހު ނޭވާއާ ދިމާއަށް ކުރެވޭ ދަތުރެއްކަން އެ ގައުމީ ޚިދުމަތުގެ ބަޠަލަކަށް އެނގިވަޑައެއް ނުގަންނަވައެވެ. އެއްވެސް ވަރަކަށް ޖެހިލުންވެވަޑައިގަތުމެއް ނެތި އޭނާ ވަޑައިގަތީ ކުރިއަށެވެ.
ޙުސައިން މުޙައްމަދު ޝަހީދުވެގެން ވެއްޓިފައިވަނީ މުލީއާގެ މައި ގޭޓާ ދިމާއިން މެދުޒިޔާރަތް މަގުގައި
އޭރު ސަލްޓަންޕާކު ކުރިމަތީގައި ތިބި ޓައިގަރުންގެ ގުރޫޕްތަކުގެ ތެރެއިން ސިވަމްގެ ގުރޫޕްގެ މީހުންނަށް ސިފައިންގެ ފަށްދެމި ހުދު ޔުނީފޯމުގައި ބެގީކުރައްވައިގެން އަޅިކުލައިގެ ފަޓްލޫނެއް ތުރުކުރައްވައިގެން ބައިސްކަލްގައި އިންނެވި ޙުސައިން މުޙައްމަދު ފެނުނެވެ. އެ މީހުންގެ އަމާޒަކަށްވީ އެ ޒުވާނާއެވެ. އެ ނިޔަތުގައި ދުޝްމަނުންގެ މީހަކު ޙުސައިން މުޙައްމަދާ ދިމާއަށް ބަޑިޖެއްސެވެ. އެ ބަޑީގެ ވަޒަން އެރުމާ އެކު އެ ވަގުތު އޭނާ ބައިސްކަލު އަނބުރާ ލެއްވީ މެދުޒިޔާރަތް މަގުން އިރަށެވެ. ނަމަވެސް ފުލުފުލުގައި އެ ވަގުތު ފޮނުވަމުން ދިޔަ ވަޒަންތަކުން ޙުސައިން މުޙައްމަދަކަށް އެ ހަމަލާތަކުން ރެކިވަޑައެއް ނުގެންނެވުނެވެ. އެ ވަޒަންތައް އޭގެ އަޑާއި ހަލި ދުވެލީގައި ޙުސައިން މުޙައްމަދުގެ އެ ހަށިކޮޅު ތޮރުފާލިއެވެ. ބައިސްކަލާ އެކު މުންނާރާ ދިމާއިން މަގު މެދަށް އޭނާ ވެއްޓި ޝަހީދުވިއެވެ. އެ އަތްޕުޅުން ދޫވި ޓޯކީ އެތާ އޮތެވެ. އޭނާ ދުއްވަމުން ގެންދެވި ރެލީ ބައިސްކަލު ވެސް ދެ ތިން ފޫޓް ދުރުގައި އޮތެވެ. އެ ހިތްވަރު ގަދަ ތުޅާދޫ ބަޠަލު، ދިވެހި ގައުމަށްޓަކައި ޝަހީދުވީ އުމުރުން އެންމެ 38 އަހަރުގައެވެ. ލަފާކުރެވޭ ގޮތުގައި އޭނާ ޝަހީދުވީ އެ ދުވަހުގެ ފަތިހު 4:45 އެހާކަށްހާ އިރުއެވެ. ޝަހީދުވެގެން ވެއްޓިފައިވަނީ މުލީއާގެ މައި ގޭޓާ ދިމާއިން މެދުޒިޔާރަތް މަގަށެވެ.
ޙުސައިން މުޙައްމަދަކީ ޚިދުމަތުގައި ތެދުވެރި ބޭފުޅެކެވެ. ގައުމީ ޚިދުމަތުގައި ނަމޫނާބޭފުޅެކެވެ. ޝަހީދު ޙުސައިން މުޙައްމަދު، ޝަހީދުވީ އިރު މަސައްކަތްކުރައްވަމުން ގެންދެވީ ޓާސްފޯސް ސެކްޝަނުގައެވެ. ޝަހީދުވި އިރު ހުންނެވީ ޕްރައިވެޓެއްގެ މަގާމުގައެވެ. ފަސްދާނުލެވިފައިވަނީ ހެންވޭރު ސަހަރާގައެވެ. އޭރު ސިފައިންގެ ޚިދުމަތުގައި އުޅުއްވާތާ 17 އަހަރާއި 3 މަހާއި 18 ދުވަސްވަނީ ވެފައެވެ.
ޕްރައިވެޓް ޙުސައިން މުޙައްމަދުގެ ގައުމީ ޚިދުމަތް ފާހަގަކުރައްވާ ދިވެހި ދައުލަތުން ވަނީ ޕްރައިވެޓެއްގެ މަގާމުން ކޯޕްރަލެއްގެ މަގާމަށް ކުރިއެރުން ދެއްވައި ހުރަވީ ރިހި މެޑަލް (މެޑަލް ފޮރ ބްރޭވަރީ) އާއި ތިނެއް ނޮވެންބަރު މެޑަލް (ތާޑް ނޮވެންބަރު މެޑަލް) އާއި ޖިހާދުގެ ރަތް މެޑަލް (ޕާރޕަލް ހާޓް) ދެއްވާފައިވެއެވެ.
ޝަހީދު ޙުސައިން މުޙައްމަދަކީ ތުޅާދުއަށް އުފަން، ތުޅާދޫގެ ފަޚުރުވެރި ދަރިއެކެވެ. ގައުމީ ޚިދުމަތުގެ ސަފުން ފާހަގަކޮށްލެވުނު ހިތްވަރުގަދަ ޚިދުމަތްތެރިއެކެވެ. ގައުމުގެ ދިފާޢުގެ ޑިއުޓީގައި ސިފައިންގެ ޔުނީފޯމުގައި ފިދާވެވަޑައިގެން، އެންމެ ފަހު ނޭވާ ގައުމަށް ޓަކައި ދޫކޮށްލެއްވި ޝަހީދެކެވެ. އެ މާތް ގައުމީ ބަތަލުގެ ފުރާނަފުޅު، ސުވަރުގޭގެ މަތިވެރި ނިއުމަތުގައި ދާއިމަށް ގާއިމުކުރައްވާށިއެވެ. އާމީން.