ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ޚަބަރު - ރާއްޖެ

ތުޅާދުއަށް ރީތިނަން ހޯދައިދިން ދަރިވަރުންނަށް ތުޅާދޫ ސްޕޯޓްސް ކުލަބުން ހޫނު މަރުހަބާއެއް ކިޔައިފި

މި އަހަރު ބޭއްވި 37ވަނަ ގުރުއާންކިޔެވުމުގެ ގައުމީ މުބާރާތުގައި ތުޅާދޫ ސްޕޯޓްސް ކުލަބު ތަމްސީލުކުރި ދަރިވަރު މުޙައްމަދު އާރިކް އަޙްމަދު ޞާލިޙާއި ތުޅާދޫ، ރަޥްޟަތުލް އަޠްފާލި ޤުރުއާން ކުލާސް ތަމްސީލުކުރި ދަރިވަރު އަލްމާ އަޙްމަދު އަސްލަމް ހޯދި ފަޚުރުވެރި ކާމިޔާބީ ފާހަގަކޮށް ތުޅާދޫ ސްޕޯޓްސް ކުލަބުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ކީރިތި ޤުރުއާނާއިބެހޭ ޤައުމީ މަރުކަޒުން ކުރިއަށް ގެންދިޔަ ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގައި ތުޅާދޫ ސްޕޯޓްސް ކުލަބުން ބައިވެރިވި މުޙައްމަދު އާރިކު އަޙްމަދު ޞާލިޙް ވަނީ 2ވަނަ ހޯދާފައެވެ. އޭނާ 2ވަނަ ހޯދީ ފޮތުން ކިޔެވުމުގެ ރޮނގުން 05 ފޮތުގެ ބައިންނެވެ. ރަޥްޟަތުލް އަޠްފާލި ޤުރުއާން ކުލާހުން ބައިވެރިވި އަލްމާ އަޙްމަދު އަސްލަމް 2ވަނަ ހޯދީ ފޮތުން ކިޔެވުމުގެ ރޮނގުން 20 ފޮތުގެ ބައިންނެވެ. އާރިކް އާއި އަލްމާގެ ފަހުރުވެރި ކާމިޔާބީގެ އަގުވަޒަންކޮށް ރަށުފެންވަރުގައި މަރުހަބާ ދެންނެވުމަށް ތުޅާދޫ ސްޕޯރޓްސް ކުލަބުގެ އިސްނެގުމާއެކު ތުޅާދޫ ކައުންސިލުން 13 އޮކްޓޯބަރ 2025 ވަނަ ދުވަހު މެންދުރު ފަހު  އިންތިޒާމްކުރި ކުލަގަދަ ރަސްމިއްޔާތު ކުރިއަށްގެން ދިޔައީ ސަރުކާރުގެ މުއައްސަސާތަކާއި މަދަނީ ޖަމްއިއްޔާތަކުގެ ދީލަތި އެހީތެރިކަމާއެކު ތުޅާދޫގެ ކުދިބޮޑު އެންމެންގެ ބައިވެރިވުމާ އެކުގައެވެ.

your imageއާރިކްއަށް މަރުހަބާ ކިޔަނީ

ތުޅާދޫ ސްޕޯޓްސް ކުލަބުގެ މީޑިއާ ކޯޑިނޭޓަރ ޢަބްދުﷲ ސިރާޖު ވިދާޅުވީ މި އަހަރުގެ މި ކާމިޔާބީ ތުޅާދޫ ސްޕޯޓްސް ކުލަބަށް ޚާއްޞަކަމަށާއި މިއީ ފަޚުރުވެރި ކާމިޔާބީއެއް ކަމަށެވެ.

"ހަގީގަތުގައި މި ކާމިޔާބީއަކީ އަޅުގަނޑުމެން ކުލަބުން ފާހަގަ ކުރަންޖެހޭ ރަށުފެންވަރުގެ ކާމިޔާބީއެއް. މިއީ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަކުން ތުޅާދޫ ސްޕޯރޓްސް ކުލަބަށް ލިބުނު ފުރަތަމަ ކާމިޔާބީ. މިއީ ކީރިތި ޤުރުއާނުގެ ފަންނުގައި ކުރިއަށް ދިއުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް. މި ކުލަބުން ރަށުފެންވަރުގައި އެކި ދާއިރާތަކުގައި ކުރަމުން އަންނަ މަސައްކަތްތަކުގެ ރަމްޒެއް" ސިރާޖު ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ ކީރިތި ޤުރުއާނަށް ދަރިވަރުން ލޯބި ޖެއްސުމުގެ މަސައްކަތް އެ ކުލަބުން ފެށީ މިއަދަކު އިއްޔެއަކު ނޫނެވެ.

"ގުރުއާނަށް ލޯބި ޖައްސައި، އެ ފަންނު ދިރުވުމަށް އަޅުގަނޑުމެން ވެސް މަސައްކަތްކުރަމުން އަންނަތާ އަހަރުތަކެއް ވެއްޖެ. އެގޮތުން އެންމެ ފުޅާކޮށް ކުރަމުން އަންނަ އެއް ކަމަކީ ރަށުފެންވަރުގައި މި ކުލަބުން ބާއްވާ ގުރުއާން މުބާރާތް. އެ މުބާރާތަށް 21 އަހަރުވެއްޖެ. ނަމަވެސް ގައުމީ މުބާރާތުގައި އަޅުގަނޑުމެން ބައިވެރިވި މިއީ 2 ވަނަ ފަހަރު. މިކަން މި ކުރަނީ ތުޅާދޫގެ ގިނަ ދަރިވަރުންތަކަކަށް އެ މުބާރާތުން ފުރުޞަތު ހޯދައިދިނުމުގެ މަގުޞަދުގައި ވެސްމެ" ސިރާޖު ފާހަގަކުރެއްވިއެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގައި ތުޅާދޫ ސްޕޯރޓްސް ކުލަބުން މި އަހަރު 7 ބައިވެރިއަކު ތަމްސީލުކުރިއެވެ. ތުޅާދޫ ސްޕޯޓްސް ކުލަބުން ވަނީ މި ދިޔަ އަހަރު އޮތް ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގައި ވެސް ބައިވެރިވެފައެވެ. އެ ކުލަބަކީ މެދު ކެނޑުމެއްނެތި ރަށު ފެންވަރުގައި ޤުރުއާން މުބާރާތް ބާއްވަމުން އަންނަ 48 އަހަރު ވެފައިވާ ޚިދުމަތްތެރި ކުލަބެކެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ނޮވެންބަރު3ގައި ފާހަގަކުރެވުނު ކުޑަ ޝަފީޤުގެ ބޮޑު ޚިދުމަތް
15 hours ago 0 Comments
ޢަލީ ޙަސަން - ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތުގައި ހުންނެވި ހަށިފާރަވެރިޔާ
1 week ago 0 Comments
ޝަހީދު ޙުސައިން މުޙައްމަދުގެ ފިދާވުން
1 week ago 1 Comments
ނޮވެންބަރު ތިނެއްގައި ތުޅާދޫ ދަރިންގެ ދައުރު
2 weeks ago 0 Comments