ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ރިޕޯޓު

ތުޅާދޫ ޔަންގް އީގަލް – ހޭންޑްބޯޅައިގެ އެހީތެރިޔާ

ތުޅާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ "ތުޅާދޫ ކަނބަލުންގެ ހޭންޑްބޯޅަ މުބާރާތް 2025" ނިމުމަކާ ހަމައަށް ދިޔަ އިރު މި މުބާރާތުން އެތައް ތަރީންނެއް މި ވަނީ ފާހަގަކުރެވިފައެވެ. މުބާރާތުގެ އިންތިޒާމުތަކާއި ރޭވުންތެރިކަމުގެ ފުރިހަމަކަން ވެސް މި ވަނީ ފެނިފައެވެ. މި ކަންކަމުގައި ތަޢުރީފު ހައްގުވާ އެތައް ބަޔަކު ތިބި ނަމަވެސް ހޭންޑްބޯޅައިގެ ވާހަކަދެކެވޭ ކޮންމެ ތަނަކު "ތުޅާދޫ ޔަންގް އީގަލް"ގެ ނަން ފާހަގަކުރަންޖެހެނީ އެތައް ސަބަބަކާ ހުރެއެވެ. ތުޅާދޫގައި ހޭންޑްބޯޅަ ދިރުވުމަށް ކޮށްދިން މަސައްކަތްތަކުންނެވެ. ހޭންޑްބޯޅަ ރެފްރީން ތަމްރީންކުރަމުން ކޮށި މަގުތަކުންނެވެ. ހޭންޑްބޯޅައިގައި ހޯދަމުން އަންނަ ގައުމީ ފެންވަރުގެ ކާމިޔާބީތަކުންނެވެ.

ޔަންގް އީގަލްއިން ތުޅާދޫގައި ހޭންޑްބޯޅަ ދަސްކޮށްދިނުމުގެ މަސައްކަތް ފެށީ 2019ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ. ތުޅާދޫގައި ތިބި ބައެއް ޒުވާން ކުދިން ދެކެމުން އައި ހުވެފެނެއް ހަގީގަތަކަށް ހަދައިދިނުމަށް ޔަންގް އީގަލްއިން ކޮށައިދިން މަގު ވެގެން ދިޔައީ ރަށުގައި ހޭންޑްބޯޅަ ފޯރި ދިރިގެން ދިއުމަށް މެދުވެރިވި ސަބަބަކަށެވެ. 

your imageހޭންޑް ބޯޅަ ދަސްކޮށްދިނުމަށް ހިންގުނު ހަރަކާތުގެ ތެރެއިން

"އަޅުގަނޑުމެންނަށް ތުޅާދޫން ރިކްއެސްޓެއް އައީ ހޭންޑްބޯޅަ ކުޅެން ބޭނުންވާ ކުދިންކޮޅެއް އެބަތިއްބޭ. އެ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް. އެ ރިކުއެސްޓް އައުމާއެކު މި ކުލަބްގެ ޓެކްނިކަލް ޑައިރެކްޓަރ އިބްރާހީމް ރައޫފް ބޭނުންވީ ރަސްމީކޮށް އެކަން ފަށަން. އެހެންވީމާ ހޭންޑްބޯޅަ ތުޅާދޫއަށް ތަޢާރަފުކުރުމުގެ ގޮތުން ޚާއްޞަ ޕްލޭނެއް ހަދައި އެ ކަމަށް ވާންޖެހޭ ތައްޔާރީތަކާއެކު ސީދާ ރައޫފްގެ ބެލުމުގެ ދަށުން އެކަން ފެށީ. އެ ކަމުގައި މުޙައްމަދު ޝައިހާން އިބްރާހީމްގެ އެހީތެރިކަން ވެސް ހޯދި. އެ އިސްނެގުމާއެކު ރަށަށް އިޢުލާންކޮށްލީ ހޭންޑްބޯޅަ ކުޅެން ދަސްކުރަން ބޭނުންވާ ކުދިން ނަންނޯޓުކުރަން" ޔަންގު އީގަލްގެ ވައިސް ޗެއަރ ޕަރސަން މުޙައްމަދު އަނީސް ހިއްސާކުރެއްވީ ހޭންޑްބޯޅަ އެ ހަރަކާތް ތުޅާދޫގައި ފެށުނު ގޮތެވެ. އެ އިއުލާނާ ގުޅިގެން 12 ކުއްޖަކު ތުޅާދޫން  ޝައުގުވެރިކަން ފާޅުކޮށް ކުރިމަތިލިއެވެ. 5 ދުވަހުގެ ތަމްރީނު ޕްރޮގުރާމަކާއެކު ހޭންޑުބޯޅައިގެ "އޮށް" ރަސްމީކޮށް ތުޅާދޫގައި މުޑުވައްކުރެވުނެވެ.

އެ ހަރަކާތް ނިމުނުތަނާ މުޅި ރާއްޖެ ވެސް ކޮވިޑްގެ ރާޅާ ބައްދަލުވެ ހަރަކާތްތައް ހުއްޓުމަކަށް ދިޔައެވެ. އެތައް ދުވަހަކަށް ފަހު ރަށްރަށުގައި ހަރަކާތްތައް ހިންގުމަށް ލުޔެއް ލިބުނީ 2020ވަނަ އަހަރު ތެރޭގައެވެ. އެ ލިބުނު ލުޔާ އެކު އަނެއްކާ ވެސް ހެންޑްބޯޅަ ކުޅެން ދަސްކުރަން ބޭނުންވާ އިތުރު ކުދިންނަށް ޔަންގް އީގަލްއިން ފުރުޞަތު ހުޅުވާލިއެވެ.

"ކޮވިޑްގައި ބަންދުވެފައި ތިބުމަށް ފަހު ލުޔެއް ލިބުމުން ވަރަށް ގިނަ ކުދިން އަދި ޒުވާނުން ވެސް ތިބީ ފިޒިކަލް ހަރަކާތަކަށް ބޭނުންވެފައި. ބައެއް ބެލެނިވެރިންނާއި ކުދިން ވެސް ޝައުގުވެރިކަން ފާޅުކުރި. އަނެއްކާ ވެސް 2020ގައި އިތުރު ތަމްރީނު ޕްރޮގުރާމެއް ހިންގަން އަޅުގަނޑުމެން ނިންމީ. މި ފަހަރު އިޢުލާން ކޮށްލުމުން 35 ކުދިން ރަޖިސްޓްރީކުރި. އެ ކުދިންނާއެކު ދަސްކޮށްދިނުމުގެ މަސައްކަތް ފެށީ ކުރިން ދަސްކޮށްދިން ކުދިންގެ ތެރެއިން 2 ކުއްޖަކު ނަގައިގެން" ހޭންޑްބޯޅައިގެ ހަރަކާތްތައް ކުރިއަށް ދިޔަ ގޮތް މުހައްމަދު އަނީސް ހިއްސާކުރެއްވިއެވެ.

ތުޅާދޫގައި ހޭންޑްބޯޅައިގެ ފޯރި އިތުރުވެ ހޭންޑްބޯޅަ މުބާރާތެއްގެ ވާހަކަ ދެކެވެން ފެށީ 2020 ވަނަ އަހަރުއެވެ. އެ ފޯރިއާ އެކު ތުޅާދޫ ޔޫތް މޫވްމަންޓުން ހޭންޑްބޯޅަ މުބާރާތެއް އިންތިޒާމު ކުރިއެވެ. އެ ކަމުގައި ވެސް އެހީތެރިވީ އެއް ފަރާތަކީ ޔަންގް އީގަލްއެވެ. އެ މުބާރާތް ބޭއްވުމަށް ދިމާވި އެއް ގޮންޖެހުމަކީ ރަށުގައި ހޭންޑްބޯޅަ ރެފްރީން ނެތުމުގެ މައްސަލައެވެ. އެ ދުވަސްވަރަކީ ކޮވިޑްގެ ދެވަނަ ރާޅު އައިސް އޮތް ދުވަސްވަރުކަމުން މާލެ އޮތީ ބަންދުގައެވެ. މާލެއިން ރެފްރީއަކު ގެނެވޭނެ ގޮތެއް ނެތެވެ. އެ ހިސާބުން ވެސް ޔަންގް އީގަލް ތެދުވީ އިތުރު ގޮތްތަކެއް ހޯދާށެވެ. 

your imageތުޅާދޫ ޔޫތް މޫވްމަންޓުން އިންތިޒާމުކުރި ހޭންޑްބޯޅަ މުބާރާތުގެ ތެރެއިން 

"ދެން އަޅުގަނޑުމެން ވާހަކަދެއްކީ ހޭންޑްބޯލް އެސޯސިއޭޝަނާ. އެމީހުންނާ ގުޅިގެން އޮންލައިންކޮށް ހޭންޑްބޯޅަ ރެފްރީކަން ތުޅާދޫގެ ކުދިންތަކަކަށް ދަސްކޮށްދިނުމުގެ މަސައްކަތް ފެށުނީ އެހިސާބުން. މި ގޮތުން ތުޅާދޫ 12 ކުއްޖަކަށް ރެފްރީކަން ދަސްކޮށްދެވުނު. މިކަމުގައި ތުޅާދޫ ސްޕޯޓްސް ކުލަބުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު. އެތަނުގެ ހޯލުގައި މި ކުލާސްތައް ކުރިއަށް ގެންދިޔައީ. އޭގެ ތެރެއިން 4 ކުއްޖަކު ނަގައިގެން މުބާރާތް ބޭއްވީ. އެ މުބާރާތުގައި 12 ޓީމެއް ވާދަކުރި. 220 ވަރަކަށް ކުދިން މުބާރާތުގައި ކުޅުނު" މުހައްމަދު އަނީސް ހިއްސާކުރެއްވިއެވެ.

"މުބާރާތް ކުރިއަށް ދިޔަ އިރު ވެސް ހޭންޑްބޯޅަ އެސޯސިއޭޝަންގެ އެހީތެރިކަން ލިބުނު. އޮންލައިންކޮށް މެޗުތައް ބައްލަވައި ރަނގަޅުކުރަންވީ ކަންކަމުގެ އިރުޝާދުދެއްވަމުން ގެންދެވި. އެ ހިސާބުން އެސޯސިއެޝަނަށް ވެސް އަޅުގަނޑުމެންގެ ޖަމިއްޔާ ފާހަގަވި" މުހައްމަދު އަނީސް ބުނުއްވިއެވެ.

ޔަންގް އީގަލްއިން ތުޅާދޫގައި ހޭންޑްބޯޅަ ދިރުވުމަށް ކުރި މަސައްކަތް ހޭންޑްބޯލް އެސޯސިއޭޝަނުން ވެސް ބަލައިގަތެވެ. ކޮވިޑްގެ 2ވަނަ ރާޅުގައި ރަށްރަށަށް ދޫދިން ނަމަވެސް މާލެ ބަންދުވެފައި އޮތުމުން މާލޭގެ ރެފްރީން އެކި އަތޮޅުތަކަށް ފޮނުވުން ދަތިވުމުން އެސޯސިއޭޝަނުން ވަނީ ބައެއް ރަށްރަށުގެ ރެފްރީން އެކި ރަށްރަށަށް ފޮނުވާފައެވެ. އެގޮތުން ޔަންގް އީގަލްއިން ތަމްރީނުކުރި 4 ރެފްރީންވަނީ 2020ވަނަ އަހަރުގެ ޑިސެންބަރުގައި ހިންނަވަރުގައި އޮތް މުބާރާތަކަށް ފޮނުވާފައެވެ.  

your imageހޭންޑް ބޯޅަ ރެފްރީން ތަމްރީނު ކުރުމުގެ ތެރެއިން

"އޭގެ އިތުރުން ބައެއް ރަށްރަށަށް އަޅުގަނޑުމެން ރެފްރީން ފޮނުވިން. އެ އެހީތެރިކަން ވެސް އަޅުގަނޑުމެން ފޯރުކޮށްދިނިން. އޭގެ އިތުރުން ދަރަވަންދޫގައި ހޭންޑްބޯލް އެސޯސިއޭޝަނުން ހިންގި ކޯޗިން ކޯހަކަށް އަޅުގަނޑުމެން އެކަޑެމީއަށް ފުރުޞަތު ލިބުނު. އެ ފުރުޞަތުގައި މި އެކެޑަމީގައި ކިޔަވައިދެމުން ދިޔަ 4 ބައިވެރިން ދަރަވަންދޫއަށް ގޮސް އެ ކޯސް ފުރިހަމަކުރި. މިއަދު އެ 4 ރެފްރީންނަކީ ސެޓިފައިޑް ކޯޗުން" މުހައްމަދު އަނީސް ބުނުއްވިއެވެ.

ހެންޑްބޯޅައިގެ ކަންކަން ދިވެހިރާއްޖޭގައި ބަލަހައްޓައި އިންތިޒާމުކުރަމުން އަންނަ ހޭންޑް ބޯޅަ އެސޯސިއޭޝަންގެ ރައީސް އަޙުމަދު މުޖުތަބާ ވެސް ވަނީ ތުޅާދޫ ޔަންގް އީގަލްއިން ކުރަމުން އަންނަ މަސައްކަތަކަށް ތަޢުރީފުކުރައްވާފައެވެ.

"ތުޅާދޫ ޔަންގް އީގަލްއަކީ ހޭންޑްބޯޅަ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކުލަބެއް. މި އެސޯސިއޭޝަންގެ އިރުޝާދާއެކު ގިނަ ކުރިއެރުންތަކެއް ހޯދި އަތޮޅުތެރޭގެ ކުލަބުތަކުން ފާހަގަކޮށްލެވޭ ކުލަބެއް. މި އޯސިސިއޭޝަނުން ބާއްވާ ހެންޑްބޯލް މުބާރާތްތަކުގައި ވެސް އެ ކުލަބު އަންނަނީ ބައިވެރިވަމުން. މިހާރު އެ ކުލަބު އެ ވަނީ އެއްވަނަ ޑިވިޝަނަށް ދަތުރުކޮށްފައި. ހަގީގަތުގައި ކުޅުންތެރިން ކުރިއެވުމާއި ކުޅުންތެރިންނަށް ފުރުޞަތު ހޯދައިދިނުމުގައި ވެސް ޔަންގް އީގަލްއަކީ ވަރަށް ފާހަގަކުރެވޭ ކުލަބެއް" ހޭންޑްބޯޅަ މޯލްޑިވްސްގެ ރައީސް އަހުމަދު މުޖުތަބާ ތުޅާދޫ ޓައިމްސްއަށް ވިދާޅުވިއެވެ. 

your image ގައުމީ ހޭންޑްބޯޅަ މުބާރާތުގެ 2ވަނަ ޑިވިޝަންގެ ތަށި ޔަންގް އީގަލްގެ އަންހެން ޓީމު އުފުލައިލަނީ

ތުޅާދޫ ޔަންގް އީގަލްއަކީ މިއަދު ގައުމީ ފެންވަރުގެ ނަމެކެވެ. ގައުމީ މުބާރާތްތަކުގައި ވާދަކުރާ ކާމިޔާބު ކުލަބެކެވެ. މި ކުލަބުގެ ހަރަކާތްތައް މިއަދު ހިންގަނީ ހަމައެކަނި ތުޅާދޫއަކު ނޫނެވެ. މާލޭގެ ކުޅިވަރު ދަނޑުތަކާއި ކޯޓުތަކުގައި ވެސް އެ ކުލަބުގެ އަޑު ގަދައެވެ. ޔަންގް އީގަލްއިން ވަނީ 2010ވަނަ އަހަރު ގައުމީ ފެތުމުގެ މުބާރާތުގައި ވާދަކޮށް ލޯމެޑަލް ހޯދާފައެވެ. އަދި  2023 ވަނަ އަހަރު ބޭއްވި ގައުމީ ކެރަމް މުބާރާތުގެ ތަށި ވެސް ވަނީ ހޯދާފައެވެ. އަދި މި އަހަރު ބޭއްވި ގައުމީ ކެރަމް މުބާރާތުގައި ވާދަކޮށް ރަނަރަޕްކަން ވެސް ވަނީ ހޯދާފައިވެއެވެ. މިފަދަ އެތައް ކާމިޔާބީތަކެއް ހޯދަމުން އަންނަ އިރު އެންމެ ފާހަގަކުރެވެނީ ހޭންޑްބޯޅަ މުބާރާތްތަކުން ހޯދާފައިވާ އަދި ހޯދަމުން އަންނަ ކާމިޔާބީތަކެވެ.

ޔަންގް އީގަލްއިން ހޭންޑް ބޯޅައިގައި އެންމެ ފުރަތަމަ ވާދަކުރީ 2022ގައި އޮތް އެސޯސިއޭޝަން ކަޕްގައެވެ. އެ މުބާރާތަށް އަންހެން 2 ޓީމާއި ފިރިހެން ޓީމެއް ޔަންގް އީގަލްއިން ނެރުނެވެ. އެ ފަހަރު މާ ބޮޑު ކާމިޔާބެއް ނުލިބި ގުރޫޕް ސްޓޭޖުން ކެޓީއެވެ. ނަމަވެސް އެ އަހަރު އޮތް ގައުމީ މުބާރާތުގެ 2ވަނަ ޑިވިޝަންގައި ވެސް ޔަންގް އީގަލްއިން ވާދަކުރިއެވެ. އެ މުބާރާތުން ކުރިއަށް ވުރެ ރަނގަޅު ނަތީއެއް ހޯދިއެވެ. އޭގެ ފަހުން 2023ވަނަ އަހަރު 2ވަނަ ޑިވިޝަންގެ އަންހެން ޗެންޕިއަންކަން ޔަންގް އީގަލްއިން ހޯދިއެވެ. އަދި 2024 ވަނަ އަހަރު 2ވަނަ ޑިވިޝަނުގެ ފިރިހެން ޗެންޕިއަންކަން ވެސް ޔަންގް އީގަލްއިން ހޯދިއެވެ. މިހާރު ޔަންގް އީގަލްގެ ދެ ޓީމަށް ވެސް ވަނީ 1ވަނަ ޑިވިޝަނުން ފުރުޞަތު ލިބިފައެވެ. 

your imageގައުމީ ހޭންޑްބޯޅަ މުބާރާތުގެ 2ވަނަ ޑިވިޝަންގެ ތަށި، ޔަންގް އީގަލްގެ ފިރިހެން ޓީމު އުފުލައިލަނީ

ޔަންގް އީގަލްގެ ކުޑައިގެ ދަށުން އިތުރު 6 ކުލަބެއް ގައުމީ ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވެ ކުޅުންތެރިންނަށް އެ ދަނީ އެތައް ފުރުޞަތެއް ފަހިކޮށްދެމުންނެވެ. ޔަންގް އީގަލްއަކީ ކުޅުންތެރިންނަށް ފަހި ފުރުޞަތުތައް ހޯދައިދޭ އަދި އެ ކުޅުންތެރީންނަށް ތަމްރީނު ދިނުމަށް އިސްކަންދޭ ކުލަބެކެވެ. އެ ކުލަބުން މި އަހަރު ވަނީ 6 ކުޅުންތެރިއަކު ތައިލެންޑަށް ފޮނުވައި އެ ގައުމުގެ ގައުމީ ޓީމާއެކު 6 ދުވަހުގެ ތަމްރީނު ޕްރޮގުރާމެއް ފުރިހަމަކުރުމުގެ ފުރުޞަތު ވެސް ހޯދައިދީފައެވެ. މީގެ އިތުރުން މާލޭގެ ސްކޫލަކަށް ހޭންޑްބޯޅަ ދަސްކޮށްދިނުމުގެ މަސައްކަތް ވެސް ޔަންގް އީގަލް އެކެޑަމީން ކުރިއަށް ގެންދެއެވެ. 

your imageޔަންގް އީގަލްގެ ޓީމުގެ ކުޅުންތެރީން ތަޖުރިބާ ހޯދުމަށް ތައިލެންޑަށް ކުރި ދަތުރު ފެށުމުގެ ކުރިން ފޮޓޯއަކަށް ހުއްޓިގެން

"އަޅުގަނޑުމެން މިހާރު މި ތިބީ 1 ވަނަ ޑިވިޝަނުގައި. އުންމީދަކީ ހޭންޑްބޯޅަ މުބާރާތުގެ އެއްވަނަ ޑިވިޝަނުގެ ގައުމީ ތަށްޓެއް ހޯދުން. ތުޅާދޫއަށް އެ ފަޚުރު ހޯދައިދިނުން. ކުލަބުން މި ދަނީ އެ ކަމަށް މަސައްކަތްކުރަމުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ވާނެ. އެ ޓާގެޓް ވެސް އިރާދަކުރެއްވިއްޔާ ހާސިލުވާނެ" ކުލަބުން ފަށާފައިވާ ދަތުރުގެ މިސްރާބު މިއަދު ހުރި ދިމާ، ތުޅާދޫ ޔަންގް އީގަލްގެ އެއް ފައުންޑަރ އަބްދުލްޚާލިޤު ވިދާޅުވެދެއްވިއެވެ.  

ތުޅާދޫގެ ހޭންޑްބޯޅަ ކުރިއެވުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާ ކޯޗު އިބްރާހީމް ރައޫފް ބުނުއްވީ ތުޅާދޫގައި މިހާރު ކުރިއަށްދާ މުބާރާތުން ވެސް އިތުރު އުންމީދުތަކެއް އާވެއްޖެކަމަށެވެ.

"ހޭންޑުބޯޅައިގެ މުސްތަގުބަލް އުޖާލާވާ މަންޒަރު ފެނިއްޖެ. މިހާރު ކުރިއަށްދާ މުބާރާތުގައި 18 އަހަރުން ދަށުގެ 20 ކުޅުންތެރިން އެބަ ކުޅޭ. އެއީ ލިބިނު ވަރަށް ބޮޑު ހިތްވަރެއް. ރަނގަޅު ތަމްރީނު ތަކަކާއެކު މުބާރާތްތައް ބޭއްވޭ ނަމަ މި ކުޅިވަރުން ވެސް ތުޅާދޫއަށް އެތައް ކާމިޔާބެއް އިތުރަށް ހޯދިދާނެކަމަށް ގަބޫލުކުރެވޭ" ޔަންގް އީގަލްގެ ޓެކްނިކަލް ޑައިރެކްޓަރ ބުނުއްވިއެވެ. 

ހަގީގަތުގައި ވެސް ޔަންގް އީގަލްއަކީ ކުޅިވަރުގެ ދަނޑުތަކުން ތުޅާދޫއަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ އަދި ހޯދައިދެމުން އަންނަ ކުލަބެކެވެ. ޚާއްޞަކޮށް ހޭންޑްބޯޅަ ކުރިއެރުވުމަށް ގިނަ ޚިދުމަތްތަކެއް ރަށު ފެންވަރުގައްޔާއި ގައުމީ ފެންވަރުގައި ވެސް ކުރަމުން އަންނަ މިތުރެކެވެ. ހޭންޑުބޯޅައިގެ އެތައް ފުރުޞަތެއް އެތައް ކުޅުންތެރިންނަށް ފަހި ކޮށްދޭ އެންމެ ގާތް އެހީތެރިޔާއެވެ.  

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
100%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ދާއޫދުބެގެ ދެމަފިރީންގެ ދީލަތި ދަތުރު
7 hours ago 0 Comments
ގާޒީ އުސްމާނު : އާއިލީގުޅުމުގެ ނަމޫނާ
1 week ago 0 Comments
ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދެކުނުކަންމަތިން ހޯދައިފި
2 weeks ago 0 Comments
ތުޅާދޫ ޔަންގް އީގަލް – ހޭންޑްބޯޅައިގެ އެހީތެރިޔާ
2 weeks ago 0 Comments