ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ރިޕޯޓު

ގާޒީ އުސްމާނު : އާއިލީގުޅުމުގެ ނަމޫނާ

އެއީ ތުޅާދޫ ސްކޫލަށް ބ. ކުޑަރިކިލުން ކިޔަވަން އައި ތުއްތު ދެ ކުދިންނެވެ. އެއް ކުއްޖެއްގެ ޢުމުރަކީ އެންމެ 6 އަހަރެވެ. އަނެއް ކުއްޖާގެ އުމުރަކީ އެންމެ 7 އަހަރެވެ. އެ ތުއްތު ދެ ކުދިން 5 އަހަރު ވަންދެން ތުޅާދޫ ސްކޫލުގައި ތަޢުލީމު ހާސިލުކުރިއެވެ. އެ ތުއްތު ޢުމުރުގައި އެ ދެ ކުދިންނަށް ބޭނުންވި އަޅާލުމާއި ލޯތްބާއި ތަރުބިއްޔަތު ތުޅާދޫން ދިން އޯގާތެރި އުނގަކީ ތުޅާދޫ ގުލިސްތާނުގެއެވެ. އޭގެ ނަތީޖާއަކީ އެ ކުދިންގެ ބައްޕަ މަރުވުމުގެ ކުރިން އެ ކުދިންނަށް ލިޔުމުން ވަސިއްޔަތެއް ކޮށްފައިވުމެވެ. އެ ވަސިއްޔަތުގައި ވަނީ އެ ގެއާއި އެ އާއިލާ ދޫކޮށްނުލުމަށެވެ. ބައްޕަގެ އެ ގުޅުން ތާއަބަދަށް ދެމެހެއްޓުމަށެވެ. އެ ވަސިއްޔަތުގައި އެ ބުނާ އާއިލާއަކީ ބ.ތުޅާދޫ، ގުލިސްތާނުގޭ ޢުޘްމާނު ޢަލީގެ އާއިލާއެވެ. ރަށާއި އަތޮޅުގެ ގިނަ ބަޔަކު ދަންނަ ގާޒީ އުސްމާނު ނިސްބަތްވާ "ބޮޑުގޭ" އާއިލާއެވެ.

ތުޅާދޫ ފިޔަޖަހާގޭ ޢަލީ މުސާއާއި ގުލްދަމުގެ ޢާއިޝަތު ޢަލީ ކައިވެނި ކުރައްވައިގެން ލިބިވަޑައިގެންނެވި 6 ބޭފުޅުންގެ ތެރެއިން އެންމެ ހަގަށް ލިބިވަޑައިގެންނެވި ޢުޘްމާން ޢަލީއަކީ 1943ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 22ވަނަ ދުވަހު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ބޭފުޅެކެވެ. ޢުޘްމާނު ޢަލީގެ އާއިލާގައި ފިޔަޖަހާގޭ ފާތުމަތު ޢަލީއާއި ދުންފިނިގޭ ސަފިއްޔާ ޢަލީއާއި ފިޔަޖަހާގޭ ޔޫސުފް ޢަލީއާއި ގުލްބަހާރުގޭ ހުސައިން ޢަފީފާއި ގުލްޝަނީގޭ ޢުމަރު ޢަލީ ހިމެނިވަޑައިގަންނަވައެވެ. 

your imageއުޘްމާނު ޢަލީގެ އާއިލާގައި ތިއްބެވި ފިރިހެން ބޭފުޅުން

ޢުޘްމާން ޢަލީ ނިސްބަތްވެވަޑައިގަންނަވާ ޢާއިލާއަކީ ތުޅާދޫގައި ގަދަވެރި އާއިލާއެކެވެ. ރަށު ފެންވަރުގެ ތިޔާގިކަން ލިބިފައިވާ އާއިލާއެކެވެ. އާއިލީ ލޯތްބާއި ކުލުނުން ދިރިއުޅުމުގެ ބަދަހިކަން ލިބިފައިވާ އާއިލާއެކެވެ. މި ބަދަހިކަމުގެ ތެރެއިން ޢުޘްމާނު ޢަލީގެ ތަޢުލީމީ ދަތުރު ފެއްޓެވީ ތުޅާދޫ ސްކޫލުންނެވެ. ޢުމުރުން އެންމެ 6 އަހަރުގައެވެ.

"އެންމެ ފުރަތަމަ ކިޔަވަން ދިޔައީ ތުޅާދޫ ހަރުގެ ހުންނަ ތަނުގައި ހުރި ސްކޫލަކަށް. ތަޅުންމަތީ ކުނާ އަޅައިގެން އޭރު ކިޔަވަން ތިބޭނީ. ވަރަށް މަދު ކުއްޖަކަށް ފިލާ އެޅި ގޮނޑީގައި އިށީނދެވޭނީ. އޭރު ކިޔަވަން ދިޔައި ފިލާ ހިފައިގެން. އޭރު އުމުރުން ވާނީ ހަ އަހަރު. އޭރު ވެސް 100ށް ވުރެ ކުދިން ރަށު ސްކޫލުގައި ކިޔަވަން އުޅޭނެ. އޭރު ކިޔަވައިދޭން އުޅުނު ޓީޗަރުންގެ ތެރޭގައި އަބޫބަކުރު މުޙައްމަދު (ކަޅުބެ އާކުރު)އާއި ތޮއްޑޫ ހަސަންބެ އުޅޭ. މަބުސްތާނުގޭ ކުޑަ މުހަންމަދު (ކުޑޭ މުޙައްމަދު) އުޅޭ. މާލެއަށް ނިސްބަތްވާ ހާތްތެރި ހުއްތު ވެސް ކިޔަވައިދިން. ކިހާދޫ ދޮންބެ ވެސް ކިޔަވައިދޭން އުޅުނު" ޢުޘްމާން ހަނދުމަފުޅު ކުރެއްވީ މީގެ 76 އަހަރު ކުރީގެ މާޒީއެވެ.

ރަށުން ބޭރުން ތަޢުލީމު ހާސިލުކުރުން އެހާ ބޮޑަށް އާންމުވެފައި ނެތް ނަމަވެސް ޢުޘްމާން ޢަލީ ވަނީ ޢުމުރުން އެންމެ 15ވަރަކަށް އަހަރުގައި ތަޢުލީމު ހާސިލުކުރެއްވުމަށް ޓަކައި އޭދަފުށްޓަށް ބަދަލުވެވަޑައިގެންފައެވެ.

"އަޅުގަނޑު އޭދަފުށްޓަށް ކިޔަވަން ދިޔަ އިރު އުމުރުން ވާނީ 15 ވަރަކަށް އަހަރު. އަޅުގަނޑާއެކު އެ ބުރު އިތުރު ދެ މީހަކު ވެސް އޭދަފުށްޓަށް ކިޔަވަން ދިޔަ. އެއީ ސާދާގޭ އަބުދުލް ގާދިރު މުޙައްމަދާއި ދިއްގާމާގެ ޢަބުދުﷲ މުޙައްމަދު. އަޅުގަނޑުމެން ކިޔެވީ ބަހިއްޔާ ސްކޫލުގައި. އެ ތަނުގައި 3 އަހަރު އަޅުގަނޑުމެން ކިޔެވިން" ޢުޘްމާން ވިދާޅުވިއެވެ. 

your imageޢުޘްމާން ޢަލީ ކިޔަވާވިދާޅުވަމުން ގެންދެވި ދުވަސްވަރު 

ޢުޘްމާންގެ ތަޢުލީމީ އެ ދަތުރު ނިންމާލެއްވުމަށް ރަށަށް އެނބުރި ވަޑައިގެން ރަސްމީކޮށް ރަށަށް ޚިދުމަތްކުރައްވަން ފެއްޓެވިއެވެ. ތުޅާދޫ ސްކޫލުގައި މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފެއްޓެވިއެވެ. ދީނިއްޔާތު މާއްދާ ކިޔަވައިދެއްވަމުން ގެންދެވިއެވެ.  އެއާއެކު ރަށު އޮފީހުގެ އިދާރީ މަސައްކަތްތަކުގައި ވެސް އުޅުއްވިއެވެ.

ތުޅާދޫ ސްކޫލާއި ތުޅާދޫ އޮފީހުގައި ޚިދުމަތް ކުރައްވަނިކޮށް އުޘްމާނަށް ލިބިވަޑައިގެންނެވި ރަނުގެ އެއް ފުރުޞަތަކީ އޭދަފުށީ ޔޫސުފް ކަލޭފާނު އެންގެވި އެންގެވުމަކަށް އޭދަފުށްޓަށް ވަޑައިގަތުމުން ލިބިވަޑައިގެންނެވި ފުރުޞަތެކެވެ.

"ޔޫސުފް ކަލޭފާނު ވިދާޅުވުމުން އަޅުގަނޑު އޭދަފުށްޓަށް ދިޔައީ. އަތޮޅު އޮފީހުގެ މޭޒުދޮށުގައި އިންނަވާފައި ވިދާޅުވި އުސްމާނު ތިޔަހެން ހުރެގެން އަދި ކަމަކު ނުދާނޭ. ރަށުގައި ރަނގަޅު ވަޒީފާއެއްގެ މަސައްކަތް ކުރެވޭތޯ ބަލަންވާނޭ. އެހެން ވިދާޅުވެފައި ގާޒީކަން ކިޔަވަން މާލެ ދާންވީ ނޫންހޭ ވެސް ވިދާޅުވި. އަޅުގަނޑު ދެންނެވިން ކަލޭފާނު ފޮނުއްވައިފި ނަމަ އެކަން ވެސް ކުރާނަމޭ. އެ ހިސާބުން ކަލޭފާނު ވިދާޅުވީ މާލެދާން ތައްޔާރުވާށޭ. ދެން ޔޫސުފް ކަލޭފާނު އިރުޝާދުގެ ދަށުން މާލެއަށް ބަދަލުވީ" އުޘްމާނުގެ ތަޢުލީމީ އަނެއް ދަތުރު ފެށްޓެވީ 1968ވަނަ އަހަރު ގާޒީކަން ކިޔެވުމަށް ޓަކައެވެ.

ޢުޘްމާން ވަނީ މޫސާ ފަޠުހީ ކިޔަވައިދެއްވި ގާޒީކަން ދަސްކޮށްދޭ ކޯހުގެ 3ވަނަ ބުރުގައި ކިޔަވާ ވިދާޅުވެ ސަނަދު ހާސިލުކުރައްވާފައެވެ. އެ ފަހަރު ކިޔެވުމާއި ތަމްރީނު ހޯއްދެވުމަށް 18 މަސް ދުވަހު މާލޭގައި ޢުޘްމާން ހޭދަކުރެއްވިއެވެ. އެދުވަސް ވަރު ވެސް އުޘްމާނަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބިވަޑައިގަތީ އާއިލާގެ ތެރެއިންނެވެ. 

ގާޒީ ކޯސް ފުރިހަމަ ކުރެއްވުމަށް ފަހު އުސްމާނު ވެވަޑައިގަތީ ތުޅާދޫގެ ފުރަތަމަ ގާޒީއަކަށެވެ. އެ މަގާމު ރަސްމީކޮށް ލިބިވަޑައިގަތީ ޢުމުރުން އެންމެ 26 އަހަރުގައި 1969ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. ނަމަވެސް އެ ޚިދުމަތަށް 3މަސް ވީތަނާ އަނެއްކާ ވެސް އުޘްމާން މާލެ ވަޑައިގަތެވެ. މި ފަހަރު މާލެ ވަޑައިގަންނަވަން ޖެހިވަޑައިގަތީ އަތޮޅު ކޯޓު ހުޅުވުމަށް ބޭނުންވާ ގާޒީން ތަމްރީނު ކުރެއްވުމަށް އަތޮޅުތެރެއިން ގެންދެވި މަދު ބޭފުޅުންގެ ތެރޭގައި އުޘްމާން ވެސް ހިމެނިވަޑައިގަތުމުންނެވެ. 

your imageޢުޘްމާނު ޢަލީ: ތުޅާދޫ ސްކޫލުގައި އޮތް ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ 

"އަޅުގަނޑާއެކު ބ.އަތޮޅުން ދިޔައީ ކެންދޫ އަބޫބަކުރު މުޙައްމަދާއި ޔޫސުފް އަލިފުޅު ފަދަ އަތޮޅުތެރޭގެ ބައެއް ބޭފުޅުން. އެ ފަހަރު ވެސް އިތުރު ތަމްރީނު ހޯދުމަށް 3 މަސް ދުވަހު މާލޭގައި ހޭދަކުރާން ޖެހުނު. އެއީ 1969ގެ އޮކްޓޯބަރު މަސްހެން ހަނދާންވަނީ" އުޘްމާން ވިދާޅުވިއެވެ.

ޢުޘްމާނު ގަބޫލުކުރައްވާ ގޮތުގައި އޭނާގެ ތަޢުލީމީ ހަޔާތް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވުނީ އާއިލާއިން އެކަމަށް ދެއްވި ސަމާލުކަމާއި އާއިލާގެ އެކި ބޭބޭފުޅުންގެ އެހީތެރިކަމާއެކުއެވެ.

"ހަގީގަތުގައި އާއިލާގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެން ކިޔެވުމުގެ ކަންކަން ކުރިއަށް ގެންދެވުނީ. ރަށުގައި ވެސް އޭދަފުށީގައި އަދި މާލޭގައި ވެސް ކިޔެވުނީ އާއިލާގެ އެންމެހާ މެންބަރުން އަޅުގަނޑަށް އެ ފުރުޞަތު ތަނަވަސްކޮށްދެން ކޮށްދެއްވި މަސައްކަތުން. އާއިލާގެ އެހީތެރިކަމާއެކު" ޢުޘްމާނު ފާހަގަކުރެއްވީ ތަޢުލީމީ ދަތުރުގައި އާއިލާގެ ފަރާތުން ލިބިވަޑައިގެން އެހީތެރިކަމެވެ.

އެ ފަހަރުގެ ތަމްރީނު ނިންމަވާ ލެއްވުމަށް ފަހު އުޘްމާނަށް ވަޑައިގަންނަވަން ޖެހިވަޑައިގަތީ އުފަން ފަސްގަނޑަކަށް ނޫނެވެ. އަތޮޅުގެ ވެރިރަށް އޭދަފުށްޓަށެވެ. އޭދަފުށީގައި އަލަށް އުފެއްދި އަތޮޅުކޯޓަށެވެ. އުޘްމާން ވެވަޑައިގަތީ 1970ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 10ވަނަ ދުވަހު އޭދަފުށީގައި އަލަށް ހުޅުވުނު އަތޮޅު ކޯޓުގެ ގާޒީކަން އެންމެ ފުރަތަމަ ކުރެއްވި ބޭފުޅުންގެ ތެރެއިން ބޭފުޅަކަށެވެ. އެ ރަށުގައި 3 އަހަރު އުޘްމާނު ހޭދަކުރެއްވިއެވެ. 

"އެ ކޯޓުގައި އަތޮޅު ތެރޭގައި އިސްކޮށް ތިއްބެވި އެހެން ގާޒީންނާއެކު އަޅުގަނޑު ވެސް މަސައްކަތް ކުރިން. އޭގެ ތެރޭގައި ކެންދޫ އަބޫބަކުރު މުޙައްމަދާއި ޔޫސުފް އަލިފުޅު ފަދަ ބޭބޭފުޅުން ހިމެނިވަޑައިގެންނެވި. އަތޮޅު ތެރޭގައި އެކި ރަށްރަށުން އަންނަ ބޮޑެތި މައްސަލަތައް ހިންގަނީ އެ ކޯޓުގައި. އެ ދުވަސްވަރު އެ ކޯޓުން އެތައް މައްސަލައެއް ބެލިން. އެކި މައްސަލަތަކުގައި އަތޮޅުގެ އެކި ރަށްރަށަށް ދާން ޖެހުނު. އަބަދު ވެސް އުޅެން ޖެހުނީ ކޮންމެ ވެސް ރަށެއްގައި. މައްސަލަތައް ބެލުމަށް އަތޮޅު ތެރޭގައި ނުދާ ރަށެއް ނޯންނާނެ. ހުރިހާ ރަށެއްގައި ވެސް ހަރަކާތްތެރިވެވުނު. އެކި ރަށްރަށުގެ މައްސަލަތައް ބެލުނު" އުޘްމާން ވިދާޅުވިއެވެ.

އުޘްމާނު އޭދަފުށީގައި މަސައްކަތް ކުރެއްވި ދުވަސްވަރު އޭދަފުށީ އަތޮޅު ކޯޓުގައި މަސައްކަތް ކުރެއްވި އަދި ފަހުން އަތޮޅުވެރިކަން ވެސް ކުރެއްވި ޢަބްދުއްރައްޒާގު މުޙައްމަދު ވިދާޅުވީ ޢުޘްމާނަކީ ވަރަށް ހީވާގި، މަސައްކަތަށް ވަރަށް ފަރުވާތެރި ޚިދުމަތްތެރިއެއް ކަމަށެވެ.

your imageޢަބްދުއްރައްޒާގު: ބ. އަތޮޅުގެ އަތޮޅުވެރިކަން ކުރެއްވި ޚިދުމަތްތެރިޔާ. ޢުޘްމާން ވަނީ ޢަބްދުއްރައްޒާގާއެކު މަސައްކަތް ކުރައްވާފައި 

"އެއީ އާދަޔާ ޚިލާފަށް މުރާލި ބޭފުޅެއް. ކިޔެވުމުގައި ވެސް، ވަޒީފާގައި ވެސް، ހިންގުންތެރިކަމުގައި ވެސް ވަރަށް މުރާލި ބޭފުޅެއް. އެނާގެ ޚިދުމަތް ވަރަށް ގާތުން ދުށިން، ތަޖުރިބާ ވެސް ކުރިން. އަތޮޅު ކޯޓުގައި އެކުގައި ވެސް މަސައްކަތްކުރިން. އޭދަފުށީގައި އުޅުއްވި ދުވަސްވަރު ވަރަށް ގިނަ ރޭރޭ މަސްވެރިކަމަށް ވަޑައިގެން އުޅުއްވި. ކިތަންމެ ވިއްސާރަޔަސް، ވައިގަދަޔަސް، އެކަން ކުރެއްވުމަށް އުސްމާނު ވަރަށް ލޯބިކުރެއްވި. ތަފާތަކީ އަނެއް ދުވަހު ހަމަ ގަޑިއަށް އޮފީހަށް ވަޑައިގަންނަވާނެ. އެހާ ވެސް މުރާލި ބޭފުޅެއް އުޘްމާނަކީ" އަތޮޅު އޮފީހުގެ އެހީތެރިކަމާއި ރާއްޖެތެރޭގެ ޚާއްޞަ އެހީތެރިޔާގެ މަގާމު ވެސް ފުރުއްވި އަބްދުއްރައްޒާގު މުޙައްމަދު (ސައްތަބެ) ވިދާޅުވިއެވެ.

އަތޮޅު ކޯޓުގައި 3 އަހަރު ހޭދަކުރެއްވުމަށް ފަހު އެނބުރި ތުޅާދޫއަށް އުޘްމާން ވަޑައިގަތީ 1973ވަނަ އަހަރުއެވެ.

"އެ ދުވަހުން ފެށިގެން ތުޅާދު ގާޒީކަމުގައި ހުއްޓަސް ތުޅާދޫއާ ކައިރި ރަށްރަށުގެ ބައެއް ކަންކަން ބަލަހައްޓަން ޖެހުނު. ދޭތެރެ ދޭތެރެއިން ފަޅުތެރޭގެ ކަންކަމުގައި ވެސް އެ ރަށްތަކަށް ދާންޖެހުނު." އުޘްމާން ވިދާޅުވީ އެ ދުވަސްވަރުގެ ކަންކަން ހުރި ގޮތެވެ. 1992ވަނަ އަހަރާ ޖެހެންދެން ވެސް ތުޅާދޫ ގާޒީއެއްގެ މަގާމު އެކި އަހަރުތަކުގައި ޢުޘްމާން ފުރުއްވިއެވެ. އޭގެ ފަހުން ތުޅާދޫ ކަތީބުކަން އުޘްމާނަށް ލިބިވަޑައިގަތެވެ.

"އަޅުގަނޑު ހުރީ އަފީފްބެ ބަލިވެގެން އޭދަފުށީގައި. އެ ރަށުގައި ހުއްޓާ އަތޮޅު އޮފީހުން އަޅުގަނޑު މާލެ ދިއުމަށް އެންގި. ދެން ދިޔައީ މާލެ. މާލޭ ދިއުމުން އެޓޯލްސްއަށް ގެންގޮސް އެންގީ ރަށު ކޮމެޓީން ފާސްކޮށްފިއޭ އުސްމާނަށް ކަތީބުކަން ދޭން. މި ކަމާ މެދު ކީކޭހޭ ބުނަނީ. އަޅުގަނޑު ދެންނެވިން ސަރުކާރުން ނިންމަވައިފިއްޔާ އަޅުގަނޑު ރުހުމުން ތިކަން ގަބޫލުކުރަމޭ" އުޘްމާނަށް ކަތީބުކަން ލިބިވަޑައިގެންނެވި ގޮތް ވިދާޅުވެދެއްވިއެވެ.

އުޘްމާނު ގަބޫލުކުރައްވާ ގޮތުގައި އަދާކުރެއްވި އެކި ވަޒީފާތަކުން އެންމެ ބޮޑު ހިތްޕުޅުހަމަޖެހުމެއް ލިބިވަޑައިގަތީ ކަތީބުކަމުގެ ތެރެއިން ކުރެއްވުނު މަސައްކަތްތަކުންނެވެ. އެ މަސައްކަތްތަކުގެ ތެރެއިން ވެސް އުޘްމާނު ފާހަގަކުރެއްވީ އެންމެ ކަމެވެ.

your imageތުޅާދޫގައި ބޭއްވުނު ހަރަކާތެއްގެ ތެރޭގައި ޢުޘްމާން ބައިވެރިވެވަޑައިގަންވަނީ 

"ތުޅާދޫ ސްކޫލު ސަރުކާރު ސުކޫލަކަށް ހަދަން ވަރަށް ގިނަ މަސައްކަތް ވަރަށް ގިނަ ބަޔަކު ކުރި. 1985ވަނަ އަހަރުން ފެށިގެން ވެސް އެކަން ކުރަމުން އައި. ތުޅާދޫ ސްކޫލު ސަރުކާރު ސްކޫލަކަށް ބަދަލުކުރެވޭތޯ އަޅުގަނޑު ވެސް މަސައްކަތްތަކެއް ކުރިން. އެއީ ކުރެވުނު ވަރަށް މުހިންމު މަސައްކަތެއް" ޢުޘްމާނު ފާހަގަކުރެއްވީ 1999ގައި އުސްމާނު ޢަލީ ސޮއިކުރައްވައި ފޮނުއްވި ސިޓީއެވެ. އެ ތާރީޚީ ސިޓީއާ އެކު ތުޅާދޫ ސްކޫލު ސަރުކާރު ސްކޫލަކަށް ބަދަލުވީ 2000ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1ވަނަ ދުވަހުއެވެ. އެއީ ކަތީބު އުޘްމާނަށާއި މުޅި ތުޅާދޫއަށް ވެސް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެކެވެ.

އުޘްމާނު ވަނީ 1992ން 2003ށް ރަށުގެ ކަތީބުކަން ކުރައްވާފައެވެ. އަދި 2003ވަނަ އަހަރުން ފެށިގެން 2008ވަނަ އަހަރުގެ ސެޕްޓެންބަރު މަހާ ހަމައަށް ތުޅާދޫ ބޮޑުކަތީބުކަން ވެސް ކުރައްވާފައެވެ. ޚިދުމަތުގެ މި ބުރަ އަދި ދިގު ދަތުރުގައި އުޘްމާނު ކާމިޔާބު ކުރެއްވީ ހަމައެކަނި ގައުމީ ޚިދުމަތުން ހޯއްދެވި އިނާމެއް ނޫނެވެ. އެއަށްވުރެ ބޮޑަށް އުޘްމާނު ހޯއްދެވި ކާމިޔާބީއަކީ ޚުލްގު ހެޔޮ ހަރުދަނާ އާއިލާއެއް ބިނާކުރެއްވުމުގެ ޝަރަފެވެ. އާއިލީ ލޯތްބާއި ގުޅުންތެރިކަން ދެމެހެއްޓުމުގެ ފަޚުރެވެ.

ޢުޘްމާނުގެ ޒަވާޖީ ހަޔާތް ފެށްޓިވީ އުމުރުން އެންމެ 18 އަހަރުގައެވެ. ކައިވެނިބައްލަވައިގަތީ ތުޅާދޫ ކަރަންކާމާގޭ އަބޫބަކުރު އިދުރީހާއި ޒުލޭޚާ ޢުމަރަށް ލިބިވަޑައިގެންނެވި ޙައްވާ އަބޫބަކުރާއެވެ. ޢުޘްމާނު ކުރެއްވި އެ ކައިވެންޏަށް 64ވެފައިވާ އިރު އެ ނަމޫނާ ދިރިއުޅުމަށް 11 ބޭފުޅަކު ލިބިވަޑައިގަތެވެ. އެ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކު ނޫން އެހެން ހުރިހާ ބޭފުޅުން ދުނިޔޭގައި ތިއްބެވި އިރު އެއިން ކޮންމެ ބޭފުޅަކީ ވެސް ޚިދުމަތްތެރިއެކެވެ. މުޅި އާއިލާއަކީ ތަޢުލީމީ އާއިލާއެކެވެ. ތުޅާދޫ އެއް އާއިލާއަކުން އެންމެ ގިނަ ޢިލްމީ މޫނުތައް ފެންނަ ގެއަކީ ގުލިސްތާނުގެއެވެ. 

your imageޢުޘްމާނާއި އަނބިކަނބަލުން ޙައްވާ އަބޫބަކުރު

އެންމެ ދޮށްޓަށް ހުންނެވި މުޙައްމަދު ޝަފީޤުވަނީ ގާނޫނީ ދާއިރާއިން މާސްޓަރސް ޑިގްރީ ނަންގަވާފައެވެ. އަޙުމަދު ޝަފީޤު ވެސް ވަނީ ގާނޫނީ ދާއިރާއިން މާސްޓަރސް ޑިގްރީ ނަންގަވާފައެވެ. ޢަބްދުﷲ ޝަފީޤަކީ ހޮޓެލް ސްކޫލު ހެއްދެވުމަށް ފަހު ފަތުރުވެރިކަމުގެ ދާއިރާގައި 28 އަހަރު ހޭދަކުރެއްވި އެގްޒެކްޓިވް ހައުސްކީޕަރއެކެވެ. އާމިނަތު ޝަހީރާ ވަނީ ގުރުއާން ޓީޗިންގެ ދާއިރާއިން ޑިގްރީ ނަންގަވާފައެވެ. ޢާއިޝަތު ޝާޢިރާއަކީ ތުޅާދޫގެ ފުރަތަމަ ޕީއެޗްޑީ ހޯލްޑަރެވެ. އިބްރާހީމް ޝަފީގު ވަނީ އައިޓީ ދާއިރާއިން މާސްޓަރސް ހާސިލުކުރައްވާފައެވެ. އިސްމާޢީލް ޝަފީގަކީ އެއާރކްރާފްޓް އިންޖީނޭރެކެވެ. މަރްޔަމް ސަފީރާ ވަނީ ނާސިންގ ދާއިރާއިން ޑިގްރީން ނަންގަވާފައެވެ. ޙަސަން ޝަފީޤު ވަނީ ސައިންސް އިން އިނޮވޭޝަން އިންޖިނޭރިން ދާއިރާއިން މާސްޓަރސް ހައްދަވާފައެވެ. ޢާޝިއަތު ސާފިރާ ވަނީ އިކްނޮމިކްސް ދާއިރާއިން މާސްޓަރސް ހާސިލުކުރައްވާފައެވެ. 

"އަބަދުވެސް ވިސްނިން ކުދިން ރަނގަޅަށް ތަރުބިއްޔަތު ކުރަން. ކުދިންނަށް ރަނގަޅު ތައުލީމެއް ދޭން. ހިތުގައި އޮތް މާލެއަށް ކުދިން ފޮނުވައިގެން ކުދިންނަށް ކިޔަވައިދޭނަމޭ. އަޅުގަނޑަކީ ރަށުން ބޭރު އެތައްމިތަނުގައި އުޅުނު މީހެއް. އެހެން ނަމަވެސް އަޅުގަނޑުގެ ވިސްނުމުން ކުދިން ނެއްޓިގެނެއް ނުދާނެ އެންމެ ވަގުތުކޮޅަކު ވެސް. އެހާ ވަރަށް އަޅުގަނޑު ކުދިންނާ ދެތެރޭގައި ވިސްނަން. ކިތަންމެ ދުރުގައި ހުއްޓަސް ކުދިންގެ ހަނދާންތައް އަބަދު ވެސް ކުރެވޭ. އެ ކުދިންގެ ބައްޕަ ގާތުގައި ނެތަސް ބައްޕަ ނެތްކަމުގެ އިހުސާސް ކުދިންނަކަށް ނުވާނެ. އެއަށް ވުރެ ގާތްކޮށް ކުދިން ގެންގުޅުނީން" ކުދިންނަށް ދެވުނު ތަޢުލީމާއި ތަރުބިއްޔަތާ މެދު ޢުޘްމާނު ވެސް ފަޚުރުވެރިވެވަޑައިގަންނަވައެވެ އެ ފަޚުރާއެކު އުޘްމާނުގެ ތަޢުރީފު ބަންޑުންކޮށްލެއްވީ އަނބިކަނބަލުން ހައްވާ އަބޫބަކުރަށެވެ.

"ދަރިންގެ ތަރުބިއްޔަތުގެ އުނގަކީ ހަގީގަތުގައި ހައްވަ. ހިތްހަމަ ނުޖެހޭ އެއްވެސް ކަމެއް ހައްވަގެ ނެތް. ދުވަހަކު ވެސް ކަމަކަށް ނޫނެކޭ ނުބުނޭ. އެތައް ފަހަރަކު އަޅުގަނޑު ރަށުން ބޭރަށް ދިޔަ ނަމަވެސް އެއިން ކޮންމެ ފަހަރަކު ހިތްވަރު ދިނީ ހައްވަ. ކުރަން ބޭނުންވާ ކަންކަން އެންމެ ފުރިހަމައަށް ކުރުމުގައި އެންމެ ގާތުގައި ހުރީ ހައްވަ. އެއްވެސް ކަމެއްގައި ހައްވަ ހުރަސް އަޅާފައެއް ނުވޭ. އަޅުގަނޑަށް ލިބުނު ހުރިހާ ކާމިޔާބެއްގެ ހަގީގީ ސަބަބަކީ ހައްވަ. އެއީ ނަމޫނާ މަންމައެއް. ނަމޫނާ އަނތްބެއް" އުޘްމާނު ވިދާޅުވިއެވެ.

ޢުޘްމާނުގެ އަނބިކަނބަލުން ޙައްވާ އަބޫބަކުރު އެންމެ ބޮޑަށް ފާހަގަކުރެއްވި އުޘްމާނުގެ ސިފައަކީ އަޅާލުމާއި އޯގާތެރިކަމުގެ ސިފައެވެ.

"ހުރިހާ ކަމެއްގައި ވެސް ވަރަށް ރަނގަޅު. ވަރަށް އޯގާތެރި އަޅާލައި މީހެއް އުސްމާނަކީ. އެއްވެސް ކަމެއްގައި ރުޅި އައިސްގެނެއް ނުޅޭނެ. ވާހަކަދައްކަނީ މަޑުމައިތިރި ކަމާއެކު. އަދި ޚާއްޞަކޮށް އުސްމާނުގެ މަންމަގެ އުމުރުގެ ފަހު ދުވަސްކޮޅުގައި އުސްމާނުގެ ފަރާތުން މަންމައަށް އެ ދެއްވި ލޯތްބަކީ އާދަޔާ ޚިލާފު ލޯއްބެއް" ހައްވަ ވިދާޅުވިއެވެ.

your imageޢުޘްމާނާއި އަނބިކަނބަލުން މާމަދަރިންނާއެކު

"ދިރިއުޅުން ކާމިޔާބު މި ކުރެވެނީ ދެ މީހުންގެ ގުޅުން ވެސް ރަނގަޅުވެގެން. އެކަކު އަނެކަމަށް އަޅާލައި އޯގާތެރިވެގެން. އެއީ ﷲގެ ހެޔޮ ރަޙުމަތް. އަޅުގަނޑު އެދުނު ގޮތަށް ހުރިހާ ކަމެއް ﷲ ހިންމަވާދެއްވި. ކޮންމެ ކުއްޖަކީ ވެސް ކިޔަވައިގެން ހުރި ހަރުދަނާ ވަޒީފާއެއް އަދާކުރާ ރަނގަޅު ތަރުބިއްޔަތެއް ލިބުނު ކުއްޖެއް. އެއްވެސް މައްސަލައެއްގައި އެއްވެސް ކަމެއްގައި އެއްވެސް ކުއްޖަކު ތާށިވެފައެއް ނެތް. އެއީ އަބަދުވެސް ޝުކުރުވެރިވާ ކަމެއް." ޢުޘްމާނު ޝުކުރުކުރެއްވީ ހެއްދެވި ފަރާތަށެވެ.

ޢުޘްމާނު ވިދާޅުވީ ދިރިއުޅުން ކޮޅަށް ޖެހި ކާމިޔާބުވުމުގައި އޭނާގެ އާއިލާގައި އޮތް ބަދަހި ގުޅުމަކީ މުހިންމު ތަނބެއް ކަމަށެވެ. މި ގުޅުމުގެ ތެރެއިން އުޘްމާނު މިސާލު ވެސް ނެންގެވިއެވެ.

"އާއިލާގެ ދޯނި ފަހަރު ދުއްވީ ފިޔަޖަހާގޭގައި. ދޮންބެ (ބޮޑުދޮންބެ) އެ ހުރިހާ ކަމެއް އެ ބެލެހެއްޓީ. ވަރަށް ފަހަކާ ޖެހެންދެން މުޅި އާއިލާ އެންމެން އެއް ތެލީގައި ކައްކައިގެން ކެއިން. އަޅުގަނޑުމެން ގުލިސްތާނުގެއަށް ބަދަލުވީ 1976ގައި. ނަމަވެސް އޭރު ވެސް ކެއުމުގެ ކަންކަންތައްތައް ހަމަޖައްސަމުން އައީ އާއިލާގެ ތެރެއިން. ހުރިހާ ކުދިން ކެއުން އިންތިޒާމު ކުރަމުން އައީ ފިޔަޖަހާގެއިން. ކާޑުގެ ސާމާނު އާއިލާގެ ކޮންމެ ގެއަކަށް ބަހަމުން ގެންދިޔައީ އެ ގެއިން. އޮޑިދޯނި ފަހަރު ދުއްވީ އެ ގޭގައި. 1992އަހަރާ ޖެހެންދެން ވެސް އެންމެން އުޅުނީ އެއްކޮށް. އަނެއް ތިންބެއިންގެ އާއިލާގެ އެހީތެރިކަން އަބަދުވެސް ލިބުނު. އަޅުގަނޑު ރަށުން ބޭރުގައި އުޅޭ ނަމަ އާއިލާ ކޮންމެވެސް މީހަކު މި ގޭގައި ނިދަން އުޅޭނެ. ގެއަށް ދަތިވާ ކަމެއް އޮތް ނަމަ އެކަން ހައްލުކޮށްދޭނެ. އަބަދުވެސް އެކި ކަންކަމުގައި އާއިލާގެ އެހީތެރިކަން ދިޔައީ ލިބެމުން. އެއީ އަހަރެމެންގެ ނަސީބު" ޢުޘްމާނު ވިދާޅުވިއެވެ.

ޢުޘްމާނު ވަނީ އޭނާގެ ދަރިންނަށް ރިވެތި ނަމޫނާއެއް ދައްކަވާފައެވެ. އަމިއްލަ އާއިލާގެ ރިވެތި ތަރުބިއްޔަތާއި މަންމައާއި ބައްޕަގެ ނަމޫނާ އުޅުމަކީ އުޘްމާނުގެ ކޮންމެ ދަރިއަކު ވެސް އުފާކުރައްވާ ކަމެކެވެ.

"އަޅުގަނޑުމެންނަށް ފެނުނީ ބައްޕަގެ ރީތި ނަމޫނާ. މަންމައާއި ބައްޕަގެ ކައިވެންޏަށް 64 އަހަރު ފުރިފައިވާ އިރު އެ ކައިވެނީގައި މައްސަލަ ޖެހިގެނެއް ނޫޅޭ. މަންމަ ވެސް ބައްޕައަށް އަޅާލައި. ބައްޕަގެ ފަރާތުން ވެސް ފެނުނީ އެ އަޅާލުމާއި އޯގާތެރިކަން. އެއީ އަޅުގަނޑުމެންނަށް ވެސް ލިބޭ އުފަލެއް" އެންމެ ދޮށީ ދަރިފުޅު މުޙައްމަދު ޝަފީޤު ވިދާޅުވިއެވެ.

ޝާޢިރާ ވިދާޅުވީ ބައްޕައަކީ އޭނާގެ ރޯލްމޮޑެލް ކަމަށެވެ.

"ބައްޕައަކީ ހަމަ ރޯލްމޮޑެލްއެއް. އެ ވަރުގެ ބައްޕައެއް ނުލިބޭނެ. ކޮންމެ ކަމެއްގައި ވެސް އެއީ ނަމޫނާއެއް. އަބަދުވެސް ނަސޭހަތް ދެއްވާނެ. އެންމެ ހަނދާން ހުންނަނީ ކިޔެވުމަށް މާލެ ފުރި ދުވަހު ދެއްވި ނަސޭހަތް. މިއަދު ވެސް އެ ނަސޭހަތް ހަމަ އިވޭފަދަ. އެ ދުވަހު ބައްޕަ ބުނުއްވި އެއް ޖުމުލައަކީ ދަރިފުޅާ ހަނދާންކުރާށޭ ތިޔަ ދަނީ މާލެއަށޭ. ވަރަށް ގިނަމީހުންނާ ދިމާވާނޭ. ލަނޑުދޭން ވެސް މަސައްކަތް ކުރާނޭ" ގައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރ ޑރ. ޢާއިޝަތު ޝާއިރާ ވިދާޅުވިއެވެ.

your imageކާފަކުދިންނާއެކު އުފަންދުވަހެއްގެ ފާހަގަކުރުމުގެ ތެރެއިން 

ޢުޘްމާނަކީ އެކި ރަށްރަށުގެ ވެރިންނާއި ގާޒީންނާ ގާތް ގުޅުމެއް ބޭއްވެވި ޚިދުމަތްތެރިއެކެވެ. އަމިއްލަފުޅު ގޭގައި ބައެއް ރަޙުމަތްތެރީންގެ ބޭފުޅުންނަށް ތަރުބިއްޔަތު ދެއްވި އެހީތެރިއެކެވެ. އެގޮތުން ބ.ކުޑަރިކިލު އޯޝަންވިލާ، އަހުމަދު ޢަލީގެ ދެ ބޭފުޅުންކަމަށްވާ ޢާޞިމް އަޙުމަދާއި ނާޞިޙް އަޙުމަދު ތުޅާދޫގައި ހޭދަކުރެއްވި 5 އަހަރު ހުންނެވީ ގުލިސްތާނުގޭގައެވެ.

"އަޅުގަނޑު ތުޅާދޫއަށް އައީ ޢުމުރުން 7 އަހަރުގައި. ކޮއްކޮގެ ޢުމުރުން އޭރުވާނީ 6 އަހަރު. ތުޅާދޫގައި 5 އަހަރު ކިޔަވަން ހުރިން. އަހަރެމެން ތިބީ އުސްމާނުބެމެން ގޭގައި. އެ ދެމަފިރިންނަކީ ވަރަށް އަޚުލާޤު ރަނގަޅު، ވަރަށް ހެޔޮލަފާ ދެމަފިރިން. އޭރެކޭ މިހާރެކޭ އެއްވެސް ތަފާތެއް ނެތް. މުޅި އާއިލާއަކީ ވެސް ވަރަށް ގާތް އާއިލާއެއް. ހައްވައްތަހައި ހެޔޮލަފާ މަންމައެއް އަހަރެން ނުދެކެން. އުސްމާނުބެއަކީ ވެސް އުފަން ބައްޕަ ފަދަ ހެޔޮ މީހެއް. ހައްވައްތަ މިހާރު ވެސް ވާހަކަދައްކަނީ ދަރިފުޅޭ ކިޔާފައި" މީގެ 50 އަހަރު ކުރީން ގުލިސްތާނުގޭގައި އުޅުއްވި ޢާޞިމް އަޙުމަދު ތަޢުރީފު ކުރެއްވީ ޢުޘްމާނުގެ އާއިލާއަށެވެ. 

your imageކުޑަރިކިލު އަޙުމަދު ޢަލީ އާއިލާގެ ބައެއް މެންބަރުންނާ އެކު

ޢާސިމް ވިދާޅުވީ ދެ އާއިލާގެ ގުޅުން އިތުރަށް ބަދަހީވީ އޭނާއާއި ކޮއްކޮ އުސްމާނުބެމެން ގޭގައި ގެންގުޅުނު ހިސާބުން ކަމަށެވެ. އޭގެ ކުރިންވެސް އޮތީ ދެ އާއިލާގެ މެދުގައި އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށާއި އެކަން ބައްޕަގެ ވާހަކަތަކުންނާއި އަމަލުތަކުން އެނގުނު ކަމަށް ވެސް ޢާސިމް ވިދާޅުވިއެވެ.

"ގުޅުން އޮތް މިންވަރަކީ ބައްޕަ ނިޔާވުމުގެ ކުރިން ވަޞިއްޔަތެއް ވެސް ކޮށްފައި އެބަ އޮތް. ލިޔުމުން އޮތް އެ ވަޞިއްޔަތުގައި ވަނީ އެ ގެއާއި އެ އާއިލާއާ އޮތް ގުޅުން ކަނޑާ ނުލުމަށާއި އެ ގުޅުން ތާއަބަދުމެ ދަމަހައްޓަން" ޢާޞިމް ވިދާޅުވިއެވެ.

ޢުޘްމާނު ވިދާޅުވީ ދިރިއުޅުމުގައި ހިތްދަތި ދުވަސްތަކެއް ވެސް ތަޙައްމަލު ކުރެއްވި ކަމަށެވެ.

"އަޅުގަނޑަކީ ސިޔާސީ ކަންކަމުގައި އުޅުނު މީހެއް. ސިޔާސީ ދަތިތައް ތަހައްމަލު ކުރަން ޖެހުނު. އެ ދުވަސްވަރަކީ އެންމެ އަތްމަތި ދަތިވެގެން ދިޔަ ދުވަސްވަރު. އެ ދަތިކަމުގައި ވެސް އެހީވީ އާއިލާ. އާއިލާ މެންބަރުން. އެއީ ހަނދާނުން ފުހެލަން އުނދަގޫ ދުވަސްތަކެއް" އުޘްމާނު ފާހަގަކުރެއްވީ މާޒީން ލިބިވަޑައިގެންނެވި ހިތްދަތި ފިލާވަޅުތަކުގެ ވާހަކައެވެ. އެއާއެކު އަވައްޓެރީންގެ ފަރާތުން ލިބުނު އެހީތެރިކަން ވެސް އުޘްމާނު ފާހަގަކުރެއްވިއެވެ.

"ވަރަށް ގިނަ ކަންކަމުގައި އަވައްޓެރީންގެ އެހީތެރިކަން ވެސް ވަރަށް ބޮޑަށް ލިބުނު. ޚާއްޞަކޮށް ބޮޑުކެކުރިގޭ (ކުންނާރައްތަގެ އާއިލާ)ގެ އެހީތެރިކަން ވަރަށް ބޮޑަށް އަބަދު ވެސް ލިބުނު. އުތުރުގޭ އިދުރީސް (އިދިޔާބެ) އާއި އިދިއާބެއައްތައަކީ ވެސް ވަރަށް އެހީތެރިކަން ފޯރުކޮށްދިން އެހީތެރީން. އަވަށްޓެރީންގެ އައިލާތަކުން ވެސް ވަރަށް ގިނަ ކަންކަމުގައި އެހީތެރިކަން ލިބިފައިވޭ" ޢުޘްމާނު ވިދާޅުވިއެވެ.

ޢުޘްމާނަކީ ދީނީ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވި ނަމޫނާއެކެވެ. އިމާމުވެ ނަމާދުކުރުމާއި އިމާމުވެ ހުކުރުކުރެއްވުމަކީ ވެސް އުޘްމާނު ކުރައްވަމުން ގެންދެވި ކަންކަމެވެ. ކަށުކަމާކެމީގެ ކަންކަމުގައި އަމަލީގޮތުން ބައިވެރިވަޑައިގެންނެވިއެވެ.

"އަޅުގަނޑުގެ ވެރިކަމުގައި އަޅުގަނޑު ރަށުގައި ހުރެ މީހަކު މަރުވެއްޖެ ނަމަ އެތަނަކަށް ނުގޮސް އިންތިޒާމުތައް ހަމަޖައްސަން މަސައްކަތް ނުކުރާ އެއްވެސް ތަނެއް ނޯންނާނެ. އަޅުގަނޑަށް ޔަގީންކުރަން އެނގޭ އެކަކު ވެސް ނޯންނާނެކަން. ސީދާ އަމަލީ ގޮތުން ހިނަވާ ކަފުންކޮށްފައި ހުންނާނެ" 1970ވަނަ އަހަރުން ފެށިގެން ހުކުރު ކުރައްވަން ފެއްޓެވި ޢުޘްމާނު ވިދާޅުވިއެވެ.

your imageރާއްޖެއިން ބޭރަށް އުޘްމާނު ކުރެއްވި ދަތުރެއްގެ ތެރެއިން 

އެއީ ތުޅާދޫއަށް ނިސްބަތްވާ ތުޅާދޫގެ ފުރަތަމަ ގާޒީއެވެ. ބ.އަތޮޅު ކޯޓުގައި މަސައްކަތް ކުރެއްވި ފުރަތަމަ ގާޒީންގެ ތެރޭގައި ހިމެނިވަޑައިގެންނެވި އެއް ގާޒީ ވެސް މެއެވެ. ތުޅާދޫގެ ކަތީބުކަމާއި ބޮޑުކަތީބުކަން އެތައް އަހަރެއް ވަންދެން ކުރެއްވި ޚިދުމަތްތެރިޔާއެވެ. އިމާމުކަމާއި ޚަތީބުކަމާއި ކަށުކަމާކެމީގެ ކަންކަން ކުރެއްވުމުގައި އިސްވެ އުޅުއްވި އެއް އެހީތެރިޔާއެވެ. ޚުލްގު ހެޔޮ، ޢިލްމީ އާއިލާއެއް ބިނާކުރެއްވި ތުޅާދޫގެ އެއް ޝަރަފުވެރިޔާއެވެ. އާއިލާގެ ލޯބިން އާއިލީ ގުޅުމުގެ ނަމޫނާ ދެއްކެވި ރޭވުންތެރިޔާއެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
100%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ދާއޫދުބެގެ ދެމަފިރީންގެ ދީލަތި ދަތުރު
7 hours ago 0 Comments
ގާޒީ އުސްމާނު : އާއިލީގުޅުމުގެ ނަމޫނާ
1 week ago 0 Comments
ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދެކުނުކަންމަތިން ހޯދައިފި
2 weeks ago 0 Comments
ތުޅާދޫ ޔަންގް އީގަލް – ހޭންޑްބޯޅައިގެ އެހީތެރިޔާ
2 weeks ago 0 Comments