
ނޮވެންބަރު3ގެ ވާހަކަ ދައްކާ ކޮންމެ ތަނެއްގައި އެ ދުވަހުގެ ޝަހީދުންގެ ވާހަކަ ދައްކަންޖެހެއެވެ. އެ ލިސްޓުން ޖާގަ ހޯއްދެވި އެއް ބޭކަލަކީ ޝަހީދު ކޯޕްރަލް ޙުސައިން މުޙައްމަދު(ސނ:246)އެވެ. 1950ވަނަ އަހަރު ދުނިޔޭގެ އަލިކަން ދެކެވަޑައިގެން ކޯޕްރަލް ޙުސައިން މުޙައްމަދަކީ ތުޅާދޫ މަބުސްތާނުގޭ މުޙައްމަދު ޙުސައިންއާއި ޙައްވާ ޔޫސުފަށް ލިބިވަޑައގެން 4ވަނަ ބޭފުޅާއެވެ. އިސްކޮޅުގައި 5 ފޫޓް 6 އިންޗި ހުންނަ ޙުސައިން މުޙައްމަދު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގަތީ 1971ވަނަ އަހަރުގެ ޖުލައި މަހުގެ 15ވަނަ ދުވަހު ޢުމުރުފުޅުން އެންމެ 21 އަހަރުގައެވެ.
ޝަހީދު ޙުސައިން މުޙައްމަދު
ޙުސައިން މުޙައްމަދު ސިފައިންގެ ޚިދުމަތުގައި އުޅުއްވާތާ 17 އަހަރު ފަހުން ކުރިމަތިވި 1988ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3ވަނަ ދުވަސް ވެގެން ދިޔައީ އޭނާގެ ޙަޔާތުގެ އެންމެ ފަހު ދުވަހަށެވެ. އެ ދުވަހުގެ ފަތިސްދަމަށް އެޅުނު އިރު ޙުސައިން މުޙައްމަދު ހުންނެވީ ޒޯން ޑިއުޓީގައެވެ. ޒޯން ޑިއުޓީއަކީ ރޭގަނޑު 1ން ފަތިހު 5އާ ދެމެދު މާލެ ހަތަރު ބަޔަކަށް ބަހާލައިގެން މާލެތެރެ ބެލެހެއްޓުމަށް ފަށްގަމީހުގައި ސިފައިން އަދާކުރި ޑިއުޓީއެކެވެ. ޙުސައިން މުޙައްމަދު ހުންނެވީ 2 ނަންބަރު ޒޯން (މަޖީދީ މަގުން ދެކުނާއި ޗާނދަނީ މަގު އިރު ހިމެނޭ ޒޯން) ޑިއުޓީގައެވެ. ނިދިކުރެއްވުމެއް ނެތި ހޭލައި އުޅުއްވަމުން ގެންދެވި ޙުސައިން މުޙައްމަދަށް އަޑުފަށްގަޑެއް އިވިވަޑައިގަތުމާއެކު އެއީ ބަޑީގެ އަޑުކަން ޔަގީންކުރެއްވުނެވެ. އެ އަޑު އިވުވަޑައިގަތުމާއެކު އޭނާ މިސްރާބު ޖެއްސެވީ ސިފައިންގެއާ ދިމާއަށެވެ. ވެގެން އުޅޭގޮތް ބެއްލެވުމަށެވެ.
ޙުސައިން މުޙައްމަދު ޝަހީދުވެގެން ވެއްޓިފައިވަނީ މުލީއާގެ މައި ގޭޓާ ދިމާއިން މެދުޒިޔާރަތް މަގަށް
2 ނަންބަރު ޒޯން ހިމެނޭ ސަރަހައްދުން ސިފައިންގެއަށް އައުމަށް ޓަކައި ޙުސައިން މުޙައްމަދު ދަތުރުކުރެއްވީ ބައިސްކަލުގައެވެ. އޭނާ މިސްރާބު ޖެއްސެވީ މުލީއާގޭ ހުޅަނގުން އޮންނަ އަލިމަސް ގޯޅިން މެދު ޒިޔާރަތްމަގަށެވެ. ވީހާ ވެސް އަވަހަކަށް ސިފައިންގެއަށް ވަޑައިގަތުމަށެވެ. ނަމަވެސް އެ ދަތުރަކީ އޭނާގެ ފަހު ނޭވާއާ ދިމާއަށް ކުރެވޭ ދަތުރެއްކަން އެ ގައުމީ ޚިދުމަތުގެ ބަޠަލަކަށް އެނގިވަޑައެއް ނުގަންނަވައެވެ. އޭރު ސަލްޓަންޕާކު ކުރިމަތީގައި ތިބި ޓައިގަރުންގެ ގުރޫޕްތަކުގެ ތެރެއިން ސިވަމްގެ ގުރޫޕްގެ މީހުންނަށް ސިފައިންގެ ހުދު ޔުނީފޯމުގައި ބައިސްކަލްގައި އަންނަ ޒުވާނާ ފެނުނެވެ. އެ މީހުންގެ އަމާޒަކަށްވީ އެ ޒުވާނާގެ ފުރާނައެވެ. އެމީހުން ޙުސައިން މުޙައްމަދުގެ ހަށިކޮޅަށް ބަޑިޖެއްސެވެ. އެ ބަޑީގެ ވަޒަން އެރުމާ އެކު އެ ވަގުތު އޭނާ ބައިސްކަލު އަނބުރާ ލެއްވީ މެދުޒިޔާރަތް މަގުން އިރަށެވެ. ނަމަވެސް ފުލުފުލުގައި އެވުގުތު ފޮނުވަމުން ދިޔަ ވަޒަންތަކުން އެ ހަށިކޮޅު ތޮރުފާލިއެވެ. ބައިސްކަލާއެކު މުންނާރާ ދިމާއިން މަގު މެދަށް އޭނާ ވެއްޓި ޝަހީދުވިއެވެ. އެ ހިތްވަރު ގަދަ ތުޅާދޫ ބަޠަލު، ޝަހީދުވީ ޢުމުރުން އެންމެ 38 އަހަރުގައެވެ. ލަފާކުރެވޭ ގޮތުގައި އޭނާ ޝަހީދުވީ އެ ދުވަހުގެ ފަތިހު 4:45ހާ އިރުއެވެ. ޝަހީދުވެގެން ވެއްޓިފައިވަނީ މުލީއާގެ މައި ގޭޓާ ދިމާއިން މެދުޒިޔާރަތް މަގަށެވެ.
ނޮވެންބަރު 3ގެ ހާދިސާ ހިނގި އިރު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވީ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމެވެ. އެ ދުވަހުގެ އެ ހާދިސާގައި ދުޝްމަނުން އަތުލައިގަންނަން ބޭނުންވީ އެންމެ މުހިންމު ބޭފުޅަކީ އޭރުގެ ރައީސުލް ޖުމްހޫރިއްޔާއެވެ. އެ ނުރައްކާތެރި ދަނޑިވަޅު ރައްކާތެރިކަން ހޯއްދެވުމަށް އެ ދުވަހުގެ ފަތިހުގެ 4:50 ހާއިރު ރައީސުލްޖުމްހޫރިއްޔާ ތީމުގެ ދޫކުރައްވައި ވަޑައިގަތީ ހުދުއަސުރުމާ ގެއަށެވެ. އޭރު ދުޝްމަނުން ދިޔައީ ތީމުގޭ ދެކުނު ފަރާތުން މައިގޭޓަށް ހަމަލާދެމުންނެވެ. އެ ގެއާ ހަމައަށް ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުންގެ އަނބިކަނބަލުންނާއި ދަރިކަލުން ޣައްސާން މައުމޫނަށް ވަޑައިގެންނެވުނު އިރު އެ ގެ ހުރީ ތަޅުލާފައެވެ. ދެން ވަޑައިގަތީ ގުލިސްތާނުގެއަށެވެ. އެ ގޭގައި ރައީސުލްޖުމްހޫރިއްޔާގެ ހަށިފާރަވެރިއެއްގެ ގޮތުގައި އެ ދުވަހު ޚިދުމަތް ކުރެއްވި އެއް ބޭފުޅަކީ ވެސް ތުޅާދޫ ދަރިއެކެވެ. މުޅި ތުޅާދޫ، އެ ބޭފުޅަކަށް ފަޚުރުވެރިވާ، ބ. ތުޅާދޫ ފެހެނޑަމާގެ، އަލީ ޙަސަންއެވެ. ސިފައިންގެ ތެރޭގައި ބޭނުންކޮށް އުޅޭ ނަމުން ނަމަ "ތުޅާދޫ" އެވެ.
ޢަލީ ޙަސަން ނޮވެންބަރު މަހުގެ 4ވަނަ ދުވަހު ސިފައިންގޭގައި ފޯރި މެރުމުގައި
އެ ބިރުވެރި ދުވަހު ރައީސުލް ޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ އާއިލާއަށް ހިމާޔަތާއި ރައްކާތެރިކަން ހޯއްދަވައި ދެއްވުމުގައި އިސްކޮށް އުޅުއްވި ސިފައިންގެ ބޭކަލުންގެ ތެރެއިން އެއް ބޭފުޅަކީ ބ. ތުޅާދޫ ފެހަނޑަމާގޭ ޢަލީ ޙަސަންއެވެ. އެކަން ކަށަވަރުކޮށްދެއްވަމުން އެ ދުވަހު 8 އަހަރުގެ ތުއްޕުޅު ކުއްޖެއްގެ ގޮތުގައި ހުންނެވި ޣައްސާން މައުމޫން ވިދާޅުވެފައިވަނީ، އެ ދުވަހު ސިފައިންގެ ބޭކަލުން ނަމޫނާ ދެއްކެވި ކަމަށާއި އެކަން ތަޖުރިބާ ކުރެއްވުނު ކަމަށެވެ. އެ ދުވަހު ޢަލީ ހަސަންގެ ޚިދުމަތް ފެނިވަޑައިގެންނެވި ގޮތް ޣައްސާން ވެސް ވަނީ، އަވަސް ނޫހަށް ހިއްސާކުރައްވާފައެވެ.
"ބަދިގެ ފަރާތުގައި ހަދިއްތަގެ މަންމަ ހުއްޓާ ފުރާޅު މަތީން މީހަކު ފުންމާލި. އެހިސާބުން މިއޮއްވަނިއްޔޭ، މިއޮއްވަނިއްޔޭ ގޮވަލައިފި. އެ އަޑުތައް އިވިފައި ބިރުން ހުރެފައި ބަލައިލައިފިން. ބޯދިއްކޮށް ބަލައިލި އިރު އަޅުގަނޑު ދަންނަ މީހެއް. ފުންމާލީ މުންޑެއް އަނދެގެން ޓީޝާޓެއް ލައިގެން ބޮޑު ގޯންޏެއް ކޮނޑުގައި އަޅައިގެން ހުރި މީހެއް. އިރުކޮޅެއް ނުވެ ދެވަނަ މީހަކު ވެސް ފުންމާލައިފި. ދެ މީހުން ވެސް ތިބީ އެއްގޮތަކަށް ހެދުން އަޅާފައި. ދެމީހުންގެ ކޮނޑުގައި އޮތް ކާށި ގޯންޏެއް. ކާށި ގޯނި ހާވާލާފައި އެކަކު (ދޮން އެނބޫ ޅަހުއްތު، ކޯޕްރަލް އަޙުމަދު ވާފިރު) ނަގައިފި އެސްއެލް އާރެއް. އަނެކަކު ނަގައިފި އެސްއެމްޖީއެއް. ދެން ހުންނެވީ އަލީ ހަސަން (ސނ:526) ބ. އަތޮޅު ތުޅާދޫ ބޭފުޅެއް" ޣައްސާން ވިދާޅުވީ ސިފައިންގެ ދެ ބޭކަލުން ފުރަތަމަ ފެނިވަޑައިގެން ގޮތެވެ.
"މި ދެބޭފުޅުން ހަތިޔާރުތައް ނަގައި ތައްޔާރުވެލާފައި އެތެރެއަށް ވަޑައިގެން ބައްޕައާ ސަލާންކޮށްލެއްވުމަށް ފަހު ވިދާޅުވި އަޑު އަޅުގަނޑު އެހިން. އެއްވެސް ގޮތަކަށް ރައީސް ހާސްވާނެކަމެއް ނެތޭ. މިގޭ ދޮރުން ވަދެގެން ރައީސްއާ ހަމައަށް މީހަކަށް އާދެވޭނީ ތިމަންނަމެން ދެ މީހުން ހަމަ މަރާލާފައޭ. އެ އަސަރު މިހާރު ވެސް ކުރޭ. އެހާ ވެސް ހިތްވަރު ގަދަ އެ ދެ މީހުން" ޣައްސާންވަނީ އެ ދެ ބޭކަލުންނަށް ތަޢުރީފު ކުރައްވާފައެވެ.
ޢަލީ ޙަސަންގެ ޚިދުމަތް ފާހަގަކުރައްވައި ހިތްވަރު ދެއްވުމުގެ މެޑަލް އަރުވަނީ
"މި ދެންނެވި އަލީ ހަސަން ގޮނޑިއެއް ހިއްޕަވައިގެން ވަޑައިގަތީ ކުރިން އަޅުގަނޑު ދެންނެވި ގޯޅިގަނޑުތެރެއަށް. އެ ގޯޅިގަނޑު ތެރޭގައި ބެހެއްޓެވި ގޮނޑިއެއްގައި އިށީނދެވަޑައިގަތީ. ފާރުގައި ލެނގިލައިގެން ބަޑިދިއްކޮށްގެން އިންނެވީ މުޅި ދުވަހު، އަދި އެކަން ނިމެންދެއްވެސް އިންނެވި. އެ ދެ ބޭފުޅުން ވެސް ތިއްބެވީ ވަރަށް ޖޯޝުގައި. ދިވެހި ސިފައިންނަކީ ގައުމަށް ޓަކައި ކޮންމެ ކަމެއްވެސް ކުރާނެ ބައެއްކަން ލޮލުންފެނި އެ ދުވަހު އަޅުގަނޑަށް ގަބޫލުކުރެވުނު. ކާން ވެސް ބޯން ވެސް މަގާމަކުން ދުރަކަށް ނުދޭ. އަޅުގަނދު ދުށިން އަޅުގަނޑުގެ ހަދިއްތަ އަތުން މޮޑެފައި އަލީ ހަސަންއަށް ކާންދިންތައް. އޭނާ ބުނީ ކާކަށް ބޯކަށް އެ ތަނަކުން ނުތެދުވާނަމޭ. ތިމަންނަމެން މި ތިބީ ތިމަންނަމެންގެ ވާޖިބު އަދާކުރުމުގައޭ" ޣައްސާން ވިދާޅުވިއެވެ.
އެ މަތިވެރި ޚިދުމަތުގައި ހުންނަވައި ޢަލީ ދެއްކެވި އިތުރު ވާހަކަފުޅެއް ވެސް ޣައްސާން ފާހަގަކުރެއްވިއެވެ.
"ދޮން އެނބޫ ކައިރީގައި ތުޅާދޫ (އަލީ ހަސަން) ބުނި އަޑު އަޅުގަނޑުމެންނަށް އިވުނު ތިމަންނަ މަރުވެގެން ވެއްޓުނީމާ ނޫނީ ދޮން އެނބޫ ބަޑި ނުޖަހައްޗޭ. މާނައަކީ އެ މީހުން އެ ތިބީ ފުރާނަ ގުރުބާންކުރަން ހަމަ ތައްޔާރުވެގެނޭ. އެއްވެސް ޖެހިލުމެއް ނެތި ދީނާ ގައުމާއި އެމީހުންގެ ރައީސުލް ޖުމްހޫރިއްޔާ ހިމާޔަތްކުރުމުގައި. އެހެންވީމާ ދިވެހި ސިފައިންނަކީ އެއްވެސް ބައެއް ނޫނޭ ކިޔައިގެން މީހުން މި ދައްކާ ވާހަކަތަކުން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް އަސަރުކުރާނެ. އެއީ އެ ކަހަލަ ބައެއް ނޫންކަން އެނގޭތީ. ކައިރިން ދެކެފަ މި ދަންނަވަނީ" މިހާރު ޑިފެންސް މިނިސްޓަރަކަށް ހުންނެވި ޣާއްސާން މައުމޫން ވިދާޅުވިއެވެ.
ސިފައިންގެ ވެރިޔާގެ އަތްޕުޅުން ޞާދިޤު އިނާމެއް ލިބިގަންނަނީ
މީގެ އިތުރުން ނޮވެންބަރު 3ވަނަ ދުވަހުގެ ހިތާމަވެރި ހާދިސާގެ ހިނގި ވަގުތު އިވުނު ބަޑީގެ އަޑުފަށްގަނޑާއެކު ގޭގައި ހުންނަވައި ސިފައިންގެއާ ދިމާއަށް މިސްރާބު ޖެއްސެވި ބ. ތުޅާދޫ މުރަނގަމާގޭ މުޙައްމަދު ޞާދިޤު (ސނ:903)އަކީ ވެސް އެ އުދުވާނީ ހަމަލާއިން ގައުމު ސަލާމަތް ކުރެއްވުމުގެ މަތިވެރި އަޒުމުގައި ސިފައިންގެއަށް ވެންނެވުމަށް ވަޑައިގެންނެވި ބޭފުޅެކެވެ.
"އެ ރެއަކީ ގޭ ރޭގެ ދުވަސް. އެ ރޭ ގޭގައި ނިދާފައި އޮއްވައި ހޭލެވެނީ އަޑުފަށްގަނޑެއް އިވޭތީ. އޭރު އުޅެނީ ހެންވޭރުކޮޅު ޝަބްނަމްގޭގައި. އެރޭ ނިދާފައި އޮތްވައި ހޭލެވުނީ. އޭރަކު ނޭނގެ ކިހިނެއްކަމެއް ވެގެން އުޅެނީކީ. އޭރު ދީފައިވާ ޓްރެނިންގއިން ބުނަނީ އެ ކަހަލަ ކަމެއް ދިމާވެއްޖެ ނަމަ ވީހާ ވެސް އަވަހަކަށް ސިފައިންގެއަށް އަންނަން. އެހެންވެ އަވަހަށް ބެލީ ސިފައިންގެއަށް ދެވޭތޯ" ސިފައިންގެއާ ގުޅިވަޑައިގެންތާ 2 އަހަރުތެރޭ ދިމާވި ހާދިސާ ހަނދާނަށް ގެންނަވަމުން ޞާދިޤު ވިދާޅުވިއެވެ.
ދެން ޞާދިޤު އަވަސްވެވަޑައިގަތީ ފަށްގަމީސް ތުރުކުރައްވައިގެން ސިފައިންގެއާ ދިމާއަށް ވަޑައިގަތުމަށެވެ. އެހެންވެ ބައިސްކަލުގައި ދުއްވަން ފެއްޓެވީ ހުކުރު މިސްކިތާ ދިމާއަށެވެ. މެދުޒިޔާރަތާ އަރާ ހަމަވީތަނާ މުލިއާގެ އުތުރު ގޭޓާ ދިމާގައި މީހަކު ޝަހީދުވެފައި އޮއްވާ ފެނިވަޑައިގަތެވެ. އެ ހިސާބުން ޕްރައިވެޓް ޙަސަން ޖަލީލް (ސނ:507)އާ ބައްދަލުވެ ދެ ބޭކަލުން ވާހަކަދެއްކެވުމަށް ފަހު ސިފައިންގެއަށް ދިއުމަށް ޓަކައި މިސްރާބު ޖެއްސެވިއެވެ. ހުކުރު މިސްކިތާ ހަމަވީތަނާ ބަޑީގެ އަޑު މާގަދަވިއެވެ.
"އެ ހިސާބުގައި ހުއްޓާ ފުލުސް އޮފީހުގެ އިމާރާތުގެ ދެވަނަ ބުރީގެ ކުޑަދޮރަކުން ސްޓާފްސަރޖަންޓް ޠާޙާ ވަޙީދު ގޮވާލައްވާފައި ވިދާޅުވެއްޖެ ސޯދިގުއޭ މިކޮޅަށް ނާންނާށޭ. އަވަހަށް ދުރަށް ދާށޭ. އޭރު އަދި ފަތިސްނަމާދު ބަންގިއެއް ނުގޮވާ. ދެން އެންމެ އަވަށް ރައްކާތެރިކަމެއް ހޯދެން އޮތީ ޖެހިގެން ހުރި މިސްކިތަށް އެރުން ކަމަށްވާތީ 9އަވަހަށް މިސްކިތަށް އެރީ. މިސްކިތުގައި އިންދާ ބަންގި ދިން ހަނދާންވަނީ. މުދިމު ވެސް އައީ ތަންކޮޅެއް ލަހުން. މިސްކިތުގައި ތިބީ ވެސް ދެތިން މީހުން" ޞާދިޤު ތަފުސީލުދެއްވިއެވެ.
ނަމާދުކޮށް ނިމުމުން މިސްކިތަށް އެރި މީހުންގެ ކިބައިން ޞާދިޤަށް އިތުރު މަޢުލޫމާތު ލިބިވަޑައިގަތެވެ. އަދި ދުޝްމަނުން ބޭނުންވެގެން އުޅެނީ ކޮން ކަމެއް ކަމާއި އެމީހުންގެ އަމާޒަކީ ކޮބައިކަން ވެސް ކޮންމެވެސް ވަރަކަށް މޭރުންވެވަޑައިގަތެވެ.
"އެ ހިސާބުން ޚިޔާލަށް އައީ އެންމެ ފުރަތަމަ ވެސް ޓާގެޓް ކުރާނީ ސިފައިންނަށްކަން. އެހެންވެ ވަގުތުން ފަށްގަމީސް ބޭލީ. ގަމީސް ބާލާފައި އައިޑީކާޑް ވެސް ކުނާ ދަށަށް ލާފައި ބޭއްވީ. ދެން ކުޑަކޮށް ކަވަރެއް ނަގައިގެން މިސްކިތްތެރޭގައި އިނީ. ގަބޫލެއް ނުކުރެވުނު ގެއަށް ދާކަށް. އެހެންވެ އެ މިސްކިތުގައި މަޑުކުރީ. ދޭތެރެ ދޭތެރެއިން ބަޑިޖަހާ އަޑު އިވޭ. ހިތުގައި އޮތީ ބަޑީގެ އަޑުފަށްގަނޑު މަޑުވުމުން ސިފައިންގެއަށް ވަންނަން. އެހެންވެ މަޑުކުރީ. އެ ހާލަތު އާދޭތޯ އިނީ. މިސްކިތުގައި އިނދެ ނަމާދުކުރަމުން ދިޔައިން. ވަރަށް މަދު މީހަކު މިސްކިތަށް އަރާ. އެ މީސްމީހުންގެ ކިބައިން މަޢުލޫމާތު ވެސް ނަގަން. އެތަނުގައި އެ ދުވަހުން ފެށިގެން އަނެއް ދުވަހު ހެނދުނު 10 އެއް ޖަހަންދެން އިނީ މިސްކިތުގައި. އަތަކު އެއްވެސް ހަތިޔާރެއް ނެތް. އެތަނުން ސިފައިންގެ އިތުރު މީހަކާ ދިމައެއް ނުވޭ. ބަޑީގެ އަޑުފައްގަނޑު އެހާ ގަދަ. އަނެއް ދުވަހުގެ ހެނދުނު އަޑުފަށްގަނޑު މަޑުވުމުން ދެން ދިޔައީ ސިފައިންގެއަށް. އޭރު ގަމީހެއް ވެސް ނެތް" ޞާދިޤު ވިދާޅުވިއެވެ.
ނޮވެންބަރު3ގެ ހާދިސާގައި ހައްޔަރު ކުރެވުނު ދުޝްމަނުންގެ ތަހުގީގުތައް ކުރިއަށް ދިޔަ އިރު ޞާދިޤަކީ ވެސް އިންޑިއާ ސިފައިންނާއެކު އެކަމުގައި އުޅުއްވި ޚިދުމަތްތެރިއެކެވެ.
އިންޑިއާ ސިފައިންގެ އެންމެ އިސްކޮށް ހަރަކާތްތެރިވި ކާރނަލް ޖޯޝީއާ އެކު އެންމެ ވާތްފަރާތުގައި ޞާދިޤު
"އިންޑިއާ ސިފައިން ގޮވައިގެން ބަސް ޑްރައިވަރެއްގެ ގޮތުގައި ވެސް އުޅެން ޖެހުނު. ދެން ބަދަލުވީ ތަހުގީގު މަރުހަލާއަށް. އެ މީހުން ގޮވައިގެން ލޯންޗުގައި ހިންމަފުށްޓަށް ގޮސް މަސައްކަތް ކުރިން. ކޮންމެ ދުވަހަކު ވެސް އެ މީހުން ގޮވައިގެން ގޮސް ތަހުގީގީ ބަޔާންތައް ނެގުންފަދަ ކަންކަމުގައި އުޅުނިން. އެ ދުވަހެއްގެ ތަހުގީގު ނިމުމުން އެ މީހުން ގޮވައިގެން މާލެއައިސް ހޮޓަލަށް ގެންދިއުން ފަދަ ކަންކަމުގައި ވެސް އުޅެން ޖެހުނު. ތަހުގީގު ނިމެންދެން ތަރުޖަމާކުރުމުގެ މަސައްކަތްތަކުގައި ވެސް އުޅެން ޖެހުނު. ބައެއް މަޢުލޫމާތު ހޯދަން އިންޑިއާއަށް ވެސް ދަތުރުތައް ކުރެވުނު" ޞާދިޤު ވިދާޅުވިއެވެ.
ޝަފީޤު އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫނު ޢަބްދުލްޤައްޔޫމާ ސަލާމްކުރައްވަނީ
ނޮވެންބަރު މަހުގެ 3ވަނަ ދުވަހުގެ ދުޝްމަނުންނާ ދެކޮޅަށް ސިފައިންގެއިން ދިން ހަމަލާތަކުގައި އަމަލީ ގޮތުން ބައިވެރިވި އެއް ބޭކަލަކީ ބ. ތުޅާދޫ، ގުލިސްތާނުގޭ އަހުމަދު ޝަފީޤެވެ. ދިވެހިރާއްޖޭގެ ގައުމީ ދިފާޢީ ބާރުން 2012ވަނަ އަހަރު ނެރުއްވާފައިވާ "ނޮވެންބަރު 3" ފޮތުގައި ވާގޮތުން ފުލުސް އޮފީސް މަތީން ދެއްވި ރައްދު ހަމަލާގައި އެ ދުވަހު ބައިވެރިވެވަޑައިގެންނެވި 5 ބޭކަލުންގެ ތެރޭގައި އަޙުމަދު ޝަފީޤު (ސނ:902) ގެ ނަން ހިމަނުއްވާފައި ވެއެވެ.
ޝަފީޤު ވިދާޅުވީ އެރޭ އަވަހާރަފުޅު ލެއްޕެވީ ފުލުސް އޮފީހުގެ ތެރޭގައި ހުންނަ ބެރެކުގެ ތެރޭގައިކަމަށެވެ. އެ ބެރެކް ރޫމުގައި އޭރު އަވަހާރަފުޅުލައްޕަވަމުން ގެންދެވީ ފުލުސް އޮފީހުގެ ތަހުގީގުކުރާބައިގައި މައްސަލަތައް ތަހުގީގުކުރާ 18 އޮފިސަރުންކަމަށެވެ.
"އަޅުގަނޑުމެންގެ ބެރެކް ހުންނާނީ އޭރުގެ ހުރަވީ ބިލްޑިންގ އާ ދިމާވާގޮތަށް އެ ކަނމްތީގައި. ބެރަކަށް ވަދެވޭނީ އޮފީހުގެ ތެރެއިން ބޭރަށް ނުކުމެވެން ހުންނަ ދޮރަކުން. ކުއްލިއަކަށް އިވެން ފެށީ އޭ.ކޭ ފޯޓީ ސެވަންގެ ބަޑީގެ އަޑު. ލަފާކުރެވޭ ގޮތުގައި އޭރު މެންދަމުން އަލިވެ 4:15 އެހާކަށްހާ އިރު ވާނީ. އޭރު އެ ބެރެކުގައި ސީދާ 18 މީހުން ތިބިކަމެއް ނޭނގޭ. އަޅުގަނޑުމެން އޭރު ތިބި ތަނަކީ ހުރަވީ ބިލްޑިންގއާ ދިމާ އެ ގޯޅި. އެހެންވުމުން އެ ދިމާއިން މަގުމަތިން ވަރަށް ރަނގަޅަށް ފެނޭ. އަދި ބަޑީގެ އަޑު ވެސް އެ ބެރެކުގެ ތެރެއަށް ވަރަށް ރަނގަޅަށް އިވޭ" ޝަފީޤު ވިދާޅުވިއެވެ.
ބުރާސްފަތި ދުވަހުގެ ފަތިސް ދަމުގައި 4:15 އާ 4:30 އާ އެ ދެމެދު ދެކޮޅަށްދެކޮޅަށް ބަނޑި ތަޅާއަޑު އިވެމުން ދިޔައެވެ. ޝަފީޤަށް ބޮޑަށް ހީފުޅުކުރެއްވުނީ ސިފައިންގެ ގޭޓުގައި ހުންނަ ގާޑާއި ފުލުސް އޮފީހުގެ ގޭޓުގައި ހުންނަ ގާޑާ ދެމެދުގެ ހިތްހަމަނުޖެހުމެއް ހިނގަނީކަމަށެވެ. އެގޮތަށް ބޮޑަށް ހީފުޅުވީ ބަޑީގެ އަޑު އަންނަ ގޮތުންނެވެ. އެ އަޑު އަންނަނީ އެކަކު ބަޑި ޖެހީމާ އަނެކަކު ބަޑިޖަހާގޮތަށެވެ. ދެ ފަރާތުން ޖަހާ ބަޑީގެ އަޑު އަންނަނީ އެހައި ވެސް ކައިރިންނެވެ. އެހެންވުމުން އެންމެ ފުރަތަމަ ހީފުޅުކުރެވުނީ އެއީ އެ ދެ ގާޑުންގެ ހިތްހަމަ ނުޖެހުމަކާ ގުޅިގެން އެ ދެ މީހުން ކުރާ ކަމެއް ކަމަށެވެ. އެގޮތަށް ބޮޑަށް ހީފުޅުވީ ބޭރުގެ ބަޔަކު އައިސް އެ ފަދަ ކަމެއް ކޮށްފާނޭކަމުގެ ވިސްނުމެއް އެއްވެސް ވަރަކަށް ނެތުމުންނެވެ. އެހެންވުމާއެކު އެފަދަ ކަމެއް ވިޔަސް ވާނީ އެތެރެއިން ކަމަށް ބޮޑަށް ގަބޫލުކުރެވުނީއެވެ.
ނޮވެންބަރު މަހުގެ 3ވަނަ ދުވަހު ފުލުސް އޮފީސް ސަރަހައްދު ހިމާޔަތްކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ބޭކަލުން، ވާތް ފަރާތުގައި ޝަފީޤު
ބަޑިޖަހާ އަޑަށް އެތަނުގައި ތިބި އެންމެންވެސް ހޭލައިފިއެވެ. ބަޑީގެ އަޑު ނުހުއްޓިގެން މި ވާނުވާ އެއް ބެލުމަށް ޓަކައި އޭރު އެ ހުރިގޮތަށް ނިދާ ހެދުމުގައި ބެރަކުން ނިކުމެގެން ފުލުސް އޮފީސްތެރެއަށް ފުރަތަމަ ވަނީ ޝަފީގާއި އިސްމާޢީލް ރަޝީދާ ދެ ބޭކަލުންނެވެ.
"އެ ހިސާބުން ސިޑިން ތިރިއަށް ހިނގައިގަތީ. ވާނުވާ ބެލުމަށް ޓަކައި ތިރިއަށް ދިޔައީ އަހަރެން އެކަނި. ސިޑީގެ މެދެއްހައި ހިސާބަށް ދިޔަތަނާ މަގުމައްޗާ ދިމާއިން ބޭރުން "އޯޕަން ދަ ގޭޓް، "އޯޕަން ދަ ގޭޓް، މި ގޮތަށް އެތައް ފަހަރަކު ވަރަށް ބާރަށް ގޮވި. ބޮޑަށް ގަބޫލުކުރެވެނީ އެ ގޮތަށް އެ ގޮވީ އަހަރެން ސިޑިން ތިރިއަށް ފައިބާތަން މަގުމަތީގައި ހުރި ބޭރު މީހާއަށް ފެނިގެންކަމަށް. އެ ހިސާބުން އެއީ ބޭރުގެ ބައެއް ކަން ޔަގީންވި ނަމަވެސް އެއީ ކޮންތަނަކުން އައި ކޮން ބައެއް ކަމެއް ނޭނެގޭ" ޝަފީގު ވިދާޅުވިއެވެ.
އެ ހިސާބުން ޝަފީޤަށް ކުރިން ހީކުރެއްވުން ހީކުރެއްވުން ތެދުނޫންކަން ޔަގީންވުމާއެކު ހަމަ އެވަގުތުމެ ދުވެފައި ވަޑައިގަތީ މައްޗަށެވެ. މައްޗަށް އެރިގޮތަށް އެ ވަގުތު ފެންނަ ހުރި ސިފައިންގެ ކާކީކުލައިގެ އެއްފަށް އެޅި ޔުނީފޯމާއި ފަޓްލޫނާއި ތުރުކުރައްވައިގެން ވަރަށް އަވަސްއަވަސްކޮށްލާފައި ފައިވާނަށް އަރުއްވައިގެން ތިރިއަށް ވަޑައިގަތީ ބޫޓަށް އަރުއްވާނެ ވަގުތު ނެތުމުންނެވެ. އެ ހުރިގޮތަށް ވަރަށް ބާރަށް ދުވެވަޑައިގަތީ ވަގުތީ ހާލަތުގައި ހަތިޔާރު ބޭނުންކުރެވޭގޮތަށް ހަތިޔާރު ލިބެން ހުންނަ އާމަރީ ތެރެއަށެވެ. އޭރު އަބަދުވެސް ޑިއުޓީތައް ބަދަލުވާ އިރު ބަޑިތައް ބަހައްޓާފައި ހުންނާނީ އެ އާމަރީ ތެރޭގައެވެ. އެތަނުން ބަޑި ލިބެން ހުރެއެވެ. ބަޑި ލިބެން ހުއްޓަސް އެ ތަނުން ވެސް ލިބޭނީ ވަކި ވަރަކަށެވެ. އެ ވަގުތު އާމަރީތެރެއަށް ދިޔައީ ޝަފީޤާއި އިސްމާޢީލް ރަޝީދާ ދެ ބޭކަލުންނެވެ. އެ ދިޔަ ގޮތަށް ގޮސް އޭ.ކޭ ފޯޓީ ސެވަންގެ ދެ ބަޑިއާއި ވަޒަން ފޮއްޓެއް ނަންގަވައިގެން ދެ ބޭކަލުން އެކުގައި ސިޑިން މައްޗަށް އަރުއްވައި ފުލުސް އޮފީހާއި ހުރަވީ ބިލްޑިންގއާ ދިމާ ކޯނަރގައި ފަސްޓް ފުލޯރގައި ތިއްބެވިއެވެ. ޝަފީޤު ހުންނެވީ ހުރަވީ ބިލްޑިންގއާ ދިމާވާ ގޮތަށެވެ. އަދި އިސްމާޢީލް ރަޝީދު ހުންނެވީ ގާޒީ ބިލްޑިންގއާ ދިމާވާ ގޮތަށެވެ.
"އަހަރެމެން ތިބި ޕޮއިންޓަކީ ފުލުސް އޮފީހުގެ އިރު އުތުރު ކަންމަތި. އެއީ ރައީސް އޮފީހުގެ ހުޅަނގު ދެކުނު ކަންމައްޗަށް ސީދާވާގޮތަށް. އަހަރެމެން ތިބި ތަނުން ހުރަވީ ބިލްޑިންގއާއި ރައީސް އޮފީހާއި ގާޒީ ބިލްޑިގ ވަރަށް ރަނގަޅަށް ކަވަރ ކުރެވޭ. އެ ހުރިހައި ދިމާއަކުން ވަށައިގެން މަގުމަތީގެ ހަރަކާތްތައް ބަރާބަރަށް އަހަރެމެން ދިޔައީ ބަލަމުން" އެ ދުވަހުގެ ކަންކަން ކުރިއަށް ދިޔަ ގޮތް ޝަފީޤު ވިދާޅުވިއެވެ.
"އަހަރެމެން އެ ތަނަށް ދިޔަ އިރު ބަޑި ހިފައިގެން ފަސްޓުފުލޯގައި އަޙުމަދު ނަޢީމު ހުންނެވި. ހަނދާންވާގޮތުން އަޙުމަދު ނަޢީމަކީ އޭރު ކެޕްޓަނެއް. އޭރު އަހުމަދު ނަޢީމު ދިޔައީ ބޭރަށް މަގުމައްޗާ ދިމާއަށް ބަޑިޖައްސަވަމުން. އެ ހިސާބުން އަހަރެންނާއި އިސްމާޢީލް ރަޝީދާ ދެމީހުން ވެސް ކޮންމެވެސް ވަރަކަށް ބަޑި ޖެހިން. އޭރުވެސް އަހަރެން ބޮޑަށް ވިސްނީ ހުހަށް ވަޒަނެއް ދޫކޮށްނުލާވޭތޯ. ދެތިން ދުވަހު ވެސް އެ ގޮތަށް ތިބެން ޖެހިދާނެކަމަށް އޭރުވެސް އަހަރެން ވިސްނިން. އަދި އޭރު ވެސް ބޭކާރުގޮތުގައި އެންމެ ވަޒަނެއް ވެސް ނުޖެހުމަށް އިސްމާޢީލް ރަޝީދު ގާތުގައި ވެސް އަހަރެން ދިޔައީ ބުނަމުން" ޝަފީޤު ވިދާޅުވިއެވެ.
ޝަފީޤުމެން އެތަނަށް ވަޑައިގެންނެވި އިރު ވެސް އަހުމަދު ނަޢީމު ގެންދެވީ އެ ދިމާލުން މަގުމަތީގައި ތިބި މީހުންނާ ދިމާއަށް ބަޑި ޖައްސަވަމުންނެވެ. ބާގީންގެ އެންމެ އިސްކޮށްތިބި ވަސަންތީއާއި އައްޕި އާއި ޖޫލީއާ މި 3 މީހުންގެ ތެރެއިން ވަސަންތީ މަރުވެފައި އޮތްކަމަށް ވަނީ ޕޮލިސް ހެޑްކުއާޓްގެ ގޭޓް ކައިރީގައެވެ. އޭރު ސިފައިންގެ މައި ގޭޓުން ބަޑިޖަހަމުން ދިޔައީ ހުސައިން އާދަމެވެ. ޖޫލީ މަރުވެފައި އޮތީ ޣާޒީ ބިލްޑިންގގެ ކަންމަތީ ފާރު ކައިރީގައެވެ. ވަރަށް ބޮޑަށް ގަބޫލުކުރެވޭ ގޮތުގައި ފުލުސް އޮފީހާ ދިމާއިން މަގުމަތީގައި މަރުވެފައި އޮތް މީހަކު މަރުވެފައި އެ ވަނީ އަހުމަދު ނައީމު ޖެއްސެވި ބަޑިންނެވެ. އެ ހިސާބުން އެ ވަގުތު އެ ދިމާ މަގުމަތީ ތިބި މީހުންތައް ދިޔައީ ރައީސް އޮފީހުގެ ފުރަގަހަށެވެ. އޭރު ވެސް ޝަފީޤުމެން ގެންދެވީ އެދިމާއިން މަގުމަތީގެ ހަރަކާތްތައް ވަރަށް ގާތުން ބައްލަވަމުނެނެވެ.
އިންޑިއާ ސިފައިންގެ ބޭފުޅަކާއެކު ޝަފީގު
ބާގީން އެރޭ މާލެ އަރައި ފުރަތަމަ ދިން ހަމާލާގެ އަޑާއެކު ފުލުސް އޮފީހުގެ ބޭރުން ފުރަތަމަ ބުރީގައި އެ ތިބި ޕޮއިންޓުގައި ޝަފީޤާއި އިސްމާޢީލް ރަޝީދާ ދެ ބޭކަލުން، އެއްވެސް ތަނަށް ނުގޮސް، އިންޑިޔާ ސިފައިން މާލެ އަރައި އެ މީހުން ހަވާލުވަންދެން (ގާތްގަނޑަކަށް އަނެއް ދުވަހު ހެނދުނު 7 ޖަހާލަންދެން) ހަމަ އެ މަގާމުގައި އެތަނުގައި ތިއްބެވިއެވެ.
އަޙުމަދު ޝަފީޤުގެ ޚިދުމަތުގެ އަގު ވަޒަންކޮށް އެންމެ ފުރަތަމަ ޕްރޮމޯޝަނެއް ލިބިވަޑައިގަތީ ނޮވެމްބަރ 3 އާ ގުޅިގެންނެވެ. އެ ދުވަހު ހިތްވަރު ކުރެއްވި ބޭކަލުންނަށް ދެއްވި ޚާއްޞަ މެޑަލް (މެޑަލްފޯރ ބްރައިވަރީ) ޝަފީޤަށް ލިބިވަޑައިގަތެވެ.
ކެޕްޓަން އަޙުމަދު ނަޢީމް ވިދާޅުވިގޮތުގައި އަހުމަދު ޝަފީޤު ފާހަގަކުރެވިފައިވަނީ ވަރަށް ޖެހިލުން ކުޑަ ކެރޭ ވަރަށް ހީވާގި ބޭފުޅެއްގެ ގޮތުގައެވެ.
ތިނެއް ނޮވެމްބަރައި ތުޅާދޫގެ ދަރިންގެ ދައުރުގެ މައްޗަށް ބަލާލެވިފައިވާ މި ކުރު ޚުލާސާ ލިޔުމަކީ އެ ޚިދުމަތްތެރި ދަރިންގެ ޚިދުމަތުގެ ވަރަށް ކުޑަ މިންވަރެކެވެ. އެ ދަރިންގެ އެ ދުވަހުގެ ގައުމީ ޚިދުމަތުގެ އެތައް ވާހަކަތަކެއް ނުދެކެވި އެބަ ހުއްޓެވެ. އެ ދަރިންނާ ކުރަންޖެހޭ ކިތަންމެކިތަންމެ ސުވާލުތަކެއް މިހާތަނަށް އައި އިރު ވެސް ނުކުރެވި އެބަ ހުއްޓެވެ. ތުޅާދޫގެ ދަރިންގެ ދައުރާ ގުޅޭގޮތުން އަޑުއިވިފައިނުވާ ކިތަންމެ ވާހަކަތަކެއް އެބަ ހުއްޓެވެ. އެ ދަރީންގެ އަގުހުރި ޚިތުމަތުގެ ވާހަކަ އަމާނާތްތެރިކަމާ އެކު ތުޅާދޫ ޓައިމްސްގެ ކިޔުތެރިންނާ ވަރަށް އަވަހަށް ހިއްސާކުރަމުން ގެންދާނަމެވެ.