
ތުޅާދޫ ސްކޫލުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ދުވަސް ފާހަގަކުރުމުގެ ގޮތުން 17ވަނަ ދުވަހުގެ ދުވަހުގެ ހެނދުނުން ފެށިގެން ރޭގަނޑާ ހަމައަށް ތަފާތު ގިނަ ހަރަކާތްތައް ކުރިއަށްގެންގޮސްފައިވެއެވެ.
ދުވަހުގެ ހަރަކާތްތައް ފެށިގެން ދިޔައީ ސްކޫލްގެ ދަރިވަރުންނާއި މުދައްރިސުންގެ މެދުގައި ބޭއްވުނު ކުޅިވަރުތަކަކުންނެވެ. މި ކުޅިވަރުތަކަކީ އެންމެން ގުޅިގެން މަޖާކޮށްލުމަށް ފުރުސަތު ދިން ހަރަކާތްތަކެއް ކަމަށް ސްކޫލުން ބުނެއެވެ.
ސްކޫލުގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވުނު ހަރަކާތްތަކުގެ ތެރެއިން
ކުޅިވަރުތަކަށްފަހު، ދުވަހުގެ ހަނދާންތައް އާކުރުމުގެ ގޮތުން ޑްރޯން ބޭނުންކޮށްގެން ފޮޓޯ ސެޝަނެއް ކުރިއަށް ގެންދެވުނެވެ. އެއަށްފަހު ދުވަހުގެ ޚާއްސަ އެސެމްބްލީއެއް ބޭއްވުނެވެ. މި އެސެމްބްލީ ޝަރަފްވެރިކޮށްދެއްވީ ތުޅާދޫ ސްކޫލްގެ ކުރީގެ ލީޑިންގ ޓީޗަރ، ޙުސައިން ރަޝީދެވެ. އޭނާ ވަނީ ސްކޫލްގެ ކުރިއެރުމަށްޓަކައި މުހިންމު ނަސޭހަތްތަކެއް ދަރިވަރުންނަށް ދެއްވާފައެވެ.
މި އެސެމްބްލީގެ ތެރެއިން ސްކޫލްގެ 90 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ކައުންޓްޑައުން ފަށާފައިވެއެވެ. މީގެ އިތުރުން 90 ވަނަ އަހަރުގައި ބޭނުންކުރާނެ ލޯގޯއެއް ފަރުމާކުރުމަށްޓަކައި ލޯގޯ މުބާރާތެއްވެސް ވަނީ ހުޅުވާލާފައެވެ.
އަހަރީ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ސްކޫލްގެ "ރީޑީންގ ޕާކް" ވެސް ހުޅުވާފައިވެއެވެ. މި ޕާކަކީ ދަރިވަރުންގެ ކިޔެވުމުގެ ހުނަރު އިތުރުކުރުމަށް އެހީތެރިވެދޭނެ މާހައުލެއް ކަމަށް ސްކޫލުން ބުނެއެވެ.
ކުރީގެ ލީޑިންގ ޓީޗަރު ޙުސައިން ރަޝީދު ރީޑިންގ ޕާކު ހުޅުވައިދެއްވަނީ
މެންދުރުފަހުގެ ވަގުތު ތުޅާދޫ ސްކޫލްގެ ކުރީގެ ދަރިވަރުންނާއި ބެލެނިވެރިން އަދި މުވައްޒަފުންގެ މެދުގައި ރިލޭ ރޭސް އާއި ފައިގަތަޅާ ކުޅުމުގެ މެޗްތަކެއް ކުރިއަށްގެންދެވުނެވެ. މި ކުޅިވަރުތަކަކީ ސްކޫލާއި ގުޅުންހުރި ފަރާތްތަކާ ދެމެދު ގުޅުން ބަދަހިކޮށްދިން ހަރަކާތްތަކެކެވެ.
ދުވަހުގެ ރޭގަނޑު، ބެލެނިވެރިންނަށް ހުޅުވާލައިގެން "ތަރުބަވީ ހަވީރު" ގެ ނަމުގައި ޚާއްސަ ސެޝަނެއް ކުރިއަށް ގެންދެވުނެވެ. މި ސެޝަންގައި މައުލޫމާތު ދެއްވީ ތުޅާދޫ ސްކޫލްގެ ކުރީގެ ދަރިވަރެއް ކަމަށްވާ ޑރ. އަމީން އިބްރާހީމްއެވެ. މި ސެޝަންގައި ދަރިވަރުން ހަރުދަނާ ބަޔަކަށް ހެދޭނީ ކިހިނެތް މި މައުލޫޢުގައި ތަފާތު މަޢުލޫމާތު ބެލެނިވެރިންނާ ހިއްސާކުރެވުނެވެ. ސްކޫލްގެ 89 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ނިމިގެން ދިޔައީ މި ސެޝަނާއެކުއެވެ.